މާލެ: 31°C

ޒުވާނުން އޮންލައިން ޖުވާގެ މަސްތުގައި: ހައްލަކީ ކޮބާ؟

June 6, 2024
27 ފަހަރު ބަލާފައި
ޒުވާނުން އޮންލައިން ޖުވާގެ މަސްތުގައި: ހައްލަކީ ކޮބާ؟
ޒުވާނުން އޮންލައިން ޖުވާގެ މަސްތުގައި: ހައްލަކީ ކޮބާ؟
އިބްރާހީމް ހަބީބުއަށް ރައްޓެހިންގެ ފަރާތުން ލިބުނު ކޮފީ ދައުވަތަކަށް ކާނިވަލުގައި ހުންނަ ރެސްޓޯރަންޓަކަށް ދިއުމުން، އޭނާއަށް ރައްޓެހިން ދިނީ ވިޔަފާރިއެއްގައި ބައިވެރިވުމުގެ ފުރުސަތެވެ. އޭނާ އިންވެސްޓްކުރަން ޖެހެނީ 5000 ރުފިޔާއެެވެ. އޭނާއަށް ފައިދާގެ ގޮތުގައި ކޮންމެ މަހަކު 2500 ރުފިޔާ ލިބޭނެ ކަމަށް ބުންޏެވެ. ބޮޑު ފައިދާއެއް ލިބޭތީ ހަބީބު ވަގުތުން ޑީލު ނެގިއެވެ. ވިޔަފާރީގެ ތަފްސީލު އޮޅުން ފިލުވީވެސް އޭގެ ފަހުންނެވެ. ރައްޓެހިން ބުނީ އެއީ އޮންލައިން ގޭމިންއަށް އިންވެސްޓްކޮށްގެން އާމްދަނީ ހޯދުމުގެ މަސައްކަތެއް ކަމަށެވެ. މިކަން ފިސާރި ރަނގަޅަށް ތިލަކޮށްލަމާހެއްޔެވެ؟ މިއުޅެނީ އޮންލައިން ކެސިނޯ ނުވަތަ ޖުވާ ކުޅުމުގެ ކަންތަކެވެ. އެމީހުން ގޭމެއް ކަމަށް ދެކުނަސް އަސްލަކީ އެއީ ދުވާކަމެވެ. ހަމަ ސީދާ އޮންލައިން ކެސިނޯއެވެ. މިއީ އަދުގެ ޒުވާން ޖީލުގެ ގިނަ ބަޔަކު ޖެހިފައިވާ މަސްތެކެވެ. ޒުވާނަކު ކިޔައިދިނެވެ؛ "އަހަރެންގެ ކުރީގެ ކްލާސްމޭޓުންތަކެއް ހުންނަނީ ތަނެއް ކުއްޔަށް ހިފައިގެން ކުޅޭ ސްޓޭޝަން ހަދާފަ. އެމީހުން މީހުނަށްވެސް ކުޅެދޭ، އަމިއްލައަށްވެސް އިންވެސްޓްކުރޭ. އަހަރެންގެ އޮފީސް ބައެއް ކުދިން ކުޅެގެން އުޓިގެން (ދަރަނިވެރިވެގެން) އެހެން މީހުން އަތުން ކުދި ލޯނު ހޯދައިގެން އުޅެނީ. ބައެއް ކުދިން ބުނޭ ރަނގަޅު އެއްޗެއް ލިބެޔޭ، އަނެއް ބަޔަކު ބުނަނީ ކޮންމެ ފަހަރަކުވެސް ހަމަ އުޓެނިއްޔޭ." މިއީ ފުޅާވެފައިވާ އަދި މިހާރުވެސް ފުޅާވަމުންދާ ޓްރެންޑެކެވެ. ބައެއް ކުދިން ތިބީ މިކަމަށް ގޮސް ހުސްވެފައެވެ. "ޖޮބް ދޮށްލާފަ، މިހާރު އޮންނަނީ މިކަން ކުރުން. އަހަރެންނަށް ފްލެކްސިބަލް ޝެޑިއުލެއްގައި ވޯކްކޮށްގެން ހަމަ ރަނގަޅު އެއްޗެއް ކޮންމެ މަހަކުވެސް ނަގަން. ޖޮބަށް ދިއުމަށްވުރެ މާރަނގަޅު،" އަލީ ރިޒާ ކިޔައިދިނެވެ. އަލީ ރިޒާ އޮންލައިން ޖުވާގެ ތެރެއަށް ވަދެވުނީ އެކީ މަސްދަތުރެއް ދިޔަ ބަޔަކު އޭނާއަށް އެކަން ދަސްކޮށްދިނީމަށެވެ. ފުރަތަމަ ބީއެމްއެލްއިން ލުއި ލޯނެއް ނަގައިގެން އެމީހުންނަށް އިންވެސްޓްކޮށް ދިނީއެވެ. އޭގެ ހަމަސް ފަހުން އަމިއްލައަށް ކުޅެން ދަސްކޮށްގެން އެކަން ކުރަން ފެށީ އަމިއްލައަށެވެ. "ބިޓާ ދެމީހުންވެސް މިހާރު ކުޅެން. ސަޅި ކަމެއް ހަމަ. ލާރި ލިބޭދޯ މިކަމުން މާއީޒީކޮށް،" ރިޔާ ބުންޏެވެ.  ގެއްލުން ވޭތޯ އެހުމުން އޭނާ ބުނީ ދާއެއްޗަކަށްވުރެ ލިބޭ އެއްޗެއް މާ ރަނގަޅު ކަމަށާއި މިއީ ނުކޮށް ދޫކޮށްލާވަރު ކަމެއް ނޫނެވެ. އަބްދުއްރަޝީދަކީ ބޮޑު އިންވެސްޓްމަންޓަކުން އެކަމުގެ ތެރެއަށް ވަން މީހެކެވެ. އިންވެސްޓްކުރި އަދަދު އެނގޭ ހެއްޔެވެ؟ 30،000 ޑޮލަރެވެ. ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާއެވެ. "ދެފަހަރެއްގައި ވަރަށް ބޮޑު އެއްޗެއް ގެއްލުންވި. އެއީ ރަނގަޅަށް ދަސްނުވާއިރު، މިހާރު ހަމަ ކޯސް ހަދައިގެން ރަނގަޅަށް ކުޅެން ދަސްކޮށްގެން މިއުޅެނީ. އަހަރެންނާ އެކީ މިކަން ފެށި ދިހަ ވަރަކަށް މީހުން. ބައެއް މީހުން ދަރަނީގަ ހަލާކުވެ ހިނގައްޖެ. އެކަމަކު އަހަރެމެންގެ ދެތިން މީހަކު އަދިވެސް މިއުޅެނީ ހަމަ މިކަންކޮށްގެން. ކޮއިފުޅާ މީލާރި. ބޯކޮށް ލާރި،" ކުރިން ބާޒާރު މަތީގައި ފިހާރައެއް ހިންގި ވިޔަފާރިވެރިޔާ ކިޔައިދިނެވެ. ބަޔަކު އިންވެސްޓްކޮށްގެން އޮންލައިން ގޭމު ކުޅެގެން އާމްދަނީ ހޯދުމުގައި އޮތީ ކޮން ނުބައެއްތޯ މިއީ މިކަމާ ގުޅިފައިވާ ބޮޑު ސުވާލެވެ. މިއީ މުސްލިމުންނަށް ވަރަށް ސީރިއަސް މައްސަލައެކެވެ. އެއީ ޖުވާ ކުޅުމަކީ މާތް ﷲ އެންމެ ބޮޑަށް ނަހީކުރައްވާފައިވާ ކަންތައްތަކުގެ ތެރެއިން އެއް ކަންތަކެވެ. މިކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިޔާގައި ބައެއް ޝެއިޚުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. "އެއްވެސް ބިރުވެރިކަމެއް ނެތި ގޭމެއްގެ ނަމުގައި ޖުވާ ކުޅެގެން އެކަނީ ނަރަކައިގެ އަލިފާން. ދިވެހި ލޮބުވެތި ޒުވާނުންނޭ ހޭއަރާ. ތިޔަ ނުރައްކަލާ ދުރުވޭ. ތިޔައީ މަސްތުވާއެއްޗެހި ބޭނުންކުރުމަށްވުރެވެސް ނުބައި މަސްތަކުން މީހާ މަސްތުކޮށްލާ ވަރަށް ބޮޑު ހަރާމް ކަމެއް،" ޢިލްމުވެރިއަކު އޭނާގެ ފޭސްބުކްގައި ލިޔެފައިވެއެވެ.  މިއާދަ ދިވެހި މުޖުތަމައުގައި އެދަނީ މޫލައި ހެދެމުންނެވެ. މިމަސްތުގައި ޒުވާން ބޮޑު އާބާދީއެއް އެވަނީ ޖެހިފައެެވެ. "ސަޅި" އަދި "ކޫލް" ކަމެއްގެ ގޮތުގައި ދެކިގެންނެވެ. މިހާރު މިކަން ފެތުރިފައި އޮތް މިންވަރުން ސަރުކާރުގެ އިދާރާތަައް ގުޅިގެން ގައުމީ ވަރުގަދަ ކެމްޕޭނެއް ހިންގައިގެން މެނުނީ މިކަމުން ޒުވާނުން ސަލާމަތެއް ނުކުރެވޭނެއެވެ. އެހާވެސް ހާލަތު ނާޒުކެވެ. ހަރާމް މަސްތުގެ އޮއިވަރު އެދަނީ ބާރުވަމުން ފެތުރެމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ