މާލެ: 31°C

އެމެރިކާއިން ޔޫކްރޭނަށް އެފް-16 ފައިޓާ ޖެޓްތައް ނުފޮނުވާނެ: ބައިޑަން

February 1, 2023
2 ފަހަރު ބަލާފައި
އެމެރިކާއިން ޔޫކްރޭނަށް އެފް-16 ފައިޓާ ޖެޓްތައް ނުފޮނުވާނެ: ބައިޑަން
އެމެރިކާއިން ޔޫކްރޭނަށް އެފް-16 ފައިޓާ ޖެޓްތައް ނުފޮނުވާނެ: ބައިޑަން
ރަޝިޔާ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރުމަށް އިތުރު ހަތިޔާރާއި ވައިގެ އެހީތެރިކަމަށް ޔޫކްރެއިން އެދިފައިވީ ނަމަވެސް އެފް-16 މަރުކާގެ ފަޔާ ޖެޓްތައް ނުފޮނުވާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. އެމެރިކާއިން ޔޫކްރެއިނަށް އެފް16 ނުވަތަ އެހެނިހެން މަތިންދާ ބޯޓުތައް ފޮނުވާނެތޯ ވައިޓް ހައުސްގައި ނޫސްވެރިޔަކު ސުވާލު ކުރުމުން ބައިޑަން ވިދާޅުވީ "ނޫނެކޭ" އެވެ. ބައިޑެން އެހެން ވިދާޅުވެފައި މިވަނީ ފައިޓާ ޖެޓް ފޮނުވަން ޖަރުމަނުންވެސް ދެކޮޅު ހަދާފައި ވަނިކޮށެވެ. އެމެރިކާ އާއި ޖަރުމަނު އަދި އިތުރު ގައުމުތަކުން، މިދިޔަ ހަފުތާގައި ވަނީ ޔޫކްރެއިނަށް ބަރު ހަނގުރާމައިގެ ޓޭންކްތައް ފޮނުވަން އެއްބަސްވެފައެވެ. ޖަރުމަނުން ލެޕާޑް 2 ޓޭންކް ފޮނުވަން ނިންމާފައިވެއެވެ. އެމެރިކާއިން ދަނީ އެގައުމުގެ އެންމެ ޒަމާނީ ޓޭންކް، އެމް1 އަބްރަމްސް ޔޫކްރެއިނަށް ފޯރުކޮށްދެމުންނެވެ. ޔޫކްރެއިންގެ ހާރިޖީ ވަޒީރުގެ ނައިބު އަންދްރީ މެލްނިކް ވަނީ ޓޭންކްތައް ފޯރުކޮށްދޭން  ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. އަންދްރީ، ހުޅަނގުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންނެވީ ޔޫރޯފައިޓާސް، ޓޯނޭޑޯސް، ފްރާންސް ރަފާލް އަދި ސްވިޑެން ގްރިޕެން ޖެޓްތައް ފޯރުކޮށްދޭނެ "ފައިޓާ ޖެޓް ކޯލިޝަނެއް" އުފެއްދުމަށެވެ. ޔޫކްރެއިންއިން ބުނީ އެ ޖެޓްތަކުގެ ސަބަބުން އެގައުމުގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް އަލުން ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. ޔޫކްރޭނަށް ޖެޓްތައް ފޯރުކޮށްދިނުމުގެ ވިސްނުން ޔޫރަޕްގެ ގިނަ ގައުމުތަކަކުން ގެންގުޅެއެވެ. ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮން ވިދާޅުވީ ހަނގުރާމަ މަތީ މަތިންދާ ބޯޓުތައް ދިނުމަށް ދެކޮޅު ނުހައްދަވާ ކަމަށެވެ. ނަމަވެސް ހަމަނުޖެހުންތައް އިތުރަށް ހޫނުވުމުގެ ނުރައްކާ ބޮޑުވެދާނެ ކަމުގެ އިންޒާރު ދެއްވިއެވެ. ތަޖުރިބާކާރުން ބުނަނީ ކުރިއަށް އޮތް ދުވަސްތަކުގައި ޔޫކްރެއިން އާއި ރަޝިއާއިން ވެސް ބޮޑެތި ހަމަލާތަކަށް ތައްޔާރުވަމުން ދާނެ ކަމަށެވެ. ހާއްސަކޮށް 11 މަސް ދުވަހުގެ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ އަމިއްލަ ވައިގެ އަސްކަރިއްޔާ ވަރަށް ބޮޑަށް ދަށްވެފައިވާތީ ހުޅަނގުގެ މަތިންދާބޯޓުތަކުން ޔޫކްރެއިންގެ ބާރު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމަށެވެ. ޖަރުމަނުގެ ޗާންސެލާ އޮލަފް ޝޮލްޒް ވަނީ ބަރު ޓޭންކުތައް ފޮނުވުމަށް ވައުދުވެފައިވާތީ އިތުރު އަސްކަރީ އެހީ ފޮނުވުމުގެ މައްސަލަ އަކީ ބޭކާރު ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ނޭޓޯގެ އަސްކަރީ އިއްތިހާދަކީ ރަޝިޔާއާ ހަނގުރާމަކުރަމުންދާ ގައުމެއް ނޫން ކަމަށް ވެސް ޝޯލްޒް ވަނީ ޖަރުމަނުގެ ނޫހެއް ކަމަށްވާ ޓެގެސްޕީގަލް އަށް ސާފުކޮށްދެއްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ