މާލެ: 31°C

އެމެރިކާއާ ދެކުނު ކޮރެއާ ދެމެދު ނިއުކްލިއާ ހަތިޔާރުގެ މުހިއްމު އެއްބަސްވުމެއް

April 27, 2023
2 ފަހަރު ބަލާފައި
އެމެރިކާއާ ދެކުނު ކޮރެއާ ދެމެދު ނިއުކްލިއާ ހަތިޔާރުގެ މުހިއްމު އެއްބަސްވުމެއް
އެމެރިކާއާ ދެކުނު ކޮރެއާ ދެމެދު ނިއުކްލިއާ ހަތިޔާރުގެ މުހިއްމު އެއްބަސްވުމެއް
އުތުރު ކޮރެއާގެ ނިއުކްލިއާ ނުރައްކަލާ ދެކޮޅަށް އެމެރިކާ އާއި ދެކުނު ކޮރެއާއިން ތާރީހީ އެއްބަސްވުމެއް ގާއިމްކޮށްފިއެވެ. އެ އެއްބަސްވުމުގެ ދަށުން ނިއުކްލިއާ ހަތިޔާރާއެކު، އެމެރިކާގެ ސަބްމެރިންތައް ދެކުނު ކޮރެއާއަށް ފޮނުވުން އަދި ނިއުކްލިއާ ޕްލޭނިން އޮޕަރޭޝަންތަކުގައި ދެކުނު ކޮރޮޔާ ބައިވެރިކުރުން ހިމެނެއެވެ. އޭގެ ސަބަބުން އުތުރު ކޮރެއާގެ ހަމަލާތައް ހުއްޓުވުމުގައި އެކުވެރި ގައުމުތަކުގެ އެއްބާރުލުން ވަރުގަދަވެގެން ދާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވިއެވެ. އުތުރު ކޮރެއާގެ ނިއުކްލިއާ ނުރައްކަލާ މެދު އެމެރިކާ އާއި ދެކުނު ކޮރެއާއިން ވެސް ކަންބޮޑުވާ މިންވަރު އިތުރުވަމުންދާއިރު، ޕިޔޮންގްޔަންގް އިން ދަނީ ދެކުނު ކޮރެއާއަށް އަމާޒުކޮށް ޓެކްޓިކަލް ނިއުކްލިއާ ހަތިޔާރު އުފައްދަމުންނެވެ. ދެކުނު ކޮރެއާ ދިފާއުކުރުމުގެ މުއާހަދާއެއް އެމެރިކާއަށް މިހާރުވެސް އޮންނައިރު، ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި ބޭނުންކުރާނެ ކަމަށް އެމެރިކާއިން މީގެ ކުރިން ވަނީ ވައުދުވެފައެވެ. ނަމަވެސް ދެކުނު ކޮރެއާގެ ބައެއް މީހުން ވަނީ އެ ގައުމުން އަމިއްލަ ނިއުކްލިއާ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ގޮވާލަން ފަށައިފައެވެ. ރަސްމީ ދަތުރުފުޅެއްގައި ވައިޓް ހައުސްއަށް ޒިޔާރަތްކުރެއްވި ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔޯލް ވަނީ ވޮޝިންޓަން ޑެކްލަރޭޝަނަކީ ދިފާއީ ބާރު ވަރުގަދަކޮށް ހަމަލާތައް ހުއްޓުވުމަށާއި ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްގެން އެކުވެރިން ހިމާޔަތް ކުރުމަށް އެމެރިކާއިން ވެފައިވާ ވައުދެއް ކަމަށް ސިފަކުރައްވައި އެމެރިކާ އަށް ތައުރީފު ކުރައްވާފައެވެ. އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ އެއްބަސްވުމަކީ އެތައް މަހެއް ހޭދަވި މަޝްވަރާތަކުގެ ނަތީޖާއެވެ. އެމެރިކާ އާއި ދެކުނު ކޮރެއާއާ ދެމެދު ވެފައިވާ އެއްބަސްވުމާއެކު ނިއުކްލިއާ ޕްލޭނިންގެ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ނިއުކްލިއާ ކޮންސަލްޓޭޓިވް ގްރޫޕެއް ވެސް ދެ ގައުމުން އުފައްދަން ވަނީ ނިންމައިފައެވެ. އުތުރު ކޮރެއާއާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމަށް ރޭވުމުގައި އެމެރިކާ އިތުރަށް ބައިވެރިކުރުމަށް ދެކުނު ކޮރެއާގެ ސިޔާސީ ފަރާތްތަކުން އަންނަނީ އެމެރިކާއަށް ގޮވާލަމުންނެވެ. ބައިޑަން ވިދާޅުވީ އުތުރު ކޮރެއާ، އަލުން މަޝްވަރާގެ މޭޒަށް ގެނައުމަށް އެމެރިކާއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ވޮޝިންޓަނުން ބުނަނީ ޝަރުތުތަކަކާ ނުލައި ވާހަކަ ދެއްކުމަށް އެތައް ފަހަރަކު އެދުމުން ޕިއޮންޔޮންގް އިން ދެކޮޅު ހަދާފައިވާ ކަމަށެވެ. ނިއުކްލިއާ ހަތިޔާރު ދޫކޮށްލުމަށް އުތުރު ކޮރެއާއަށް ވިސްނައި ދިނުމަށް އެމެރިކާ އިން އުއްމީދު ކުރި ނަމަވެސް މިދިޔަ އަހަރު އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވަނީ އެ ގައުމުގެ ނިއުކްލިއާ ދަރަޖަ އިއާދަ ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ. ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ ބަދަލުގައި ހަތިޔާރު ކޮންޓްރޯލް ކުރުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ މިހާރު މާ ބޮޑު ވިސްނުމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ