119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ފުލުހުންގެ ހާމަކުރި މަޢުލޫމާތުތަކުން އާންމުންގެ ވިސްނުން ބުރަވީ ކޯޓާ ދެކޮޅަށް!

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ފުލުހުންގެ ހާމަކުރި މަޢުލޫމާތުތަކުން އާންމުންގެ ވިސްނުން ބުރަވީ ކޯޓާ ދެކޮޅަށް!
ލިޔުން:
މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގެ ޝަރީއަތުގެ ފުރަތަމަ މަރުހަލާގައި ފަސޭހަކަމާއެކު ކްރިމިނަލް ކޯޓުން ޑްރަގުގެ ބޮޑުން ދޫވާކަމުގެ ތުހުމަތު އުފެދުނީ މީގެ އެތައް އަހަރެއް ކުރިންނެވެ. މިކަމުގައި ކޯޓުން ކުށްވެރި ކުރަނީ ޕީޖީ އާއި ތަހުގީގެވެ. އެހެންނަމަވެސް ފުލުހުންނާއި ޕީޖީ ދެކޭ ގޮތުގައި ކޯޓަށް ސާބިތުކޮށްދެވޭ މިންވަރަށް ހެއްކާއެކު ހުށަހަޅާ ބޮޑެތި މައްސަލަތައް ސުވާލު އުފެދޭ ގޮތަށް ކްރިމިނަލް ކޯޓުން މިނިވަން ވެގެން ދިއުމަކީ އާކަމެއް ނޫނެވެ. އަދި އެކަމުގައި ކުށްވެރިންގެ ނުފޫޒު ކޯޓުތަކަށް ފޯރާކަމުގެ ތުހުމަތުވެސް ފުލުހުން އަބަދުވެސް ކުރެއެވެ.
މިހާރު ތިލަވެގެން މިއުޅެނީ ފުލުހުން އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހުންގެ މައްޗަށް ކުށް ސާބިތުނުވުމުގެ މައްސަލައެވެ. މިކަމާ ގުޅިގެން އާންމުންގެ ފާޑުކިއުން ފުލުހުންނަށް އަމާޒުވީ އެމީހުން މިނިވަން ވުމަށް މަގުފަހިވީ ފުލުހުންގެ ތަހުގީގުގެ ފެންވަރު ދަށްވެގެންނެވެ. މިކަމާ ގުޅިގެން ހޯމް މިނިސްޓަރު ނިންމެވީ، އެ މައްސަލައިގައި ފުލުހުން ކޮށްފައިވާ މަސައްކަތްތަކާއި އެ މަސައްކަތްތަކުން ޝަރީއަތަށް ސާބިތުވާނެ ހެކިތައް އެއްކުރެވި ކޯޓަށް ވެސް ހުށަހެޅިފައިވާތީ، އެކަން އާންމު ރައްޔިތުންނަށް ސާފުކޮށް ދެއްވުމަށެވެ
މިކަމާ ގުޅިގެން ފުލުހުންގެ ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެމައްސަލައާ ގުޅޭ ވަރަށް ސާފު މަންޒަރެއް ޕްރެޒެންޓޭޝަނެއްގެ ސިފައިގައި ފުލުހުން އާންމުންނަށް ދައްކައިދިނެވެ. އަދި އެކަމުގައި ބުރަ އަދި ފުރިހަމަ މަސައްކަތްތަކެއްކޮށްފައިވާކަން އެ ޕްރެޒެންޓޭޝަނުން ސާފުކޮށް އެނގިގެން ދިޔައެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ ފާރާތްތަކަކީ ގދ. ހޯޑެއްދޫ، އަލޯރާ، އަހުމަދު މުޖާހިދު، ގދ. ހޯޑެއްދޫ، ގުލޭނޫރަންމާގޭ އަލީ ޒުބޭރާއި ގދ. ހޯޑެއްދޫ، އިރުމަތީގޭ އަހްމަދު ސުނައިނާއި އަދި ގދ. ހޯޑެއްދޫ ދޯދި، މުހައްމަދު އަކްރަމް އަބްދުލްހަންނާނެވެ.
މި މައްްސަލައިގައި ފުލުހުން އަތުލައިގަތް މަސްތުވާތަކެއްޗާ ބެހޭ ގޮތުން ޕްރެޒެންޓޭޝަނުގައި ބުނެފައިވަނީ ފުލުހުންގެ އިންޓެލިޖެންސްއިން މާލެ ދެކުނުފާރާތު ބަނދަރު ސަރަހައްދު މޭރީ ބްރައުން ކައިރިން ދެ މީހަކު ރަޖިސްޓްރީ ނަންބަރު “އޭބީ1އޭ/ޓީ 8977” ޓެކްސީއަށް މަސްތުވާތަކެތި އަރުވައިގެން ދިޔަކަމަށް މައުލޫމާތު ދީފައިވާކަމަށެވެ. މިލިބުނު މައުލޫމާތާއި ގުޅިގެން އެ ޓެކްސީ ބުރުޒުމަގު މައްޗަންގޯޅި ބެރިއަންފަރުގޭ ކަންމަތިން ފުލުހުން ހުއްޓުވާ ޓެކްސީ ތެރެއިން ގދ. ހޯޑެއްދޫ، ގުލޭނޫރަންމާގޭ އަލީ ޒުބޭރާއި ގދ. ހޯޑެއްދޫ، އިރުމަތީގޭ އަހްމަދު ސުނައިނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށެވެ.
ޓެކްސީ ބަލާ ފާސްކުރިކުރުމުން ޓެކްސީގެ ފަހަތު ޑިކީ ތެރެއިން ފޮއްޓަކާއި ބެކްޕެކެއް ފުލުހުންނަގާ ބެލިއިރު ފޮށި ތެރެއިން ޑައިމޯފިންއަށް ޕޮޒިޓިވް، ބަރުދަނުގައި 23819.8 ގުރާމު ހުރި 24 ރަބަރު ޕެކެޓު އަދި ބެކްޕެކްތެރެއިން ޑައިމޯފިންއަށް ޕޮޒިޓިވް، ބަރުދަނުގައި 3877.20 ގުރާމު ހުރި 4 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މަސްތުވާތަކެތި ހުރި ފޮށްޓަކީ 2021 ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ 16:25 ހާއިރު މަޖީދީ މަގުގައި ހުންނަ ހުދުމާ ފިހާރައިން މިމައްސަލައިގައި ތުހުމަތު ކުރެވޭ އަހުމަދު ސުނައިނު ގަނެފައިވާ ފޮށްޓެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ހުދުމާ ފިހާރައިން ސުނައިނު ގަނެފައިވާ ފޮށްޓަކީ މަސްތުވާތަކެތި ފެނުނު ފޮށިކަން ފުލުހުންގެ ޕޮރެންސިކް ތަހުލީލުތަކުން ކަށަވަރުކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިމައްސަލައިގައި އިތުރަށް ހޯދި ހޯދުންތަކުން އަލީ ޒުބައިރާއި މިމައްސަލައިގައި ތުހުމަތު ކުރެވޭ މުހައްމަދު އަކްރަމް އަބްދުލްހަންނާން އާއި ދެމީހުން 20221 ޑިސެމްބަރު 12 ވަނަ ދުވަހުގެ 07:44 ހާއިރު ދުއްވި ޕީސީއެކްސް ސައިކަލް މެރީ ބްރައުން ކުރިމަތިން އޮންނަ ޕާކިން ޒޯނުގައި ޕާކް ކޮށްފައި ހުއްޓާ ފުލުހުން އެ ސައިކަލް ހޯދައި ބަލައި ފާސްކުރި ކުރުމުން ސައިކަލް މަޑިދަށުގައި އޮތް ދަބަހަކުން ޑައިމޯފިން އަށް ޕޮޒިޓިވް ބަރުދަނުގައި 3877.2 ގުރާމް ހުރި ހަތަރު ރަބަރު ޕެކެޓު ވަނީ ފެނިފައެވެ. މީގެ އިތުރުން މި މައްސަލައިގެ ތެރެއިން ބަލައި ފާސްކުރެވުނު ހުދު ކުލައިގެ ކާރުން، 45754.4 ގުރާމް ހުރި ޑައިމޯފިން އަށް ޕޮޒިޓިވް 46 ރަބަރު ޕެކެޓު ލާފައި ހުރި ފުޅިމަދު ތިން ފޮށިގަނޑާއި ބަރުދަނުގައި 39781 ގުރާމް ހުރި 40 ރަބަރު ޕެކެޓު ލާފައިވާ ދެ ލަގެޖު ދަބަސް ވަނީ ފެނިފައެވެ.
ތަހުގީގުން ހޯދި ހޯދުންތަކުން މަސްތުވާތަކެތި ފެނިފައިވާ ތިން ފޮށިގަނޑަކީ 2021 ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުގެ 08:22 ހާއިރު ލޯކަލް މާރުކޭޓުން ގަނެފައިވާ ފުޅިމަދު ފޮށިގަނޑުތަކެއްކަން ހޯދިފައިވެއެވެ. އަލީ ޒުބެއިރު މި ގަތް ފުޅިމަދު ފޮށިގަނޑުތަކަކީ މަސްތުވާތަކެތި ފެނިފައިވާ ފުޅިމަދު ފޮށިގަނޑުތަކެއް ފުލުހުން ގެ ފޮރެންސިކް ތަހުލީލު ތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެ ފޮށިތަކުގައި ހުރި މަސްތުވާތަކެތި ލާފައިވާ ރަބަރު ޕެކެޓުން އަލީ ޒުބައިރުގެ އިނގިލީގެ ނިޝާން ހޯދިފައިވާ ކަމަށްވެސް ފުލުހުން ބުނެފައެވެ. އަދި ކާރުން ފެނުނު ދެ ދަބަހަކީ ޗާންދަނީ މަގުމަގައި ހުންނަ ސޮނީ ސްޕޯޓްސް ފިހާރައިން އަލީ ޒުބައިރު ގަނެފައިވާ ދަބަސްތަކެއްކަންވެސް ހާމަވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ހުދު ކުލަކައިގެ ކާރުގެ ތެރެއިން މުޖާހިދުގެ ދަރިފުޅުގެ މުހިންމު ލިޔެކިޔުންތައްވެސް ފެނިފައިވެއެވެ. އަދި މިކާރު އެރޭ ދުއްވާފައިވަނީ އަހުމަދު މުޖާހިދު ކަމަށް ފުލުހުން ވަނީ ސީސީޓީވީ އިން ދައްކާފައެވެ.
މިމައްސަލައިގައި މަސްތުވާތަކެތި އެތެރެ ކޮށްފައިވާ ގޮތް ހިއްސާކުރައްވާ ފުލުހުން ބުނެފައިވަނީ ސޮނީސްޕޯޓްސް ފިހާރައިން ދެ ދަބަސް ގަތުމަށްފަހު މއ. ކަނޑޫގެއަށް ގެންދިޔައީ ޒުބައިރު ކަމަށެވެ. އަދި އޭގެ ފަހުން ލޯކަލް މާރުކޭޓުން ފުޅިމަދު ތިން ފޮށިގަނޑު ގަތުމަށްފަހު ކަނޑޫގެއަށް ވެއްދީ ޒުބޭރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއަށްފަހު މި މައްސަލައިގައި ތުހުމަތު ކުރެވުނު އަކުރަމް އާއި މުޖާހިދު މެރީ ބްރައުން ސަރަހައްދަށް މަސްތުވާތަކެތި ބަލައި ވަނީ ގޮސްފައެވެ. އަދި އޭގެ ފަހުން ޒުބައިރު ކަނޑޫގެއަށް ވެއްދި ފުޅިމަދު ފޮށިގަނޑުތަކާއި ދަބަސްތަކާއި އަދި ދަތުރަށް ބޭނުންވާނެ އަސާސީ ތަކެތި ހިފައިގެން ޕިކަޕެއްގައި މޭރީ ބްރައުން ސަރަހައްދަށް ދިޔައެވެ.
މަސްތުވާތަކެތި ބަލައި ދަތުރުކޮށްފައި ވަނީ އަލީ ޒުބައިރާއި އަކުރަމްކަން ތަހުގީގަށް ދެނެގަނެވިފައި ވަނީ، އެ ދެ މީހުންގެ ފޯންކޯލްތަކުގެ އިންޓެލްއަށް ބަލާއިރު އެއްވެސް މުއާމަލާތެއް 2021 ޑިސެމްބަރު 10 ވަނަ ދުވަހުގެ 19:00 އިން ޑިސެމްބަރު 12 ވަނަ ދުވަހުގެ 9:00 އަށް ކޮށްފައިނުވާތީ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ދަތުރު ކޮށްފައިވަނީ އަކުރަމް ގަނެފައިވާ ބަންގާ ނަމަކަށް ކިޔާ ލޯންޗަކުންނެވެ.
އަލީ ޒުބައިރު އާއި އަކުރަމް މަސްތުވާތަކެތި ހިފައިގެން އެނބުރި މާލެ އައީ 2021 ޑިސެމްބަރު 12 ވަނަ ދުވަހުގެ ހަވީރު 4:50 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ދުވަހު 5:00 ހާއިރު އަހުމަދު މުޖާހިދު އޭނާ ދިރިއުޅޭ ގެ މއ، ލަކީހައުސްއިން ނިކުމެގެން ސައިކަލުގައި ދުއްވާފައި ގޮސް އައިޖީއެމްއެޗު އޭޓީއެމްއިން 200 ރުފިޔާ ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެކަން އޭނާގެ ބޭންކު ސްޓޭޓްމެންޓުން އެނގޭކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ. އަދި އޭގެ ފަހުން މުޖާހިދު އިންޑަސްޓްރިއަލް ޒޯނަށް ވަންނަ މަންޒަރު ފެންނަ ކަމަށާއި އޭގެ ފަސް ވަރަކަށް މިނިޓު ފަހުން މުޖާހިދު ސައިކަލު ބަހައްޓާފައި ހުދުކުލައިގެ ކާރެއްގައި ނިކުމެގެން ދާތަން ފެންނަ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެކާރު މަޑުކޮށްފައި ވަނީ މޭރީ ބްރައުން ކައިރި ބަނދަރަށް ކަމަށާއި އެކާރަށް އެއްޗިހިތަކެއް އަރުވާ މަންޒަރު ފެންނަ ކަމަށްވެސް ފުލުހުން ވަނީ ހިއްސާކޮށްފައެވެ.
އޭގެ ފަހުން އެ ކާރު ހުޅުމާލެ ރަބަރު ގަސް މަގު ގޯޅި 3 އަކަށް މަޑުކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި އޭގެ ފަސް ވަރަކަށް މިނިޓު ފަހުން ކާރު ޕާކުކުރި ގޯޅިން މުޖާހިދު ނިކުމެގެން ދާ މަންޒަރު ރެކޯޑު ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. ކާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީވެސް އެނާ ނުކުމެގެން އައި މަގުގައި ޕާކުކޮށްފައި ވަނިކޮށްކަމަށް ފުލުުހުން ވަނީ ބުނެފައެވެ.
މުޖާހިދު އެއަށްފަހު އޭނާގެ އަވަސް ރައިޑް އެޕް މެދުވެރިކޮށް ޓެކްސީއަކަށް އަރައިގެން އިންޑަސްޓްރިއަލް ޒޯނަށް އައި ކަމަށާއި އަދި އެތަނުގައި ޕާކު ކޮށްފައި ހުރި ސައިކަލަކަށް އަރައިގެން ދާ މަންޒަރު ވަނީ ރެކޯޑުކުރެވިފައެވެ. އަދި އެއީ މާލެއަށް ބޯކޮށް ވާރޭ ވެހިވެހި އޮތް ވަގުތެއް ކަމަށާއި އެދުވަހުގެ ފަތިހު މުޖާހިދު ބޭރަށް ނިކުތީ މަސްތުވާތަކެތި މާލެ އައުމުން އެތަކެތި ކާރުގައި ރައްކާކުރުމަށް ކުރި ދަތުރެއްގައި ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި މިއީ މުޖާހިދު ދުއްވާ ކާރެއްކަން ފުލުހުންނަށް އެނގުނީ މިކަން ހިނގައިދިޔުމުގެ ކުރިން މުޖާހިދުގެ އާއިލާގޮވައިގެން ޑޮކްޓަރަށް ދެއްކުމަށް ކާރުގައި ޓްރީޓޮޕަށް ގޮސްފައިވާތަން ފެނިފައިވާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ހުދު ކާރުގައި މުޖާހިދު މޭރީ ބްރައުން ކައިރިން ބަނދަރާއި ކައިރި ކުރުމަށްފަހު އެއްޗިތަކެއް ކާރަށް އަރުވާ މަންޒަރު ފެންނަ ކަމަށާއި އަދި އޭގެ ފަހުން ޒުބައިރާއި އަކުރަމް މާފަތްތަކުރުފާނު މަގުން ހިނގާފައި ގޮސް ކަނޑޫގެއަށް ވަންނަަ މަންޒަރު ފެންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭގެ ފަހުން މުޖާހިދު އެއްޗިހި ބަދަލު ކުރުމަށްފަހު ކަނޑުގެ ކައިރިއަށް ސައިކަލުގައި ގޮސްފައިވާ ކަމަށާއި އަދި ސައިކަލް މަޑިދަށުން ކާރެއްގެ ރިމޯޓު އަކުރަމް އަތަށް ދޭތަންވެސް ރެކޯޑުކުރެވިފައިވާ ކަމަށް ފުލުހުން ބުންނެފައިވެއެވެ.
އޭގެ ފަހުން އެ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ހައްޔަރުކުރެވުނު ކަމަށާއި އަކުރަމަށް އެ މައުލޫމާތު ލިބި އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާ ކަމަށްވެސް ތަހުގީގީ ރިޕޯޓުން ވަނީ ހާމަވެފައެވެ. އަދި މިހާތަނަށްވެސް އޭނާ ރާއްޖެ އައަިސްފައެއް ނުވެއެވެ.
ފުލުހުންގެ ނޫސް ކޮންފަރެންސްގެ ސަބަބުން ކޯޓުން މިނިވަންވި މީހުންގެ މައްޗަށް ކުށް ސާބިތުވާވަރުގެ ހެކިތައް ފުލުހުން ހުށަހަޅާފައިވާކަން އާންމުން ވަނީ ގަބޫލުކޮށްފައެވެ. އަދި ކޯޓުތައް އިސްލާހު ނުކޮށް، ރާއްޖެއިން މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކާއި މިނޫންވެސް ޖިނާއީ ކުށްތަކަށް އިންސާފު ނުލިބޭނެ ކަމަށް ރައްޔިތުން ދެކެއެވެ. އަދި ހަމަމިއާއެކު ފުލުހުންގެ ތަހުގީގު މިހާރަށްވުރެވެސް ޕްރޮފެޝަނަލްކޮށް، ޖީޕީން ދައުވާކުރާ އުސޫލުތަކަށް ވެސް އިންގިލާބީ ބަދަލުތަކެއް ޖިނާއީ ބޮޑެތި މައްސަލަތަކަށް ގެންނަން އެބަޖެހެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މޭޔަރުގެ މަގާމު ނުލިބުނުނަމަ ވިވަގުތު އާދަމް އާޒިމް ހުންނާނެ ކަމަށް ގަބޫލުކުރެވެނީ ސަރުކާރު ކުންފުންޏެއް ހިންގަން

އިންތިހާބު ގިނަވި ވަރަކަށް ރައްޔިތުންނަށްވާ ފައިދާ ބޮޑުވެ، ތަރައްގީ އަވަސްވޭ

ޕީއެންސީގެ މޭޔަރެއް މާލެސިޓީއަށް ގެންނައުމަށްވުރެ، އެޕާޓީން އާޒިމަށް މޭޔަރުކަން ހޯދައިދިނުން ގާތްކަމަށް ގިނަ ބަޔަކު ދެކެނީ ކީއްވެ!

އިންތިހާބުކުރާ މަގާމުތައް މަދުކޮށް އައްޔަނުކުރާ މަގާމުތައް އިތުރުކުރާނަމަ ވެރިއަކަށް އެހުރީ ޑިކްޓޭޓަރެކެވެ!

މީޑިއާއި މެދު ނަތަންޔާހޫ އާއި މުއިއްޒުގެ ވިސްނުން ދާދި އެއްގޮތް

ބީއެމްއެލް އާއި އެމްއޭސީއެލްގައި ހުރި ފައިސާއިން މުއިއްޒުގެ ހުރިހާ ވައުދެއް ފުއްދިދާނެތަ؟
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
