އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ކޮން ކެންޑިޑޭޓުންނެއްބާ؟

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރާނީ ކޮން ކެންޑިޑޭޓުންނެއްބާ؟
ލިޔުން:
2023 ގެ ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނަ އިރު މި އިންތިހާބުގައި ވާދަކޮށްފާނެ ކެންޑިޑޭޓުންނަށް ބަލާލަމާހެވެ. ދިވެހި ރާއްޖޭގައި އަދިވެސް އޮތީ މައިގަނޑު ދެ ޕާޓީއެވެ. އެއީ ޕީޕީއެމް އަދި އެމްޑީޕީ އެވެ. ދެ ޕާޓީގައިވެސް އެތެރޭގެ ވާދަ ވެރިކަން އޮތީ ވަރަށް ވަރުގަދަ ކޮށެވެ.
އެމްޑީޕީގެ އެތެރެއަށް ބަލާލާ އިރު ރައީސް ނަޝީދު ބަރުލަމާނީ ވާހަކަ ފުޅު ދައްކަވަނީ ރިޔާސީ ޓިކެޓްގެ ބޭނުމުގައިކަމަށް ފެނެއެވެ. އެހެނީ ބަރުލަމާނީ ނިޒާމުގެ އެންމެ އަސާސީ ސިފަތައްވެސް ރައްޔިތުންނަށް ތިލަކޮށް ނުދެއްވާ އިރު ބަރުލަމާނީ ގެންނަން ކުރާ އެއްވެސް ސިދާ ހަރަކާތެއްނެތެވެ. ދާދި ފަހުން އެމްޑީޕީން ބޭއްވި ކޮންގްރެސްގައި ރައީސް ނަޝީދު ހުށައެޅުއްވި ބަރުލަމާނީ ޤަރާރު ވޯޓަށް އެހުމުގެ ކުރިން ވަނީ އަނބުރާ ގެންދަވާފައެވެ. ނަމަވެސް ރައީސް ނަޝީދު ރިޔާސީ ރޭހުގައި ނުވަތަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމުގެ ކުލަވަރު ދަނީ ފެންވަމުންނެވެ.
ރައީސް ސޯލިހު ވެސް ހުންނެވީ އެއްފަރާތަކަށް ޖެހިވަޑާއިގަންނަވާކަށް ނޫންކަން އެމަނިކުފާނު ކުރައްވާ ބުރަމަސައްކަތާ އަދި ކެތްތެރިކަމުންވެސް ހާމަވެއެވެ. އެމަނިކުފާނު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާންވެސް ކުރައްވާފައެވެ.
ދެން އެމްޑީޕީގައި ހުންނެވީ މިވަގުތު ދުނިޔޭގެ އެންމެ އިތްޒަތްތެރި އެއް މަގާމުގައި ހުންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހާއެކު ދެން ވާދަކުރުން އެންމެ ގާތީ ރައީސް ނަޝީދުގެ ފަހުން އަބްދުﷲ ޝާހިދެވެ. ދިވެހި ރާއްޖޭގައި ވެރިކަން ލިބެނީ އެންމެ ގިނަ ޕާޓީތަކެއް އެއްކޮޅަށް އަރާ ފަރާތަކަށެވެ. ނަމަވެސް އެމްޑީޕީ ޓިކެޓް ރައީސް ނަޝީދަށް ލިބި ވަޑައިގެންފިނަމަ ގިނަ ޕާތީތަކެއް އެމްޑީޕީ ފަހަތައް އަރާ ކޯލިޝަން ހަދާފާނެތޯ ސުވާލު އުފެދެއެވެ.
އިދިކޮޅު ޕީޕީއެމްގައިވެސް ވަރުގަދަ ފެކްޝަންތަކެއް އުފެދިފައިވާއިރު ރައީސް ޔާމީން 2023 ގައި ރިޔާސީ ރޭހެއް ރުޅިވެރިކަމާއި ބަދަލުހިފުމުގެ ރޫހެއްގައި ނުކުތުމުން ލިބިވަޑައިގަންނަވާނީ ކިހާ ވަރެއްގެ ކާމިޔާބީ އެއްކަމެއް އަންދާޒާ ކުރަން ދައްޗެވެ. އަދި ރައީސް ޔާމީނުގެ ފަހަތަށް އިތުރު ޕާޓީތަކެއް އަރާފާނެތޯ ސުވާލު އުފެދެއެވެ. ކޮންމެ ގޮތެއް ވިޔަސް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލާ ރައީސް ޔާމީނަށް ވަނީ ދީފައެވެ. ނަމަވެސް މިވަގުތުވެސް އެމަނިކުފާނުގެ ޖިނާއީ ބޮޑު މައްސަލައެެއްގެ ޝަރީއަށް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.، އަދި އިތުރު މައްސަލަތައް ފުލުހުން ގެންދަނީ ތަހުޤީޤުވެސް ކުރަމުންނެވެ. ކޯޓުގައި އޮތް މައްސަލަ ސާބިތުވެއްޖެ ނަމަ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ އެވެ. ރައީސް ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި ޕީޕީއެމްގެ ޓިކެޓް ހޯދަން މަސައްކަތް ކުރާ ކެންޑިޑޭޓުން ވަރަށް ގިނައެވެ. މީގެތެރޭގައި ކުރީގެ ރައީސް ޑރ. ވަހީދު، ކުރީގެ ނައިބްރައީސް ޑރ. ޖަމީލު، ޤައްސާން މައުމޫން، މުޙައްމަދު ސައީދު، އާދަމް ޝަރީފް އަދި ޑރ. މުޙައްމަދު މުއިއްޒު ހިމެނެއެވެ. މި ބޭފުޅުން ވަކިވަކި ފެކްޝަންތައް ހަދައިގެން މިހާރުވެސް ގެންދަވަނީ ކެމްޕެއިން ކުރައްވަމުނެވެ.
ޖޭޕީ އިން ގާސިމާއި އެމްއެންޕީ އިން ކާނަލް ނާޒިމް އަދި ސަންޓްރެވަލް ޝިޔާމްވެސް ރިޔާސީ ރޭހައް ޝައުގުވެރިވެ މިހާރު ވަނީ ކެމްޕެއިން ފައްޓަވާފައެވެ.
ކޮންމެއަކަސް 2023 އަށް ސިޔާސީ ކުޅިބައި އެތުރޭގޮތް ވަރަށް ކައިރިން އިރުވަރު ނޫހުން މިދަނީ ބަލަމުންނެވެ. ކިޔުންތެރިންނަށް މީގެ ސިޔާސީ ސިލްސިލާ އާޓިކަލްތަކެއް ގެނެސްދެމުން ގެންދާނަމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިމާރާތްކުރިއިރު ކޮމާޝަލް ސްޕޭސް ނުލީ އަދި ލިފްޓް މަދީ، ގާބިލްކަން ނެތީމަތަ؟ އިހްލާސްތެރިކަން ނެތީމަތަ؟

އެސްޑީއެފްސީ ހިއްސާގަތުމުގެ ނަމުގައި ދިވެހިންގެ ބޭންކުން އުޅެނީ ސަރުކާރު ހިންގަން ފައިސާ ދޭންތަ؟

އެއް މިނިސޓަރީން މީހުން ހެޕީތޯ ބަލާއިރު، އަނެއް މިނިސްޓަރީން މީހުންގެ ހަނދާން އެއްކުރަނީ

ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އެނގެންޖެހެނީ ކިހާ މިންވަރަކަށް

އިންސްޓެންޓް ނޫޑްލްސް މިއީ ކެއުން ހެޔޮވާވަރު އެއްޗެއްތަ؟

ބަރުދަން ލުއިކުރުމަށް ހިނގަންވީ ބާރަށްތަ ނުވަތަ ގިނައިރުތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
