މާލެ: 31°C

ވޭޕް ކުރުމާއި ބަރަހަނާ މަންޒަރު ބެލުން، ސްކޫލު ކުދިންގެ އާންމުކަމަކަށް ވެފަ!

June 2, 2023
2 ފަހަރު ބަލާފައި
ވޭޕް ކުރުމާއި ބަރަހަނާ މަންޒަރު ބެލުން، ސްކޫލު ކުދިންގެ އާންމުކަމަކަށް ވެފަ!
ވޭޕް ކުރުމާއި ބަރަހަނާ މަންޒަރު ބެލުން، ސްކޫލު ކުދިންގެ އާންމުކަމަކަށް ވެފަ!
"(ނަން) މިސް އަށް ބަސްޓްވީ، ހީ ހެޑް އިޓް އިން ހިޒް ޕޮކެޓް " "އާ ޔޫ ސީރިއަސް، ވިޗް ވަން އޮފް އިޓް" "ދަ މިންޓީ ގްރޭޕް ފްލެވާ، އެއްކަލަ ދުވަހު ދިނެއްނު" މިއީ، މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު އަޅުގަނޑު ބަހެއްގައި އިންދާ، ޖެހިގެން ތިބި، މާލޭގެ ސްކޫލެއްގެ ޔުނިފޯމް ލައިގެން ތިބި ދެކުއްޖަކު ދެއްކި ވާހަކަ ތަކުގެ ތެރެއިން އަޑު އިވުނު ތަންކޮޅެކެވެ. ދެން އެމީހުން ދެއްކީ، ހުކުރު ދުވަހު، މާލެ ސްކެއާ ގައި އުޅޭ އެކުވެރިއެއްގެ ގެއަށް ދާ ވާހަަކައެވެ. އެގޭގައި ފިލެމެއް ބަލަން ރޭވިއެވެ. އާންމު ތަނެއްގައި 12، 13 ވަރަކަށް އަހަރުގެ ކުޑަ ދެއަންހެން ކުދިން، ޖެހިލުމެއްނެތި ދައްކަމުން ދިޔަ ވާހަކަތައް އިވިފަ އަޅުގަނޑު ހަމަ ހައިރާންވިއެވެ. ބިރުވެސް ގަތެވެ. މިޖީލުގެ ހާލަތު އަންދާޒާ ކޮށްލެވުނެވެ. ކުޑަކުދިން ސްކޫލް ތަކުގައި ވޭޕް ކުރުމާއި ބަރަހަނާ މަންޒަރު ބެލުން މިވަނީ، ބިރުވެރި ދަރަޖަ އަކަށް އާންމު ވެފައެވެ. މިދިޔަ ހަފްތާގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމު ކުރި ގޮތުގައި ރާއްޖޭގައި ކުޑަކުދިންގެ އާބާދީގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދަކަށް ދުންފަތުގެ އިސްތިއުމާލު ކުރެއެވެ. ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަހާ ގުޅިގެން އެ އެޖެންސީން އާއްމުކުރި މައުލޫމާތުގައި ބުނީ 13-15 އަހަރާ ދެމެދުގެ 45.7 ޕަސެންޓް ދަރިވަރުން ދުންފަތުގެ އެކި ބާވަތްތައް ބޭނުންކުރާ ކަމަށެވެ. އެއީ 48 ޕަސެންޓް ފިރިހެން ކުދިންނާއި 43.2 ޕަސެންޓް އަންހެން ކުދިންނެވެ. މީގެ ހަތަރު އަހަރު ކުރިން، 2019 ގައި ހެދި ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭގައި ބުނީ އެ އުމުރުގެ 23.1 ޕަސެންޓް ފިރިހެން ކުދިންނާއި 10.7 ޕަސެންޓް އަންހެން ކުދިން އިލެކްޓްރޯނިކް ސިނގިރޭޓް ބޭނުންކުރާ ކަމަށެވެ. އެއީ 17.1 ޕަސެންޓެވެ. ޝީޝާ ނުވަތަ ގުޑުގުޑާ ބޭނުންކުރާ ކަމަށް ބުނީ 3.1 ޕަސެންޓް ކުދިންނެވެ. އޭގެ ތެރެއިން 14.9 ޕަސެންޓް ކުދިން އަލަށް ވެސް ޝީޝާ/ގުޑުގުޑާ ބޮއެފައިވަނީ 10 އަހަރުގަ އެވެ. މި އަދަދު ތަކަކީ މަދު އަދަދެއް ނޫނެވެ. ކުޑަ ކުދިން މިފަދަ ކަންކަމުގައި ދެވި ހިފުމަކީ ގައުމުގެ މުސްތަގުބަލާ މެދު ދެވޭ ރަތް ސިގުނަލެކެވެ.

ވޭޕް ކުރުމަކީ " ކޫލް" ކަމެއް ނޫން

" ސްކޫލު ކައިރީ ތިބެގެން އެބަ ދަމާލާ، އަޅުގަނޑުގެ ދަރިފުޅު ބުނި، ފާހަނާ އަށް ގޮސް އާންމުކޮށް އެ ކްލާސް ކުދިން ވޭޕް ކުރާވާހަކަ، ޕްރިންސިޕަލް ގެ ސަމާލުކަމަށް ވެސް ގެނައިން، ސްކޫލުގެ މެނޭޖްމަންޓް އާއި ޓީޗަރުންނަށް ވެސް އެނގޭ މިއީ ކުރާ ކަމެއްކަން، ދެން ނޭގެ ނުހުއްޓުވެނީ ކީއްވެ ކަމެއް " މާލޭގެ ސްކޫލެއްގެ ބެލެނިވެރިއަކު ބުންޏެވެ. ސްކޫލު ކުދިންގެ މެދުގަ ވޭޕް ކުރުން " ޓްރެންޑް" އަކަށް ވެފަ ވާ އިރު ، މިއީ ކޫލް ނުވަތަ ސަޅި ކަމެއް ކަމަށް ދެކޭ ކުދިން މަދެއްނޫނެވެ. ރާއްޖޭގައި ފުރަތަމަ ވޭޕް ބޭނުން ކުރަން ފެށީ ސިނގިރޭޓް ބޯ މީހުން އެކަމުން ދުރުހެލިވާން ފެށުމެއްގެ ގޮތުގައެެވެ. ނަމަވެސް މިހާލު ޒުވާނުންނާއި ކުޑަކުދިންގެ މެދުގަ މާ މަގުބޫޅު އެއްޗަކަށް ވެ، އާންމުވަނީ އެވެ. އެއީ އާދައިގެ ކަމަކަށް ވެ ނިމެނީ އެވެ. ވޭޕަކީ ސިނގިރޭޓާ ހިލާފަށް މާ ބޮޑު ނުބައި ވަހެއް ދުވާ އެއްޗެއް ނޫނެވެ. ވޭޕް ކުރަން ގެންގުޅޭ ޕެން ފަދަ ޑިވައިސްތަކަކީ ސިނގިރޭޓާ ތަފާތު، ޒަމާނީ ޓެކްނޮލޮޖީއެކެވެ. އަދި ސިގިރެޓުގެ ދެ ތިން ރަހެއް ހުންނައިރު ވޭޕްގެ އެތައް ސަތޭކަ ފްލޭވައެއް ހުރެ އެވެ. ޒުވާނުންގެ މެދުގައި ވޭޕް މަގްބޫލުވާ އެއް ސަބަބަކީ އެއީ ކަމަށް ވެދާނެ އެވެ.. ވޭޕް އުފެއްދުމަށް ބޭނުން ކުރާ ކެމިކަލްތަކުގެ ސަބަބުން ދިމާވާ ގެއްލުންތަކުގެ ފުރިހަމަ ދިރާސާތަކެއް ނެތް ނަމަވެސް ވޭޕްގެ ދުމުން ވެސް ސިނގިރޭޓު ދުމުން ލިބޭ ގެއްލުން ލިބޭނެ ކަމަށް ސިއްހީ މާހިރުން ދެކެއެވެ.. ވޭޕްގެ ދުމުގެ ސަބަބުން ލޭ މައްޗަށް ދިޔުމާއި ނޭވާލާ ހޮޅި ދުޅަވުމާއި ފުއްޕާމޭ ފެއިލްވުމާއި ހަށިގަނޑުގައި ސަރުބީ އިތުރުވުމާއި ސްޓްރޯކް ޖެހުން ފަދަ ކަންކަމަށް މަގުފަހިވާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ޑޮކްޓަރު ޑރ. މުހައްމަދު އަލީ ކުރެއްވި ޕޯސްޓެއްގައި އިންޒާރު ދެއްވިއެވެ. އަދި ވޭޕް ބެނުން ކުރާ މީހުންނަށް ކެންސަރު ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް އޭނާ ދެކިވަޑައިގަންނަވަ އެވެ.

ދެވިހިފާ ފަދަ ބަރަހަނާ މަންޒަރުތަކަށް ކުޑަކުދިން ހުށަހެޅިގެންދިއުން

ބޮޑެތި މީހުނާއި ފުރާވަރަށް އަރައިގެން އަންނަ ކުދިން އިންޓަނެޓް ޒަރިއްޔާ އިން ބަރަހަނާ މަންޒަރުތައް ބަލާ އެކަމަށް ދެވިހިފުމަކީ އާވާހަކައެއް ނޫނެވެ. ނަމަވެސް މިއަދު ކުޑަކުދިންގެ މެދުގައި ވެސް އެ ބިރުވެރިކަން މިވަނީ ފެތުރިފައެވެ. ކްލާހަަށް ޓެބްލެޓާއި ސްމާޓް ފޯނު ގެންގޮސްގެން ކްލާސް ތެރޭގައި މިފަދަ މަންޒަރު ބަލާ ކަން ވެސް ޓީޗަރުންގެ ސަމާލުކަމަށް ވެސް އާދެ އެވެ. " ގާތް ގަނޑަކަށް ކޮންމެ ދުވަހަކު ހެން ކޮންމެސް ކްލާހަކުން ފޯނު ގެނެސްގެން އަޅުގަނޑާހަމައަށް އާދޭ " ސްކޫލެއްގެ ލީޑިން ޓީޗަރަކު ބުންޏެވެ. " އަޅުގަނޑުގެ ގްރޭޑް 1 ގަ އުޅޭ ދަރިފުޅު އައިސް އެހީ، މަންމީއޭ، މީގެ މާނަ އަކީ ކޮބާހޭ، ގަނޑުކޮޅެއްގަ " ޕޯން" ލިޔެގެން ، އަޅުގަނޑު ދިޔައީ ތަރި ބުރައިގެން، ހިތައް އެރި އޭނަ އަށް އިންޓަނެޓް ބޭނުން ކުރެވޭ ނަމަ ނުވެސް އަހާ، ގޫގުލް ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އޭ، އެގޮތަށް އެ ކްލާސް ކިތައް ކުދިންނަށް އެ ޗާންސް އޮންނާނެ ހޭ... ކިތައް ކުދިން ބަލާފަ ހުންނާނެހޭ " މަންމައަކު ބުންޏެވެ. ކުޑަކުދިން މިފަދަ މަންޒަރުތަކަށް ހުށަހެޅުމުގެ އެންމެ ބޮޑު އެއް އަސްލަކަށް މިހާރު ވެފަ އޮތީ، އެކުދިން އޮންލައިން ކޮށް ކުޅޭ ގޭމްތައް ކަމުގައި ވެދާނެއެެވެ. " ރޮބްލޮކްސް" އަކީ ގާތް ގަނޑަކަށް ހުރިހާ ކުދިން ވެސް ގެންގުޅޭ ޑިވައިސްއަށް އަޅައިގެން އުޅޭ ގޭމެކެވެ. އޮންލައިންކޮށް ޗެޓްކޮށްގެން ކުޅޭ އެފަދަ އެގޭމްތައް، ބެލެނިވެރިއެއްގެ ބެލުމުގެ ދަށުން ނޫނީ ކުޅެން ދޫކޮށްލެވިގެން ނުވާނެއެވެ. ކުޑަކުދިންގެ ނަމުގައި، މީހުން އެކުދިންނާ ޗެޓްކޮށް ، ޖިންސީ ފުރައްސާރައަށް މަގުފަހިވާ ގޮތަށް ގްރޫމް ކުރުމަކީ ވެސް ހިނގަމުންދާ ކަންކަމެވެ. އަދި، އެހެން ކުޑަކުދިން ވެސް އުމުރާއި ނުގުޅޭ ލިންކްތައް އެއްކުއްޖަކު އަނެއް ކުއްޖަކަށް ފޮނުވައެވެ. މީގެ އިތުރުން، ބައެއް ގޭމްތަށް ކުޅޭ އިރު އަންނަ ޕޮއަޕް ލިންކް އަކުން ވެސް އެފަދަ ސައިޓަކަށް ވަދެވުމަކީ އެކަށިގެން ވާ ކަމެކެވެ.  ނުވެސް އެނގި ހުރެ މައުސޫމު ކުއްޖެއްގެ ސިކުނޑި އެންމެ ކްލިކް އަކުން ގަނޑުބަޑުވެގެން ދެއެވެ. މިފަދަ ކަންކަމަކީ މައިން ބަފައިން ނާއި ބެލެނިވެރިން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަންކަމެެވެ. އިންޓަނެޓާއިއެކު ކުއްޖަކު އެކަނި ދޫކޮށްލެވިގެން ނުވާނެއެވެ. ދިރާސާ ތަކުން ދައްކާ ގޮތުގަ ބަރަހަނާ މަންޒަރުތައް ބެލުމަކީ، ސިކުނޑިއަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ. ކުޑަކުދިން މިފަދަ ކަމެއް ކުރާނަމަ، އާންމު ދިރިއުޅުމުގެ އެހެން ކަންތަކަށް ހުންނަ ޝައުގުވެރިކަން ކުޑަވުމާއި، އުޅުމާއި އަހުލާގަށް ބަދަލު އައުމާއި ނަފްސާނީ ބޮޑެތި މައްސަލަ ތަކަށް ހުށަހެޅުމުގެ ފުރުސަތުބޮޑެވެ. ވޭޕް ކުރުމާއި ޕޯންބެލުމަކީ ތަފާތު ދެކަކަމަކަށް ވިޔަސް، ދެކަމަކީ ވެސް ދެވިހިފާ ކަންކަމެވެ. އޭގެ ސަބަބުން ނުރަނގަޅު ނަތީޖާ ނިކުންނާނެ ކަންކަމެވެ. ވޭޕް ކުރުމާއި ދުންފަތުގެ އިސްތިއުމާލް ކުރުމަކީ، މަސްތުވާތަކެތި ބޭނުން ކުރުމަށް އެޅޭ ފުރަތަމަ ފިޔަވަޅެވެ. ބަރަހަަނާ މަންޒަރު ބެލުމަކީ، ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ވެސް މަނާ އަހުލާގީ ގޮތުން ދަށުފެންވަރުގެ ކަމެކެވެ. އެފަދަ ކަންކަން ކުޑަކުއްޖަކު ކުރުމަކީ، ބޮޑުވެގެން "ކްރިމިނަލް" އަކަށް ވުމުގެ ފުރުސަތު ބޮޑުކަމެއް ކަމަށް ނަފްސާނީ އިލްމުވެރިން ވެސް ބުނެ އެވެ.

ޒިންމާ ނަގާނީ ކޮންބައެއް

ސްކޫލު ތަކުގެތެރޭގައި ކުދިން ނޭދެވޭ އަމަލުތައް ހިންގާ ކަމުގެ ޒިންމާ، އެސްކޫލުތަކުން ނަގަން ޖެހެއެވެ. " ކިހިނެއްތޯ ކޮންމެ ދުވަހަކު ހުރިހާ ކުދިންގެ ދަބަހާ ޖީބުތައް ޗެކް ކުރާނީ، އަޅުގަނޑުމެން ބުނަން، ފިޔަވަޅު ވެސް އަޅަން" ސްކޫލެއްގެ އިސްވެރިޔަކު ބުންޏެވެ. ތެދެކެވެ. ކޮންމެ ދުވަހަކު ހުރިހާ ކުދިން ޗެކް ކުރުމަކީ ސުކޫލުން ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ތިމާގެ ދަރިފުޅުގެ ދަބަހާއި އަންނައުނު ބަލާ، ޗެކް ކުރުމަކީ ކޮންމެ ދުވަހަކު ވެސް ކޮންމެ ބެލެނިވެރިއަކަށް ވެސް ކުރެވޭނެ ކަމެކެވެ. ކޮންމެ ވެސް ކުއްޖަކު ނުވަތަ ކުދިންތަކެއް ވޭޕާއި ފޯނު ސްކޫލަށް ގެންދާނީ ކޮންމެ ވެސް ބޮޑުމީހެއްގެ އިހުމާލުންނެވެ. ކްލާސް ތަކުގައި ޓީޗަރުން ވެސް އިތުރަށް ސަމާލުވާން ޖެެހެއެެވެ. ކުދިން ދައްކާ ވާހަކަ ތަކާއި އުޅޭގޮތް ބަލަން ޖެހެއެެވެ. މިފަދަ ކަންކަމާ މެދު ހަރުދަނާ ފިޔަވަޅެއް އެޅޭނެ އުސޫލުތަކާއި ގަވައިދުތަކާއި ހެދި، އިމްޕްލިމެންޓް ކުރެވޭނެ ނިޒާމް ގާއިމް ކުރެވެނެ ޖެހެއެވެ. މިދިޔަ ހަފްތާގައި އެޑިއުކޭޝަން މިނިސްޓަރާ، މަޖިލީހުގެ މެމްބަރަކު ސްކޫލު ކުދިން ވޭޕް ކުރުމާއި ބެހޭގޮތުން ސުވާލު ކުރެއްވި އެވެ. އެ ސުވާލަށް މިނިސްޓަރު ޖަވާބެއް ނުވެސް ދެއްވައެެވެ. ނަމަވެސް ޕޮލިސީ ލެވެލްގަ ވެސް މިފަދަ ބޮޑެތި ކަންކަމަށް އިތުރު މަަސައްކަތް ކުރާނެކަމަށް އުންމީދު ކުރެވެއެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ