މާލެ: 31°C

ބޯކޮށް ވާރޭވެހި މުމްބާއީ ފެނުއަޑީގައި

July 9, 2024
2 ފަހަރު ބަލާފައި
ބޯކޮށް ވާރޭވެހި މުމްބާއީ ފެނުއަޑީގައި
ބޯކޮށް ވާރޭވެހި މުމްބާއީ ފެނުއަޑީގައި
އިންޑިޔާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ, ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެއެވެ. ފެންބޮޑުވުމާ ގުޅިގެން މުމްބާއީގެ ދަތުރުފަތުރުގެ ނިޒާމަށް ވަނީ ހުރަސް އެޅިފައެވެ. މި ގޮތުން, މަގުތަކުގައި ދަތުރު ކުރުމަށް ހުރަސް އެޅިފައިވާއިރު, ރޭލު ދަތުރުތައް ވެސް ވަނީ މެދުކަނޑައިލަން ޖެހިފައެވެ. އަދި, ވައިގެ ބަނދަރުތަކުގެ ރަންވޭތަކުގައި ފެންބޮޑުވެ, ވައިގެ އުދުހުންތަކަށް ވެސް ވަނީ ހުރަސް އެޅިފައެވެ. އިންޑިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ, ހަ ގަޑިއިރުގެ ތެރޭގައި މުމްބާއީއަށް 300 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމުގައެވެ. ފެންބޮޑުވުމާ ގުޅިގެން 12 މިލިޔަނެއްހާ މީހުންގެ އާބާދީއެއް އޮންނަ މުމްބާއީގެ މަދަރުސާތަކާއި ކޮލެޖުތައް ވެސް ވަނީ ބަންދު ކުރަން ޖެހިފައެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މުމްބާއީގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭ ކަމަށް ލަފާ ކުރެވޭ ކަމަށާއި, އައްސޭރިފަށުގެ ސަރަޙައްދުތަކަށް އުދައަރާނެ ކަމަށް ބެލެވޭ ކަމުގައި ވެސް މޫސުމާ ބެހޭ އިދާރާއިން އިންޒާރު ކުރެއެވެ. "މިހާރު ވެސް މަގުތަކުގައި ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދު އޮތީ ތާށިވެފައި. ރޭލު ދަތުރުފަތުރުގެ ނިޒާމަށް ވެސް ވަނީ ބުރޫ އަރާފައި،" މަހަރާޝްތްރާ ސްޓޭޓްގެ ޗީފް މިިނިސްޓަރު އޭކްނާތް ޝިންދޭ ވިދާޅުވިއެވެ. ފެންބޮޑުވުމާ ގުޅިގެން ނުރައްކާތެރި ހާދިސާތަކެއް ހިނގާފާނެ ކަމަށް ބަލައި, މަހަރާޝްތްރާގެ ސަރުކާރުން ވަނީ ގޭގައި ތިބުމަށް މުމްބާއީގެ ރައްޔިތުންނަށް އިރުޝާދު ދީފައެވެ. މޫސުމީ ވިއްސާރައާ ގުޅިގެން އިންޑިޔާގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހެމުންދާ ކަމުގައި އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ. އިންޑިޔާގެ ވިއްސާރަ މޫސުން ޢާންމު ގޮތެއްގައި ފެށެނީ ކޮންމެ އަހަރެއްގެ ވެސް މޭ މަހުގެ ފަހުކޮޅެވެ. މި އަހަރުގެ ވިއްސާރަ މޫސުން ފެށިފައި މި ވަނީ, ފިނިހޫނުމިން އާދަޔާ ޚިލާފަށް އުފުލިފައި އޮތް ދުވަސްވަރަކަށް ފަހުއެވެ. ވިއްސާރައިގެ އަަސަރު އިންޑިޔާގެ އިރުމަތީގެ ސަރަޙައްދުތަކަށް ވެސް ދަނީ ކުރަމުންނެވެ. އިންޑިޔާގެ އިރުމަތީ ބިހާރް ސްޓޭޓަށް މޫސުން ގޯސްވެ, ހިނގި ހޮނުއެޅުގެ ހާދިސާތަކެއްގައި 12 މީހަކު މަރުވެފައިވާ ކަމުގައި އެ ސްޓޭޓްގެ އޮފިޝަލުން ބުންޏެވެ. މިއާ އެކު, ޖުލައި މަހުގެ ތެރޭގައި އިންޑިޔާގެ އެކި ކަންކޮޅުތަކުގައި ހިނގާފައިވާ ހޮނުއެޅުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު ވަނީ 20އަށް އުފުލިފައެވެ. އިންްޑިޔާގެ އިރުއުތުރުގެ ސަރަޙައްދުތަކަށް ބަލައިލާއިރު, އައްސާމް ސްޓޭޓްގައި ދިރިއުޅޭ 2 މިލިޔަނެއްހާ މީހުންނަށް ފެންބޮޑުވުމުގެ އަސަރު ކޮށްފައިވާ ކަމުގައި އެ ސްޓޭޓްގެ އޮފިޝަލުން ބުންޏެވެ. މޭ މަހަށް ފަހު އައްސާމް ސްޓޭޓްގައި ފެންބޮޑުވުމާ ގުޅިގެން ހިނގާފައިވާ އެކި ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު ވަނީ 66އަށް އުފުލިފައެވެ. މީގެ އިތުރުން, އެ ސްޓޭޓްގެ ކާޒީރަންގާ ހައިވާން ބަގީޗާގައި ދިރިއުޅޭ ޖަނަވާރުތަކުގެ ފުރާނައަށް ވެސް ފެންބޮޑުވުމާ ގުޅިގެން ނުރައްކާވެފައިވާ ކަމުގައި އެ ސްޓޭޓްގެ އޮފިޝަލުން ބުންޏެވެ. އުތާރް ޕްރަދޭޝް ސްޓޭޓްގެ 31 ވަރަކަށް އަވަށުގައި ފެންބޮޑުވެފައިވާ ކަމުގައި އެ ސްޓޭޓުގެ އޮފިޝަލުން ވެސް ހާމަކުރިއެވެ. އިންޑިޔާގެ ސަރަޙައްދުތަކަށް ކުރަމުންދާ ވިއްސާރައިގެ އަސަރު, އަވައްޓެރި ޤައުމުތަކަށް ވެސް ދަނީ ކުރަމުންނެވެ. މި ގޮތުން, ނޭޕާލްގެ ސަރަޙައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން ކުރިމަތިވި ބިންގަނޑު ކެނޑުމާއި ކިސަޑު ފޭބުމުގެ ހާދިސާތަކުގައި 11 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން ބަންގްލަދޭޝްގައި ފެންބޮޑުވުމުގެ އަސަރު ކޮށްފައިވާ މީހުންގެ ޢަދަދު 2 މިލިޔަނަށް އަރާއިރު, އެ ޤައުމުގެ އުތުރުގެ ސަރަޙައްދުގައި 300,000އެއްހާ މީހުން އަމިއްލަ ގެދޮރުގައި ތާށިވެފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަކުރިއެވެ. މީގެ އިތުރުން, މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން އިންޑިޔާގެ ވެރިރަށް ނިއު ދެއްލީގެ ޑޮމެސްޓިކް ވައިގެ ބަނދަރެއްގެ ފުރާޅުން ބަޔެއް ވެއްޓިފައިވެއެވެ. މުމްބާއީއަށް މިިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން 430 ފްލައިޓް ލަސް ކުރަން ޖެހިފައިވާއިރު, އިތުރު 49 ދަތުރެއް ކެންސަލް ކުރަން ޖެހިފައިވާ ކަމުގައި މުމްބާއީގެ އޮފިޝަލުން ހާމަކުރިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ