ބިރުބަލާއި ސަތޭކަ ރަންފައިސާފޮތި

ބިރުބަލާއި ސަތޭކަ ރަންފައިސާފޮތި
ލިޔުން:
އަކުބަރު ރަސްގެފާނުގެ ރަސްކަމުގެ ދުވަސްވަރު ބިރުބަލަކީ އެންމެ ހިކުމަތްތެރި ވަޒީރެވެ. އެހެންކަމުން ރަސްގެފާނުގެ އެންމެ އިސް ވަޒީރަކީވެސް އެއީ އެވެ. އެހެނަސް ރަސްގެފާނުގެ ޅިޔަނަކު އެ ވަޒީފާ ބޭނުންވެގެން އާދޭސް ދަންނަވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އޭނާއަށް އެ ވަޒީފާ ދެއްވައިފިނަމަ ބިރުބަލަށްވުރެ މާ ރަނގަޅަށް ޒިންމާތައް އަދާކުރާނެ ކަމުގެ ޔަޤީންކަން ވެސް ދެއެވެ.
ބިރުބަލާއި ހަމައަށް މި ޚަބަރު ދިއުމުން ވަގުތުން ވަޒީފާ ދޫކޮށްލައިފިއެވެ. އެއާއި އެކު ރަސްގެފާނުގެ ޅިޔަން މަނީކުފާނަށް ވަޒީފާ ލިބިވަޑައިގެންފިއެވެ. އެއްދުވަހަކު އެ ވަޒީރުގެ ހިކުމަތްތެރިކަމާއި ތޫނުފިލިކަން ވަޒަންކޮށްލެއްވުމަށް ރަސްގެފާނު ބޭނުންފުޅުވިއެވެ. ވަޒީރަށް 300 ރަން ފައިސާފޮތި ދެއްވާފައި ވިދާޅުވިއެވެ. " މި ފައިސާ މި ބުނާ ފަދައިން ޚަރަދުކޮށްފައި އައިސް ޚަރަދު ކުރިގޮތް އަހަންނަށް ކިޔައިދޭށެވެ! 100 ފައިސާފޮތި ޚަރަދު ކުރާނީ މިދުނިޔޭގައި އެއިން މަންފާއެއް ވާ ފަދައިންނެވެ. 100 ފައިސާ ފޮތި ޚަރަދު ކުރާނީ ޢާޚިރަތުގައި އެއިން ފައިދާވާ ފަދައަކުންނެވެ. ބާކީ އޮތް 100 ފައިސާފޮތި ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް ފައިދާއެއް ނެތް ގޮތަށެވެ."
ރަސްގެފާނު ވިދާޅުވިގޮތަށް އެ ފައިސާ ބާހާނެ ގޮތަކާއި މެދު ވަޒީރު ވަރަށް ވިސްނިއެވެ. ވިސްނާ ވިސްނާވެސް އެ ކަން އެގޮތަށް ކުރާނެ ގޮތުގެ އެއްވެސް ޚިޔާލެއް ނައެވެ. އެތައް ރެއެއްގެ ނިދި ބޭކާރުވެ ސިކުނޑި ސުމަކަށް ދިއުމުން އޭނާގެ އަންހެނުން އިރުޝާދު ދިނީ ބިރުބަލުގެ އެހީ ހޯދުމަށެވެ.
ބިރުބަލާއި އެވާހަކަ ހިއްސާކުރުމުން އެފައިސާތައް އެގޮތަށް ބަހައިދޭން އެއްބަސް ވިއެވެ. ބިރުބަލު އެ ފައިސާތައް ހިފައިގެން އަވަށުގެ މަގުތަކުގައި ހިނގަނީކޮށް އޭނާއަށް ފެނުނީ މުއްސަނދި ސައުދާގަރަކު އޭނާގެ ހުރި ހަމައެކނި ފިރިހެން ދަރިފުޅުގެ ކާވެނީގެ ހަފުލާ ބާއްވައިގެން އުޅޭ ތަނެވެ. ބިރުބަލް އެ ސައުދާގަރަށް 100 ރަންފައިސާ ފޮތި ދީފައި ބުންޏެވެ. " މިއީ ސައުދާގަރުގެ ދަރިފުޅުގެ ކައިވެނިގެ އުފަލުގައި ބައިވެރިވެ ވަޑައިގަތުމަށް އަކުބަރު ރަސްގެފާނު ދެއްވި ރަމްޒީ ހަދިޔާ އެކެވެ. ތިބާއަށާއި ދަރިފުޅަށް ހެޔޮއެދުންތައް ރަސްގެފާނު ފޮނުއްވިއެވެ. އަދި ހެޔޮ ދުޢާކޮށް ދެއްވިއެވެ." ސައުދާގަރު އެކަމަ ވަރަށް އުފާކުރެއްވިއެވެ. ރަސްގެފާނުގެ ފަރާތުން ހެޔޮދުޢާ ލިބުމުންނެވެ. ރަސްގެފާނުގެ ހެޔޮފުޅުކަން ހިތަށް އަރައި އަގުބޮޑު އެތައް ހަދިޔާއަކާއި އެތައް ރަންފައިސާފޮއްޗެއް ހިމެނޭހެން ބޮޑު ހަދިޔާ ފޮށްޓެއް ފޮނުވިއެވެ.
ބިރުބަލު ދެން ދިޔައީ ފަޤިރުން އުޅޭ ހިސާބު ގަނޑަށެވެ. އެތަނަށް ދިޔައީ 100 ރަން ފައިސާފޮތި ވިއްކާލުމަށްފަހު އެއަށް ލިބުނު ފައިސާއަށް ކާނާއާއި، އަންނައުނު ގަނެގެންނެވެ. އަދި ރަސްގެފާނުގެ ނަންފުޅުމަތީގައި އެތަކެތި ބަހާލިއެވެ. އެ ހަދިޔާ ލިބުނު ހުރިހާ މީހުންވެސް ރަސްގެފާނަށް ހެޔޮ ދުޢާ ކުރިއެވެ.
އަވަށަށް އައި މަގުމަތީގައި ބާކީ އޮތް 100 ރަންފައިސާފޮތި ވިއްކާލުމަށްފަހު އެއިން ލިބުނު ފައިސާއިން ބޮޑު މިޔުޒިކު ޝޯވއެއް ބޭއްވިއެވެ. އެޝޯއަށް މިޔުޒިކު ކުޅޭ މީހުންނާއި ނަށާ މީހުންވެސް ގެނައެވެ.
އޭގެ އަނެއް ދުވަހު އަކުބަރު ރަސްގެފާނުގެ ދަރުބާރަށް ބިރުބަލު ހާޒިރުވެ ރަސްގެފާނު، ވަޒީރާއި ހަވާލު ކުރެއްވި މަސައްކަތް ފުރިހަމަ ކުރިކަމަށް ދެންނެވިއެވެ. އެ ފައިސާ ޚަރަދު ކުރިގޮތް ރަސްގެފާނު ބައްލަވަން ބޭނުންފުޅުވުމުން ބިރުބަލު ދެންނެވިއެވެ. " ފުރަތަމަ 100 ފައިސާ ފޮތި ދިނީ ސައުދާގަރެއްގެ ދަރިފުޅުގެ ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައެވެ. މި ދުނިޔެ މަތީގައި ރަސްގެފާނަށް އޭގެ އަގު ލިބިވަޑައިގެންފިއެވެ. 100 ފައިސާ ފޮތީގެ ބަދަލުގައި އަގުބޮޑު އެތައް ހަދިޔާ އެކެވެ. ދެވަނަ ސަތޭކަ ފައިސާފޮތި ވިއްކާލުމަށްފަހު ލިބުނު ފައިސާ ޚަރަދު ކުރީ ރަސްގެފާނުގެ ނަމުގައި ފަޤީރުންނަށް ކާނާއާއި އަންނައުނު ފޯރުކޮށް ދިނުމަށެވެ. އެކަމުގެ ހެޔޮ ޖަޒާ އާޚިރަތުގައި މަނިކުފާނަށް ލިބިވަޑައި ގަންނަވާނެއެވެ. އެންމެ ފަހުން އޮތް 100 ފައިސާފޮތި ވިއްކާލައިގެން ލިބުނު ފައިސާ ޚަރަދު ކުރީ މިޔުޒިކު ޝޯވއެއް ބޭއްވުމަށެވެ. އެއަކުން މިދުނިޔޭގައިވެސް އަދި އާޚީރަތުގައިވެސް މަނިކުފާނަށް ފައިދާއެއް ނުވާނެއެވެ. " ބިރުބަލުގެ ވާހަކަތައް އިވުމުން ވަޒީރު އޭނަގެ ނާޤާބިލުކަން ޤަބޫލުކޮށް ވަޒީފާއިން ވަކިވެއްޖެއެވެ. އަދި ބިރުބަލަށް އަލުން ވަޒީފާ ލިބިއްޖެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިމާރާތްކުރިއިރު ކޮމާޝަލް ސްޕޭސް ނުލީ އަދި ލިފްޓް މަދީ، ގާބިލްކަން ނެތީމަތަ؟ އިހްލާސްތެރިކަން ނެތީމަތަ؟

އެސްޑީއެފްސީ ހިއްސާގަތުމުގެ ނަމުގައި ދިވެހިންގެ ބޭންކުން އުޅެނީ ސަރުކާރު ހިންގަން ފައިސާ ދޭންތަ؟

އެއް މިނިސޓަރީން މީހުން ހެޕީތޯ ބަލާއިރު، އަނެއް މިނިސްޓަރީން މީހުންގެ ހަނދާން އެއްކުރަނީ

ސަރުކާރުން ކުރާ ކަންކަން ރައްޔިތުންނަށް އެނގެންޖެހެނީ ކިހާ މިންވަރަކަށް

އިންސްޓެންޓް ނޫޑްލްސް މިއީ ކެއުން ހެޔޮވާވަރު އެއްޗެއްތަ؟

ބަރުދަން ލުއިކުރުމަށް ހިނގަންވީ ބާރަށްތަ ނުވަތަ ގިނައިރުތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
