ތަޖުރިބާކާރުން ދެކެނީ ބަޑީގެ ހަމަލާއަށް ފަހު ޓްރަމްޕްގެ ތާއިދު އިތުރަށް ބޮޑުވާނެ ކަމަށް

ތަޖުރިބާކާރުން ދެކެނީ ބަޑީގެ ހަމަލާއަށް ފަހު ޓްރަމްޕްގެ ތާއިދު އިތުރަށް ބޮޑުވާނެ ކަމަށް
ލިޔުން:
ނޮވެމްބަރު މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދިން ބަޑީގެ ހަމަލާގެ ސަބަބުން އޭނާގެ ތާޢީދު އިތުރަށް ބޮޑުވެގެން ދާނެ ކަމަށް ތަޖުރިބާކާރުން ބުނަން ފަށައިފިއެވެ. އެމެރިކާގެ ބައެއް ސީނިއަ ނޫސްވެރިންގެ ނަޒަރުގައި މިހާރުވެސް ޓްރަމްޕް އުޅުއްވަނީ މިހާރުގެ ރައީސް ޖޯ ބައިޑަންއަށްވުރެ 30 ޕަސެންޓް ކުރީގައެވެ. އެއީ އިންތިހާބުގެ ކުރިން ކެންޑިކޭޓުންގެ މަގުބޫލުކަން ބަލާ ފޯމިއުލާތަކުން އެކި ގޮތްގޮތަށް ބެލުމުންވެސް ޓްރަމްޕްގެ ސަޕޯޓް ދައްކާތަނެއް ނުފެންނާތީ ކަމަށް އެފަރާތްތަކުން ދެކެއެވެ.
ޓްރަމްޕަށް އަމާޒުކޮށް ޙަމަލާ ދީފައި ވަނީ ޕެންސިލްވޭނިޔާ ސްޓޭޓްގެ ރަށެއް ކަމުގައިވާ ބަޓްލަރގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަން ހުއްޓައެވެ. މިއީ, ޓްރަމްޕް އަވަހާރަ ކޮށްލަން ދިން ޙަމަލާއެއްގެ ގޮތުގައި ތަޙުޤީޤު ކުރަމުންދާ ކަމުގައި, ޓްރަމްޕްގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ގެންދިޔަ ސީކްރެޓް ސަރވިސުން ބުންޏެވެ.
މި ޙަމަލާގައި ޓްރަމްޕް ޒަޚަމްވެ ވަޑައިގަތެވެ. "ބަޑީގެ އުންޑައިގެ ސަބަބުން އަޅުގަނޑުގެ ކަނާތު ކަންފަތުގެ މަތި ކަފައިގެން ގޮސް ޒަޚަމުވި،" ސޯޝަލް މީޑިޔާ މަންސަ ޓްރުތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވިއެވެ. މަންޒަރު ފެނުނު މީހުން ބުނީ, ޓްރަމްޕަށް އަމާޒުކޮށް ބަޑީގެ ޙަމަލާތައް ދީފައި ވަނީ ކެމްޕޭން ޖަލްސާގައި އޭނާ ވާހަކަފުޅު ދައްކަވަން ފެއްޓެވިތާ ގިނަ އިރުތަކެއް ފާއިތު ނުވަނީސް ކަމުގައެވެ.
ބަޑީގެ އަޑަށް ފަހު ދެން ފެނިގެން ދިޔައީ, ޓްރަމްޕް އޭނާގެ ކަނާތު ކަންފަތުގައި އަތް އެޅުއްވި މަންޒަރު ކަމަށާއި, އަދި އަތްތިލައަށް ބައްލަވައިލެއްވުމަށް ފަހު އޭނާ ކުޑަކަކޫ މައްޗަށް ތިރިވެ ވަޑައިގެންނެވި ކަމުގައެވެ. އެ ވަގުތު ސީކްރެޓް ސަރވިސްގެ އެޖެންޓުން ވަނީ ޓްރަމްޕް ވަށައިލުމަށް ފަހު, އޭނާ އެ ތަނުން ގެންދިޔުމުގެ މަސައްކަތް ފަށާފައެވެ.
ސީކްރެޓް ސަރވިސް އެޖެންޓުން ޓްރަމްޕް ކާރަކަށް އަރުވައިގެން ގެންދިޔުމުގެ ކުރިން އޭނާ ވަނީ އޭނާއަށް ތާޢީދު ކުރާ މީހުންނަށް އަތުން އިޝާރާތް ކުރައްވައި, "ތަޅާ, ތަޅާ, ތަޅާ،" މިހެން ވިދާޅުވެފައެވެ. ސީކްރެޓް ސަރވިސުން ބުނީ, ޓްރަމްޕަށް ޙަމަލާ ދިނުމުގައި ބައިވެރިވެފައިވާ ކަމަށް ބެެލެވެނީ އެންމެ މީހެއް ކަމަށާއި, އެ އިދާރާގެ އެޖެންޓުން ދިން ރައްދު ޙަމަލާތަކުގައި އެ މީހާ މަރައިލާފައިވާނެ ކަމުގައެވެ. ބަޑީގެ ޙަމަލާތަކުގައި ޖަލްސާގެ އެއް ބައިވެރިއަކު މަރުވެފައިވާ ކަމަށާއި, އިތުރު ދެ މީހަކަށް އަނިޔާވި ކަމުގައި ވެސް އެ އިދާރާއިން ބުންޏެވެ.
ޓްރަމްޕް އަވަހާރަ ކޮށްލަން މަސައްކަތް ކުރި މީހާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ. އަދި, އޭނާގެ ޙަމަލާތަކުގެ ފަހަތުގައި އޮތް ސަބަބު ވެސް ދެނެގަނެވިފައެއް ނުވެއެވެ. މި ޙަމަލާއާ ގުޅިގެން ރިޕަބްލިކަން ޕާޓީގެ އިތުރުން ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ވެރިން ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ޓްރަމްޕްގެ ކެމްޕޭން އޮފީހުން ބުނީ އޭނާގެ ހާލުކޮޅު ރަނގަޅު ކަމުގައެވެ.
"މި ފަދަ ހަމަނުޖެހުންތަކަށް އެމެރިކާގައި އެއްވެސް ޖާގައެއް އޮވެގެން ނުވާނެ. މިކަން ކުށްވެރި ކުރުމުގައި މުޅި ޤައުމު އެއްބައިވަންތަ ވާން ޖެހޭ،" ޓްރަމްޕް އަވަހާރަ ކޮށްލަން ދިން ޙަމަލާއާ ގުޅިގެން ރައީސް ޖޯ ބައިޑަން ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ. ވައިޓް ހައުސުން ބުނީ, ޙަމަލާއާ ގުޅިގެން ބައިޑަން ޓްރަމްޕަށް ފޯނުން ގުޅުއްވައި, އޭނާއާ ވާހަކަފުޅު ދައްކަވާފައިވާ ކަމުގައެވެ.
ޓްރަމްޕް އަވަހާރަ ކޮށްލަން ޙަމަލާ ދީފައި މި ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބު ގާތްވެފައިވާ ދަނޑިވަޅެއްގައެވެ. އިންތިޚާބުގައި ޓްރަމްޕް ވާދަ ކުރައްވާނީ, ދެވަނަ ދައުރެއް ކާމިޔާބު ކުރައްވަން ވާދަ ކުރައްވާ ބައިޑަނާ ކަމަށް ބެލެވެއެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުގެ ނަތީޖާތަކުން ފެންނަ ގޮތުގައި ދެ ބޭފުޅުންނަށް ވެސް ތާޢީދު އޮތީ ވަރަށް ހަމަހަމަ ކޮށެވެ. އަދި, އިންތިޚާބު ވަރަށް ވާދަވެރިވާނެ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.
މިއީ, 1981ވަނަ އަހަރު ކުރީގެ ރައީސް ރޮނަލް ރޭގަން އަވަހާރަ ކޮށްލުމަށް ޙަމަލާތަކެއް ދިން ފަހުން, އެ ޤައުމުގައި ރައީސް ކަން ކުރައްވާފައިވާ ބޭފުޅަކު އަވަހާރަ ކޮށްލަން ބަޑީގެ ޙަމަލާތަކެއް ދީފައިވާ ފުރަތަމަ ފަހަރެވެ. ޓްރަމްޕް އަވަހާރަ ކޮށްލަން ދިން ޙަމަލާތަކާ ގުޅިގެން, ރައީސް ބައިޑަނާއި އެމެރިކާގެ ކުރީގެ ރައީސުންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމުގެ ޒިންމާ މަތި ކޮށްފައިވާ ސީކްރެޓް ސަރވިސްގެ ގާބިލުކަމާ މެދު މި ވަނީ ސުވާލުތަކެއް އުފެދިފައެވެ.
އެމެރިކާގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ޓްރަމްޕަށް އަމާޒުވި ހަމަލާގެ ސަބަބުން އެމެރިކާގެ ސިއްރު ފުލުހުންގެ އިދާރާ އިސްލާހުކޮށް ޒަމާނީ ކުރަން ޖެހިފައިވާ މިންވަރު ފެނިގެން ހިނގައްޖެއެވެ.
ނިއުޔޯކް ޓައިމްސްގެ ސީނިއަ ޕޮލިޓިކަލް އެނަލިސްޓަކު ސީއެންއެން އަށް ބުނި ގޮތުގައި އެމެރިކާގެ ރިޔާސީ ކެންޑިޑޭޓަރު އަވަހާރަކޮށްލަން ދިން ހަމަލާއާ މެދު އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ސުވާލު އުފެއްދެން އެބައޮތް ކަމަށެވެ. އެކަމުގައި ސިއްރު ފުލުހުންގެ ބޮޑު އިހުމާލުގެ އިތުރުން ޓްރަމްޕްއާމެދު އިދިކޮޅު ފަތުރަމުން ގެންދާ "ގައުމީ ދުޝްމަން"ގެ ޝިއާރުގެ ސަބަބުން އުފެދިފައިވާ ރުޅިވެރިކަމުގެ އުދާސްކަންވެސް މިހަމަލާއަށް ބާރުލިބޭ ކަމަށެވެ.
ތަހުގީގުކުރަމުންދާ މިި ހާދިސާއާ ބެހޭ ގޮތުން އޭނާ ވިދާޅުވަނީ "މިއީ ޓްރަމްޕަށް ލިބުނު ވަރަށް ބޮޑު މޮޅެއް އަދި ކާމިޔާބެއް" ކަމަށެވެ.
"މިހާރުވެސް ޓްރަމްޕްގެ ތާއީދު ފެންނަނީ ތަފާތު ބޮޑުކޮށް. މިހަމަަލާއިން އިތުރަށް ފަރަގު ފުޅާވެގެންދާނެ،" ނިއުޔޯކް ޓައިމްސްގެ ސީނިއަ ޕޮލިޓިކަލް އެނަލިސްޓަކު ސީއެންއެން އަށް ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
