މާލެ: 31°C

ޔޫނުސް މިއަދު ބަންގްލަދޭޝްއަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ، ޖަލު ހުކުމް ވަނީ ބާތިލްކޮށްފައި

August 8, 2024
2 ފަހަރު ބަލާފައި
ޔޫނުސް މިއަދު ބަންގްލަދޭޝްއަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ، ޖަލު ހުކުމް ވަނީ ބާތިލްކޮށްފައި
ޔޫނުސް މިއަދު ބަންގްލަދޭޝްއަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ، ޖަލު ހުކުމް ވަނީ ބާތިލްކޮށްފައި
ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސް މުޝީރުގެ ގޮތުގައި ޢައްޔަން ކޮށްފައިވާ މުޙައްމަދު ޔޫނުސްގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމެއް, އެ ޤައުމުގެ ކޯޓަކުން ބާޠިލު ކޮށްފިއެވެ. ބަންގްލަދޭޝްގައި ވަގުތީ ސަރުކާރެއް އެކުލަވައިލާފައި ވަނީ ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނެވި ޝައިޚް ޙަސީނާ އިސްތިޢުފާ ދެއްވައި, ޤައުމު ދޫކުރައްވައި އިންޑިޔާއަށް ވަޑައިގެންނެވުމުންނެވެ. އޭނާ އިސްތިޢުފާ ދެއްވީ, އޭނާގެ ސަރުކާރާ ދެކޮޅަށް ޖުލައި މަހުން ފެށިގެން ކުރަމުން ދިޔަ މުޒާހަރާތަކާ ގުޅިގެންނެވެ. ޙަސީނާގެ ސަރުކާރު ވެއްޓުމުން އެކުލަވައިލި ވަގުތީ ސަރުކާރުގެ އިސް މުޝީރެއްގެ ގޮތުގައި ޔޫނުސް ޢައްޔަން ކޮށްފައި ވަނީ މުޒާހަރާގެ ބައިވެރިންގެ އެންގުންތަކަށް ބޯލެނބުމުގެ ގޮތުންނެވެ. މުޒާހަރާތައް އިންތިޒާމު ކުރާ ޙަރަކާތުން ވަނީ ޔޫނުސްގެ ބައިވެރިވުން ނެތް އެއްވެސް ސަރުކާރެއް ބަލައިނުގާންނެ ކަމަށް ބުނެ, އިންޒާރު ދީފައެވެ. ޙަސީނާގެ އިސްތިޢުފާގެ އިތުރުން, ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލިސް ވެސް އުވައިލާފައި ވަނީ މުޒާހަރާގެ ބައިވެރިންގެ އެންގުމާ އެއް ގޮތަށެވެ. ޔޫނުސްގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ޖަނަވަރީ މަހުއެވެ. އޭނާގެ މައްޗަށް ސާބިތު ކޮށްފައި ވަނީ ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފުވުމުގެ ކުށެވެ. އެ ގޮތުން, އޭނާ އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ ގްރާމީން ޓެލެކޮމްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އެ ޤާނޫނުގެ ދަށުން އުފައްދަން ޖެހޭ ވެލްފެޔަރ ފަންޑު އުފައްދާފައި ނުވާ ކަމަށް ކޯޓުގައި ވަނީ ސާބިތު ކޮށްފައެވެ. ނަމަވެސް, ކަފާލާތުގެ ދަށުން މިނިވަންވުމުން އޭނާ ވަނީ ބޭސްފަރުވާއަކަށް ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހަށް ވަޑައިގަންނަވާފައެވެ. އޮގަސްޓު 8ވަނަ ދުވަހު އޭނާ ދާކާއަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ. ޢުމުރުން 84 އަހަރުގެ ޔޫނުސަކީ, ބަންގްލަދޭޝްގެ ފަގީރު ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެ ގޮތުން, އޭނާގެ ގްރާމީން ބޭންކުން ވަނީ ފަޤީރު ޢާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް 100 ޑޮލަރުން ދަށުގެ ކުދި ލޯނު ދޫކުރުމުުގެ ޕުރޮގުރާމެއް ހިންގާފައެވެ. ޔޫނުސާއި ގްރީމަން ބޭންކަން ނޮބެލް ސުލްޙައިގެ އިނާމު ލިބިފައިވާ އެ ޕުރޮގުރާމާ ގުޅިގެންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ