މާލެ: 31°C

އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަކަށް ލިޒް ޓްރަސް

September 6, 2022
147 ފަހަރު ބަލާފައި
އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަކަށް ލިޒް ޓްރަސް
އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަކަށް ލިޒް ޓްރަސް
އިނގިރޭސި ވިލާތުގެ އައު ބޮޑުވަޒީރު ކަނޑައެޅުމަށް ވެރިކަން ކުރާ ކޮންޒަރވެޓިވް ޕާޓީގެ މެންބަރުންގެ މެދުގައި ނެގި ވޯޓު ޚާރިޖީ ވަޒީރު މޭރީ އެލިޒަބަތް ޓްރަސް ކާމިޔާބު ކުރައްވައިފިއެވެ. އިންތިޚާބުގައި ޓްރަސް ވާދަ ކުރައްވާފައި ވަނީ ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކްއާއެވެ. ޓްރަސް އިންތިޚާބު ކާމިޔާބު ކުރެއްވީ 57 އިންސައްތަ ތާޢީދާއެކުއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 172،437 މީހުންގެ ތެރެއިން ވޯޓުލީ މީހުންގެ ނިސްބަތަކީ 82.6 ޕަސެންޓެވެ. އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ބޮރިސް ޖޯންސަން މަގާމުން އިސްތިއުފާ ދެއްވީ، ޖުލައި ހަތް ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެ ގައުމަށް އާ ބޮޑުވަޒީރަކު އައްޔަން ކުރެވެންވެން އޭނާ ހުންނެވީ އެ މަގާމުގައެވެ. އިންތިޚާބުގެ ނަތީޖާ އިޢުލާނު ކުރުމާ އެކު ޓްރަސް ވިދާޅުވީ، އިނގިރޭސިވިލާތަށް މި ވަގުތު ކުރިމަތިވެފައިވާ އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް ރޭވުންތެރިކަމާ އެކު ހަރުދަނާ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ. އަދި، ވަޢުދުވެ ވަޑައިގެންނެވި ގޮތަށް ޓެކްސް ނަގާ މިންވަރު ދަށް ކުރަން މަސައްކަތް ކުރައްވާނެ ކަމުގައި ވެސް ވިދާޅުވިއެވެ. މިހާރު އުމުރުފުޅުން 47 އަހަރުގެ ލިޒް ޓްރަސް އުފަންވެ ވަޑައިގަތީ 1975 ވަނަ އަހަރުއެވެ. އޭނާގެ ބައްޕާފުޅަކީ ހިސާބު ޢިލްމުވެރިއެކެވެ. އަދި، މަންމާފުޅަކީ ނަރުހެކެވެ. އޭނާ ވަނީ އޮކްސްފަޑް ޔުނިވަރސިޓީއިން ފަލްސަފާއާއި ސިޔާސަތާއި އިޤްތިޞާދީ ދާއިރާއިން މަތީ ތަޢުލީމު ހާސިލު ކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ