މާލެ: 31°C

ބީއެމްއެލްގެ ކާޑުތަކުގެ ލިމިޓަށް ގެނައި ބަދަލުގެ ސަބަބުން އާންމުން ނުރުހިފައި

August 25, 2024
2 ފަހަރު ބަލާފައި
ބީއެމްއެލްގެ ކާޑުތަކުގެ ލިމިޓަށް ގެނައި ބަދަލުގެ ސަބަބުން އާންމުން ނުރުހިފައި
ބީއެމްއެލްގެ ކާޑުތަކުގެ ލިމިޓަށް ގެނައި ބަދަލުގެ ސަބަބުން އާންމުން ނުރުހިފައި
އެކަކު ބުންޏެވެ؛ މިއީ ކޮވިޑް ދަތިހާލަތުގައިވެސް ބީއެމްއެލް ނުވެއްދޭހާ ދަށަށް ދިއުމަކީ ބަލައި ގެނެވޭނެ ކަމެއް ނޫނެވެ. ކީއްވެގެން ހެއްޔެވެ؟ އެއީ ބޭންކު އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް ޑޮލަރު ދޫކުރުމުގައި ގެނައި ބަދަލުގެ ސަބަބުންނެވެ. ކުރިން ކޮންމެ ޑެބިޓް ކާޑަކަށްވެސް މަހަކު 250 ޑޮލަރު ލިބެއެވެ. އަދި ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް އެ ލިމިޓް ވަނީ 700 ޑޮލަރާ ހަމައަށް މަތިކޮށްދީފައެވެ. ބައެއް މީހުންނަށް 1000 ޑޮލަރާ ހަމައަށް ވެސް ޑޮލަރުގެ ލިމިޓް ހަމަޖައްސައިދީފައި އެބަހުއްޓެވެ. އެހެންނަމަވެސް މިއަދުން ފެށިގެން އެހުރިހާ އިނާޔަތަކުން ދިވެހިން މަހުރޫމްވީއެވެ. "ނެޓްފެލިކްސް އަށާއި އެނޫންވެސް ސަބްސްކްރައިބް ކޮށްފައިވާ އޮންލައިން ސައިޓްތަކަށް ފައިސާ ކުދިކުދި އޮންލައިން ވިޔަފާރިތަކަށްވެސް ބީއެމްއެލްގެ ކާޑު ބޭނުން ކުރަމުން މިގެންދިޔައީ. މިހާރު ޖެހޭނީ ބޮޑު އަގުގައި ޑޮލަރު ގަނެގެން، ޑޮލަރު އެކައުންޓަކަށް ޖަމާކޮށްގެން އެކަންކުރަން. މިއީ ދިވެހި ބޭންކް މިއިން ދުވަހަކު ނުދާވަރަށް ދަށަށް ދިޔަކަން ކަޑަވަރުވި ކަމެއް،" މޫސާ ސާއިދު ބުންޏެވެ. ބޭންކުން ބުނަނީ އެބޭންކަށް ބޭނުންވާ ވަރަށް ޑޮލަރު ލިބުން އިންތިހާއަށް ދަތިވުމުގެ ސަބަބުން ބޭންކުގެ މަސްލަހަތަށްޓަކައި، ދުޅަހެޔޮކަމަށްޓަކައި އެބަދަލު ނުގެނެސްވާނެ އެއްވެސް ގޮތެއް ނެތިގެން ގެނައި ބަދަލެއް ކަމަށެވެ. ކާޑު ލިމިޓްތަކަށް ގެނެވުނު ބަދަލުތައް : • މިހާރު ދޫކޮށްފައިވާ ޑެބިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ. • މިއަދުން ފެށިގެން އަލަށް ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތައް: ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭނެ. • މިހާރު ދޫކޮށްފައިވާ ސްޓޭންޑަރޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތައް: މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރުން. އެހެންނަމަވެސް އާންމުން ގަބޫލުކުރަނީ ސަރުކާރުން ކާޑުގެ ލިމިޓް އުވާލުމަށް ވީވައުދު ނުފުއްދި އުޅެނިކޮށް ކުއްލިއަކަށް ބީއެމްއެލްއިން މިނެގި މޫވަކީ ހައިރާންކުރުވަނިވި މޫވެކެވެ. "ކަމަކު ނުދޭ. ކޮވިޑްގައިވެސް މިހާލަތަށް ބޭންކުގެ ކަންކަން ނުދޭ. މިސަރުކާރު އައިތާ ނުވަމަސް ނުވަނީސް ބީއެމްއެލްގެ ކާޑުތަކަށް އެއްވެސް ޑޮލަރެއް ނުލިބޭ ގޮތަށް ހަމަޖެއްސުމަކީ ވަރަށް ބޮޑު ފޭލްވުމެއް. ބޭންކު ސިޔާސީ ކޮށްފިކަން މިކަމުން ވަރަށް ބޮޑަށް އެބަ ދޭހަވޭ،" ހުސެއިން ޒުހުރީ، 30، ބުންޏެވެ. ކާޑުގެ ލިމިޓްތައް އުވާލުމަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ވައުދެކެވެ. ދާދި ފަހުންވެސް އެވައުދު ތަކުރާރުކުރައްވާފައިވެއެވެ. ރައީސްގެ އެވައުދު އެހެން އޮތް ނަމަވެސް ބޭންކުން މިއަދު ވަނީ އެއާ ދިމާއިދިކޮޅު ބޮޑު ނިންމުމެއް ނިންމާފައެވެ. ގިނަ ރައްޔިތުންނަށް އެކަމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވާނެ ނިންމުމެކެވެ. ބޭންކުގެ މި ނިންމުމާއެކު ކަޅުބާޒާރުގައި ޑޮލަރުގެ އަގު ވަނީ 19 ރުފިޔާއާ ގާތްކުރާ މިންވަރަކަށް އުފުލިފައެވެ. 18.8 ރުފިޔާއަށްވެސް ކޭޝް ޑޮލަރު ހޯދަން މިހާރު އުނދަގުލެވެ. މިއީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވާ ދިމާ އިދިކޮޅު ކަމެކެވެ. އެމަނިކުފާނު ވިދާޅުވެފައި ވަނީ ޑޮލަރުގެ ރޭޓް މިހާރު ހިފެހެއްޓިފައި ވާކަމަށާއި ދިވެހި ފައިސާ ވަރުގަދަވަމުން ދިއުމުގެ ސަބަބުން ޑޮލަރުގެ އަގު ދަށަށްދާ ކަމަށެވެ. މިއީ ވެސް ސޯޝަލް މީޑިއާގައި ސިޔާސީ އެކްޓިވިސްޓުން ސަރުކާރަށް ފާޑުކިއުމުގެ ގޮތުން ބޭނުންކުރަމުން އަންނަ ވީޑިއޯ ކްލިޕެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ