މާލެ: 31°C

ސިޔާސީ ޕާޓީތަކުގެ ސަމާލުކަން އަނެއްކާ ވެސް ގާސިމަށް!

February 19, 2023
2 ފަހަރު ބަލާފައި
ސިޔާސީ ޕާޓީތަކުގެ ސަމާލުކަން އަނެއްކާ ވެސް ގާސިމަށް!
ސިޔާސީ ޕާޓީތަކުގެ ސަމާލުކަން އަނެއްކާ ވެސް ގާސިމަށް!
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މުހިއްމުކަން ރާއްޖޭގެ ސިޔާސީ ޕާޓީތަކަށް އަބަދުވެސް މުހިއްމު ވަނީ ރިޔާސީ އިންތިހާބެއް ބޯމަތި ވީމަ އެވެ. މި ފަހަރު ވެސް ފެށިގެން މިއުޅެނީ އެކަމެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ހާއްސަ ވަފުދެއް ރޭ ގާސިމު އަރިހަށް ވަޑައިގެންނެވި އެވެ. އެ ބައްދަލުވުމުގެ ބޭނުމަކީ ބައެއް މީޑިއާތަކުން މިހާރު ރިޕޯޓްކޮށްފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ވެސް ކޯލިޝަނެއްގެ ގޮތުގައި ނުކުތުމަށް ގާސިމްގެ ރުހުން ހޯދުމެވެ. ރައީސް ސޯލިހުގެ ކޮއްކޯފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ރޭ ގާސިމާ ބައްދަލުކުރެއްވުމަށް ފަހު ބައެެއް މީޑިއާތަކަށް ވިދާޅުވެފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ގާސިމާ އެކު ކޯލިޝަން ހެދޭނެ ކަމުގެ އުއްމީދު ބޮޑެވެ. ރައީސް ސޯލިހުގެ ވަފުދެއް ގާސިމާ ބައްދަލުކޮށްފައި މިވަނީ ރިޔާސީ އިންތިހާބަށް ގާސިމް ވަކިން ނުކުންނަވަން، ރައީސް ސޯލިހުގެ ވާދަވެރިން ބާރު އަޅަމުން ދާ ވަގުތެއްގަ އެވެ. އެގޮތަށް ބާރު އަޅުއްވާ އެއް ބޭފުޅަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް، ރައީސް ސޯލިހާ ވާދަ ކުރައްވައި ނާކާމިޔާބު ވެވަޑައިގެންނެވި ކެންޑިޑޭޓް، ރައްޔިތުންގެ މަޖިލީހުގެރައީސް މުހައްމަދު ނަޝީދެވެ. އެމަނި،ކުފާނު މީގެ ކުރިން ސިފަކުރައްވާފައިވާ ގޮތުގައި މިއީ ގާސިމްގެ " ރަން" ފުރުސަތެވެ. އިދިކޮޅު ޕީޕީއެމުން ވެސް ބޭނުން ވަނީ ގާސިމް ރިޔާސީ އިންތިހާބަށް ނުކުންނަވަންކަން އެޕާޓީގެ ބައެއް އިސް ފަރާތްތަކުގެ ވާހަކައިން އެނގެ އެވެ. އެކަމުން އެޕާޓީއަށް ވާނެ ފައިދާއަކާއި ވާނެ ފައިދާ އަކީ އަދި އެހެން ވާހަކަ އެކެވެ. ގާސިމް ރިޔާސީ އިންތިހާބަށް ނުކުނަންވަން ޖެހޭ ކަމަށް ވިދާޅުވާ ޕީޕީއެެމްގެ އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެ. ތޯރިގު ސިފަކުރައްވާ ގޮތުގައި ގާސިމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަހަތްުޕުޅުގައި އުޅުއްވާ ވަރަށް ވުރެ "ސީނިއާ" ޕޮލިޓީޝަނެކެވެ. "...ޖޭޕީގެ ލީޑަރު ޤާސިމްެ އިބްރާހިމް އަކީ ރައީސް ސޯލިހަށްވުރެ ސީނިއަރ ޕޮލިޓީޝަނެކެވެ. 1985 ވަނަ އަހަރުންފެށިގެން އިސްލާހީ މަސައްކަތުގައި ދެމިހުރި ފަރާތެކެވެ. ހާލަތްތަކެއް މެދުވެރި، ނަސީބަކުން ވެރިކަމަށް އާދެވުމަކީ ކޮންމެފަހަރަކު ޤާސިމްގެ ތާއީދު ރައީސް ސޯލިހަށް ލިބޭނެކަމެއްނޫނެވެ.،" ތޯރިގު ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ޖޭޕީގެ އިސްސަފު ވެސް އެދެނީ ގާސިމް ނުކުމެވަޑައިގަންނަވަން

ޖުމްހޫރީ ޕާޓީގެ އިސްސަފުގައި ތިއްބެވި ބޭފުޅުން ވެސް އެދިވަޑައިގަންނަވަނީ މިފަހަރުގެ ރިޔާސީ އިންތިހާބަށް ގާސިމް ނުކުރަންނަވަން ކަމަށް އެ ބޭފުޅުން ގެންދަވަަނީ ވިދާޅުވަމުންނެވެ. އެކަަމަކު އެކަން ރަސްމީ ވާނީ މިމަހުގެ 24، 25 ގައި ޖޭޕީން ބާއްވާ ގައުމީ ކޮންފަރެންސުންނެވެ. ޖޭޕީގެ ލީޑަރުގެ ހައިސިއްޔަތުން ގާސިމަށް ލަފާ އަރުވަން އެޕާޓީގައި ތިއްބަވާ ތިން އެޑްވަޒުންގެ ތެރެއިން އިލްހާމް އަހުމަދު މިދިޔަ ހަފުތާގައި ވިދާޅުވީ ރާއްޖޭގައި ސިޔާސީ ތަޖުރިބާ ހުރި ބޭފުޅުންގެ ތެރެއިން އެންމެ ގިނަ ބޭފުޅުން ތިއްބެވީ ޖޭޕީގައި ކަމަށާއި ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އެބޭފުޅުން އުއްމީދުކުރައްވާނެ ކަމަށެވެ. ޖޭޕީގައި ތިއްބެވި ސިޔާސީ ތަޖުރިބާކާރުންގެ އުއްމީދަކަށް ވާނީ ގާސިމް ނުވަތަ އެހެން ބޭފުޅަކު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެ އިންޓަރެސްޓް ހުންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫން. އެހެންވީމާ އެއަށް އަޅޫގަނޑުމެން ނޫނެކޭ ބުންޏަސް ތިޔަ ބޭފުޅުން ގަބޫލެއް ވެސް ނުކުރާނެ،" އިލްހާމް ވިދާޅުވި އެވެ. އެހެން ނަމަވެސް އެކަމާ ބެހޭ ގޮތުން ޖޭޕީން އަދި ގޮތެއް ނުނިންމާ ކަމަށާއި އެކަން ނިންމާނީ މިމަހުގެ ފަހުކޮޅު ބާއްވާ ނެޝަނަލް ކޮންފަރެންސްގެ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޖޭޕީ އަދި އޮތީ ކޯލިޝަނެއްގައި ކަމަށާއި އެކަން ކުރިއަށް ދާ ގޮތާ މެދު ޕާޓީގެ މެމްބަރުން ތިބީ އުފަލުންތޯ ނޫންތޯ އެއީ އުފެދިދާނެ ސުވާލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ