ތުރުކީއަށް އެއްބިލިއަން ޑޮލަރުގެ އެހީދޭން، ޔޫއެންގެ އިލްތިމާސެއް

ތުރުކީއަށް އެއްބިލިއަން ޑޮލަރުގެ އެހީދޭން، ޔޫއެންގެ އިލްތިމާސެއް
ލިޔުން:
ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް އެއް ބިލިއަން ޑޮލަރުގެ އެހީދޭން އދ އިން ބައިނަލްއަގްވާމީ މުޖުތަމައަށް އިލްތިމާސްކޮށްފިއެވެ.
އދގެ ސެކެރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ އަދަދުގެ ފައިސާއިން 5.2 މިލިއަން މީހުންނަށް ތިން މަސް ދުވަހަށް އިންސާނީ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އަދި އެ ފައިސާއިން ކާބޯތަކެތީގެ ރައްކާތެރިކަމާއި، ތައުލީމާއި، ފެނާއި ބޯހިޔާވަހިކަމުގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާތަކަށް ހަލުވިކަމާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ބައިނަލްއަގްވާމީ މުޖުތަމައުގެ ކިބައިން އަޅުގަނޑު އިލްތިމާސް ކުރަން، އަޅުގަނޑުމެންގެ ޒަމާނުގެ އެންމެ ބޮޑު އެއް ގުދުރަތީ ކާރިސާއާ ގުޅިގެން، މި ނާޒުކު މަސައްކަތަށް ފުރިހަމައަށް ފަންޑު ކުރުމަށް."
ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އައި ބިންހެލުމުގައި ތުރުކީގެ ދެކުނުގެ ސަރަހައްދުތަކުން މިހާތަނަށް 36،187 މީހުން މަރުވެފައިވާއިރު، ސީރިޔާގެ ކަމާބެހޭ ފަރާތްތަކުން ވަނީ 5،800 މީހުން މަރުވެފައިވާ ކަމަށް ބުނެފައެވެ.
ތުރުކީގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް ދުވާލެއްގެ މައްޗަށް ސަލާމަތްކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
ބިންހެލުން އައިތާ 10 ދުވަހަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ ބުރާސްފަތި ދުވަހު އެ ޕްރޮވިންސްގެ ވެއްޓުނު އިމާރާތުގެ ކުނިތަކުގެ ތެރެއިން ކުޑަ އަންހެން ކުއްޖަކު ދިރިތިއްބާ ނަގައިފިއެވެ. ބްރޯޑްކާސްޓަރު ޓީއާރްޓީ ހަބާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބިންހެލުމުގެ 248 ގަޑިއިރު ފަހުން، ވެއްޓުނު އެޕާޓްމަންޓް ބްލޮކެއްގެ ތެރެއިން 17 އަހަރުގެ ޒުވާނަކު ސަލާމަތްކޮށްފައިވާ ކަމަށެވެ.
އިމާރާތްތައް ވެއްޓުމުގެ ޒިންމާ އުފުލަން ޖެހޭ ކަމަށް ތުހުމަތު ކުރެވޭ ކޮންމެ މީހަކު ތަހުގީގު ކުރާނެ ކަމަށް ތުރުކީން ވައުދުވެފައިވާއިރު، ޑިވެލޮޕަރުން ހިމެނޭ ގޮތަށް 100 އަށް ވުރެ ގިނަ މީހުން ބަންދުގައި ބެހެއްޓުމަށް ތުރުކީން ވަނީ އަންގައިފައެވެ.
ސީރިޔާ ސަރުކާރުން ބުނީ ސަރުކާރުގެ ބާރުގެ ދަށުގައިވާ ސަރަހައްދުން މަރުވި މީހުންގެ އަދަދަކީ 1،414 ކަމަށެވެ. ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ހުޅަނގު އުތުރުން މިހާތަނަށް 4،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައިވީ ނަމަވެސް، ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އެތަނުން އެއްވެސް މީހަކު ދިރިތިއްބާ ފެނިފައި ނުވާ ކަމަށް ސަލާމަތްކުރާ ފަރާތްތަކުން ބުނެއެވެ.
އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒްގެ ތަރުޖަމާނަކު ރޮއިޓާސް އަށް ވިދާޅުވީ ބިންހެލުމަށްފަހު ބުރާސްފަތި ދުވަހުގެ ނިޔަލަށް ތުރުކީ އާއި ސީރިއާއާ ދެމެދު އޮންނަ ބާބް އަލް ހަވާ އާއި ބާބް އަލް ސަލާމް ބޯޑަރު ހުރަސްކުރާ ސަރަހައްދުން އދ.ގެ 119 ޓްރަކެއް އެހީގެ ސާމާނާއެކު ގޮސްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ދަތުރުކުރަމުންދިޔަ ފުލައިޓެއްގެ ކުޑަދޮރު ހަލާކުވެ ބޭރަށް ދަމައިގަތް ޕަސެންޖަރަކު ސަލާމަތްކޮށްފި

އެމެރިކާއަށް ހިޖުރަކުރި މުސްލިމެއް ނިވްޔޯކުގެ މޭޔަރު ކަމަށް

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޕަޕްއާ ނިއުގިނީ ގައި ފޭސްބްކް މަނާކޮށްފި

އެއާ އިންޑިއާގެ ފްލައިޓެއް ފާޚާނާތައް ބްލޮކުވުމުން 10 ގަޑިއިރު ފަހުން އެނބުރި ފުރި މަންޒިލަށް

މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެމެރިކާއިން ޚިލާފުވުމުން ކެނެޑާއިން ދުނިޔޭގެ ވިޔަފާރި ޖަމިއްއޔާ އަށް

ޣައްޒާއާއި ގުޅޭގޮތުން އަރަބިންގެ ސިއްރު ބައްދަލުވުމެއް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
