ވެރިކަމުގައި ހުންނެވީ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެމަނިކުފާނުގެ ނާއިބަކީ އަހުމަދު އަދީބުއެވެ. އޭރު ސިޔާސީ ގޮތުން އެންމެ ވިދުން ގަދަ ޒުވާން ތަރިއަކީ އަދީބުއެވެ. އޭނާ ފާހަގަ ކުރެވިފައިވަނީ މުރާލި، ކަންކަން ތަންފީޒު ކުރުމުގައި ހުށިޔާރު އަދި އިންވެސްޓަރުން ހޯދުމުގައި ތޫނުފިލި ޕޮލިޓީޝަނެއްގެ ގޮތުގައެވެ. ކުއްލިއަކަށް ރައީސް ޔާމީން އަދީބުއާ ނުރުހިއްޖެއެވެ. ދެން އެގޮވީ ރައީސްގެ ރަސްމީ ލޯންޗުކޮޅެވެ. އެންމެނަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް ރާވާފައިވާ ޕްލޮޓެއް ކަމަށް ރައީސްގެ ފަރާތްޕުޅުން މީޑިއާގައި އާންމުކޮށް ފުލުހުންނާއި ސިފައިން އެންމެ މަތީ އެލާޓަށް ގެނައިމައެވެ. އެރޭވުމުގެ އަޑީގައި ހުންނެވީ ނާއިބް ރައީސް އަހުމަދު އަދީބުކަމަށް ރައީސްއަށް ފެނިވަޑައިގެންނެވުމުން އަދީބު ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން ފެށިއެވެ. އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލަވެސް ރައީސް ޔާމީން އެދަނޑިވަޅުގައި ކަނޑުއްވާލެއްވީ އަދީބުގެ ބޮލަށެވެ.
އޭރު އޮތީ ޕީޕީއެމްގެ ވެރިކަމެކެވެ. މިހާރު އޮތް ޕީއެންސީގެ ވެރިކަމުގެ އިސް ސަފު އެއްކޮށް ތިއްބެވީ ރައީސް ޔާމީންގެ އަރިހުގައެވެ. އޭރު އަދީބަކީ ހާއިނެއް ކަމަށް އެވެރިން އަޑުހަރުކޮށް ވާހަކަދައްކަވަމުން ގެންދެވިއެވެ.

އޭރުވެސް އަދީބު ވިދާޅުވަމުން ގެންދެވީ ފިނިފެންމާ ގޮވުމުގެ ހާދިސާއާ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެމަނިކުފާނު ހުންނެވީ ސިޔާސީ ބޭނުމެއްގައި ޖިނާއީ މައްސަލައެއްގެ ތުހުމަތުކޮށް ފްރޭމްކޮށްފައެވެ.
މިވާހަކަތަކަށް ބާރުލިބޭ ގޮތަށް އަދުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވެނީ ފިނިފެންމާ ލޯންޗުގެ ހާދިސާއަކީ ޔާމީން އަމިއްލަފުޅަށް ކުޅުއްވި ގޭމެއްގެ ކަމަށެވެ. އެކަން އެގޮތަށް ބެލެވޭ ކަމަށް ވަރަށް ސާފުކޮށް އޭނާ ވިދާޅުވިއެވެ.
މިހާ ހިސާބުން އެކަމަށް ބާރުލިބޭ ގޮތަށް ދައުލަތުން އަމަލުކޮށްފައިވާ ގޮތަށް ބަލާލަން ޖެހެއެވެ. ފިނިފެންމާ ލޯންޗުގައި ގޮއްވާލުމަށް ބޮމެއް ތައްޔާރުކޮށްދިން ކަމަށް ސިފައިންގެ މީހަކު އިއުތިރާފުވިއެވެ. އަދި އެކަމުގައި އިތުރު ދެމީހަކު ބައިވެރިވާ ކަމަށްވެސް ހެކިބަސް ދިނެވެ. އެހެންނަމަވެސް ބޮން ހެދިމީހާ ކުއްލިއަކަށް "ގެއްލުނެ"ވެ. އޭނާގެ މައްޗަށް ދައުވާއެއްވެސް ނުކުރިއެވެ.
ދެން އޮތީ، އާމަރީން ހަތިޔާރު ބޭރުކުރުމާއި ބޮންގޮއްވުމުގެ ކަންކަމުގައި އަދީބުއަށް އެހީތެރިވެދިންކަމުގެ ތުހުމަތުގައި ޖަލުގައި ބަންދުކުރި ކުރި ސިފައިން އޮފިސަރު ޕާޕާއެވެ. މިހާރު އޭނާއަކީ ޔާމީންގެ ޕްރޮންޓް އޮފީސް ޖަލްސާތަކުގައި ޔާމީންގެ އެންމެ އަރިހުގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން އެކަކެވެ. ޔާމީން އަވަހާރަކޮށްލަން ރާވައި، ލޯންޗުކޮޅުގައި ބޮންގޮއްވުމާއި އާމަރީން ހަތިޔާރު ބޭރުކޮށްފައިވާ ގައްދާރެއް މިހާރު ޔާމީންގެ އެންމެ ގާތް މީހުންގެ ތެރޭގައި ހިމެނެނީ ކީއްވެހެއްޔެވެ؟
މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ޔާމީން ސިފަކުރައްވަނީ ވަރަށް ޒާތީ އަދި އަމިއްލ އެދުން ބޮޑު، ގޮތް ދޫނުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. އެހެންކަމުން އަދީބުއާމެދު އޮންނަނީ ޒާތީ ދުޝްމަންކަމެއް ކަމަށް ބެލުމުގެ ޖާގަ ވަރަށް ތަނަވަހެވެ. އަދި އަދީބުގެ ސިޔާސީ ވިދުން ގަދަވާން ފެށުމުން އެކަމާ ދުޝްމަންވެ، އަދީބު ސިޔާސީ ގޮތުން ކަތިލެއްވީ ކަމަށް ދެކޭނެ ޖާގަވެސް އެބައޮތެވެ.

ދެން އޮތީ ލޯންޗް ގޮވި ހާދިސާގައި ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމަށް އަނިޔާވެވަޑައިގެން ފަރުވާ ހޯއްދެވީ ކޮންކަމަށްތޯ އުފެދޭ ސުވާލެވެ. އައިޖީއެމްއެޗުގައި އެކަމުގެ ތަފްސީލް އެއްވެސް ލިއުމެއް ފެންނާކަށް ނެތެވެ. މިއީ ސުވާލު ނުއުފައްދާ ދޫކޮށްލަން ޖެހޭ ކަމަކަށްވުރެ މާސީރިއަސް މައްސަލައެކެވެ.
ލޯންޗްގޮވި ހާދިސާ އަސްލަށްވުރެ ބޮޑުކުރަން ރައީސްގެ އިރުޝާދުގެ ދަށުން ބަޔަކު މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެއީ އެހާދިސާގެ ވީޑިއޯ ރޭގަނޑެއްގައި އާންމުކުރިއިރު އެވީޑިއޯއިން ގޮވުމުގެ އަލިފާން ފެނެއެވެ. އެހެންނަމަވެސް ފަހުން އާންމުވި ވީޑިއޯ ކްލިޕުން އެ އަލިފާނެއް ނުފެނެއެވެ. މިނިވަންއިން ބެލި ބެލުމުން އެނގުނީ އެއީ ޓީވީގެ ޓެކްނީޝަނެއް ލައްވާ ހެދި ވީޑިއޯއެއްކަމެވެ.
މީގެ އިތުރުން އެ ހާދިސާ ހިނގިއިރު ލޯންޗްގައި އޭރު ހުންނެވި ރައީސް ޔާމީންގެ ޕްރެސް ސެކްރެޓަރީ އިބްރާހިމް މުއާޒް އަލީ ވަނީ އެހާދިސާގައި އެއްވެސް މިންވަރަކަށް ލޯންޗުގެ އެއްވެސް ތަނަކުން އަލިފާން ފެނިފައިނުވާ ކަމަށް އާންމު ޓީވީގައި ބުނެފައެވެ. އަދި ޔާމީންގެ ވެރިކަން ބަދަލުވުމާއެކު، އޭނާ ވަނީ އަދީބުގެ ކިބައިން މައާފަށްވެސް އެދިފައެވެ. އެވަގުތާ ޖެހެންދެން އެހާދިސާއާ ބެހޭ ގޮތުން ރައީސް ޔަމީންގެ އިރުޝާދުގެ ދަށުން މީޑިއާއަށް އެންމެ ގިނަ މައުލޫމާތު އަދީބުއާ އެހާދިސާއާ ގުޅުވައިގެން ހިއްސާކުރީ އޭނާއެވެ.
އެހެންކަމުން އަބްދުއްރަހީމް ވިދާޅުވިގޮތަށް ފިނިފެންމާ ލޯންޗު ގޮވުމުގެ ހާދިސާއަކީ ރައީސްޔާމީން ކުޅުއްވި ސިޔާސީ ޑްރާމާއެކެވެ. މިހުރިހާ ކަމަކުންވެސް އެނގިގެންދަނީ އެހާދިސާއާ އަދީބުއާ ގުޅުމެއް ނެތް ކަމެކެވެ. އެހެންވެ އަދީބުގެ އެދުވަހުގެ ވާހަކަ މިއަދު ގިނަ ބަޔަކު އެބަ ގަބޫލުކުރެއެވެ.