މާލެ: 31°C

ހެޑް ޓީޗަރުގެ ޑައިރީން ފިލާވަޅެއް: ކުއްޖާ ހުރީ މަރުވާން ތައްޔާރުވެގެން!

April 7, 2024
4 ފަހަރު ބަލާފައި
ހެޑް ޓީޗަރުގެ ޑައިރީން ފިލާވަޅެއް: ކުއްޖާ ހުރީ މަރުވާން ތައްޔާރުވެގެން!
ހެޑް ޓީޗަރުގެ ޑައިރީން ފިލާވަޅެއް: ކުއްޖާ ހުރީ މަރުވާން ތައްޔާރުވެގެން!
އެކުއްޖާއަށް އަންނަމުންދިޔަ ކުއްލި ބަދަލުގެ ސަބަބުން ކްލާސް ޓީޗަރުން އެކަން ލީޑިންގ ޓީޗަރުގެ ސަމާލުކަމަށް ގެންދިޔައެވެ. އެދުވަހުގެ ކުލާސް ނި،މުމުން ލީޑިންގ ޓީޗަރުގެ އެކުއްޖާއާ ވަކިން ބައްދަލުކުރިއެވެ. އެއީ މާލޭގެ ނަން ހިނގާ ސްކޫލެކެވެ. ދަރިވަރު ކިޔަވަނީ ގްރޭޑް ހަތެއްގައެވެ. ފިރިހެން ކުއްޖެކެވެ. ލީޑިން ޓީޗަރު އެކުއްޖާއާ އެކަހެރި ބައްދަލުވުމެއް ބޭއްވީ ޓީޗަރުންގެ ކަންބޮޑުންތަކާ ގުޅިފައިވާ ހަގީގަތްތައް ކުއްޖާގެ ކިބައިން އޮޅުން ފިލުވުމުގެ ބޭނުމުގައެވެ. އެކުއްޖާގެ ވާހަކަ ފެށި އިބާރާތަކީ މިއެވެ؛ "އަހަރެން މިހާރު ބޭނުމީ މަރުވާން. މޮޔަވާވަރު ކޮންމެ ދުވަހަކު އެކުދިން ކުރޭ. ބޮލުގައި ފުއްޓަކި ތަޅާނެ. ބެގީ ޖަހާފަ ހުންނަ ގޮތުން ހެސްކިޔާފަ މަލާމަތްކުރޭ. ބޫޓުން ކަށިމަތީގައި ތަޅާތަޅާ މިހާރު ދުޅަވެފަ ހުންނަނީ." ލީޑިން ޓީޗަރަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އެކުއްޖާ އެވަނީ ހަނގާކުރުން ނުވަތަ ބުލީ ކުރުމުގެ އޭގެ އިންތިހާގެ ޝިކާރައަކަށްވެފައެވެ. ދުނިޔެ މަތިން ފޫހިވެފައެވެ. ނަފްސާނީ ގޮތުން ގޮތް ހުސްވެފައެވެ. ޓީޗަރުގެ ސުވާލުތަކަށް އެކުއްޖާ ގެންދިޔައީ ތަފްސީލްކޮށް ޖަވާބުދެމުންނެވެ. "އަހަރެން ކޮންމެ ދުވަހަކު ވެސް ސްކޫލަށް އަންނަނީ ބިރުންހުރެ. ބައެއް ފަހަރު މަންމަ ސުވާލުވެސް ކުރާނެ މިހާރު ހާދަ ގަޑި ކައިރިކޮށްފައޭ ސްކޫލަށްދާން ތިޔަ ނިކުންނަނީ. މަންމަކައިރީގަވެސް އަހަރެން ނުބުނަނީ، އެއްވެސް މީހެއް ކައިރީ އެކުދިންގެ ވާހަކަ ބުނެފިއްޔާ އިތުރަށް ތަޅާލާނަމޭ ބުނެފަ އޮތީމަ. ޓީޗަރުން ސުވާލުކުރީމަވެސް ބުނަނަނީ ކަމެއް ނުވެއޭ. މަޑުން އިންނާތީ ވަރަށް ގިނައިން ޓީޗަރުން ސުވާލުކުރާނެ. ހޯމްވޯކް ނުނިންމާތީ ޓީޗަރުން ވެސް ދެނީ އަދަބު. އެކަމަކު އަހަންނަކަށް އެއްވެސް އެއްޗެއް މިހާރަކު ނުވިސްނޭ. އަބަދުވެސް ބިރުގަނެފަ ހުންނަނީ،" އޭނާއަށް ބްލީކުރާ ކުދިންގެ ނަންތައް ފައްޗަކަށް އަމުނާލަމުން އެކުއްޖާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. ލީޑިން ޓީޗަރަށް ފެނުނީ ފަރުދާގެ ފުރަގަހުގައި ހިނގަމުންދާ ބްލީކުރުމުގެ އޭގެ އިންތިހާގެ އަމަލުތަކުގެ ސަބަބުން މައުސޫމް ކުއްޖެއްގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓެމުންދާތީއެވެ. ތޫނުފިލި ކުއްޖާ ނަފްސާނީ އުނދަގުލުމުގެ ގަދަކަނޑެއްގައި ޖެހި ގެނބެމުންދާތީއެވެ. އުނދަގޫތަކުން ސަލާމަތްވާންވެގެން އަމިއްލަށް މަރުވާ ދަރަޖައަށް ސިކުނޑީގެ ހާސްކަން ބޮޑުވެފައިވާތީއެވެ. މިކަން ޕްރިންސިޕަލްގެ ސަމާލުކަމަށް ގެނައުމުން ބްލީކުރާ ކުދިން އެކި ކްލާސްތަކަށް ބަހާލައި، އެއް ގަޑިއެއްގައި ސްކޫލަށް ނާދެވޭ ގޮތަށް ބަދަލުތައް ގެނެސް، ބްލީގެ ޝިކާރައަކަށްވި ކުއްޖާއަށް ޖެންޑާގެ އެހީތެރިކަމާއެކު ކައުންސެލިން ދޭން ފެށިއެވެ. އެކުއްޖާގެ މައިންބަފައިންނަށް ވެސް އެކަން އަންގައި، އެކުއްޖާއަށް އެހީތެރިވެ ދިނުމަށް ސްކޫލުން އެދުނެވެ. މައިންބަފައިންނަށް ލިބުނީ ހައިރާންކަމާއި މޯޅިކަމެވެ. ހިތާމައެވެ. ކައުންސެލަރު ބުނިގޮތުގައި އެކުއްޖާއަަށް ލިބިފައިވާ ނަފްސާނީ އަނިޔާ ވަރަށް ބޮޑެވެ. އެކަކަށްވުރެ ގިނަ މީހުންގެ އެހީތެރިކަމާއި ޕްރިޓިވް އެޓިޓިއުޓް އެކުއްޖާއާމެދު ގެންގުޅެގެން މެނުވީ އާންމު ދިރިއުޅުމަކަށް ރުޖޫއަ ނުކުރެވޭނެ އެވެ. އަދި ކައުންސެލަރު އެދުނީ އެކުއްޖާ ކިޔަވާ ވެށިވެސް ބަދަލުވާން މަޖުބޫރު ކަމަށެވެ. އެހެންކަމުން މައިންބަފައިންނަށް ޖެހުނީ ކުއްޖާގެ ސްކޫލު ބަދަލު ކުރާށެވެ. މިއީ އެންމެ ސްކޫލެއްގެ އެންމެ ކުއްޖެއްގެ ވާހަކައެވެ. މިފަދަ އެތައް ވާހަކައެއް މިގޮތަށް ލިޔެލެވިދާނެއެވެ. ސްކޫލްތަކުގެ ޓީޗަރުންނަށް އެނގިގެންނާއި ނޭނގި ނަމަވެސް ނުފޫޒު ގަދަ ދަރިވަރުން އެހެން ކުދިންނަށް ބްލީ ކުރެއެވެ. ޖިިސްމާނީ އަނިޔާ ދެއެވެ. ގިނަ ފަހަރަށް އެކަންކަމަށް ފިޔަވަޅު އެޅޭއިރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. އަނިޔާ ލިބޭ ކުއްޖާއަށް ހަތަރެސް އުދަރެސް ހުންނަނީ ފެނު ޖެހިފައެވެ. ހަދާނެ ގޮތް ހުސްވެފައެވެ. އަމިއްލައަށް މަރުވުންވެސް މާ ހިތަށް ފަސޭހަކަމަށް ދެކި، އެހިޔާލުތައް ސިކުނޑީގައި އެނބުރި އެނބުރިއެވެ. އެހެންކަމުން މިއީ ފުން ދިރާސާތަކެއްކޮށް މައްސަލައިގެ ފުނަަށް ފީނައި ހައްލު ހޯދަން މަޖުބޫރުވެފައިވާ ކަމެކެވެ. އެހެންނޫނީ މިކަން ރާއްޖޭގައި ދުވަހެއް ދުވަހަށް ދާނީ ގޯސްވަމުން ނުރައްކާވަމުންނެވެ. މިހާރު ރަސްދޫގައި ފެންމަތިވެގެން އެއުޅެނީ މީގެ އެއް މިސާލެވެ. ފިޔަވަޅު އެޅުން އަވަސްކުރާށެވެ. ހައްލު ހޯދުމުގެ މަސައްކަތް ހަރުދަނާކުރާށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ