މާލެ: 31°C

ސްލީޕް ޕެރަލައިސިސް: ނަފުސާނީ ބޮޑު މައްސަަލައެެއްގެ އަލާމާތަކަށް ވެދާނެ!

January 20, 2023
2 ފަހަރު ބަލާފައި
ސްލީޕް ޕެރަލައިސިސް: ނަފުސާނީ ބޮޑު މައްސަަލައެެއްގެ އަލާމާތަކަށް ވެދާނެ!
ސްލީޕް ޕެރަލައިސިސް: ނަފުސާނީ ބޮޑު މައްސަަލައެެއްގެ އަލާމާތަކަށް ވެދާނެ!
އަތެއް ފައެއް ގުޑުވައިނުލެވޭ ވަރަށް ގަނޑުވެފައިވާ ކަމަށް އިހުސާސްވީ އިރު ރަނގަޅަށް އަދި ނުވެސް ނިދެ އެވެ. ލޯހުޅުވި އަނގަ ހަރަކާތް ކުރެވުނަސް އަޑެއް ބޭރެއް ނުވެ އެވެ. ދެން ފެނުނީ ކައިރީގައި ކަޅު ހިޔަންޏެއް އުޅޭ މަންޒަރެވެ. މީހަކު ކައިރީގައި އުޅޭކަމުގެ އހިސާސެއް ވެސް އެއާ އެކު ކުރެވެން ފެށި އެވެ. ހީވަނީ ހަށިގަނޑުގައި ގުޑާވެސް ނުލެވޭ ވަރަށް ބާރަށް ހިފަހައްޓާފައިވާ ހެންނެވެ. އެކަމުން ސަލާމަތް ވުމަށް އެވަގުތު ހިތުން ކިއުނުހާ ހެޔޮ އެއްޗެއްކީމެވެ. އެކަންތައްގަނޑުގައި ގަޑިއެއްހާއިރު ހޭދަވިހެން ހީވިޔަސް، ހަގީގަތުގައި ހޭދަވީ ވިއްސަކަށް މިނެޓުކަން އެނގުނީ އެކަމުން ސަލާމަތްވީމަ އެވެ. ނިދަން އޮށޯތް ވަގުތާއި ބިރުވެރިކަމުން ސަލާމަތްވީ އިރު ގަޑިން ވީވަރަށް ބެލުމުން އެކަން އެނގުނެވެ. އެއީ ހުވަފެނެއް ކަމަށް ބަަލައިގެން ބައެއް ފަހަރު ހިތްހަމަ ޖައްސައިލިޔަސް އަނެއްބައި ފަހަރު ހީވަނީ އެއީ ހަގީގަތެއް ހެންނެވެ. މިއީ އެތައް ބަޔަކަށް ކުރިމަތިވާ "ސްލީޕް ޕެރަލައިސިސް" ނުވަތަ ނިދީގައި ވާގި ނެތުމުގެ ބިރުވެރިކަން ތަޖުރިބާ ކުރެވުނު ގޮތުގެ ހުލާސާ އެކެވެ. އިނގިރޭސިވިލާތުގެ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އިން އާއްމުކޮށްފައިވާ މައުލޫމާތެއްގައި ބުނެފައި އޮތީ އެއީ އެހާ ނުރައްކާތެެެރި ކަމެއް ނޫން ކަމަށާއި ގިނަ މީހުންނަށް އެކަން ކުރިމަތިވާނީ ވެސް ހަޔާތުަގައިއެއް ފަހަރު ނުވަތަ ދެފަހަރު ކަމަށެވެ. އެކަން ކުރިމަތިވާ ސީދާ ސަބަބެއް އަދި ދެނެގަނެވިފައި ނުވިޔަސް، ގުޅުން ހުރެދާނެ ކަމަށް ބެލެވޭ ކަންތައްތަކެއް އެޗްއެންއެސްގެ ލިއުމުގައި ހިމަނާފައި އެބަހުއްޓެވެ.

ސްލީޕް ޕެރަލިސިސްގެ ސަބަބަކަށް ވެދާނެ ކަންތައްތައް

  • އިންސޮމްނިއާ
  • ނިދުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުގެނައުން (ނިދާ ގަޑި ކުއްލިއަކަށް ބަދަލުކުރުން ކަހަލަ ކަންތައްތައް)
  • ނާކޯލެޕްސީ
  • ޕޯސްޓް ޓްރައުމެޓިކް ސްޓްރެސް ޑިސްއޯޑާ (ޕީޓީއެސްޑީ)
  • ޖެނެރަލައިޒް އެންޒައިޓީ ޑިސްއޯޑާ
  • ޕެނިކް ޑިސްއޯޑާ
ބަލާ ބެލުމަށް މިއީ ވަަރަށް އާދައިގެ ކަންތައްތައް ހެން ހީވިޔަސް، މީގެ ތެރެއިން ބައެއް ކަންތައްތަކަކީ ފަރުވާ ހޯދަން ޖެހޭ ނަފުސާނީ ބޮޑެތި މައްސަލަތަކެވެ. ޖިސްމާނީ ގޮތުން ބޮޑެތި ގެއްލުންތައް ނުލިބުނަސް މިއީ ދިރިއުޅުމުގެ ހުރިހާ ކަމަކަށް އޭގެ ނުބައި އަސަރުކުރުވާ، އާއްމު ދިރިއުޅުުމުން މީ މަހުރޫމު ކޮށްލާ ފަދަ ނަފުސާނީ މައްސަލަތަކެެވެ. ސްލީޕް ޕެރަލައިސިސް އަށް މަގުފަހިވާ ކަމަށް މިތާ ފާހަގަކޮށްފައި މިވާ ބަލިތަކަށް ބަލާއިރު، ޕެނިކް ޑިސްއޯޑާ އަކީ އާއްމު ދިރިއުޅުމަށް އެކަމުން އެންމެ ބޮޑަށް ހުރަސް އެޅިދާނެ އެއް ކަންތަކެވެ. ޕެނިކް ޑިސްއޯޑާއަކީ އެންޒައިޓީގެ މައްސަލަ ވަކިވަރަކަށް ބޮޑުވުމުން ކުރިމަތިވާ ، އެންޒައިޓީއާ ގުޅިފައިވާ މައްސަލަ އެކެވެ. އެބަލީގެ އެންމެ ވޭންދެނިވި ކަމަކީ ސަބަބެއް ނެތި އާދަޔާ ހިލާފަށް ކަންބޮޑުވުމާއި ބިރުގަތުމެވެ. އެހެންވެ އެބަލީގެ މީހުން ބަލާނީ ދެރަވެދާނެ ނުވަތަ ބިރުގަނެދާނެކަމަށް އެމީހުންނަށް ގަބޫލުކުރެވޭ ކޮންމެ ކަމަކުން ބޯދަމައިގަނެވޭތޯ އެވެ. އެންއެޗްއެސް އިން އެ ބައްޔާ ބެހޭ ގޮތުން އާއްމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، ޕެނިކް ޑިސްއޯޑާގައި އުފެދެނީ، "ބިރު ދެކެ ބިރުން އުޅުމުގެ" ސައިކަލް އެކެވެ. އެހެންވީމާ ފަހުން ވާ ގޮތަކީ ޕެނިކް އެޓޭކެއް ޖެހިދާނެ ކަމުގެ ބިރުގެ ސަބަބުން ވެސް ޕެނިކް އެޓޭކް ޖެހުމެވެ. އެހާލަތުގައި މަސައްކަތެއް ކޮށް، އާއްމު ދިރިއުޅުމެއް އުޅުން ވާނީ ވަރަށް ދަތި ކަމަކަށެވެ. ޖެނެރަލް އެންޒައިޓީ ޑިސްއޯޑާ އަކީ ވެސް ހަމަ މިފަދަ ގޮތަކަށް އާއްމު ދިރިއުޅުމަށް ހުރަސް އަޅާ ބައްޔެކެވެ. ކުރުކޮށް ބުނާ ނަމަ އެބަލީގައި ވާ ގޮތަކީ އެއްވެސް މެދުކެނޑުމެއް ނެތި ހާސްކަމާއި ދެރަވުން ދެމިއޮތުމެެވެ. އެހިސާބުން މީހާގެ ހަމަޖެހުން ގެއްލި ހަމަ ނިދި ނުލިބޭގޮތް މެދުވެރި ވެ އެވެ. އެއް ދިމާލަކަށް، އެއް ކަމަކަށް ވިސްނުން ވެސް އޭރުން ވާނީ އުނދަގޫ ކަމަކަށެެވެ. ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަން ޖެހޭ ކަންތައްތައް ނުކުރެވޭ ހިސާބަށް ދާނަމަ މިއިން ކޮންމެ ކަމަކީ ވެސް ސިއްހީ ފަރުވާ ހޯދަން ޖެހޭނެ ކަންތައްތަކެވެ. އެންއެޗްއެސްގެ ލިއުންތަކުގައިވާ ގޮތުން މިފަދަ ނަފުސާނީ ބަލިތަކަށް ފަރުވާ ކުރުމުގައި ބޭސް ކެއުމުގެ އިތުރުން ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ބޮޑެތި ބަދަލުތައް ގެންނަން ޖެހެ އެވެ.

ސްލީޕް ޕެރަލިސިސް އިން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންތައް

މި ލިސްޓްގައިވާ ކަންތައްތަކަކީ އެންއެޗްއެސް އިން ސްލީޕް ޕެރަލިސިސްއާ ބެހޭ ގޮތުން އާއްމުކޮށްފައިވާ މައުލޫމާތުގައި ހިމެނޭ ކަންއްތަކެވެ.
  • ގަވައިދުން ކޮންމެ ރެއަކު ވެސް 6-8 ގަޑި އިރު ނިދުން
  • ކޮންމެ ރެއަކު ވެސް ގާތްގަނޑަކަށް އެއް ގަޑިއެއްގައި ނިދުން އަދި އެއް ގަޑިއަކަށް ހޭލުން
  • ގަވައިދުން ކަސްތަރު ކުރުން، އެކަމަކު ނިދާ ގަޑީގެ ހަތަރު ގަޑިއިރު ކުރިން ނޫނީ ކަސްރަތު ނުުކުރުން

ނުކުރަންވީ ކަންތައްތައް

  • ނިދުމާ ކައިރިކޮށް ބޮޑެތި ކެއުންތައް ކެއުން
  • ނިދުމާ ކައިރިކޮށް ކެފެއިން އެކުލެވޭ ބާވަތްތައް ބޭނުން ކުރުން
  • ދުންފަތުގެ އިސްތިއުމާލުކުރުން
  • އުއްޑުން އޮވެ ނިދުން ( އެންމެ ރަނގަޅު ގޮތަކީ އެއް އަރިއަކަށް އޮވެ ނިދުން)
އެންއެޗްއެސް އިން ލަފާދީފައިވާ ގޮތުގައި ސްލީޕް ޕެރަލިސިސް އަކީ އާއްްމުކޮށް ކުރިމަތިވާ ކަމަކަށް ވެއްޖެ ނަމަ އެންމެ ރަނގަޅު ގޮތަކީ އަވަހަށް ޑޮކްޓަރަކަށް ދެއްކުމެވެ. އެ ހާލަތުގައި ޑޮކްޓަރަށް ދައްކައިފި ނަމަ ޑޮކްޓަރުން އާއްމު ގޮތެއްގައި ފަރުވާ ކުރާނީ ސްލީޕް ފެރަލިސިސް އަށް މަގުފަހިވާ ނަފުސާނީ އަދި ޖިސްމާނީ އެހެން މައްސަލަތަކަށެވެ. މުހިއްމީ އެކަން ސިއްރުކޮށްފައި ބޭއްވުމުގެ ބަދަލުގައި ގާތް މީހުންނާ ހިއްސާކޮށް، އެމީހުންގެ އެހީތެރިކަމާ އެކު ސިއްހީ ފަރުވާ އަވަހަށް ހޯދުމެވެ. އެއީ ނަފުސާނީ ބޮޑު ބައެއްޔެއްގެ އަލާމާތަކަށް ވެސް ވެދާނެތީ އެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ