މާލެ: 31°C

ވެރިކަމާއެކު ބަދަލުވާ ސިޔާސަތުން ރައްޔިތުންނާ ގައުމަށް ވަނީ ފައިދާތަ؟

August 17, 2024
2 ފަހަރު ބަލާފައި
ވެރިކަމާއެކު ބަދަލުވާ ސިޔާސަތުން ރައްޔިތުންނާ ގައުމަށް ވަނީ ފައިދާތަ؟
ވެރިކަމާއެކު ބަދަލުވާ ސިޔާސަތުން ރައްޔިތުންނާ ގައުމަށް ވަނީ ފައިދާތަ؟
މަސްހުނި ނިޒާމެއްގެ ތެރެއިން ދިވެހި ރާއްޖޭގައި ކުރަމުންއައި ދިގު ވެރިކަމެއް ނިމުމަކަށް ގެނެސް ތިން ބާރު ވަކިކޮށް ދައުލަތް ހިންގާނެގޮތުގެ ނިޒާމާއި ރައްޔިތުންގެ އަސާސީ ވަކިވަކި ހައްޤުތަކަކީ ކޮބައިކަން ބަޔާންކޮށް 2008 ވަނަ އަހަރު އާ ގާނު އަސާސީއެއް އެކުލަވާލައި އެގާނޫނު އަސާސީގެ ދަށުން ހަމަ އެ އަހަރު ވެރިކަން ކުރަން ފެށިއެވެ. 2008 ވަނަ އަހަރު ފާސްކުރެވުނު ފެހި ޤާނޫނުއަސާސީ އިން އެކުލަވާލެވުނު ވެރިކަމުގެ ނިޒާމުގެ ތެރެއިން ރައްޔިތުން އިންތިހާބުކުރާ މީހަކަށް ވެރިކަން ކުރުމަށް ލިބެނީ 5 އަހަރު ދުވަހެވެ. އެ މައްޗަށް ތަރުތީބުވެގެން އައި ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރެއިން ވެރިކަން ކުރަން ފުރަތަމަ ލިބުނީ ރައީސް މުޙައްމަދު ނަޝީދަށެވެ. އެ ބޭފުޅާ ވެރިކަމަށް އައީ ވެރިކަމުގެ 5 އަހަރު ދުހުވަހުގެ ތެރޭގައި ރައްޔިތުންނަށް ކޮށްދޭނެ ކަންކަން ހިމެނޭ މެނިފެސްޓޯއެއް ލިޔެގެންނެވެ. ސަރުކާރުގެ މައިގަނޑު ސިޔާސަތުތައް ކުރިއާލައި ރައްޔިތުންނަށް ހާމަކޮށްދީގެންނެވެ. އެ ވެރިކަމާމެދެ ކަންކަންވީ ގޮތުގަ ވާހަކަ މިހިނދުގައި ދައްކާކަށް ނެތީމެވެ. އެހެންނަމަވެސް މިއަދުވެސް ދިވެހިރައްޔިތުންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކުރާ އެއް ހަޤީގަތަކީ ދިވެހިންގެ އިޖުތިމާޢީ އަދި އިޤްތިސާދީ ގިނަ ކަންކަމުގެ މައިގަނޑު ސިޔާސަތުތައް އެކުލަވާލާފައިވަނީ އެ ވެރިކަމުގައި ކަމެވެ. އެ ބަހުސް ކިޔުންތެރިންނަށް ދޫކޮށްލާނަމެވެ. މި ލިޔުމުގައި އަލިއަޅުވާލަން ގަސްތުމިކުރަނީ ކޮންމެ ވެރިކަމަކާއެކު ބަދަލުވާ ސިޔާސަތުގެ ނަތީޖާއަށެވެ. ވެރިކަމަށް އަންނަނީ ކަރުގެ ނާރުތަކަށް ވާންވާވަރަށް ޕޯޑިއަމްތައް ކައިރީ ހުރެ، އިސްކުރާނީ ގައުމާއި ރައްޔިތުންގެ ހައްޤުކަމަށް ބުނަމުންނެވެ. އެހެނަސް ހަޤީގަތުގައި ކުރިމިއަރުވަނީ ގައުމާއި ރައްޔިތުންގެ ހައްގުތޯއެވެ؟ ނުވަތަ ކުރިއަރުވަނީ ވެރިކަމަށް އަންނަ ބައެއްގެ އަމިއްލަ ޖާހާއި މަސްލަހަތު ތޯއެވެ. ދައުލަތަކީ އަބަދުވެސް ދެމިގެންދާ އެއްޗެކެވެ. ބަދަލުވެގެން އަންނަނީ ދައުލަތް ނުވަތަ ދައުލަތުގެ އިދާރާތައް ހިންގަމުން އަންނަ މީހުންނެވެ. ބަދަލުވަނީ ސަރުކާރު ހިންގަން އަހަރުމެން ރައްޔިތުން ޙަވާލުކުރާ މީހުންނެވެ. އެހެންނަމަސް އަހަރުމެންނަށް ފެނިގެން މިދަނީ ސަރުކާރެއް ބަދަލުވެގެންދާ ކޮންމެ 5 އަހަރަކުން އޭގެ ކުރީ 5 އަހަރުގައި ހިންގަމުން އައި ހުރިހާ ސިޔާސަތުތައް ބަދަލުވެގެންދާތަނެވެ. ދައުލަތުގެ ވުޒާރާތަކަށް ކިޔާ ނަމުން ފެށިގެން ކުރިން ކަންކަން ކުރުމުން އައި ހުރިހާ ސިޔާސަތުތަކަށް ބަދަލުގެންނަ ތަނެވެ. ވެރިކަމަށް އަންނަ ބަޔަކު ކުރީގެ ސިޔާސަތުތައް ބަދަލުކުރަންޖެހޭކަމަށް ރައްޔިތު މީހާއަށް މި ބުނެދެނީ ކުރީ ފަސް އަހަރުގައި ސަރުކާރު ހިންގަން ހަވާލުކުރި މީހުން ކުރި އެއްވެސް ރަނގަޅު ކަމެއް ނެތްކަމަށް ބުނަމުންނެވެ. ކުރީގެ އެއްވެސް ސިޔާސަތަކީ ހަމަޖެހޭ ސިޔާސަތެއް ނޫންކަމަށް ބުނަމުންނެވެ. ސަރުކާރާ ޙަވާލުވި އިރު ކުރިން ކަން ކުރަމުން އައިގޮތުގައި ރައްޔިތުންނާއި ގައުމަށް ފައިދާވާ ކަންކަން ހުރިކަމެއް ނުވަތަ ނޫންކަމެއް ބެލުމެއް ނޯވެއެވެ. މުޅީން އާ ސިޔާސަތުތަކެއް އެކުލަވާލެވި ވެރިކަމަށް އަންނަ ކޮންމެ ބަޔަކުވެސް 5 އަހަރު ނިމެންވާއިރަށް މިކުރާ މަސައްކަތަކީ މޭމަތީގައި މެޑަލް ޖެހުމަށް ކުރާ މަސައްކަތެވެ. މީގެ ނަތީޖާއަކީ ކޮބައިކަމާމެދު ވިސްނާލަނީ އަހަރުމެންގެ ތެރެއިން ކިތައް މީހުން ހެއްޔެވެ. ގައުމަށާއި ރައްޔިތުންނަށް ފައިދާކުރަނިވި ސިޔާސަތުތައް އެކުލަވާލުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީއަކީ އެއް ސިޔާސީ ޕާޓީއެއްގެ ހަރުގެ ޖަލްސާގައި ފާޅުކުރާ ޚިޔާލެއްގެ މައްޗަށް ނުވަތަ ކޮފީ މޭޒަށް އަރާ ތަޅާލާ މޮޅު އަނގަޔަކުން ކުރެވޭނެ ކަންކަމެއް ނޫނެވެ. އެފަދަ ސިޔާސަތުތައް އެކުލަވާލެވޭނީ ރައްޔިތުންނާ މަޝްވަރާކުރެވި އެފަދަ ސިޔާސަތުތަކުގެ ސަބަބުން ގައުމަށް އަންނާނެ އިޖުތިމާއީ އަދި އިޤްތިސާދީ ބަދަލަށް ރިޢާޔަތްކޮށް ކަމުގެ ތަޖުރިބާކާރުންގެ ޚިޔާލާއި މަޝްވަރާގެ އަލީގައި އެ ސިޔާސަތުތައް އެކުލަވާލެވިގެންނެވެ. އެހެންނަސް އަހަރުމެންނަށް ފެންނަނީ އެ މަންޒަރުބާވައޭ ހިތަށް އަރައެވެ. ސަރުކާރެއް ބަދަލުވާ ކޮންމެ ފަހަރަކު ހިނގަމުން އައި ސިޔާސަތުތައް އެފުއް މިފުށަށްޖެހި ރައްޔިތުން ވާނުވާ ގައި ތިބެން ޖެހެނީއެވެ. ކުރީގެ ސިޔާސަތު ތަކާއެކު ހިނގަމުން އައި ކަންކަން ހުއްޓި ހަމަ އެކަންކަން އަލަށް ވެރިކަމާ ޙަވާލުވާ ބައެއްގެ ސިޔާސަތާ އެއްގޮތް ބައްޓަން ކުރުމަށްޓަކައި ކުރާ މަސައްކަތުގައި އަންނަ ބޮޑު ހުސްކަމެވެ. އެ ސިޔާސަތުތައް ބަދަލުކުރުމަށްޓަކައި ކޮންޓްރެކްޓަރުންނަށް ދޭންޖެހޭ ބޮޑެތި އަދަދުގެ ބަދަލުތަކެވެ. ނަތީޖާއަކަށް ވެގެން މިދަނީ އެއްކަލަ އާ ސިޔާސަތުތައް ކަނޑައެޅުމަށް ވެރިކަމުގެ ދެބައިކުޅަ އެއްބައި ނުވަތަ 5 އަހަރު ހޭދަވެގެން ގޮސް އެކަމުގެ ގެއްލުން ރައްޔިތުމީހާ އަށާއި ދައުލަތަށް ފޯރުމެވެ. ގެއްލެނީ ރައްޔިތުމީހާގެ ހައްޤާއި ދައުލަތުގެ އެތައް ފައިސާއާއި އެސެޓް ތަކަކެވެ. ކުރިއަރަނީ އޭރަކު ވެރިކަމެއްގައި ތިބޭ ބައެއްގެ ޖާހާއި މަސްލަހަތެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ