ޔާމީންގެ ފްރޮންޓް އޮފީހުގައި އެބާއްވަމުން ގެންދަވާ ޖަލްސާތަކަކީ ސިޔާސީ ގޮތުން ބަލާއިރު ޑރ. މުއިއްޒުއަށް ކުރިމަތިވާ ބޮޑު ޕްރެޝަރެކެވެ.
ކޮންމެ ޖަލްސާއެއްގައި ކަހަލަ ގޮތަކަށް ރައީސް އަބްދުﷲ ޔާމީން މައިކް ނަންގަވައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވަމުން ގެންދަވައެވެ.
އެންމެ ހޫނުކޮށް ރައީސް ޑރ. މުއިއްޒުއަށް ފުރަތަމަ ހަމަލާ އަމާޒުކުރެއްވީ ރާއްޖޭގެ އިގްތިސާދީ ހާލަތާ ބެހޭ ގޮތުން ސަރުކާރުން ދެއްކެވި ވާހަކަތަކުގެ ސަބަބުންނެވެ.
ރައީސް ޔާމީން އޭރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ސަރުކާރުގެ އިދާރާތަކުން ހާމަކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ސަރުކާރުން ދެން އިތުރަށް ކުރިއަށް ދެވެން އޮތީ ސަޕްލިމެންޓަރީ ބަޖެޓެއް ވީއެންމެ އަވަހަކަށް ފާސްކޮށްގެންނެވެ.
އަދި ދައުލަތް ހިންގަވަނީ ފައިސާ ޗާޕު ނުކޮށް ކަމަށް ޑރ. މުއިއްޒު ވިދާޅުވާ ވިދާޅުވުން ރައީސް ޔާމީން ވަނީ ދޮގު ކުރައްވާފައެވެ. ސަރުކާރުން ހާމަކުރައްވާފައިވާ ހިސާބުތަކަށް ހަވާލާ ދެއްވައި، ޔާމީން ވިދާޅުވީ ސަރުކާރުން މަރުކަޒީ ބޭންކުން ކުރުމުއްދަތުގެ ލޯނު ނަގައިފި ކަމަށާއި އެއީ ފައިސާ ޗާޕުކުރުން ކަމަށެވެ.
އެމްއެމްޕީއާރްސީގެ މައްސަލަ ބައްލަވައި އެކަމުގައި ޝާމިލްވާ މީހުންނާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވެފައި ވާތީ އެކަމަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވީ މުޢިއްޒުގެ އެވާހަކައަށް ޕީއެންސީގެ ކުރީސަފުގެ ބޭފުޅުން އުފާނުކުރައްވާނެ ކަމަށެވެ. އަދި ޗެލެންޖު ކުރައްވަމުން ވިދާޅުވީ ޑރ. މުޢިއްޒުއަށް އެމްއެމްޕީއާރްސީގެ މައްސަލަ ނުބެއްލެވޭނެ ކަމަށެވެ.
އެއަަށް ފަހު އެންމެ ފަހުން ރައީސް ޔާމީން ވަނީ ޑރ. މުއިއްޒުގެ ނަފްސާނީ މައްސަލަ ހުރި ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. އެއީ ޑރ. މުއިއްޒުގެ އެންމެ މުހިއްމު އެއް މަޝްރޫއުކަމުގައިވާ ރަސްމާލެ ހިއްކުމުގެ ކަންކަން ކުރިއަށްދާ ގޮތުންނެވެ.
ޔާމީން ވިދާޅުވީ ނަފްސާނީ އިލްމުގެ ތެރެއިން މިމައްސަލައިގައި ރައީސް މުއިއްޒުއަށް އޮލްޓަނޭޓިވްއެއް ހޯދަން ޖެހޭ ކަމަށެވެ. ރައީސް މުއިއްޒުއަކީ ގަސްތުގައި އިތުރުފުޅު ހައްދަވާ ބޭފުޅެއް ކަމުގައިވާނަމަ މައްސަލައެއް އެބަ އުޅޭ ކަމަށާއި ނަފްސާނީ އިލްމުގެ އަލީގައި މިކަން އޮޅުންފިލުވައިދެވޭނެ ކަަމަށް ވިދާޅުވި އެވެ.
ނަފްސާނީ ދެ ބައްޔެއްގެ ނަން ރައީސް ޔާމީން ގެންނެވި އެވެ. އެއް ބައްޔަކީ ބައި ޕޯލާ އެވެ. އަނެއް ބައްޔަކީ ސްކިޒޯފްރެނިއާ އެވެ. ޔާމީން ވިދާޅުވީ، ރައީސް ދެފަހަރު ދެގޮތަށް ވާހަކަ ދައްކަވާނަމަ ނުވަތަ އެއްފަހަރު ދައްކަވާ ވާހަކަ އަނެއް ފަހަރު ހަނދުމަފުޅު ނުހުންނަނަމަ ނަފްސާނީ މައްސަލައެއް އުޅޭ ކަމަށެވެ.
މިދިޔައީ ވަރަށް ސީރިއަސް ހިސާބަކަށެވެ. ރައީސް ޔާމީން ވަރަށް ސާފުކޮށް އެވިދާޅުވަނީ ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންވާ ސިފަތަކުން ސިފައެއް ޑރ. މުޢިއްޒުގެ ކިބައިން އުނިވެއްޖެ ކަމަށެވެ.
މިކަންކަމާ ޕީއެންސީން ނުވަތަ ޑރ. މުޢިއްޒުގެ ފަރާތުން ރައީސް ޔާމީނަށް ރައްދުދޭނީ ކިހިނެއްބާވައޭ ހިތަށް އަރައެވެ. މިރޭ ޕީއެންސީގެ ހަރުގެ ޖަލްސާއެއް އެބައޮތެވެ. ފަހަރުގައި ޔާމީނަށް ކުރުދޮށިން ވެސް ދީފާނެއެވެ. ބަލަން ތިބެމާ ހިނގާށެވެ.