މިއީ އަރަތަކަށްވުރެވެސް އޮޅުންބޮޅުން ބޮޑު ކަމެކެވެ. ހަގީގީ ސަރުކާރު ކެންޑިޑޭޓް ދެނެގަތުމެވެ. ޕީޕީއެމް ޕީއެންސީން ޕްރައިމަރީއެއް ބާއްވައިގެން ދާއިރާތަކަށް އެ ކޯލިޝަންގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ނަގާފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ހާއްސަ ލިސްޓަކަށް އެހެން ޕާޓީތަކުގެ މެންބަރުން ވެސް ހިމެނޭހެން "ރައީސްގެ ޗޮއިސް"ގެ ނަމުގައި ލިސްޓެއް ނެރެފިއެވެ. ތިމާގެ އަމިއްލަ ޕާޓީގެ ކެންޑިޑޭޓު ހުއްޓާ މުޅިން އެހެން ބަޔަކަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ ތާއީދު އަނބުރާލެއްވުމަކީ ސިޔާސީ ގޮތުން ހުށިޔާރު ލީޑަރަކު ކުރައްވާޒާތުގެ ކަމެއް ނޫނެވެ.
މިސާލެއްގެ ގޮތުން ތ. ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް ވާދަކުރާ ތިމަރަފުށީ ޒުވާނަކީ އެރަށުގެ ގިނަ ޒުވާނުން އޭނާއާ ބައިއަތު ހިފާފައިވާ އަދި ޕީޕީއެމް ޕީއެންސީގެ ހަރަކާތްތަކުގައި އިސް މުހިއްމު ދައުރެއް އަދާކޮށްފައިވާ އަދި މިހާރުވެސް އަދާކުރަމުން ގެންދާ ސިޔާސީ އެކްޓިވިސްޓެކެވެ. ސިޔާސީ ވެށީގެ މަޝްހޫރު ނަމުންނަމަ އެއީ ސަންޓޯއެވެ.
ސަންޓޯގެ ކެމްޕެއިން އެންމެ ފޯރިގަދަވި ވަގުތު ކުއްލި އަކަށް ފެނުނީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ އަރިސް ދެ މިނިސްޓަރަކު ތިމަރަފުއްޓަށް ވަޑައިގެން، ރައީސުލްޖުމްހޫރިއްޔާގެ ކެންޑިޑޭޓަކީ ސަންޓޯ ނޫން ކަމަށާއި އެއީ ތިމަފުށީ ދާއިރާގެ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒުކަމަށް އިއުލާނު ކުރެއްވިތަނެވެ. އަހުމަދު ރިޔާޒަކީ ކާނަލް ނާޒިމް ޕާޓީގެ މެންބަރެކެވެ. ޑރ. މުޢިއްޒުގެ އަރިސް ދެ ވަޒީރުންގެ ކުއްލި ދަތުރަށް ފަހު އަހުމަދު ރިޔާޒުގެ ކެމްޕޭނުގެ މައިގަނޑު ސްލޯގަންއަކީ ސަރުކާރުގެ އަސްލު ކެންޑިޑޭޓެވެ. ޑރ. މުއިއްޒުގެ ކެންޑިޑޭޓެވެ.
ރާއްޖޭގެ އެކި ހިސާބުތަކުން މިމަންޒަރު ފެންނަމުން އެބަދެއެވެ. ސަރުކާރުގެ އަސްލު ކެންޑިކޭޓަކީ ކޮބައިކަން އޮޅި ސަޕޯޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ކިތަންމެ ދާއިރާއެއް އެބައޮތެވެ.
ދާދިފަހުން ޑރ. އަނާޒާ އާންމު ކިރެއްވި ޕޯސްޓަރެއްގައި ވެސް "ޑރ. މުއިއްޒުގެ ކެންޑިޑޭޓް" ބޮޑުކޮށް ޖަހާފައިވެއެވެ.
ސިޔާސީ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ އެއް މަގަކުން ހިނގާ، އެއް ފިކުރަކަށް ތާއީދުކުރާ، އެއް އަމާޒަކަށް ވާސިލްވެވޭތޯ މަސައްކަތްކުރަމުން ގެންދާ ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުން އެކަހެރިކޮށް އެހެން ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓަށް ފާޅުގައި ރައީސުލްޖުމްހޫރިއްޔާ ތާއީދުކުރެއްވުމަކީ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނަށް ދެވުނު ކިލަނބު މެސެޖެކެވެ.
މި ވަރުން އަދި ނިމުނީކީ ނޫނެވެ. ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ލީޑަރޝިޕްގެ އެކިއެކި ބޭފުޅުންގެ ތާއީދާއެކު ފެކްޝަންތަކަށް ބެހިފައިވާ ސިއްރުން ހިންގާ ވަރުގަދަ ހަނގުރާމައެއް ފަދަ ކަމަކަށް އޮތީ ވެފައެވެ. ނައިބް ރައީސްގެ ތާއީދު އޮތް ކަމަށް ބެލެވޭ ބައެއް ކެންޑިޑޭޓުން ބާކީ ކޮށްލުމުގެ ފިކުރެއް ލީޑަރޝިޕުގެ މެދުގައި އޮތީ ފެތުރިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ސީނިއަރ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ވެސް އޭނާގެ ރުހުމާއި ތާއީދު އޮތް ލިސްޓެއް އެބަ ގެންގުޅުއްވައެވެ. އަދި ރައީސްގެ އަރިސް ބައެއް ބޭފުޅުން ގެންދަވަނީ އަބްދުއްރަހީމްގެ ބާރު ކަނޑުވާލުމަށްޓަކައި، އޭނާއަށް ތާއީދުކުރާ ނޫނީ އޭނާގެ ލިސްޓުގައިވާ ކެންޑިޑޭޓުންނާ ދެކޮޅަށް ފާޅުނުވެ ތިބެ ކެމްޕޭން ކުރައްވަމުންނެވެ. އަބްދުއްރަހީމާ ދެކޮޅު ފެކްޝަނުގެ އިސް ބޭފުޅެއްގެ ގޮތުގައި އަޑު އަރާފައި އޮތީ މ. ދިއްގަރު ދާއިރާއަށް ކުރިމަތިލައްވައިގެން ކެމްޕޭން ކުރައްވަމުން ގެންދަވާ އެދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްއެވެ.
"ނާޒިމްވެސް ޔާމިން ވެސް ވަރަށް މަސައްކަތްކުރާނެ އަހަންނަށް ކެހިދޭން. އެވަރު ވިސްނައިގެން މިހުންނަނީ. އަހަރެންނާ ރައީސް ޑރ. މުއިއްޒުއާ ދެމެދު އޮތް ގާތް ގުޅުން ހަޖަމް ނުކުރެވޭ ބަޔަކު ލީޑަރޝިޕްގައި އެބަތިބި. އެމީހުން ބޭނުންވޭ އަހަރެން ފޭލްކޮށްލަން." އަބްދުއްރަހީމް އޭނާގެ ޒަމާންވީ އެކުވެރިއަކާ ދެއްކެވި ވާހަކައެއްގައި ވަރަށް ސާފުކޮށް ވިދާޅުވެފައިވެއެވެ.
ޕީޕީއެމް ޕީއެންސީގެ ކޯލިޝަންގެ ބައިބައިވުންތައް ފާޅުގައި ފެންނަން ފަށާނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހުއެވެ. މިވަގުތު ސަރުކާރާއި ސަރުކާރުގެ އިދާރާތަކާއި ސަރުކާރުގެ ވެރިންގެ ތާއީދު ސީދާކޮށާއި ނުސީދާކޮށް ހޯދަން ބޭނުންވާތީ އެކޯލިޝަން ކެންޑިޑޭޓުން އެތިބެނީ މަޑުންނެވެ. އެހެންނަމަވެސް އިންތިހާބު ނިމުމުން އުދާސްތައް ބަނދުންކޮށްލާނެ ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ.
ލީޑަރޝިޕްގެ ބައިބައިވުންވެސް އެހިސާބުން ފާޅުވާނެއެވެ. އިންތިހާބުގައި ވާދަކޮށް ސަރުކާރުގެ އެކަށީގެންވާ ތާއީދު ނުލިބިގެން ފޭލްވެއްޖެނަމަ އެކެންޑިޑޭޓާއި ސަޕޯޓަރުންގެ ހިތްހަމަ ނުޖެހުން އިންތިހާއަށް ބޮޑުވެގެންދާނެއެވެ. ބޮޑަށް ބެލެވެނީ އެބައިބައިވުމުގެ އެޑްވާންޓޭޖް އެންމެ ބޮޑުވާނީ ރައީސް ޔާމީނަށް ކަމެކެވެ. އެމަނިކުފާނުގެ ޕާޓީގައި މިވަގުތު ތިބީ ތިން ހާހެއްހާ މެމްބަރުން ކަމުގައި ވީނަމަވެސް، އިންތިހާބަށް ފަހު އެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.







