ހިޔާ ފްލެޓްގެ ޖޯލިފަތި ސައްލާ 1

ހިޔާ ފްލެޓްގެ ޖޯލިފަތި ސައްލާ 1
ލިޔުން:
ކޮންމެ ހުކުރު ދުވަހަކީ ހިޔާ ފުލެޓްގެ ތިރީގައި ހުންނަ ޖޯލިފަތީގައި މަޑުކޮށްލާ ދުވަހެކެވެ. މިދިޔަ ހުކުރު ދުވަހެވެ. އަހަރެން ގޮސް އިށީނީ ފެލްޓް ހަތަކާއި އަށަކާ ދެމެދުގައި އޮންނަ ހުސް ޖާގައިގައި ބަހައްޓާފައިވާ ޖޯލިފަތިތަކުގެ ތެރެއިން ޖޯއްޔެއްގައެވެ. އޭރުވެސް އެތަނުގައި އުމުރުން ދުވަސްވީ ހަތަރު މީހުން ތިއްބެވެ. ކުޑަ އިރުކޮޅަކުން އެއައީ އެހިސާބުގައި ނަގާކިޔާއުޅޭ މެދުއުމުގެ މީހަކެވެ. އޭނާ ޖޯލިފަތީގައި އިށީނދެފައި އެފެށީ ސަރުކާރުން ބަންކަރިންގެ ޚިދުމަތް ފެށިވާހަކައެވެ. އޭނާ އެކަމާ ކުރީ ޒާތަކަށް މަލާމާތެވެ. ވަރަށް ސާކާސްޓިކް ގޮތަކަށެވެ.
"ރާއްޖޭގެ ރިސޯޓްތައްވެސް ހުއްޓާލަނިއްޔޯ، ބޯޓު ފަހަރަށް ތެޔޮ އަޅައިދީގެން މާގިނަ ޑޮލަރު ލިބެޔޯ. މިހާރުވެސް ތެޔޮއަޅަން ކިޔޫހަދާފައިވާ ބޯޓުތައް މަލިކާ ހަމައަށް ދެމިގެން ގޮއްސިޔޯ. އެހާވެސް ތަރުހީބު ބޮޑު. މިހާރު އިންޑިއާއި ލަންކާ އާއި ސިންގަޕޫރުންވެސް ބަންކަރިންގެ ކަންތައް ހުއްޓާލަން ވިސްނަނީ ރާއްޖެއިން އެކަން ޖެއްސިލެއް ވަރުގަދަ ކަމުން،" އޭނާ ފައްޗަކަށް އަމުނާލިއެވެ. "ރަސްމާލެވެސް ފެށީ ފަތުއަޑު ކިޔާފަ، އަޑީ ޓަވަރުތައްވެސް އަޅާ ގޮތަށް. ހަމަ ތޮޅިއަށް، ހޮޅިއަށް ވެގެން ގޮސް އެކަންވެސް އޮބުނީ. މިއަދު ތިޔަފެށި ބަންކަރިން ކަންތައްވެސް އަދި ފެންނަނީ ހަމަ ޖަމަލު ފޮޑިއެއް ގޮތަށް. މާއާރުލާ ތަނެއް ނުފެނޭ. ވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު."
އެކަމާ އެހެން މީހަކު ނުރުހިއްޖެއެވެ. އޭނާ ބުންޏެވެ؛ "ކަލޭމެންނަށް ކަމެއް ކުރިއަސް ގޯސް. ނުކުރިއަސް ގޯސް. ސަލާމަތް އެއްގޮތްވެސް ނެތް. ސަރުކާރުން އެބުނަނީ ކުޑަކޮށް ފެށިއަސް އެކަން ފުޅާކޮށް ވަރުގަދަކުރާނަމޭ. އަހަރެމެން ކަހަލަ ގައުމަކަށް މިވަރުވެސް ރަނގަޅު މިވަގުތަށް. އެކަންވެސް ކާމިޔާބު ވެއްޖެއްޔާ އެވާހަކަވެސް ހަމަ ތިގޮތަށް ދައްކާތި. އެދުވަހުން އަނގަ މަޑުން ލައިގެން ނުހުންނާތި. އެއީ ކަލޭމެން އަޅަން ފެށި ބުރިޖަށް ވީގޮތް. ފެނުން މައްޗަށް ދެތިން ތަނބެއް ޖެހުނީ، ކޮބާ އެވާހަކަވެސް ދައްކާލަބަލަ."
ޖޯލީގައި އޭނާއާ ޖެހިގެން އޮތް މީހާ އެވާހަކައިގެ ތެރެއަށް ވަނެވެ.
"އާނ ޗައިނާ މީހުން އެ ބްރިޖް އެޅި ގޮތަކަށް އިންޑިއާ މީހުންނަކަށް އެކަމެއް ނުވާނެ. އެތަނުގައި ދަތުރުކުރަންވެސް މީހުން ބިރުގަންނާނެ،" އޭނާ ބުންޏެވެ. "ގައިމު ބުނާތީ އިވޭ، ތިޔަ ބަންކަރިން ކަންތައްވެސް އެކުރަނީ ބޭރުގެ ވަރަށް ބޮޑު ކުންފުންޏަކާ ގުޅިގެންނޭ. އެމީހުން އެކަން ކާމިޔާބުކުރަން ވަރަށް މަސައްކަތްކުރާނެ ކަމަށް ހަބަރުގައި ގޮވި."
އެސައްލާ އަޑުއަހަން ޖޯލިފަތިތައް ކައިރީގައި މާނޫންގޮތަކަށް ހުއްޓިލައިގެން ހުރި މީހަކު ކަރުކެހިލާފައި ވާހަކަ ދައްކަން ފެށިއެވެ.
"އަސްލު މި ގައުމުގައި މިހާރު އޮތީ ހުސް ދުލިގަނޑެއް. ކާޑުބަލި ޖެހިފައިވާ ބަކައްޓެކޭ އެއްގޮތް. ލާރިކޮޅު ކާލައި، މުޅި ގައުމު މިއޮތީ އަނދަވަޅަކަށް ވައްޓާލާފަ. އެކަމުން އަރައިގެނެވޭނީ ބޯޓް ފަހަރަށް ތެޔޮވެސް އަޅައިދީގެން. ފެންވެސް ވިއްކައިގެން. ދެން ވެސް ލާރި ލިބޭނެ ހުރިހާ ކަމެއް ކޮށްގެން. އެމްޑީޕީ މީހުންނަށް ނޯންނާނެ ކަމުދާ އެއްގޮތެއްވެސް. އެކަމަކު އަހަރެމެން މިގައުމާ މެދު ވިސްނާލީމަ އަސްލު ދެރަވޭ،" އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ.
މިހިސާބުން އަނެއްކާވެސް އެފެށީ ފުރަތަމަ ވާހަކަ ދެއްކި މީހާއެވެ.
"ހަމަ ކަމެއް ވާއިރަށް އެމްޑީޕީ. ތީ ކަލޭމެންގެ މައްސަލައަކީ އަހަރެންވެސް މިދައްކަނީ މީހުން ދައްކާ ވާހަކަ. އެތަންތަނުން އަޑުއިވިފަ ހުރި ވާހަކަ. އިންޑިއާ މީހުން އަޅާ ބުރިޖުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. އަދި އެތަން ފެންވަރު ދެރައެއްވެސް ނުވާނެ. އިންޑިއާއޭ ބުނީމަ ކަލޭމެނަށް ހީވަނީދޯ އެއީ މާކަޑަ ބައެކޭ. އެތާނގަވެސް ވަރުގަދަ ކުންފުނިތައް އެބަހުއްޓޭ،" އޭނާ ބުންޏެވެ.
ކުއްލިއަކަށް މައުލޫ ބަދަލުކޮށްލީ ހުރިހާ ވާހަކަތަކެއް ދެއްކިއިރިވެސް ބަހެއްވެސް ނުބުނެ އޮތް އުމުރުން އެންމެ ދުވަސްވީ މީހާއެވެ.
"މިތަނުގައި 20 ރަށުގެ މީހުން އެބަ ދިރިއުޅޭ. މިތަނަށް އެކަށީގެންވާ މިސްކިތެއް ނެތް. ފްލެޓްތަކުގެ މަރާމާތުގެ ކަންކަން ބަރާބަރަކަށް ނުދޭ. ދޭތެރެ ދޭތެރެއިން ކަރަންޓާ ފެން އެބަ ކެނޑޭ. ލިފްޓްގައި ބަޔަކު ތާށިވެގެން އުޅެން ޖެހިދާނެ. މި މައްސަލަތަކުގެ ވާހަކަ ދައްކާބަލަ. ކަލޭމެން އެންމެންވެސް ތިއުޅެނީ މިތާނގަ. މިތަންތަން ވީރާނާވާން ދޫކޮށްލާފަ ހުރިހެން އަހަންނަށް ހީވަނީ. އަޅާލުމެއް ނުފެކޭ،" ނުރުހުމުގެ ރާގަކަށް އޭނާ އަމުނާލިއެވެ.
މިއީ ހިޔާގެ ޖޯލިތަކުން ކޮންމެ ދުވަހަކުވެސް އިވޭނެ ސައްލާއެކެވެ. އެކި މީހުން އެކި މައުލޫއެވެ. އެކި ދުވަހު އެކި މީހުންނެވެ. އެކަމަކު އަޑުއަހާލަން ޖޯލީގައި މަޑުކޮށްލުމަކީ އަހަރެން ފިސާރި ޝައުގުވެރިވާ ކަމެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
