މާލެ: 31°C

ވެހުނު ވާރެއާ އެކު މައްކާއަށް އާދަޔާ ހިލާފު ފެހިކަމެއް!

January 7, 2023
2 ފަހަރު ބަލާފައި
ވެހުނު ވާރެއާ އެކު މައްކާއަށް އާދަޔާ ހިލާފު ފެހިކަމެއް!
ވެހުނު ވާރެއާ އެކު މައްކާއަށް އާދަޔާ ހިލާފު ފެހިކަމެއް!
މީގެ ކުޑަ ދުވަސްކޮޅެއް ކުރީގެ ސެޓެލައިޓް ފޮޓޯއަކަށް ބަލައިލިޔަސް މުޅި އެ ސަރަހައްދު ފެންނާނީ މަޑު މުށިކުލައެއްގައި އޮއްވަ އެވެ. މާތްވެގެންވާ މައްކާއާއި ސައުދީ އަރަބިއްޔާ އެކަންޏެއް ނޫނެވެ. މުޅި އަރަބި ޕެނިންސޫލާ ވެސް އޮންނަނީ އެ ކުލައިގަ އެވެ. އެއީ އެ ސަރަހައްދުގައި އޮންނަ ވާރޭ ވެހުން މަދު ހަނަފަސްކަމުގެ ސަބަބުން އޮންނަ ގޮތެވެ. ދެ ޙަރަމްފުޅުގެ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކުރާ ރަސްމީ ފޭސްބުކް ޕޭޖް "ހަރަމައިނި ޝަރީފައިނި" އިން މިއަދު އާއްމުކުރި ފޮޓޯތަކުން ފެންނަ މަންޒަރު އަޖައިބަކަށް ވަނީ މިހެންވެ އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުގައި މައްކާގެ ވަށައިގެންވާ އުސް ފަރުބަދަތަކާއި އެ ފަރުބަދަތަކުގެ ދެމެދުގައިވާ ވާދީތައް ވެސް އޮތީ ވިނަފަޅައި، ފެހިފެހިކަން ގަދަ ދޫލައެއް އަޅާފައި އޮތް ހެންނެވެ. ސައުދީ އަރަބިއްޔާ ހިމެނޭހެން މެދުއިރުމަތީގެ މޫސުމާ ބެހޭ މައުލޫމާތު ގެނެސްދޭ "އަރަބް ވެދާ ޑޮޓްކޮމް" އިން ބުނި ގޮތުގައި މައްކާ ސަރަހައްދު މިހާ ބޮޑަށް ފެހިވީ އެ ސަރަހައްދުގެ މޫސުމަށް މިދިޔަ ޑިސެމްބަރު މަހު އައި ބޮޑެތި ބަދަލުތަކެއްގެ ސަބަބުންނެވެ. އެފަދަ އެއް ބަދަލަކީ އާއްމުކޮށް އެހެން އަހަަރުތަކުގައި އަންނަ ވަރަށް ވުރެ ދިގުކޮށް އެ ސަރަހައްދަށް މިފަހަރު ވިއްސާރަ މޫސުން އައުމެވެ.  އެހެންވެ އެހެން އަހަރުތަކުގައި ވެހުނު ވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ވާރޭ ވެހުނެވެ. މެދުނުކެނޑި ކޮންމެ ދުވަހަކުހެން ވާރޭ ވެހުނު މުއްދަތުވެސް މިފަހަރު ދިގެވެ. އަރަބް ވެދާއިން ބުނި ގޮތުގައި އެގޮތަށް ވާރޭ ވެހުނު ސަބަބަކީ މިސްރުގެ މަތީގައި އާއްމުކޮށް ނޫފެދޭ މިސްރާބެއްގައި ކޮޅިގަނޑެއް އުފެދުމެވެ. އެ ކޮޅިގަނޑު ފަހުން ޖެހުނީ އުތުރަށެވެ. ހަމަ އެދުވަސްވަރު ރަތްކަނޑުގައި ވެސް ކޮޅިގަނޑެެއް އުފެދުނެވެ. ނަތީޖާއަކަށްވީ ސައުދީ އަރަބިއްޔާގެ ހުޅަނގު ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ބޮޑު ސަރަހައްދެއް ފެހިވެގެން ދިއުމެވެ. އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ދާދި ފަހުން ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން އެ ފެހިކަން ސާފުކޮށް ފެންނަން އެބަހުއްޓެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ