މާލެ: 31°C

މުޅި އުނގޫފާރު ފެންކަޅިކޮށްލި އާދަޔާ ޚިލާފު މަރުތައް: އަނިޔާ، އިހުމާލު

June 9, 2024
2 ފަހަރު ބަލާފައި
މުޅި އުނގޫފާރު ފެންކަޅިކޮށްލި އާދަޔާ ޚިލާފު މަރުތައް: އަނިޔާ، އިހުމާލު
މުޅި އުނގޫފާރު ފެންކަޅިކޮށްލި އާދަޔާ ޚިލާފު މަރުތައް: އަނިޔާ، އިހުމާލު
މުޅިން ވެސް އާދަޔާ ޚިލާފު މަރުތަކެވެ. މިހުރިހާ މަރެއްވެސް ގުޅިފައި ވަނީ ރ. އުނގޫފާރުއާއެވެ. މި ތިން މަރާ މެދުވެސް ސުފެދޭ އެތައް ސުވާލެއްގެ ޖަވާބު އަދިވެސް ވަނީ ފަސްގަނޑު ދަށުގައެވެ. އަނިޔާއެވެ. އިހުމާލެވެ. ޑރ. އަފްރާޝީމް ޢަލީ މިއީ ހަމައެކަނި އުނގޫރާފެއް ނޫނެވެ މުޅި ދިވެހިރާއްޖެ ފެންކަޅިކޮށްލި އަނިޔާވެރި ގަތުލެކެވެ. މަރެކެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ރ. އުނގޫފާރު ދާއިރާ ތަމްސީލްކުރައްވަމުން ގެންދެވި ދީނީ ޢިލްމުވެރިޔާ އަނިޔާވެރި ގޮތަކަށް މަރާލާފައި ވަނީ އޮކްޓޫބަރު 2، 2012 ވަނަ ތާރީޚުގައެވެ. ޑރ. އަފްރާޝީމްގެ މަރުގެ ހަގީގަތް އަދިވެސް އޮތީ ފަސްގަނޑު ދަށުގައެވެ. އެހެންކަމުން އަފްރާޝީމްގެ އާއިލާއަށް މިމަރަށް 13 އަހަރުވީއިރުވެސް އިންސާފު ލިބިފައެއް ނުވެއެވެ. ހަމައެކަނި ރަސްމީ އިއްޒަތުގައި ޖަނާޒާ ބޭއްވުން ފިޔަވައި އަފްރާޝީމަށް ވެސް އަހަރެމެންނަށް ކޮށްދެވުނު ކަމެއް ނެތެވެ. ކޯޕްރަލް މުޙައްމަދު ޒައިދާން ކޯޕްރަލް މުޙައްމަދު ޒައިދާން ނިޔާވެފައިވަނީ، ސިފައިންގެ ހައި ރިސްކް ތަމްރީނެއް ފުރިހަމަ ކުރަމުން ދަނިކޮށް، މި މަހުގެ 2 ވަނަ ދުވަހު ލ.މާވަށްކައިރީ ކަނޑުގެ ސަރަހައްދުގައި ހިނގި ހާދިސާއެއްގައި، މިޔަރެއް ދަތްއެޅުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ލ.ގަން ރީޖަނަލް ހޮސްޕިޓަލްގައެވެ. ކޯޕްރަލް މުޙައްމަދު ޒައިދާން ނިޔާވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ދެ ދުވަސް ވަންދެން ސިފައިންގެ ދިދަ، ސިފައިންގެ މަރުކަޒުތަކުގައި ވަނީ ބައި ދަނޑިއަށް ތިރިކޮށްފައެވެ. ކޯޕްރަލް މުޙައްމަދު ޒައިދާންގެ ޖަނާޒާ ބާއްވާފައި ވަނީ ރަސްމީ ޢިއްޒަތުގެ ދެވަނަ ދަރަޖައިގައެވެ. މިޖަނާޒާގައި ސިފައިން ހަތް ބަޑީގެ ސަލާމެއް ވަނީ އަރުވާފައި ވެއެވެ. ޒައިދާންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބޭއްވި ނަމަވެސް އޭނަގެ މަރާގުޅިފައިވާ އެތައް ސުވާލެއްގެ ޖަވާބު އަދިވެސް ތިލައެއްނުވެއެވެ. އޭނާއަށް މިޔަރު ހަމަލާދިން ސީދާ ގަޑިއާއި އޭނާ ހޮސްޕިޓަލަށް ގެންދިއުމުން ލަސްވި ލަސްވުމާއި މިޔަރުގެ ހަމަލާ ކުރިމަތިވީ ކިހިނެއް ކަމާއި އެވަގުތު އެހިސާބުކަނޑުގައި އޮތީ ޒައިދާން އެކަނިތޯއާއި މިފަދަ އެތައް ސުވާލެއްގެ ޖަވާބު ފެނަށް ތިލަވެގެން ނޫނީ އެމަރުގެ ހަގީގަތްވެސް ފެނުން ތިލަކުރެވޭނެ ގޮތެއް ނެތެވެ.   ހުސައިން އަތީކް ކަރަންޓްގައި ޖެހުމުގެ ސަބަބުން، އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުން ދިޔައީ އުނގޫފާރު، ދޫނިހުރާ، ހުސެއިން އަތީކު ނިޔާވީ މިމަހުގެ އަށެއް ވީ ހޮނިހިރު ދުވަހުއެވެ. މި ހާދިސާ ހިންގާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު، އުނގޫފާރުގެ މަގުބައްތި ހޮޅިދަނޑިއަކުން ކަރަންޓުގައި ޖެހިގެންނެވެ. ހުސައިން އަތީކަކީ އެހޮޅިދަނޑިން ކަރަންޓުގައި ޖެހުނު ދެކުއްޖަކު ސަލާމަތްކުރި ޒުވާނާއެވެ. ފުރަތަމަ ކަރަންޓުގައި ޖެހުނު ދެ ކުދިންނަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ގެއަށް ދޫކޮށްލި ނަމަވެސް، އަތީކް އަށް ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިނުމަށްމަށްފަހު އިތުރު ފަރުވާއަށް އޭގެ ދެ ދުވަސް ފަހުން މާލެ ގެނެސްފައެވެ. މާލެ ގެނައިއިރު ވެސް އޭނާގެ ހާލު ސީރިއަސްއެވެ. މި ހާދިސާ ހިނގާފައިވަނީ ވާރޭވެހުމުގެ ސަބަބުން އުނގޫފާރު ޕާކް ކައިރި މަގުގައި ހެދިފައި އޮތް ފެންގަނޑެއްގެ ތެރެއަށް 8 އަހަރުގެ ކުއްޖާ ކުޅެން އެރި އުޅުމުގެ ތެރޭގައެވެ. މިއީ ވަރަށް ބޮޑު އިހުމާލަކާ ގުޅިފައިވާ މަރެކެވެ. މަގު ބައްތިއަށް ކަރަންޓް ދީފައިވާ ހޮޅިދަނޑިއަށް ކަރަންޓް ލީކުވެ، އޭގެން މަގުމަތީގައި އޮތް ފެންގަނޑަށް ކަރަންޓު ވާސިލްވެފައިވުމަކީ ކޮންމެވެސް ބަޔަކު އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ބޮޑު އިހުމާލެކެވެ. މިއީ ފުލުހުން ތަހުގީގުކޮށް، އެކަމުގައި އިހުމާލުވާ ބަޔަކު ހޯދައި ގާނޫނުގެ ކުރިމައްޗަށް ގެންނަން ޖެހޭ މުހިއްމު ހާލަތެކެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ