މާލެ: 31°C

ތަރުތީބު ގެއްލިފައިވާ ވެރިރަށް މާލެ!

February 26, 2024
3 ފަހަރު ބަލާފައި
ތަރުތީބު ގެއްލިފައިވާ ވެރިރަށް މާލެ!
ތަރުތީބު ގެއްލިފައިވާ ވެރިރަށް މާލެ!

ތިން އަހަރަށް ފަހު މާލެ އައިސް ކާރުގައި ބުރެއް ޖަހާލަން ނުކުތީމެވެ. ފެށީ ހުޅުމާލެއިންނެވެ. ފޭސް ދޭކުން މަޑުމަޑުން ދުއްވަމުން އައިސް ކާރު ފޭސް އެކަކަށް އެރުމުން ހީވީ މުޅިން އެހެން ދުނިޔެއަކަށް ދެވުނު ހެންނެވެ. އެއްވެސް ތަރުތީބެއް ބަލާލުމެއް ނެތި ކޮޅު ކޮޅަށް ދުއްވާ ވެހިކަލްތައް ހާއްސަކޮށް ސައިކަލްތަކުގެ ސަބަބުން ހިތުގައި ބިރުވެރިކަން އުފެދުނެވެ. އޯވަރޓޭކް ކުރާކަށް ވަކި ފަޅިއެއް ވަކި ތަނެއް ނޯވެއެވެ. މަގުމަތީގެ ޓްރެފިކް ރޮނގާއި ނިޝާންތަކަކީ އެއްވެސް ހުރުމަތެއް ހުރި އެއްޗެއްސެއް ނޫނެވެ. ގަދަ މީހަކު ގަދައެވެ. ބަލައިގެން ދުއްވަންޏާ ދުއްވަންވީއެވެ.

ހައިވޭއިން ދުއްވާފައި އައިސް މާލެ އެރުމުން ދެން ލައިގަތީ ކަންތަކާއެވެ. ސަހަރޯ ހީވިއެވެ. މުޅި މާލެ އޮތީ ތަރުތީބު ގެއްލި ހުރިހާ ކަމެއް ބޮއްސުންލާފައެވެ. މާލެއަށް އެކަށީގެންވާ ވަރަށްވުރެ ސައިކަލާއި ހަތަރު ފުރޮޅުލީ ވެހިތައް ގިނަވެ، މުޅި މާލޭގެ ޓްރެފިކް ކަންތައް އޮތީ ކުޑަވަރެއްގެ "ހަނގުރާމަ"އަކަށް ވެފައެވެ. ވަކި މީހެއް ވަކި ބާވަތެއްގެ ވެހިކަލެއް ކިޔާނެ ކަމެއް ނެތެވެ. ދުއްވުމުގެ އަހުލާގު ހަމަ ސުމެކެވެ. މިހާރު މި ފެންނަ ހާލަތުން މާލޭގެ ވެރިކަލް ތަރުތީބު ކުރުމަކީ އާދައިގެ ސިކުނޑިއަކަށް ކެރި ކުޅަދާނެ ވެގެންވާނެ ކަމެއް ނޫނެވެ. މިނިސްޓަރަކަށް ޓްރެފިކް ޕޮލިހަކަށް ކައުންސިލަކަށް މިކަންކަން ހަމައަކަށް އެޅުވޭނެ ހަމަ އެއްގޮތެއްވެސް، ވިސްނާ ވިސްނާވެސް އަހަރެންގެ ސިކުނޑިއަކަށް ނުވަދެއެވެ.

ގަވާއިދާ ޚިލާފަށް ޕާކު ކޮށްގެން ސްޓިކާ ޖަހާ ވާހަކަ އަޑުއިވުމުން، އަހަރެންގެ ހިތަށް އެރިއެވެ. ސިޔާސަތު ރާވާން ތިއްބަވާ ބޭފުޅުން ފިނިކާރު ކޮޅުގައި ގެއަށް ވަޑައިގަންނަވާ އިރުވެސް ބޮއްސުންލާފައިވާ މާލޭގެ ހާލަތު ނުފެންނަނީ ބާވައެވެ. މާލޭގައި ގަވާއިދާ އެއްގޮތަށް ޕާކު ކުރާނީ ކޮންތާކު ހެއްޔެވެ؟ ސަރުކާރުން ހުއްދަ ދީގެން އެ ދުއްވާ ހުރިހާ ވެހިކަލެއް، އުޅަނދެއް ބާއްވާނީ ކޮންތާކު ހެއްޔެވެ؟

ދެން އޮތީ މަގުމަތީގެ ޝަކުވާގެ ވާހަކައެވެ. ސައިކަލް ދުއްވާ މީހުންގެ ބަހުގެ ހޫނު ހަމަލާއަށް އަމާޒުކުރަނީ ކާރު ދުއްވާ މީހުންނަށެވެ. ކާރު ދުއްވާ މީހުންގެ ޝަކުވާއަކީ ބަސްތަކާއި ޕިކަޕާއި ހިނގާބިނގާވާ މީހުންނާއި ސައިކަލްތަކެވެ. ބަސް ދުއްވާ މީހުންގެ ނުރުހުމަކީ މަގު ހުރަސްކުރާ މީހުންގެ ފަރުވާކުޑަކަމާއި އޮވަޓޭކް ކުރުމުގައި އެއްވެސް އުސޫލެއް ނެތުމާއި، އެހެން ގައުމުތަކުގައި އޮންނަ ގޮތަށް ޕަބްލިކް ބަހަށް އެއްވެސް އިހުރާމް ކުރުމެއް ނެތުމުންނެވެ. ހިތުހުރި ގޮތަކަށް މަގުހިނގާ މީހުންވެސް ވަކި ޝަކުވާ މަދެއް ނޫނެވެ. އެމީހުންގެ ރުޅިވެރިކަން ހުރިހާ ދުއްވާއެއްޗަކަށްވެސް އަމާޒުވެއެވެ.

"ހަމަ ސީދާ ގަޔާ ދިމާއަށް އެ އަންނަނީ. މަގު ހުރަސްކުރާއިރުވެސް ބިރުން ވިރިވިރި ހުންނަނީ. މިތާކު މިހާރު އުޅެވޭ ވަރަށްވުރެ މާ ކަންތައްގަނޑު ބޮޑުވެއްޖެ،" ކާނިވަލުގައި ކާރުބާއްވާފައި ޑޮކްޓަރަށް ދައްކާލުމަށް ގޮސް ހުއްޓައި، އޭޑީކޭ ދޮރުމަތިން މަގު ހުރަސްހުރި މީހަކު ބުންޏެވެ.

ޑޮކްޓަރަށް ދައްކާ ނިމިގެން ރައްޓެއްސެއްގެ ސައިކަލް ފަހަތުގައި އޭނާގެ ދައުވަތަކަށް ކޮފީއަކަށް ފަރީދީ މަގާ ދިމާއަށް ދުއްވަމުން ދިޔައިރު ރައްޓެހި ޒުވާނާ ވެސް ދިޔައީ ޝަކުވާ ކުރަމުންނެވެ.

"ބްރޯ މާލޭގައި މިހާރު ސައިކަލް ދުއްވޭކަށް ނެތް ހިނގާ މީހުންގެ އުނދަގޫ ބޮޑުކަމުން. ހަމަ ހިތުހުރި ގޮތަކަށް ހިނގާފަ ދާނީ ނުބަލާނެ އެއްވެސް ދުއްވާ އެއްޗަކަށް. އަނެއްކާ ކާރުތަކާ ޕިކަޕުތަކުގެ އުނދަގޫ އެހާ ބޮޑު،" މިއީ ރަހުމަތްތެރިޔާގެ ވާހަކަ ހުރި ގޮތެވެ.

[caption id="attachment_98350" align="aligncenter" width="1280"] މާލޭމަގެއްގައި ބައިސްކަލަކާއި ކާރެެއްޖެހި އެކްސިޑެންޓެއް ހިނގާފަ..ފޮޓޯ:މިނިވަން[/caption]

ޒިންމާދާރުވުމުގެ ބަދަލުގައި މާލޭގެ މަގުމަތީގައި އޮތީ ޝަކުވާ އާއި ގަދަ މީހަކު ގަދަ އުސޫލެވެ. ސްކިޓާ ޖެހިޔަސް، ޖޫރިމަނާގެ އަދަދު މިލިއަނަށް ބޮޑު ކުރިއަސް މާލޭގެ ޓްރެފިކްގެ މައްސަލައަކީ ފަސޭހައިން ހައްލު ކުރެވެން އޮތް ކަމެއް ނޫނެވެ. ހައްލަކަށް ވިސްނާނަމަ އެންމެ ފުރަތަމަ އަހުލާގު ރަނގަޅު ޖީލެއް ބިނާކުރަން ވިސްނާށެވެ. ހައްދެއްނެތި ކްރެޑިޓަށް ވެހިކަލް ދޫކުރުމުގެ އުސޫލަށް ބަދަލު ގެންނާށެވެ. މާލެ އަލުން ބަލުން ޕްލޭންކޮށް ޕާކުކުރާނެ ތަންތަނާއި ވަންވޭ އުސޫލުން ދުއްވާނެ އުސޫލެއް ތައާރަފްކުރާށެވެ. އެހެން ނޫނީ ޝަކުވާއަކަށް ނިމުމެއް ނާންނާނެއެވެ. ތަރުތީބު ގެއްލި ބޮއްސުންލާފައިވާ މާލެއަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ