މެންބަރުންގެ ވޯޓުން ގަރާރު ބަލައިގަތުމަށްފަހުނޫނީ އެ ގަރާރަށް ބަހުސް ނުކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅޫއްވި އިސްލާހުގައިވަނީ އެ މަޖިލީހުގެ ގަވައިދުގެ 191 ވަނަ މާއްދާ އިސްލާހު ކުރަން ކުރުމަށެވެ.
އޭނާގެ އިސްލާހުގައި ބުނެފައިވަނީ މަޖިލީހަށް ގަރާރު ބަލައިގަންނަން ވޯޓަށް އަހާނީ ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ކަމަށެވެ. ގަރާރު މަޖިލީހަށް ބަލައި ނުގެންފިނަމަ އިތުރު ބަހުސެއް ނޯންނާނެ ކަމަށާއި، ގަރާރު ބާތިލުވީ ކަމަށެވެ.
ނަމަވެސް މިހާތަނަށް ރައްޔިތުންގެ މަޖިލީހުގައި އަމަލު ކުރަމުން އައިގޮތަކީ މެންބަރަކު ގަރާރެއް ހުށަހެޅުމުން، އެ ގަރާރުގެ ފުރަމަ ކިޔުން އިއްވައި، އެ ގަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށްގެންގޮސް އެ ގަރާރެއް މަޖިޅިހަށް ބަލައިގަންނަން ފެނޭތޯ ވޯޓަށް އެހުމެވެ.
މެންބަރު ހަންނާނު ހުށަހެޅުއްވި އިސްލާހު މިއަދު ވަނީ މަޖިލީހުގެ އާއްމު ކޮމިޓީއަށް ފޮނުވައިފައެވެ.







