މާލެ: 31°C

ހިޔާގައި ދިރިއުޅެމުންދާ މީހުންގެ ފަރާތުން ހާސަރެއް

June 27, 2024
2 ފަހަރު ބަލާފައި
ހިޔާގައި ދިރިއުޅެމުންދާ މީހުންގެ ފަރާތުން ހާސަރެއް
ހިޔާގައި ދިރިއުޅެމުންދާ މީހުންގެ ފަރާތުން ހާސަރެއް
ހިޔާގައި ދިރިއުޅެމުންދާ ގާތް ރަހުމަތްތެރިއަކު ގުޅައިގެން އިއްޔެ، ޓަވަރު 9 ކައިރިއަށްގޮސް އޭނާ އަންނަންދެން އެތަނުގައި ހުރި ޖޯއްޔެއްގައި ޖައްސައިލީމެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން ދެ ފްލެޓް ދޭތެރޭގައި ހުރި ޖޯލިތަކުގަޔާއި، އެ ސަރަހައްދުގައި ފުދޭވަރަކަށް މީހުން ތިއްބެވެ. ޖޯލީގައި ޖައްސާލައިގެން އޮއްވާ ދެ އަންހެނަކު ޗުކުޗުކު ލައްވާއަޑަށް ސަމާލުކަން ދީގެން އޮތީމެވެ. މެދުއުމުރެއްގެ އެ އަންހެންމީހާގެ ޝަކުވާއަކީ ވިނަރެސް ފްލެޓްތަކަށް މިހާރު ބޭނުންހާ މީހަކަށް ގޮސް ނުވަދެވޭގޮތަށް ހެދި ނަމަވެސް ހިޔާ ޓަވަރަށް އަދިވެސް ބޭނުންހާ މީހަކަށް ކޮންމެ ގަޑިއަކުވެސް ވަދެ ނިކުމެވޭ ގޮތަށް އޮތުމެވެ. "ހިޔާ ފްލެޓްތަކަކީ އެންމެ ފުރަތަމަ މީހުން އުޅެން ފެށިތަން. ވިނަރެހުގައި އެހަކަށްދުވަހަކު އަދި މީހުން އުޅެން އެ ފެށީ. މިހާރު އެތަނަށް ކާޑު ޖަހައިގެން ނޫނީ ނުވަދެވޭ. ހިޔާ ޓަވަރުތައް އަދިވެސް ހުރީ ހަމަ ހުރިގޮތަށް. ކޮންމެ މިހަކަށް މިތަނަށް އައިސް ވަދެވޭގޮތަށް މި އޮންނަނީ އަދިވެސް" އެމީހާ ބުންޏެވެ. [caption id="attachment_104694" align="alignnone" width="742"] ވިނަރެސް ޓަވަރެއްގެ ވަންނަ ދޮރު...[/caption] އެޗްޑީސީން ވަނީ ވިނަރެސް ޓަވަރުތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމް ބޭނުންކުރަން ފަށާފައެވެ. މާނައަކީ މިހާރު ކޮންމެ ކޮންމެ މީހަކަށްގޮސް ވިނަރެސް ޓަވަރުތަކަށް ނުވަދެވުމެވެ. ވިނަރެސް ފްލެޓްތައް ހަވާލުކޮށް އެތަނުގައި މީހުން ދިރިއުޅެން ފެށިތާ އަދި އެހާ ގިނަދުވަހެއް ނުވެއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކައި އެތަނުގައި އެންމެ ފުރަތަމަ މީހުން ދިރިއުޅެން ފަށާފައިވަނީ ހިޔާ ޓަވަރުތަކުގައެވެ. ހިޔާ ޓަވަރުގެ 16 އިމާރާތް ހުންނައިރު، އެތަނުގައި މީހުން އުޅެން ފެށިތާ މިހާރު ދެ އަހަރުވަނީއެވެ. އަދިވެސް ހިޔާ ޓަވަރުތަކުގެ އެކްސެސް ސިސްޓަމްތައް ހުރީ ހުރިގޮތަށެވެ. ގިނަ ފްލެޓްތަކުގެ ދޮރުތައް ހަލާކުވެ މިހާރު ދޮރުފަތްވެސް ހުރީ ވަރަށް މަދު ފްލެޓެއްގައެވެ. ހިޔާ ޓަވަރުތައް 25 ބުރިއަށް އިމާރާތްކޮށްފައިވާއިރު 24 ބުރީގައި މުޅިންވެސް ހުންނަނީ މީހުން ދިރިއުޅުމަށް ހާއްސަކޮށްފައި ހުންނަ އެޕާޓްމަންޓްތަކެވެ. ބައެއް ޓަވަރު ތަކުގައި 480 އެޕާޓްމަންޓް ހުންނައިރު، އަނެއް ބައެއް ޓަވަރ ތަކުގައި 384 އެޕާޓްމަންޓް ހުރެއެވެ. މާނައަކީ ކޮންމެ އެޕާޓްމަންޓެއްގައި މަދުވެގެން 1920 މީހުން އުޅޭއިރު، މުޅި ހިޔާގެ އާބާދީ އެންމެ މަދުވެގެންވެސް 30،720 ހާސް މީހުން އުޅޭނެއެވެ. ހިޔާޓަވަރުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން މީހުން އައިސް އުޅޭއިރު، އެތަނުގައި އެކި ފަންތީގެ މީހުން އުޅެއެވެ. އެތަނަކީ ވަރަށް ގިނަ އަދަދަކަށް ހާއްސަ އެހީއަށް ބޭނުންވާ މީހުން އުޅެމުންދާ ތަނެކެވެ. އެމީހުންނަށް ހާއްސަކޮށް އެޕާޓްމަންޓްތައް ދީފައި އެބަހުއްޓެވެ. މި ހުރިހާކަމެއް ހުރިއިރު، އެތަނުގައި ދިރިއުޅެމުންދާ ބައެއް މީހުން ގެ ދިރިއުޅުމުގެ ވައްޓަފާޅިވެސް ވަރަށްވެސް ތަފާތެވެ. އެކަން ހިޔާގައި މީހުން ދިރިއުޅެން ފެށުމާއެކު އެނގިލިއެވެ. ބައެއްފަހަރު އަތްދޮވެފައި ޓަވަރުމަތިން ފެންއެތި އަތުގެކޮޅަށް އުކާލައެވެ. އަނެއް ބައިފަހަރު ގޭގައި ހިނގާ ޒުވާބުތަކުގައި ތެލި، ތަވާ ފަދަ ތަކެތި ހޫރާލާފައި އެބަހުއްޓެވެ. އަޅުގަނޑު މި ދެންނެވީ ފަހަރެއްގައިވެސް އެތަނުގައި ދިރިއުޅެމުންދާ ހާއްސަ އެހީއަށް ބޭނުންވާ މީހުން ޓަވަރުތަކުގެ މަތިން އެއްޗެހި އުކާވާހަކައެއް ނޫނެވެ. ހިޔާ ޓަވަރުތަކުގައި ދިރިއުޅެމުންދާ މީހުންގެ އެންމެބޮޑު ޝަކުވާއަކީ މިހާރު އެތަނަށް ބޭނުންހާ މީހަކަށް ގޮސް ވަދެވޭގޮތަށް އޮތުމެވެ. މިހެން އޮތުމުން އެތަނުގައި ވަރަށްގިނަ ހާދިސާތައްވެސް ދަނީ ހިނގަމުންނެވެ. ވަރިކުރިފުޅު ހިތައް އެރިއިރަކު އައިސް އެޕާޓްމަންޓް ދޮރުގައި ތަޅާ އަޑުގަދަކުރަނީއެވެ. އެކި މުއައްސަސާތަކުގެ ނަމުގައި ފޭރޭމީހުން އައިސް ދޮރުގައި ތަކިވެސް ޖަހަނީއެވެ. އާއްމު ބަހުން ބުނާނަމަ ޕާޓޭން އައިސް ދަންވަރުގަޑީގައި ސިޑިތަކުގައި ބިތްޖެހިފައިވެސް ތިބެނީއެވެ. ނުވިތާކަށް ޓަވަރުތަކަށް އެބައިމީހުން އައިސް އެޕާޓްމަންޓްތަކުގެ ކޮރިޑޯތަކަށް ދެކަމު ހާޖަތަށްވެސް ދަނީއެވެ. [caption id="attachment_104695" align="alignnone" width="742"] ހިޔާ ޓަވަރެއްގެ ކޮރިޑޯއަށް ބޮޑުކަމުގޮސްފައި... ފޮޓޯ/ މިނިވަން[/caption] ހިޔާ ޓަވަރުތަކުގެ އެކްސެސް ސިސްޓަމްތައް ޤާއިމްކުރުމަށް އެޗްޑީސީން ވަނީ މިލިއަނުން އިންވެސްޓްކޮށްފައެވެ. އެކަން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުން އެނގެއެވެ. ނަމަވެސް އަދިވެސް ސާފުނުވި ކަމަކީ ހިޔާ ޓަވަރުތަކުގެ އެކްސެސް ސިސްޓަމްތައް ބޭނުންކުރަން ފަށާނެ ދުވަހެކެވެ. މިއީ ހިޔާ ޓަވަރުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ ރައްކާތެރިކަމަށްވެސް ކޮންމެހެން ބޭނުންވާ ކަމެއްކަމަށް ހިޔާގައި އުޅެމުންދާ ފަރާތްތަކުގެ ޝަކުވާތަކަށް އަޑުއަހާލުމުން އެނގެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ