މާލެ: 31°C

ގާނޫނަށް ބަދަލު ގެނެސްގެން ސްޓާލިންކް ލަންކާއަށް ގެންދަނީ

July 11, 2024
2 ފަހަރު ބަލާފައި
ގާނޫނަށް ބަދަލު ގެނެސްގެން ސްޓާލިންކް ލަންކާއަށް ގެންދަނީ
ގާނޫނަށް ބަދަލު ގެނެސްގެން ސްޓާލިންކް ލަންކާއަށް ގެންދަނީ
މަޝްހޫރު ވިޔަފާރިވެރިޔާ އީލޯން މަސްކް އުފައްދާފައިވާ އިންޓަރނެޓުގެ ޚިދުމަތްދޭ ކުންފުނި, ސްޓާލިންކަށް ސްރީލަންކާގައި ވިޔަފާރި ކުރުމުގެ ފުރުޞަތު ދިނުމުގެ ގޮތުން އެ ޤައުމުގެ ކަމާ ގުޅޭ ޤާނޫނު އިސްލާޙު ކޮށްފިއެވެ. ސްޓާލިންކަކީ ޖައްވުގެ ދިރާސާ ކުރުމަށް މަސްކް އުފައްދާފައިވާ ސްޕޭސްއެކްސް ކުންފުނީގެ ދަށުން މުޅި ދުނިޔެ އިންޓަރނެޓުގެ ޚިދުމަތުން ގުޅައިލުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް މި ޚިދުމަތް ލިބެއެވެ. ސްޓާލިންކުގެ ޚިދުމަތްތައް ސްރީލަންކާގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އޮތް އެއް ހުރަހަކީ, މީގެ 28 އަހަރު ކުރިން ތަސްދީޤު ކޮށްފައިވާ އެ ޤައުމުގެ މުވާޞަލާތީ ޚިދުމަތްތަކާ ބެހޭ ޤާނޫނެވެ. ނަމަވެސް, އެ ޤާނޫނު އިސްލާޙުކޮށް, ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހުން މި ވަނީ ސްޓާލިންކުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ލައިސަންސް ދޫކުރުމަށް އޮތް ހުރަސްތައް ނައްތައިލާފައެވެ. ސްރީލަންކާގެ މުވާޞަލާތީ ޚިދުމަތްތަކާ ބެހޭ ޤާނޫނަށް ގެނައި އިސްލާޙުގެ ދަށުން މުވާޞަލާތީ ޚިދުމަތް ދިނުމަށް ތިން ބާވަތެއްގެ ލައިސެންސެއް ދޫކުރެވޭނެއެވެ. މިއާ އެކު, ސްޓާލިންކުގެ ޚިދުމަތްތައް ދިނުމަށް އޮތް ހުރަސްތައް ނައްތައިލެވިފައިވާ ކަމުގައި އެ ޤައުމުގެ ޓެކްނޮލޮޖީއާ ބެހޭ ވަޒީރު ކަނަކަ ހޭރަތު ވިދާޅުވިއެވެ. ސްޓާލިންކަށް ކުރިއަށް އޮތީ, މުވާޞަލާތީ ޚިދުމަތްތަކުގެ ހުއްދަ ދޫކުރާ އިދާރާއިން ލައިސަންސް ހޯދުން ކަމުގައި އޭނާ ވިދާޅުވިއެވެ. ސްރީލަންކާގައި ކުރިން އަމަލު ކުރަމުން ގޮސްފައިވާ މުވާޞަލާތީ ޚިދުމަތްތަކާ ބެހޭ ޤާނޫނުގެ ދަށުން ސެޓެލައިޓް މެދުވެރިކޮށް އިންޓަރނެޓުގެ ޚިދުމަތްތައް ދިނުމުގެ ފުރުޞަތު ދީފައެއް ނޯވެއެވެ. "މިއީ, ހަމައެކަނި ސްޓާލިންކަށް އޮތް ފުރުޞަތެއް ނޫން, އެހެން ކުންފުނިތަކަށް ވެސް ސްރީލަންކާގައި އިންވެސްޓު ކުރުމުގެ ފުރުޞަތު މި ވަނީ ހުޅުވިފައި،" ހޭރަތު ވިދާޅުވިއެވެ. ސްރީލަންކާގެ އައިޓީ ދާއިރާ އިތުރަށް ފުޅާކޮށް ތަރައްޤީ ކުރަން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. މި ގޮތުން, ސަރުކާރުގެ އަމާޒަކީ 2030ވަނަ އަހަރުގެ ކުރިން 15 ބިލިޔަން އެމެރިކާ ޑޮލަރުގެ އައިޓީ ސިނާޢަތެއް އުފެއްދުން ކަމުގައި އޭނާ ވިދާޅުވިއެވެ. "އެހެންކަމުން, ވީހާވެސް ގިނަ [އައިޓީ ދާއިރާގެ] އިންވެސްޓަރުން ހޯދުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒު،" ހޭރަތު ވިދާޅުވިއެވެ. ސްރީލަންކާގައި ސެޓެލައިޓް އިންޓަރނެޓުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސްޓާލިންކުން އެ ޤައުމުގެ ސަރުކާރަށް ހުށަހަޅާފައި ވަނީ މާރިޗު މަހުގެ ތެރޭގައެވެ. ސްރީލަންކާގެ ސަރުކާރުން ވަނީ, އެ ކަމަށް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރުމުގެ ފުރުޞަތު އެ ކުންފުންޏަށް ފަހި ކޮށްދީފައެވެ. ސްރީލަންކާގައި ސްޓާލިންކުގެ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް އެ ކުންފުނިން އެ ޤައުމުގެ ސަރުކާރަށް ޚާއްޞަ ފީއެއް ދައްކަން ޖެހޭނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ