އެސްޓީއޯ: ހުޅުމާލޭގައި ތަރައްޤީކުރަންފެށި ސިޓީ ހޮޓަލުން ނަޖާ ނުވެވިފައި

އެސްޓީއޯ: ހުޅުމާލޭގައި ތަރައްޤީކުރަންފެށި ސިޓީ ހޮޓަލުން ނަޖާ ނުވެވިފައި
ލިޔުން:
އެސްޓީއޯއަކީ ސަރުކާރާ ރައްޔިތުން ހިއްސާވާ ދައުލަތުގެ އެންމެބޮޑު ވިޔަފާރި ކުންފުންޏެވެ. އިހުގެ ނަމުންނަމަ ރައްޔިތުންގެ ބޮޑުއިސްޓޯރެވެ. މީގެ 75 ވަރަކަށް އަހަރުކުރިން ސަރުކާރުން ރައްޔިތުންގެ ބޮޑު އިސްޓޯރު ނަމުގައި ފިހާރައެއް ޤާއިމްކުރަން ނިންމީ ވަރަށް މާތް މަގްސަދެއްގައެވެ. އޭރު މާލޭ ބާޒާރުގައި އަތްގަދަކޮށްގެން ތިބި ވޯރާ ވިޔަފާރިވެރިންގެ އަތުން މާރުކޭޓުގެ ބާރުތައް އަތުލުމަށްޓަކައެވެ. ހަމަ އެހެންމެ ދިވެހިންނަށް ވީހާވެސް ހެޔޮއަގެއްގައި މުދާ ގަނެވޭނޭ ގޮތް މަގުފަހިކޮށްދިނުމަކީވެސް އޭރު ސަރުކާރުން "ރައްޔިތުންގެ ބޮޑު އިސްޓޯރު" ނަމުގައި ފިހާރައެއް ހުޅުވުމުގެ މައިގަނޑު އެއް ބޭނުމެވެ.
އޭރުވެސް މިހާރުވެސް އެސްޓީއޯގެ މައިގަނޑު ބޭނުމަކީ ރައްޔިތުން ބޭނުންވާ އަސާސީ މުދަލުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ރައްޔިތުންނަށް އަތްފޯރާފަށުގައި ވިއްކުމެވެ. އެސްޓީއޯއިން ހަކަތައުގެ ގޮތުގައި ބޭނުންކުރާ ތެލުގެ ބާވަތްތަކާއި ކާޑުގެ ބާވަތްތައް އެތެރެކޮށް ވިއްކަނީ މި ސަބަބައްޓަކައެވެ. އެސްޓީއޯގެ ވިޔަފާރި ބިނާވެގެންވަނީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ މައްޗަށްކަމަށް ވާތީވެ، އެ މުދާ އެތެރެކުރުމަށް ގިނަ އަދަދެއްގެ ޑޮލަރު ބޭނުން ވެއެވެ. އެސްޓީއޯއިން މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރުފައިސާ ހޯދަނީ ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިންނަށް ބަރޯސާވެގެންނެވެ.
އެސްޓީއޯއަށް ބޭރުފައިސާ ހޯދަން އެހެން ފަރާތްތަކަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަށް އެކުންފުނިން ވަނީ 16 ވަރަކަށް އަހަރުކުރިން ހުޅުމާލޭގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމަށް ނިންމައި 2011 ވަނަ އަހަރު ވަނީ ހޮޓާ އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާހެދި ހޮޓާ ތަރައްޤީކުރުމަށް ފެށު މަސައްކަތް ވަނީ މަޑުޖެހިފައެވެ. މީގެ ބައެއް ސަބަބުތަކުގެ ތެރޭގައި ހޮޓަލުގެ ޑިޒައިންކުރުމުގައި ހުރި މައްސަލަތަކާއި، ހޮޓާ ހެދުމުގައި ބޭނުންކޮށްފައި ހުރި ބައެއް ތަކެތީގައި މައްސަލަތައް ހުރިކަން ފާހަގަކޮށްލެވެއެވެ. އެސްޓީއޯއިން ވަނީ ހޮޓާ ހެދުމުގެ މަސައްކަތަށް 115 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައެވެ.
އެސްޓީއޯއިން ހުޅުމާލޭގައި ހަދަންފެށި ސިޓީ ހޮޓާ ހިންގަން ނިންމާފައި އޮތީ ހިލްޓަން ހޮޓަލުގެ ބްރޭންޑުގެ ދަށުންނެވެ. އެސްޓީއޯއިން ހުޅުމާލެ ސިޓީ ހޮޓާ ހަދަންފެށިތާ 13 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، ހޮޓާ އެ ހުރިގޮތަށް ވިއްކާލުމަށް މަސައްކަތް ކުރަމުންދާތާވެސް މިހާރު 5 އަހަރުވަނީއެވެ. އެސްޓީއޯއިން މީގެ ކުރިން 2021 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެކުންފުނީގެ މެނެޖިން ޑިރެކްޓަރު ހުސެއިން އަމްރު ވަނީ ހޮޓަލުގެ ކަންކަން ދެން ކުރިއަށްގެންދާނީ އެޗްޑީސީންކަމަށާއި، އެކުންފުނިން އިންވެސްޓަރަކުވެސް ހޯދާފައިވާކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން ތިން އަހަރު ވެގެންދިޔައިރުވެސް ހޮޓަލުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އެސްޓީއޯ ސިޓީހޮޓާ މިހާރު ބޭނުންކުރަނީ ގުދަނެއްގެ ގޮތުގައެވެ.
އެސްޓީއޯއިން ހުޅުމާލޭގައި ސިޓީ ހޮޓަލެއް ހަދަން ފެށިފަހުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި އަގުބޮޑު އިންވެސްޓްމަންޓުތަކެއް ފަށައި ވަނީ ނިންމާފައެވެ. ތައިލެންޑުގެ ކުންފުންޏަކުން މާލެ ކައިރީ ކްރޮސްރޯޑްގެ މަސައްކަތް ފަށާފައިވަނީވެސް ހުޅުމާލެ ސިޓީހޮޓާ ހަދަންފެށި ފަހުންނެވެ. ގާތްގަނޑަކަށް 12 ބިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ބޮޑުބައެއް މިހާރު ވަނީ ނިންމައި ހިދުމަތްވެސް ދޭން ފަށާފައެވެ. މީގެ އިތުރުން ސަރުކާރުން ސަވަރިން ގެރެންޓީދީގެން ރާއްޖޭގައި ހެދި އެންމެބޮޑު އެއް ރިސޯޓް ސަން ޝިޔާމްގެ ޝިޔާމް ވަރލްޑް ރިސޯޓް ހަދައި ނިންމާފައިވަނީވެސް އެސްޓީއޯ ހޮޓާ ހަދަންފެށި ފަހުންނެވެ.
އެންމެފަހުން ރޭ އެސްޓީއޯއިން ބޭއްވި އަހަރީ ޖަލްސާގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެފައިވަނީ، އެސްޓީއޯ ހޮޓަލުގެ މައްސަލައަށް އަދިވެސް ދާއިމީ ހައްލެއް ލިބިފައި ނުވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިހާރު އެޗްޑީސީއާއެކު ކުރެވެމުން ދަނީ ހޮޓަލާ ގުޅޭގޮތުން ކުރަންޖެހޭ އެންމެ ފަހުގެ މުއާމަލާތްތައް ކަމަށްވެސް ޝިމާދު ވަނީ ވިދާޅުވެފައެވެ. މާނައަކީ އެޗްޑީސީއާއެކު އެސްޓީއޯއިން މިހާރު ކުރަމުންދާ މުއާމަލާތްތައް ނިމުނުން ސިޓީ ހޮޓަލުގެ މައްސަލައިން އަތްދޮވެލައި ނިމޭނެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
