މާލެ: 31°C

ވެރިކަމުގެ ތިންވަނަ ދައުރަކަށް އުރުދުގާން

May 29, 2023
2 ފަހަރު ބަލާފައި
ވެރިކަމުގެ ތިންވަނަ ދައުރަކަށް އުރުދުގާން
ވެރިކަމުގެ ތިންވަނަ ދައުރަކަށް އުރުދުގާން
ތުރުކީގެ ރިޔާސީ އިންތިހާބު ރައީސް ރަޖަބް ތައްޔިބު އުރުދުގާން ކާމިޔާބު ކުރައްވައިފިއެވެ. އުރުދުގާން އިންތިހާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ލީޑަރު ކެމަލް ކިލިކްޑަރޮގްލޫގެ މައްޗަށް ކުރި ހޯއްދަވައިގެންނެވެ. އެމަނިކުފާނުގެ ވެރިކަން ތިން ވަނަ އަހަރަށް ދިގުދަންމާލައްވައިފި އެވެ. ތުރުކީގެ ސުޕްރީމް އިލެކްޝަން ކައުންސިލް (ވައިއެސްކޭ) އިން އިއުލާނުކުރި ނަތީޖާދައްކާ ގޮތުން އުރުދުގާން އަށް 52.14 ޕަސެންޓް ވޯޓު ލިބިފައިވާއިރު، ކިލިކްޑަރޮގްލޫ އަށް ލިބިވަޑައިގަތީ 47.86 ޕަސެންޓެވެ. އުރުދުގާން ވަނީ އަންކާރާގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވައި، ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، އެއް އަމާޒަކާއި ހުވަފެންތައް ހާސިލްކުރުމަށް ގައުމެއްގެ ހައިސިއްޔަތުން އެކަތިގަނޑަކަށް ވާން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ކާމިޔާބީއަކީ ހަމައެކަނި އޭނާގެ ކާމިޔާބީއެއް ނޫން ކަމަށާއި އެއީ ތުރުކީއަށާއި އެގައުމުގެ ޑިމޮކްރަސީއަށް ލިބުނު ކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ. އުރުދުގާން ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ އިންފްލޭޝަން ހުއްޓުވުން ކަމަށެވެ. ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމަކުން އަރައިގަތުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެ ބިންހެލުމުގެ ސަބަބުން ތުރުކީއާއި އަވަށްޓެރި ސީރިޔާގައި 50،000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ. މި ހިތާމަވެރި ހާދިސާއިން ލިބުނު ގެއްލުންތައް ރަނގަޅު ކުރުމަކީ ސަރުކާރުން އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެ އިންތިހާބާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ކިލިކްޑަރޮގްލޫ ވިދާޅުވީ މިއީ އެ ގައުމުގެ ތާރީހުގައި ވެސް އެންމެ ބޭއިންސާފު އިންތިހާބެއް ކަމަށެވެ. އޭނާ ވިދާޅުވީ ބިރުވެރި މާހައުލަކާ ކުރިމަތިލާން ޖެހުނު ނަމަވެސް އެމީހުން އެކަމަށް ބޯނުލަނބާ ކަމަށާއި ޕްރެޝަރުތަކާ އެކުވެސް ވެރިކަން ބަދަލުކުރުމަށް ރައްޔިތުންގެ ވިސްނުން ފެންނަން ހުރި ކަމަށެވެ. ކިލިކްޑަރޮގްލޫ ވެސް ވަނީ ކުރިއަށް އޮތް ގައުމަށް ކުރިމަތިވެފައިވާ ދަތި ދަނޑިވަޅުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އުރުދުގާން އަށް ލިބުނު ކާމިޔާބީއަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ ރަޝިއާ، ގަތަރު، ލީބިޔާ، އަލްޖީރިއާ، ހަންގޭރީ، އީރާން އަދި ފަލަސްތީނު އޮތޯރިޓީގެ ބޭފުޅުން ހިމެނޭ ގޮތަށް ބޭރުގެ ބައެއް ލީޑަރުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ