މާލެ: 31°C

ފަކުރުން މަރުވާވަރުގެ ބޮޑު އިހުމާލު

August 21, 2024
2 ފަހަރު ބަލާފައި
ފަކުރުން މަރުވާވަރުގެ ބޮޑު އިހުމާލު
ފަކުރުން މަރުވާވަރުގެ ބޮޑު އިހުމާލު
އެ ފޮޓޯތަކާއި ވީޑިއޯތައް ބެލުމުން ފަކުރުން މަރުވާވަރުވެއެވެ. ބިދޭސީން ދިވެހި އާންމު މާކެޓަށް ވިއްކަން ނެރޭ ކާބޯތަކެތި ތައްޔާރުކުރާ ތަންތަނެވެ. މުޑުދާރުކަން އިންތިހާއެވެ. ދުފާ ފޯއް ވިއްކަން ގެންދިއުމުގެ ކުރިން އެއެއްޗެހި އަތުރާފައި ހުންނަނީ ފާހާނާ އޮޅިގަނޑު ކައިރީގައެވެ. ފާހާނާގައި ދޮރެއް ނުރުހެއެވެ. ފާހާނާގެ ނުތާހިރުކަން ވެސް އިންތިހާއެވެ. ހަމަ ހަގީގަތުގައިވެސް ފަކުރުން މަރުވާވަރުވެއެވެ. ކުނޑިމަސް ވިއްކުމަށް މަސް ތައްޔާރުކުރުމަށްޓަކައި މަސް އަވީލަނީ ބުޅާސީލައި ހަދާ ފުރާޅުމަތީގައެވެ. އެއަށްފަހު ބްލެންޑަރުން ސީދާ ދަނީ ކުދި ޕެކެޓުތަކަށެވެ. އަހަރެމެން ފިހާރަތަކުން މިގެންނަނީ އެތަކެއްޗެވެ. ކަންމަތީ ފިހާރަތަކުން ވިއްކާ ބައެއް ބާވަތުގެ ހެދިކާ އާއި ބޭކަރީ އާއި ފާސްޓް ފުޑްގެ ބައެއް ބާވަތްތައް ތައްޔާރުކުރާ ބަދިގެތައް ފެނުމުން މޭނުބައިކުރެއެވެ. ހަމަ ހަގީގަތުގައިވެސް މިއީ ފަކުރުން މަރުވާވަރުގެ އިހުމާލުތަކެވެ. ބިލެތް ހުނީގެ ބަދަލުގައި ބިދޭސީން ވިއްކަނީ ކޯނީސް ޕައިޑަރުކަން ވެސް މިހާރުވަނީ ފަޅާއަރާފައެވެ. މިއިން ކޮންމެ ފޮޓޯގަނޑަކުން ކޮންމެ ވީޑިއޯއަކުން އަދި ކޮންމެ ވާހަކައަކުން ފެންމަތިވަނީ އާންމު ސިއްހަތުގެ ރައްކާތެރިކަމާމެދު ވަރަށް ވަރުގަދަ ސުވާލުތަކެވެ. މިހުރިހާ ކަމެއް ގުޅިފައިވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއެވެ. ހައްލު ނުކުރެވި ޒަމާންތަކަކަށް ދެމިގެން ގޮސްފައިވާ މިމައްސަލަތައް މިހާރު ތިލަވެގެން މިއުޅެނީ ހޯމް މިނިސްޓަރުގެ ސީދާ ބެއްލެވުމުގެ ދަށުން އިމިގްރޭޝަނުން ހިންގަމުން ގެންދާ ކާމިޔާބު ރޭޑްތަކުގެ ސަބަބުންނެވެ. އެއީ ޝުކުރު ހައްގު މަސައްކަތްތަކެކެވެ. މިހާ ހިސާބުން އިތުރު ސުވާލެއްވެސް އެބަ އުފެދެއެވެ. ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި އެފަދަ ތަކެތީގެ ސާފުތާހިރުކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފާރަވެރިވާން ޖެހޭ ސަރުކާރުގެ އިދާރާ ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީގެ މަސައްކަތަށް އިހުމާލު ވެފައިމިވަނީ ކިހާ ވަރަކަށްތޯއެވެ؟ މިކަމުގައި އެތަނުގެ ވެރިންނަށް ފިޔަވަޅު އަޅާކަށް ނުވޭތޯއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ