މާލެ: 31°C

75 ބިލިއަން ޔޫރޯގެ ފޭކްބޭހުގެ މާކެޓުގެ ނުރައްކާ ދިވެހިންނަށް އިންތިހާއަށް ބޮޑު

February 20, 2024
3 ފަހަރު ބަލާފައި
75 ބިލިއަން ޔޫރޯގެ ފޭކްބޭހުގެ މާކެޓުގެ ނުރައްކާ ދިވެހިންނަށް އިންތިހާއަށް ބޮޑު
75 ބިލިއަން ޔޫރޯގެ ފޭކްބޭހުގެ މާކެޓުގެ ނުރައްކާ ދިވެހިންނަށް އިންތިހާއަށް ބޮޑު

އޭޝިޔާގައި ފޭކް ބޭހުގެ ވިޔަފާރިއަކީ ވަރަށް ފުޅާ އަދި އެހާމެ ނުރައްކާ ހާލަތެއްގައި އޮތް ވިޔަފާރިއެވެ. އިންޑިޔާއާއި ބަންގަލަދޭޝް އާއި ޕާކިސްތާނާއި ނޭޕާލުގެ ބައެއް ހިސާބުތަކުގައިވެސް މި ހަރަކާތްތައް ފުޅާ ދާއިރާއެއްގައި ހިންގައެވެ. މެލޭޝިޔާ އާއި އިންޑޮނޭޝިޔާ އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގައިވެސް ކައުންޓަރފީޓް ޑްރަގްސްގެ ނުރައްކާ އޮތީ ފެތުރިފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ބޭހުގެ މާކެޓުގައި ދައުރުވާ ބޭހުގެ 30 ޕަސެންޓަކީ ކައުންޓަރފީޓް މެޑިސިން ނުވަތަ ފޭކް ބޭހެވެ. އަދި އިންޓަނެޓުގެ ޒަރީރާއިން ގާނޫނާ ޚިލާފަށް ވިއްކަމުންގެންދާ ބޭހުގެ 50 ޕަސެންޓް އިންސައްތައަކީ ފޭކް ބޭހެވެ.

ލޮލަށް ފެންނައިރު އޮރިޖިނަލް ބޭސްތަކާ މާބޮޑު ތަފާތުތަކެއް ފާހަގަ ނުކުރެވުނަސް ކައުންޓަރފީޓް ބޭސްތަކަކީ އެބޭނުން ކުރުމުން އިންސާނުންގެ ހަށިގަނޑަށް ވަރަށް ބޮޑެތި ނުރައްކާ މެދުވެރިވާ ކަމެކެވެ. ގިނަ ފަހަރަށް އަސްލު ބޭހުގައި ހުންނަ ކެމިކަލް އިންގްރޭޑިއަންޓްސް ފޭކް ބޭސްތަކުގައި ނުހުރެއެވެ. ކުލައާއި ވަސް ސިފަ އެއްގޮތް ކުރުމަށް ބޭނުންކުރަނީ މަސްހުނިކޮށްފައި ހުންނަ އެކިޒާތުގެ ކުނޑިއާއި އަގުހެޔޮ ވިހައިގެ ބާވަތަތްކާއި އާޓިފިޝަލް ކުލައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދުނިޔޭގެ ބޭހުގެ ބާޒާރުގައި 75 ބިލިއަން ޔޫރޯގެ ކައުންޓަރފީޓް ޑްރަގްސް ދައުރުވެއެވެ. މިއީ ކޮކެއިން އާއި ހެރޮއިން ފަދަ ބާރުގަދަ މަސްތުވާތަކެތީގެ މާކެޓަށްވުރެވެސް އެއް ނަޒަރަކުން ބަލާއިރު ފުޅާ ވިޔަފާރިއެކެވެ. ނުރައްކާވެސް ވަކި ކުޑައެއް ނޫނެވެ.

ފޭކް ބޭސްތަކުގެ ޝިކާރައަކަށްނުވާ ގައުމެއް ދުނިޔޭގައި ނެތޭ ބުނުމަކުން ގޯހެއް ނެތެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ކައުންޓަރފީޓް ބޭސްތައް އެގައުމުތަކަށް އެތެރެވިޔަ ނުދިނުމަށް އަޅާފައި ހުންނަ ހުރިހާ ފިޔަވަޅުތަކެއް މުގުރާލައި، ފޭކް ބޭސްތައް އެ ގައުމުތަކަށް އެތެރެވެގެން ވަގަށް މާކެޓު ކުރެއެވެ. ފަޅާ އަރަނީ އެފަދަ ބޭސްތައް ކައިގެން ބައެއް މީހުންގެ ފުރާނައަށް ނުރައްކާ ހިސާބަށް ދިއުމުންނެވެ.

ރާއްޖޭގައިވެސް ދޭތެރެ ދޭތެރެއިން ފުޑްއެންޑް ޑްރަގް އޮތޯރިޓީގެ އެނައުންސްމަންޓްތައް ފޭކް ބޭހާ ގުޅިގެން އާންމުކުރުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެންމެ ފަހުން ދިވެހިން އެންމެ އާންމުކޮށް ބޭނުންކުރާ ޕެނަޑޯލްގެ ފޭކް ޝިޕްމަންޓެއް މާކެޓުގައި ދައުރުވާތީ ޕެނަޑޯލް ކެއުން ހުއްޓާލަން ވެސް އެ އޮޓޯރިޓީން އެންގިއެވެ.

އަވަށްޓެރި ގައުމުތަކަށް ބަލާއިރު އިންޑިޔާއާއި ޕާކިސްތާނާއި ބަންގްލަދޭސްގެ އިތުރުން ނޭޕާލު ފަދަ ބައެއް ގައުމުތަކުގައި ފޭކް ވިހަ ބޭސް ބޭނުންކުރުމުން އެތައް ބަޔަކު މަރުވުމުގެ ހާދިސާތައްވެސް ހިނގާފައި އެބަހުއްޓެވެ. މާބަނޑު މީހުން ބައިގެންދިއުމުގެ ހާލަތްތަކާ މެދުވެރިވެފައިވެއެވެ. ކުޑަކުދިންގެ ނޭވާލާ ނިޒާމާއި ކިޑްނީ ފަދަ މުހިއްމު ގުނަވަންތައް ފޫވެއްޓިގެން މަރުވެގެން ގޮސްފައި އެބަހުއްޓެވެ.

ރާއްޖޭގައި މިއީ އާދަޔާ ޚިލާފު ސަމާލުކަމެއް ދޭން ޖެހޭ ކަމަކަށް ހަދަން ވެއްޖެއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް އަޅާފައިވާ ވަރުގަދަ ފިޔަވަޅުތައް ކައުންޓަރފީޓް ނުވަތަ ފޭކް ބޭސް އެތެރެވުން ހުއްޓުވުމަށް ވެސް އަޅަން އެބަ ޖެހެއެވެ. މަޖުބޫރެވެ. އެއީ ދިވެހި އެންމެހާ ރައްޔިތުންގެ ފުރާނައިގެ ރައްކާތެރިކަމަށްޓަކައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ