މާލެ: 31°C

ވެހިކަލްތަކުގެ ދުމުގެ ނުބައި އަސަރު ސީދާ ސިކުނޑިއަށް!

February 23, 2023
2 ފަހަރު ބަލާފައި
ވެހިކަލްތަކުގެ ދުމުގެ ނުބައި އަސަރު ސީދާ ސިކުނޑިއަށް!
ވެހިކަލްތަކުގެ ދުމުގެ ނުބައި އަސަރު ސީދާ ސިކުނޑިއަށް!
ވެހިކަލްތަކުގެ އިންޖީނުން އަރާ ދުމުން ސިއްހަަތަށް ގެއްލުންވާ ވާހަކަ އަލެއް ނޫނެވެ. އެކަމަކު އެފަދަ ނުސާފު ވައިގެ ތެރޭގައި އުޅުމަކީ ވިސްނުމުގެ ގާބިލުކަމަށް އަސަރުކޮށްފާނެ ކަމަކަށް ސައިންސްވެރިން ވެސް ކުރިން ނުބަލަ އެވެ. އެކަމަކު މިހާރު އެކަން މުޅިން ބަދަލު ވެއްޖެ އެވެ. ކެނެޑާގެ ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާއާއި ޔުނިވާސިޓީ އޮފް ވިކްޓޯރިއާގެ ސައިންްސްވެރިން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި އާދައިގެ ވަރަަކަށް ވެހިކަލްތަކުގެ ޓްރެފިކް އޮތް ސަރަހައްދެއްގައި މީހަކު އުޅޭތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އެމީހާގެ ސިކުނޑީގެ މަސައްކަތަށް އެކަމުގެ ނުބައި އަސަރު ކުރެ އެވެ. "ދަ ޖާނަލް އޮފް އެންޔަރްމެންޓަލް ހެލްތު" ގައި ޝާއިއުކުރި އެ ދިރާސާގެ ރިޕޯޓްގައި ވާގޮތުން ވެހިކަލްތަކުގެ އިންޖީނުން އަރާ ދުން އެކުލެވޭ ނުސާފު ވައިން އަސަރު ކުރަނީ ސިކުނޑީގެ ޑިފޯލްޓް މޯޑް ނެޓްވޯކް (ޑީއެމްއެން) އަށެވެ. އެއީ ސިކުނޑީގެ އެކި ބައިތައް ގުޅުވައިލަދޭ ނިޒާމެވެ. އެ ނިޒާމަކީ ހަނދާން ކުރުމާއި ވިސްނުންތައް ވިސްނުމުގައި މުހިއްމު ދައުރެއް އަދާކުރާ ނިޒާމެކެވެ. "އެތައް އަހަރެއް ވަންދެން ސައިންސްވެރިން ހީކުރީ ވައި ނުސާފުވުމުގެ ގެއްލުން ދެނިވި އަސަރުތަކުން ސިކުނޑި ހިމާޔަތްވެފައި ވެދާނެ ކަމަށް. މި ދިރާސާ އަކީ ނުސާފު ވަޔާއި ވިސްނުމުގެ ބާރާ ގުޅުމެއް ވާކަމުގެ ހެކިތައް ލިބުނު މިފަދަ ފުރަތަމަ ދިރާސާ،" ކެނެޑާގެ ދިރާސާގައި އިސްކޮށް އުޅުއްވި ޑރ. ކްރިސް ކާލްސްޓެން ސައިންސް ޑެއިލީއަށް ވިދާޅުވެފައި ވެ އެވެ. ޑރ. ކާލްސްޓެން އަކީ ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާގައި ރެސްޕިރޭޓަރީ މެޑިސިންގެ ދާއިރާއިން ކިޔަވައިދެއްވާ ޕްރޮފެސަރެކެވެ. އަދި އޭނާއަކީ މަސައްކަތުގެ މާހައުލާއި ތިމާވެށި، ފުއްޕާމޭގެ ބަލިތަކާ ގުޅިފައިވާ މިންވަރު ބަލަން ކެނެޑާއިން ކުރަމުން އަންނަ ދިރާސާގެ ޗެއާ ވެސް މެ އެވެ. ދިރާސާ ކުރިއަށް ގެންދިޔަ ގޮތް ދުއްވާ އެއްޗިހީގެ ދުމުން ސިކުނޑިއަށް ކުރާ އަސަރު ދެނެގަންނަން ރިސާޗަރުން ކުރި ކަމަކީ ސިއްހަތު ރަނގަޅު 25 މީހުން، ލެބޯޓްރީ ސެޓަޕެއްގައި، ޑީސަލް އެންޖީނެއްގެ ދުމުގެ ތެރެއަށާއި ސާފުކޮށްފައިވާ ވައިގެ ތެރެއަށް ނެރުމެވެ. އެގޮތުން ޑީސަލްގެ ދުން އެކުލެވޭ ވައިގެ ތެރެއަށް ނެރުމުގެ ކުރިންނާއި ފަހުން، އެމީހުންގެ ސިކުނޑީގެ އެމްއާރްއައި ހެދި އެވެ. އެގޮތުން ހެދި އެމްއާރްއައި އިން ބެލީ ސިކުނޑީގެ ޑީއެމްއެންއަށް އައި ބަދަލުތަކެވެ. "އަހަރެމެންނަށް އެނގޭ ޑީއެމްއެންގެ ގުޅުވައި ދިނުމުގެ މަސައްކަތަށް ބުރޫ އެރުމަކީ ވިސްނުމުގެ ބާރަށް އަސަރުކުރާނެ ކަމެއްކަން. އަދި އެއީ ޑިޕްރެޝަންގެ އަލާމާތެއް ކަން. ޓްރެފިކްގެ ނުސާފު ވައިން ވެސް އަަސަރު ކުރަނީ ސިކުނޑީގެ އެ މަސައްކަތަށް ކަމަށް ވުމަކީ ކަންބޮޑުވާ ކަމެއް،" ޑރ. ކާލްސްޓެން ވިދާޅުވެފައި ވެ އެވެ. ޑރ.ކާލްސްޓެން އާއި ބައިވެރިން ކުރި އެ ދިރާސާއިން އެކަމަކު އުފާވެރި ހަގީގަތެއް ވެސް ހޯދުނެވެ. އެއީ ދުއްވާ އެއްޗިހީގެ ނުސާފު ވައިން ސިކުނޑިއަށް ކުރާ އަސަރަކީ ދާއިމީ ކަމެއް ނޫން ކަމެވެ. އެހެނީ ދިރާސާގައި ބައިވެރި ކުރި މީހުން ސާފު ވައިގެ ތެރެއަށް ނެރުމުން އެމީހުންގެ ސިކުނޑީގެ މަސައްކަތް އިހު ހުރި ގޮތަށް އިއާދަވި އެވެ. އެކަމަކު ވެސް ޑރ. ކާލްސްޓެން ލަފާ ކުރައްވަނީ ތަކުރާރުކޮށް އެފަަދަ ވައިގެ ތެރެއަށް ނުކުންނަ ނަމަ، ސިކުނޑީގެ މަސައްކަތަށް ދިގު މުއްދަތުގެ ގެއްލުންތަކެއް ވެސް ލިބިދާނެ ކަމަށެވެ. އޭނާގެ ނަސޭހަތަކީ ވެހިކަލްތައް ގިނަ، ބާރު ބޮޑު މަގުތަކަށް ނުކުންނަ ނަަމަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމެވެ. "ދެން ޓްރެފިކްގައި ތާށިވާ ފަހަރަކުން، ކާރުގެ ބިއްލޫރި ތިރިކުރާ އިރު ދެވަނަ ފަހަރަށް ވިސްނައިލަން މީހުން ބޭނުންވެދާނެ. ކާރުތަކުގެ އެއާ ފިލްޓަރު ހުރީ ރަނގަޅު ހާލަތުގައި ކަން ކަށަވަރު ކުރުމަކީ މުހިއްމު ކަމެއް. ހިނގާފައި ނުވަތަ ބައިސިކަލްގައި ދާ ނަމަ ބާރު ބޮޑު ނޫން މަގަކުން ދާން ވިސްނާ،" އޭނާ ވިދާޅުވެފައި ވެ އެވެ. އެ ދިރާސާގައި ބެލީ ވެހިކަލް ތަކުން އަރާ ދުމުން ސިކުނޑިއަށް ލިބޭ ގެއްލުންތައް ކަމަށް ވިޔަސް ޑރ. ކާލްސްޓެން ދެކެވަޑައިގަންނަވާ ގޮތުގައި އެހެނިހެން ގޮތް ގޮތުން އަރާ ދުމުން ވެސް އިންސާނުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތައް ލިބޭނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ