ފުލުހުންގެ މުވައްސަސާއަކީ ސަމާސާއެއްނޫން، ނުކުޅޭތި ބޭހާ ބަޑި

ފުލުހުންގެ މުވައްސަސާއަކީ ސަމާސާއެއްނޫން، ނުކުޅޭތި ބޭހާ ބަޑި
ލިޔުން:
ފުލުހުންގެ މުޅި މުވައްސަސާގެ ކަރާމާތަށް ގެއްލުންވާފަދަ ކަންކަން ކުރުމަކީ ދޫކޮށްލެވޭ ވަރަށްވުރެ ސީރިއަސްކަން ބޮޑު ކަމެކެވެ. ފުލުހުންގެ ތަހުގީގު ބަޔާނެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ތަހުގީގު ރިޕޯޓަކީ އެކަމުގައި އެއްވެސް އަސްލެއް ނެތް ދޮގު ރިޕޯޓެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން އަބްދުލްގައްޔޫމާ ގުޅޭ ގޮތުން ފުލުހުން އެކުލަވާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާއަށް އާންމުކޮށްލި ރިޕޯޓުގައި ކޮށްފައިވާ ސޮއިތަކަކީ ފޯޖްކޮށްފައިވާ ސޮއިތަކެއް ކަމަށްވެއެވެ. މިކަމާ ގުޅޭ ތަހުގީގު ފުލުހުން ފަށައި ސޯޝަލް މީޑިއާގެ އެކްޓިވިސްޓް ތޮއްޔިބު ޝަހީމުގެ ފޯނާއި ލެޕްޓޮޕާއި ބައެއް ޕެންޑްރައިވާއި ހާޑް ޑިސްކެއް ކޯޓް އަމުރެއްގެ ދަށުން ފުލުހުން ވަނީ ހިފަހައްޓާފައެވެ. އެތަކެތީގެ ފޮރެންސިކް ތަހުގީގެއް ފުލުހުން އެބަ ކުރިއަށް ގެންދެއެވެ.
މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމެއްގައި ހިނގާދިޔަ ކަމެއް ނަމަ އެއަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ތިބޭނީ ހައްޔަރުކޮށްފައެވެ.
"އެއީ ވަރަށް ސީރިއަސް ކަމެއް. ފުލުސް އޮފިސަރުންގެ ނަމާއި ސޮއި ފޯޖްކޮށްގެން ރިޕޯޓެއް ހަދައި މުޖުތަމައުގައި ފަސާދައާ ބިރުވެރިކަން އުފެއްދުމަށް ބޭނުންކުރުމަކީ ބަޑިބޭހާ ކުޅުންފަދަ ނުރައްކާތެރިކަމެއް. އެއީ ސަމާސާއަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން. އެހެން ގައުމެއްގައި ނަމަ އެކަން ކުރި މީހުން މިހާރު ތިބޭނީ ހައްޔަރުކޮށްފަ. އެއީ ފުލުހުންގެ މުވައްސަސާގެ ސީރިއަސްކަން ކޮމްޕްރޮމައިޒް ކުރުވާނެ އަމަލެއް. ރައްޔިތުންގެ ހިތުގައި ފުލުހުންނާމެދު ޝައްކުގެ ނަޒަރުން ބަލާނެ ކަމެއް. އެވަރުގެ ގެއްލުމެއް ފުލުހުންނަށް ދިން ބަޔަކު ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ،" ރިޓަޔަރ ކުރައްވާފައިވާ ކުރީގެ ޕޮލިސް އޮފިސަރަކު ވިދާޅުވިއެވެ.
މި ރިޕޯޓް އުފެއްދުމުގެ އަޑީގައި ތިބީ ކުރީގެ ފުލުސް އޮފިސަރުން ތަކެކެވެ. އެންމެ ފަހުގެ ކަމިޝަނަރ އޮފް ޕޮލިސްއަށް ވެސް ތުހުމަތުގެ އިނގިލި ދިއްކުރެވެއެވެ. އެ ލިސްޓްގައި އިތުރު ހަތަރު އޮފިސަރުންވެސް ހިމެނެއެވެ.
ކޮންމެ ބަޔަކު ކުރިކަމުގައިވިއަސް ފުލުހުންގެ ލޯގޯއާއި ތައްގަނޑާއި ފުލުސް އޮފިސަރުންގެ ސޮއި ފޯޖްކޮށްގެން ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ދޮގު ރިޕޯޓެއް ހަދައި އާންމު ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީންވެސް ބަލަން ޖެހޭނެ ކަމެކެވެ. ކީއްވެގެން ހެއްޔެވެ؟ މިފަދަ ކަންކަމަކީ ގައުމީ ސަލާމަތަށް ސީދާ ގޮތުން ނުރައްކާ ވެދާނެ ކަމަކަށްވާތީއެވެ.
މި ރިޕޯޓަށް ވާހަކަ ދެއްކި ކުރީގެ ފުލުސް އޮފިސަރު ވިދާޅުވި ގޮތުގައި ދުލުހުންގެ މުވައްސަސާއިން ސިއްރުޖަހާފައިވާ އެއްވެސް ލިޔުމެއް ލީކުކޮށްލުމަކީ ތަހުގީގު ނުކޮށް ދޫކޮށްލާވަރުގެ ކަމެއް ނޫނެވެ. އަދި ވަކިން ހާއްސަކޮށް އެއީ ދޮގު ރިޕޯޓެއް ނަމަ އެތަހުގީގު އަވަސްކޮށް އެއަމަލު ހިންގި މީހުންނާމެދު ފިޔަވަޅު އެޅުންވެސް އަވަސްވާން ޖެހެއެވެ.
"އެއީ މުޅި ފުލުހުންގެ މުވައްސަސާގެ ހައްގުގައި، ރައްޔިތުންގެ ހައްގުގައި ފިޔަވަޅު އަޅަން ޖެހޭ ކަމެއް. މޫނަކަށް ކަނދުރާއަކަށް ނުބަލައި ހަރުކަށި ކަމާއި ސާބިތު ކަމާއެކު ފިޔަވަޅު އަޅަން ޖެހޭ ކަމެއް. އެއަމަލު ހިންގި ބަޔަކު އެކަމުގެ ހިތި ނަތީޖާއާ ކުރިމަތިލާން ޖެހޭނެ. އެހެންނޫނީ މާދަމާ އަނެއްކާ އެހެން ބަޔަކު މިއަށްވުރެ މާސިރިއަސް މައުލޫއެއްގައި ރިޕޯޓެއް ލިޔެ އާންމުކޮށްފާނެ،" އިރުވަރަށް މައުލޫމާތު ދެއްވަމުން ކުރީގެ ޕޮލިސް އޮފިސަރު ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ މުވައްސަސާއަކީ ސަމާސާއެއް ނޫނެވެ. ޖޯކެއް ނޫނެވެ. ބޭނުން އިރަކު ބޭނުން ބަޔަކު ބޭނުންވާ ގޮތަކަށް އެމުވައްސަސާގެ ނަމުގައި ދޮގު ރިޕޯޓުތައް ހަދައި މުޖުތަމައު ފަސާދަ ކުރުމަށް ޖާގަ ދޭނެ މުވައްސަސާއެއްވެސް ނޫނެވެ. އެފަދަ ކޮންމެ އަމަލަކާ ފުލުހުން ކުރިމަތިލާނީ ހަރުކަށިކަމާއި ސާބިތުކަމާއެކުގައެވެ. އެކަމުގައި ވަކި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބަލާނެ ކަމެއް ނެތެވެ. އަވަހަށް ފިޔަވަޅު އަޅުއްވާށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
