މާލެ: 31°C

ސޫދާން ހަނގުރާމަ ހުއްޓާލަން އދ އިން ގޮވާލައިފި

April 18, 2023
2 ފަހަރު ބަލާފައި
ސޫދާން ހަނގުރާމަ ހުއްޓާލަން އދ އިން ގޮވާލައިފި
ސޫދާން ހަނގުރާމަ ހުއްޓާލަން އދ އިން ގޮވާލައިފި
ސޫދާނުގައި ހިނގަމުންދާ ހަމަނުޖެހުންތައް، އދ.ގެ ވެރިޔާ އެންޓޯނިއޯ ގުޓަރޭޒް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. ގުޓަރޭޒް ވަނީ ހަނގުރާމަކުރަމުންދާ ފަރާތްތަކުން ސުލްހަވެރި މަޝްވަރާތައް ކުރުމަށް ގޮވާލައްވާފައެވެ. ހަނގުރާމާގައި މިހާތަނަށް އާންމުންގެ 100 އެއްހާ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވީ ނަމަވެސް މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް ޑޮކްޓަރުން ބުނެ އެވެ. ދެ ފަރާތުން ވެސް ސްޓްރެޓެޖިކް ދާއިރާތަކުން ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް ބުނި ނަމަވެސް މަރުވި ހަނގުރާމަވެރިންގެ އަދަދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ކަރަންޓު ކެނޑުމާއި ފެނުގެ ދަތިކަމުގެ ސަބަބުން ރައްޔިތުން ގޭގައި ތިބެން ވަނީ މަޖުބޫރުވެފައެވެ. ބޮމުގެ ހަމަލާތަކުގެ ސަބަބުން ހޮސްޕިޓަލުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ފޭރުމުގެ ހާދިސާތައް ވެސް ވަނީ ހިނގާފައެވެ. ނިއުޔޯކުގައި ކުރިއަށްދާ ފޯރަމް އޮން ފައިނޭންސިން ފޯ ޑިވެލޮޕްމަންޓްގައި ގުޓަރޭޒް ސޫދާނުގައި ތިއްބެވި ވާދަވެރި ދެ ލީޑަރުންނާ ވާހަކަ ދައްކަވާފައިވާ ކަމަށާއި ހަމަޖެހުން ގާއިމުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ގުޓެރޭޒް ވަނީ އާންމުން ހިމެނޭ ގޮތަށް މިހާރުވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ކަންބޮޑުވުން ފާޅުކުރައްވައި، އިތުރަށް ހަމަނުޖެހުން ހިންގުމުގެ ސަބަބުން ސޫދާނާއި ސަރަހައްދަށް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ގުޓެރޭޒް ވަނީ ސޫދާނުގެ އިންސާނީ ހާލަތަކީ ނުރައްކާތެރި ހާލަތެއްގެ ގޮތުގައި ސިފަކުރައްވައި، ޑިމޮކްރެޓިކް ވެރިކަން އަލުން އިއާދަކޮށް، ސުލްހަވެރި އަދި އަމާން މުސްތަގްބަލެއް ބިނާކުރުމަށް ސޫދާނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި އދ.ގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ ސޫދާނުގެ ހާލަތާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ހޯމަ ދުވަހުއެވެ. އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސްގެ އަލްޔޯނާ ސިނެންކޯ ވަނީ ސޫދާނުގައި މިހާރު ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން އާންމުންގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވަނީ ފަސްޓް ރެސްޕޮންޑަރުން ހިމެނޭ ގޮތަށް ސިއްހީ ހިދުމަތްތެރިންނަށް ޒަހަމްވި މީހުންނަށް ފަރުވާ ދިނުމުގެ ފުރުސަތު މިހާރުން މިހާރަށް ލިބެން ޖެހޭކަން ފާހަގަކުރައްވާފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މި ހަނގުރާމަ ހިނގަމުން ދަނީ އާބާދީ ބޮޑު މަދަނީ ސަރަހައްދުތަކާއި ކްރިޓިކަލް އިންފްރާސްޓްރަކްޗާ ކައިރީގައެވެ. ސިނެންކޯ ވިދާޅުވީ ޒަރޫރީ އުމްރާނީ ވަސީލަތްތައް ހަލާކުވެއްޖެނަމަ އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ