މާލެ: 31°C

ތާރީޚުގައި ވެރިކަން ކުރި އެންމެ އަނިޔާވެރި 5 އަންހެނުންގެ ތެރެއިން ލޭޑީ އެލިޒަބަތު ބަތޯރީ

May 8, 2023
2 ފަހަރު ބަލާފައި
ތާރީޚުގައި ވެރިކަން ކުރި އެންމެ އަނިޔާވެރި 5 އަންހެނުންގެ ތެރެއިން ލޭޑީ އެލިޒަބަތު ބަތޯރީ
ތާރީޚުގައި ވެރިކަން ކުރި އެންމެ އަނިޔާވެރި 5 އަންހެނުންގެ ތެރެއިން ލޭޑީ އެލިޒަބަތު ބަތޯރީ
އަނިޔާވެރިކަމާއި ހުދުމުހުތާރުކަން ފެންނަނީ ހަމައެކަނި ވެރިކަމުގައިތިބޭ ފިރިހެނުންގެ ފަރާތުން އެކަންޏެއްނޫނެވެ. އަނިޔާވެރިކަމަކީ ނިމުމެއް ނެތްކަމެކޭ ބުނެވިދާނެއެވެ. އިންސާނީ ނަސްލު ތަހުޒީބާއި ދިމާއަށް މިޝްރާބު ހިފީންސުރެ 21 ވަނަ ޤަރުނާއި ހަމައަށްވެސް އަނިޔާވެރި ވެރިކަންތަށް ދިޔައީ އިންސާނީ މުޖުތަމަޢު ތަހައްމަލު ކުރަމުންނެވެ. އަނިޔާއާއި، މީހުން މެރުމާއި ރޭޕްކުރުމާއި ޖަރީމާތައް ހިންގުމާ މެދު ވިސްނާއިރު ގިނަފަހަރަށް މީހުންގެ ސިކުނޑި އަށް ވިސްނެނީ އެއީ ފިރިހެނުންގެ ސިފަތަކެއްކަމުގައެވެ. ޝައްކެއްވެސްނެތްގޮތުގައި ގިނަ ޙާލަތްތަކުގައި އެކަން އޮތީ އެހެން ނަމަވެސް މި ގެނެސްދެނީ ބާރުވެރި މަގާމުތަކުގައި ތިބެ އަނިޔާވެރިކަން އިސްކުޅަ 5 އަންހެނުނ ްގެ ތެރެއިން ލޭޑީ އެލިޒަބަތު ބަތޯރީ ގެ ވާހަކައެވެ. 1560 ވަނަ އަހަރު ހަންގޭރީގެ ޝާހީ އާއިލާއަކަށް އުފަންވި އެލިޒަބަތު ބަތޯރީއަކީ މާތް ލޭގެގޮތުން އިއްޒަތްލިބިގެންވާ ބޭކަނބަލެކެވެ. އެކަމަނާއަކީ ސްޓެފަން ބަތޯރީގެ ދައްތަ، ވޮއިވޯޑް އަދި ފަހުން ޓްރާންސިލްވޭނިއާގެ ޕްރިންސް ލިތުއޭނިއާގެ ގްރޭންޑް ޑިއުކް އަދި ޕޮލެންޑްގެ ރަސްގެފާނެވެ. އެހެންކަމުން އެކަމަނާއަކީ ޢިއްޒަތްތެރިންގެ ގޮތުގައި އުފަންވެ ތަޢުލީމާއި މުއްސަނދިކަމާއި މަތިވެރި އިޖްތިމާޢީ ދަރަޖައެއް ލިބިވަޑައިގެންފައިވާ ބޭކަނބަލެކެވެ. ކުޑައިރު އެޕިލެޕްސީ އަށް ވެދާނެފަދަ ސިކުނޑީގެ ބައްޔެއް އެކަމަނާ އަށް ޖެހުނެވެ. އެޒަމާނުގައި މިފަދަ ބަލިތަކަށް ފަރުވާ ދިނުމުގެ ތެރޭގައި ބަލި މީހާއަށް ބަލި ނުޖެހޭ އިންސާނުންގެ ލެއާއި ބޮލުގެ ބައިތައް ކާންދިނުން ހިމެނެއެވެ. އެކަމަށް ހަރުދަނާ ހެއްކެއް ނެތް ނަމަވެސް އެކަމަނާގެ ކުޑައިރުގެ ވާހަކަތަކުން އެކަމަނާގެ އަމިއްލަ އާއިލާގެ ފަރާތުން އަނިޔާއާއި އަނިޔާވެރިކަން އެކަމާނާއަށް ވާރުތަވި ގޮތް ހާމަވެއެވެ. އޭގެ އިތުރުން އެކަމަނާގެ ބައްޕާފުޅުގެ ސިފައިންނަސް ދީފައިވާ އަނިޔާވެރި އަދަބުތަކާއި މަރުގެ އަދަބުތައް އެކަމަނާއަށް ފެނިވަޑައިގެން، އެ ޝައިޠާނީ އަމަލުތަކުގެ ނުފޫޒު އެކަމަނާއަށް ފޯރިއެވެ. ގާތްގަނޑަކަށް އެކަމަނާގެ އުމުރުން 10 އަހަރާއި 12 އަހަރާ ދެމެދު ބަތޯރީ އެންގޭޖްވެފައި ވަނީ ކައުންޓް ފެރެންކް ނަޑަސްޑީއާ އެވެ. 8 މެއި 1575 ގައި އެ ދެމީހުން ކައިވެނި ކުރިއެވެ. އޭރު އޭނާގެ އުމުރަކީ 15 އަހަރެވެ. ނަމަވެސް އޭގެ ކުރިން އެކަމަނާގެ އުމުރުން 13 އަހަރުގައި ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅުނު ފިރިންހެންކުއްޖަކާ ހިންގި ސިއްރު ގުޅުމެއްގެ ތެރެއިން އަންހެން ކުއްޖެއް ލިބުނެވެ. ނަމަވެސް  ބަތޯރީގެ އާއިލާއިން އިތުބާރުކުރި ދަނޑުވެރި ކަމުގެ މަސައްކަތުގައި އުޅޭ އަންހެނަކަށް އެ ކުއްޖާ ޙަވާލުކޮށް އެކަންވަނީ ސިއްރުކޮށްފައެވެ. ބަތޯރީގެ ފިރިމީހާ ގިނަ ވަގުތު ހޭދަކުރީ އުޘްމާނީންނާ ހަނގުރާމަކޮށް ސަހަރު ހިމާޔަތްކުރުމުގައެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ބަތޯރީގެ އަނިޔާވެރިކަން އިތުރަށް ފާޅުވަމުން ދިޔައެވެ. އެހެންގޮސް 1601 ވަނަ އަހަރު ފިރިމީހާ އަވަހާރަވުމާ ގުޅިގެން އެކަމަނާގެ ނުބައި ޖަރީމާތައް އިތުރުވެގެން ދިޔައެވެ. ބަތޯރީގެ ޝިކާރައަކަށްވި ގިނަ މީހުންނަކީ އުމުރުން 10 އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން ކުދިންނެވެ. އަންހެން ދަރިން ބަތޯރީގެ ގަނޑުވަރަށް ފޮނުވީ ރިވެތި އަޚްލާޤު ދަސްކޮށްދިނުމަށެވެ. ބަތޯރީގެ އަނިޔާވެރިކަމުގެ ތެރޭގައި ނިޔަފަތިތަކުގެ ޕިން ހެރުމާއި، މާމުއި ތަކުގެ ތެރޭގައި ހިންޔާއި އެހެނެހެން ފަނިފަކްސާ އަށް އެކުދިން ހުށަހެޅުންހިމެނެއެވެ. އަދި ބަތޯރީގެ ޝިކާރައަކަށްވި މީހުންނަށް ނެޓްލްސް ޖެހުމާއި ހަށިގަނޑުގެ ބައިތައް ގިނައިން އަންދަމުން ދިއުން ހިމެނެއެެވެ. މިގޮތަށް އަނިޔާވެރިވުމުގައި ހާއްސަކޮށް ޖިންސީ ގުނަވަންތައް ހިމެނެ އެވެ. މިގޮތުން އަންދާލުމަށްފަހު ފިނިފެނަށް އެއްލާލާނެއެވެ.ގިނަ ބަޔަކު މަރުވާ ހިސާބަށް އަނިޔާކޮށްފައިވާއިރު އޭގެ ތެރެއިން ބައެއް މީހުން ވަޅުލާފައި ވަނީ ފާހަގަ ނުކުރެވޭ ތަންތަނުގަ އެވެ. ބަތޯރީ އާއި އެކަމަނާގެ ބައެއް ނޯކަރުން އެންމެ ފަހުން 1610 ވަނަ އަހަރު ހައްޔަރުކޮށް އެކަމަނާގެ ބައިވެރިންގެ މައްޗަށް 1611 ވަނަ އަހަރު ޝަރީޢަތް ހިންގަން ފެށިއެވެ. 300 އަށްވުރެ ގިނަ ހެކިންގެ ހެކިބަހާއި ހުކުމެއް އަންނާނެ ކަމުގެ ޔަގީންކަން ލިބުނެވެ. އަދި ބަތޯރީގެ އަމިއްލަ ފޮތްތަކުނވެސްް ހެކި ފެނިފައިވެއެވެ. ބަތޯރީގެ ނޯކަރު އަންހެން ކުއްޖަކު ބުނި ގޮތުގައި އޭނާގެ ޝިކާރައަކަށްވި މީހުންގެ އަދަދު އުޅެނީ 650 ގަ އެވެ. އެލިޒަބަތު ބަތޯރީގެ ބައިވެރިންނަށް މަރުގެ އަދަބު ދިނުމަށްޓަކައި ކާބޯތަކެއްޔާއި ވައި އެކަނި ލިބޭ ގޮތައްހުރި ކޮޓަރިއެއްގައި އޭނާ ބަންދުކުރި އެވެ. އެއަށްފަހު އަހަރުތަކެއް ފަހުން ބަތޯރީ ފެނިފައިވަނީ މަރުވެފައި އޮއްވައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ