މާލެ: 31°C

އާދަމް ޝަރީފު ލިޔުނު ޔަތީމެއްގެ ޑައިރީން ސަފުހާއެއް

August 14, 2024
2 ފަހަރު ބަލާފައި
އާދަމް ޝަރީފު ލިޔުނު ޔަތީމެއްގެ ޑައިރީން ސަފުހާއެއް
އާދަމް ޝަރީފު ލިޔުނު ޔަތީމެއްގެ ޑައިރީން ސަފުހާއެއް
މީލާދީން 1892ގައި ސްޓޭންފޯޑް ޔުނިވާސިޓީގައި ކިޔަވަން އުޅުނު 18 އަހަރުގެ ދަރިވަރަކު އޭނަގެ ޔުނިވާސިޓީ ފީ ދައްކާނެ ފަދައެއް ނެތި އެކަމުގައި އެތައް ބުރައެއް އުފުލިއެވެ. އެއީ ޔަތީމު ކުއްޖެކެވެ. ފައިސާ ހޯދާނެ ގޮތަކާއިމެދު ވިސްނާ ފިކުރުކުރަނިކޮށް ފައިސާ ހޯދާނެގޮތުގެ ވަރަށް މޮޅު ޚިޔާލެއް އައެވެ. އޭނާގެ ރަޙުމަތްތެރި އަކާއި ދެކުދިންވެގެން ޝޯވއެއް އިންތިޒާމު ކުރުމެވެ. އެ ޝޯގެ ޓިކެޓް ވިއްކައިގެން ލިބޭ ފައިސާއިން ކިޔެވުމުގެ ކަންކަމަށް ޚަރަދު ކުރުމެވެ. މި ޚިޔާލާ އެކު ދިޔައީ މަޝްހޫރު ޕިޔާނޯ ކުޅުންތެރިޔާ އިގްނެސީ ޖޭ. ޕެޑެރޫވްސްކީގެ އެހީ ހޯދުމަށެވެ. އޭނަގެ މެނޭޖަރު އެދުނީ ޝޯގައި ޕިޔާނޯ ކުޅެދިނުމުގެ އަގަކަށް 2000 ޑޮލަރު ދެއްކުމަށެވެ. މިގޮތަށް ދެ ކުދިންވެސް އެއްބަސްވެ ޝޯގެ އިންތިޒާމްތައް ހަމަޖައްސަން ފެށިއެވެ. ޝޯ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސް އައިސް ޖެހުނު އިރު ޓިކެޓް ވިއްކައިގެން އެކުދިންނަށް ޖަމާކުރެވުނީ 1600 ޑޮލަރެވެ. ލިބުނު މާޔޫސްކަމާއެކު ޕެޑެރޫވްސްކީ ގާތަށް ގޮސް ކަންތައްވީ ގޮތް އޮޅުން ފިލުވައި ދިނެވެ. ލިބުނު 1600 ޑޮލަރާއި އަދި އިތުރަށް ދައްކަން ޖެހޭ 400 ޑޮލަރަށްވާ ޗެކެއް ދިނުމަށް ފަހު ޝޯގައި ޕިޔާނޯ ކުޅެދިނުމަށް އެދި އާދޭސް ކުރިއެވެ. 400 ޑޮލަރު ކައިރި މުސްތަޤްބަލެއްގެ ތެރޭގައި ދައްކާނެ ކަމަށް ބުންޏެވެ. " ނޫން! ތިޔަ ޗެކު ޤަބޫލެއް ނުކުރެވޭނެ!" އެހެން ބުނުމަށް ފަހު ޗެކް ވީދާލިއެވެ. އަދި ފައިސާ އެކުދިންނާއި ހަވާލު ކުރިއެވެ. " މި ފައިސާ ތިޔަ ކުދިންގެ ކިޔެވުމުގެ ކަންތައްތަކަށް ޚަރަދުކުރަން ތިޔަކުދިންގެ އަތުގައި ބަހައްޓާ! އަހަރެން ތިޔަކުދިންނަށް ޓަކައި ތިޔަކުދިންގެ އެދުން ހާސިލުކޮށްދޭނަން!" ދެ ކުދިން ލިބުނު ހައިރާން ކަމާއެކު ޕެޑެރޫވްސްކީއަށް ޝުކުރު ދެންނެވިއެވެ. އެއީ އޯގާތެރިކަމުގެ ކުޑަކުޑަ މިންވަރެކެވެ. މިކަމުން އެނގިގެން ދިޔައީ އޭނާގެ ކިބައިގައިވާ އިންސާނިއްޔަތުކަމުގެ މަތިވެރި ސިފައެވެ.އޭނާ ނުވެސް ދަންނަ ދެ ބީރައްޓެހިންނަށް އެހީވާންވީ ކީއްކުރަން ހެއްޔެވެ؟ މިއީ އަހަރެމެންގެ ހަޔާތުގައި ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ ކަމެކެވެ. އަހަރެމެންގެ ތެރެއިން ގިނަ މީހުން ވިސްނާނީ އެމީހުންނަށް އެހީވެއްޖެ ނަމަ އަމިއްލަ ނަފުސަށް ވާނެ ގޮތަކާ މެދުގައެވެ. ތިމާއަށް ލިބޭނޭ ފައިދާ އަކާ މެދުގައެވެ. އެކަމަކު ރަނގަޅު މީހެއްނަމަ ވިސްނަން ޖެހޭނީ އޭގެ އިދިކޮޅަށެވެ. " އެ މީހުންނަށް އެހީ ނުވެއްޖެނަމަ އެމީހުންނަށް ވާނީ ކިހިނެއް ބާވައެވެ؟ " އޭގެ ބަދަލެއް ބޭނުމެއް ނުވާނެއެވެ. އެމީހުން އެކަން ކޮށްދޭނީ އެއީ އެކަން ކުރަން އޮތް އެންމެ ރަނގަޅު ވަގުތު ކަމުގައި ދެކި އުފަލުންނެވެ. ޕެޑެރޫވްސްކީ އަކީ ފަހުން ވަރަށް ވަރުގަދަ ސިޔާސީ ލީޑަރެކެވެ. އޭނާ ޕޮލެންޑުގެ ބޮޑުވަޒީރުކަމަށް އިންތިޚާބު ކުރެވުނެވެ. ނަސީބު ދެރަކަމުން ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި ޕޮލެންޑް ސުންނާފަތިވެ ގައުމުގެ ރައްޔިތުންގެ ތެރެއިން1.5 މިލިއަން މީހުން ބަނޑަށް ޖެހުނެވެ. އެމީހުންނަށް ކާންދޭނެ ތަނަވަސް ކަމެއް ޤައުމަކު ނެތެވެ. އެހީ ދޭނެ ފަރާތެއް ވޭތޯ ސަލާންޖަހަމުން އެކަމަށް މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް ޔޫއެސް ފުޑް އެންޑް ރިލީފް އެޑްމިނިސްޓްރޭޝަން ނަމަކަށް ކިޔާ ޖަމިއްޔާއަކުން އެހީ ދޭކަން އެނގި ވަޑައިގެން އެ ޖަމިއްޔާގެ އިސްވެރިއެއް ކަމަށްވާ ހާބާރޓް ހޫވަރ އަށް ގުޅުއްވިއެވެ. ހޫވަރ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ އެތައް ހާސް ޓަނެއްގެ ކާބޯތަކެތި ޕޮލެންޑަށް ފޮނުވައިދެއްވިއެވެ. ގައުމުގެ ރައްޔިތުން ބަނޑުހައިހޫނުކަމުން ސަލާމަތް ކޮށްދެއްވީތީ އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ޕެޑެރޫވްސްކީ އެމެރިކާއަށް ވަޑައިގެން ހޫވަރ އާއި ބައްދަލު ކުރެއްވިއެވެ. ހޫވަރ އަށް ޝުކުރުދަންނަވަން ފެއްޓެވުމުން ހޫވަރ ވިދާޅުވިއެވެ. " މަނިކުފާނު އަޅުގަނޑަށް ޝުކުރުދަންނަވާކަށް ނުޖެހޭނެއެވެ. މަނިކުފާނަށް އަޅުގަނޑު މިއީ ކާކުކަން ނޭނގުނު ނަމަވެސް މީގެ އެތައް އަހަރެން ކުރިން އަޅުގަނޑުގެ ތަޢުލީމު ފުރިހަމަ ކުރުމަށް މަނިކުފާނުވަނީ ވަރަށް ދީލަތި އެހިތެރިކަމެއް ވެދެއްވާފައެވެ." މި ބިންމަތީގައި ލައްވާފައިވާ އެއްވެސް އެއްޗަކީ އޭގެ އަމިއްލަ ފައިދާއަށް ލައްވާފައިވާ އެއްޗެއް ނޫނެވެ. ކޯރުތަކުގެ ފެން ބޮނީ އެ ކޯރުތަކެއް ނޫނެވެ. ގަސްގަހާގެހީގެ މޭވާ ކަނީ އެ ގަސްގަހާގެއްސެއް ނޫނެވެ. އިރުން ހޫނު އުފައްދަނީ އިރަށް ހޫނުކުރާކަށް ނޫނެވެ. މާމަލުން މީރުވަސް ފަތުރަނީ އޭގެ އަމިއްލަ ޒަމީރަށް މީރުވަސް ދުއްވާކަށް ނޫނެވެ. ދުނިޔެއަކީ އަޖައިބުން ފުރިގެންވާ ތަނެކެވެ. ތިބާއަށް ކުޅަދާނަކަން ލިބިގެންވީ މިންވަރަކުން އެހެން މީހުންނަށް އެހީތެރިވެދޭށެވެ. އެއީ އަތުން ބީވެގެންދާ އެއްޗެއް ނޫނެވެ. އެހެންމީހުންނަށްޓަކައި ދިރިއުޅުމަކީ އަހަރެމެންނަށް ނުކުރެވޭ އެހެނަސް ދަސްކުރަންޖެހޭ ކަމެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ