މާލެ: 31°C

ސޯޝަލް މީޑިޔާގައި ހިންގާ ފިތުނަ އުފައްދާ ދޮގުފަތުރާ އެކައުންޓުތައް ބަލައި ކިޔައި ޝެއަރކުރުން ހުއްދަތޯ؟

May 20, 2024
14 ފަހަރު ބަލާފައި
ސޯޝަލް މީޑިޔާގައި ހިންގާ ފިތުނަ އުފައްދާ ދޮގުފަތުރާ އެކައުންޓުތައް ބަލައި ކިޔައި ޝެއަރކުރުން ހުއްދަތޯ؟
ސޯޝަލް މީޑިޔާގައި ހިންގާ ފިތުނަ އުފައްދާ ދޮގުފަތުރާ އެކައުންޓުތައް ބަލައި ކިޔައި ޝެއަރކުރުން ހުއްދަތޯ؟
ކާކުކަން ނޭނގޭ ގޮތަށް، ފިތުނައާއި ފަސާދައާއި ޣީބަބުނުމާއި ނެތިމޮށުމާ ދޮގުއިލްޒާމުތައް ފަތުރާ ސޯސަލް މީޑިއާގައި އެކި ނަންނަމުގަ ހިންގާ އައިޑީތައް ފުރެންޑު ރިކުއިސްޓު އެކްސެޕުޓުކޮށް އެމައުލޫމާތު ބަލާ ކިޔާ ހެދުމީ ކޮންފަދަ ކަމެއްތޯ؟ އެކަމުން ފާފަވެރިވާނެތޯ؟ އަދި އެފަދަ ފަރާތް ތަކުން ހިންގާ އަމަލުގައި ބައިވެރިވުން ކަމަށް ބެލިދާނެތޯ؟ ސޯޝަލް މީޑިޔާގައި އަދި އެއްވެސް ތަނެއްގައި ކާކުކަން އެނގޭ ގޮތަށްވެސް ނޭނގޭ ގޮތަށްވެސް މީސްތަކުންގެ އަބުރަށް އަރައިގަނެ، ދޮގު ފަތުރާ، ފިތުނަ ފަސާދަ އުފެއްދުމަށްޓަކައި އެކައުންޓު ހަދައި ލިޔެ އެފަދަ ތަކެތި ފަތުރާ ހެދުމަކީ ކީރިތި ޤުރްއާނުގެ ނައްޞުންނާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ކަނޑައެޅިގެން އެކަމުގެ ޙަރާމްކަން ބަޔާންވެފައިވާ ކަމެކެވެ. މާތް ﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވާފައިވެއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَنْ تُصِيبُوا قَوْماً بِجَهَالَةٍ فَتُصْبِحُوا عَلَى مَا فَعَلْتُمْ نَادِمِينَ ﴾ (سورة الحجرات ٦) މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތްހޯދާށެވެ. (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެއެވެ.” މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ، دَمُهُ وَمَالُهُ وَعِرْضُهُ -رواه مسلم “ކޮންމެ މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗައް އޭނާގެ ލެޔާއި، އަދި މުދަލާއި، އަދި އަބުރު ޙަރާމްވެގެންވެއެވެ.” މިފަދަ އެކައުންޓްތައް ހިންގާ މީހުންނަށް ބުނެލަމެވެ. – ތިބާ ކޮންމެ ނަމެއްގައި އެކައުންޓު ހިންގިޔަސް ތިބާގެ އަތުން ތިޔަ ލިޔާތަކެތި ލިޔެވޭނީ ހަމަ ތިބާގެ ފަތުގައެވެ. ތިބާގެ ތިޔަ ޢަމަލުތަކުގެ މައްޗަށް ޤިޔާމަތްދުވަހުން ތިބާގެ އަތާއި އިނގިލިތައް ހެކިދޭނެއެވެ. – ތިބާ ފަތުރާ ދޮގު ފިތުނަވެރި ވާހަކަތައް ކިޔާ ހުރިހާ އެންމެންގެ ފާފަވެސް ތިބާ އުފުލަން ޖެހޭނެއެވެ. ސޯޝަލް މީޑިޔާގައި އެ ލިޔުމަށްފަހުގައި އެފެތުރިގެންދާ ދިޔުމަކީ ފަހެ ތިބާއަށް ހުއްޓުވޭނެކަމެއް ނޫނެވެ. – ތިބާ ފަތުރާ ދޮގެއްގެ ސަބަބުން އުފަންވެގެންއަންނަ ކޮންމެ ނުބައިކަމެއްގެ ފާފަ ތިބާ އުފުލަން ޖެހޭނެއެވެ. އަޅުގަނޑުމެން އެފަދަ އެކައުންޓުތަކާމެދު ކަންތައްކުރަންވީ ކިހިނެއް؟ ސޯޝަލް މީޑިޔާއަކީ އެމީހަކު ބޭނުން އެއްޗެއް ބޭނުންގޮތަކަށް ފަތުރާލެވޭ އެއްޗަކަށްވާތީ އޭގައި ޙައްޤާއި ބާޠިލު ތެދާއި ދޮގު ފަތުރައެވެ. އަޅުގަނޑުމެންގެ މައްޗަށް އޮތީ ޙައްޤަށް ނަޞްރުދީ ތެދު ފެތުރުމުގައި ބައިވެރިވުމެވެ. ޘަވާބު ލިބޭނީ އޭރުންނެވެ. ކާކުކަން ނޭނގޭ އެކައުންޓަކުން މީސްތަކުންގެ އަބުރާ ބެހި، ދޮގު ފަތުރާ، ފިތުނަ ފަސާދަ އުފައްދާނަމަ، އެފަދަ އެކައުންޓުން އަންނަ ފްރެންޑްޝިޕް ރިކުއެސްޓް ޤަބޫލުކޮށް، އެބަލައި އެ ޝެއަރކޮށް އެއަށް ކޮމެންޓުކޮށް ހެދުމަކީ އެކަންކުރާ މީހަކަށް ދެވޭ ހިތްވަރެކެވެ. އެންމެ ރަނގަޅުގޮތަކީ އެފަދަ އެކައުންޓްތައް ބްލޮކްކޮށްލުމެވެ. އެއީ ހުސް ކުންޏެވެ. ތިބާގެ ސިކުނޑިއަށް ކުނި ނާޅާށެވެ. އެހެން މީހުން ތިމާގެ ސިކުނޑިއަށް އަޅަން ބޭނުން ކޮންމެ އެއްޗެއް އަޅަން ދޫކޮށްލުމަކީ ތިމާގެ ސިކުނޑި ތިމާގެ ވިސްނުން ތިމާގެ އަމިއްލަ އަތުން ހަލާކުކުރުމެވެ. އެފަދަ އެކައުންޓުތަކުން ފަތުރާ ދޮގު، ފިތުނަވެރި ވާހަކަތައް ބަލައި، ކިޔައި، ޝެއަރކޮށް ފަތުރާ ހެދުމަކީ ތިބާ ފާފަވެރިވާނޭ ކަމެކެވެ. އެއީ ތިބާވެސް އޭނާއާއެކު އެކަމުގައި ބައިވެރިވުމެވެ. އެކަމަށް އެހީތެރިވުމެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ މާނައީ: “އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ.” ދޮގާއި ފިތުނަ ފަސާދައާއ އަބުރުކަތިލުން ފަދަ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ފާފަތަކުން މުޖްތަމަޢު ފަސާދަކުރުމުގައި ތިބާ ބައިވެރިނުވާށެވެ. މިއީ އާދައިގެ ކުޑަކުޑަ ކަމެއް ނޫނެވެ. ކަށްވަޅުގެ ޢަޛާބާއި ނަރަކައިގެ ޢަޛާބު ލިބޭ ބޮޑެތި ފާފަތަކެވެ. މާތް ﷲ އަޅަމެން ރައްކާތެރިކުރައްވާށި! އާމީން. =ޝެއިޙް މުޙައްމަދު ޝާފިޢު ގެ ލިޔުމަކުން ނަކަލު ކޮށްފައި=

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ