މާލެ: 31°C

ޝަހީދުންގެ ދުވަސް ފާހަގަ ކުރަނީ ކީއްވެ ކަން ނޭނގޭ އެތައް ބައެއް!

February 21, 2023
2 ފަހަރު ބަލާފައި
ޝަހީދުންގެ ދުވަސް ފާހަގަ ކުރަނީ ކީއްވެ ކަން ނޭނގޭ އެތައް ބައެއް!
ޝަހީދުންގެ ދުވަސް ފާހަގަ ކުރަނީ ކީއްވެ ކަން ނޭނގޭ އެތައް ބައެއް!
މިއަދަކީ ދިވެހި ރާއްޖޭގައި ފާހަގަ ކުރާ ޝަހީދުންގެ ދުވަހެވެ. ޝަހީދުންގެ ދުވަހަކީ ކޮބައިތޯ 17 އަހަރުގެ ޒުވާނުން ދެ ފިރިހެން ކުދިން ގާތު އާހާލީމެވެ. " މަރުވާ ސިފައިގެ ހަނދާނުގަ ފާހަގަ ކުރާ ދުވަހެއް ދޯ ؟ " އެދެކުދިންނަށް ވެސް އަސްލު ޖަވާބު ނޭނގުނެވެ. " އެއީ އިސްލާމްދީނުގެ ނަމުގަ ސެކްރިފައިސްވާ މީހުންގެ ދުވަސް " މާލޭގެ ސްކޫލެއްގެ ގްރޭޑް އަށެއްގަ ކިޔަވާ އަންހެންކުއްޖަކު ބުންޏެވެ. " ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންވި ދުވަހެއްނު " އުމުރުން ސާޅިހަކަށް އަހަރުގެ ފިރިހެނަކު ބުންޏެވެ. "ސަމްވަންސް ބާތްޑޭ؟" ގްރޭޑް އެކެއްގައި އުޅޭ ކުއްޖަކު ބުނެލީ އެނާއަށް ވެސް ހީވި ގޮތެވެ. " ބޮޑުތަކުރުފާނުގެ ދުވަސް ؟ " މާލޭގެ ސްކޫލެއްގެ ޓީޗަރަކު ބުންޏެވެ. ހަގީގަތަކީ މިދުވަސް ފާހަގަކުރަނީ ކީއްވެގެން ކަމެއް މިހާރުގެ ގިނަ ދިވެހިންނަށް ޔަގީން ނުވާކަމެވެ. ނުވަތަ އެއްބަޔަަކަށް ނުވެސް އެނގޭކަމެވެ. އެހާ ގިނަމީހުނަށް އަސްލުގައި ޝަހީދުންގެ ދުވަސް ނޭނގިދާނެ ކަމަކަށް ކުރިން ހިތަށްވެސް ނާރައެވެ. ނަމަވެސް ލެއިން ގުރުބާންވީ ކާބަފައިންގެ ފަހުގެ ޖީލުތަކުގެ މީހުން ހަނދާންތައް ނެތެމުންދާކަމަށް މިހާރު އެބަ ބެލެވެ އެވެ. ޝަހީދުންގެ ދުވަސް ފާހަގަ ކުރަނީ ކީއްވެ ؟ ޝަހީދުންގެ ދުވަސް ފާހަގަކުރަނީ ޤައުމަށްޓަކައި ޝަހީދުވެ ގޮސްފައިވާ ޤައުމީ އަބްޠާލުންގެ ހިދުމަތްތަކުގެ ހަނދާންކޮށް އެ އަބްޠާލުންގެ ޒިކުރާ އާލާކުރުމަށްކަމުގައި ދިވެހިބަހުގެ އެކެޑަމީއިން ބުނެ އެވެ. މިދުވަސް ނިސްބަތްވެގެންވަނީ އިސްލާމްދީނާއި ޤައުމުގެ ދިފާއުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި އަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަހަށެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ ފުރަތަމަ ދުވަހެވެ. ކޮންމެ އަހަރަކު ވެސް ޝައުބާން މަހުގެ އެއްވަނަ ދުވަސް ޝަހީދުންގެ ދުވަސް ގޮތުގައި ފާހަގަކުރަނީ އެހެންވެ އެވެ. ތާރީހު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވާގޮތުގަ، ޝަހީދުންގެ ދުވަސް ނިސްބަތްވާ އައްސުލްޠާނު ޢަލީ (6 ވަނަ.) ގެ ބައްޕާފުޅަކީ ޔަމަންގެ އައްސައްޔިދު އަބްދުއް ރަހުމާނު ދޮށިމޭނާކިލެގެފާނެވެ. މަންމާފުޅަކީ އަރިއަތޮޅު ފެރިދޫ ސިއްތި ކަނބައިދި ކިލެގެފާނެވެ. އަލި ރަސްގެފާނަށް ތިން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ  ސިއްތި މާވާ ރަނިކިލެގެފާނު، ކުޑަކަމަނާފާނު، ކުޑަކަލާފާނު އެވެ. އަލި ރަސްގެ ފާނު ރަސްކަމަށް އިސްވެވަޑައިގަތީ  ހިޖުރައިން 965 ވަނަ އަހަރު އެވެ. އެއީ މީލަދީއިން 1558 އެވެ. މި ދުވަސް ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ، ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ އެއް ވަނަ ދުވަހު، އޭރު ރާއްޖޭގެ ތަހުތުގައި އިންނެވި އައްސުލްޠާން ޢަލީ (6ވަނަ) ސިރީ އައުދަ ސިޔާސަ ކައްތިރި ބަވަނަ މަހާރަދުން (އަލިރަސްގެފާނު) ރާއްޖޭގެ މިނިވަން ކަމުގެ ހައްގުގައި ޕޯޗުގީޒުންނާ ހަނގުރާމަ ކުރައްވާ ޝަހީދުވެވަޑައިގެންފައި ވާތީ އެވެ. ދިވެހި ތާރީހުން އެނގޭ ގޮތުގައި އަލިރަސްގެފާނު ޝަހީދު ވުމާ އެކު އެދުވަހު ދިވެހިންގެ ކޯއްޓޭއަށް ޕޯޗުގީޒުގެ ދިދަ ނެގި އެވެ. ރާއްޖެއަށް އައި ޕޯޗުގީޒުންގެ ވެރިއަކަށް  ހުރީ އަނދިރި އަނދިރީންނެވެ. ޕޯޗުގީޒުންގެ އަތުން ރާއްޖެ ސަލާމަތް ކޮށްދެއްވީ، އައްސުލްޠާން ޣާޒީ މުޙައްމަދު ތަކުރުފާނެވެ (ބޮޑުތަކުރުފާނު) އެވެ. އެހެންކަމުން ބައެއްމީހުނަށް ބޮޑުތަކުރުފާނު ރާއްޖެ މިނިވަން ކުރެއްވުމާއި ޝަހީދުންގެ ދުވަހާ ގުޅުވާލެވެނީ ކަމަށްވެދާނެއެވެ. ނަމަވެސް ހަގީގަތުގަ ޝަހީދުންގެ ދުވަސް އެބޭފުޅަކަަށް ނިސްބަތްވާ ބޭފުޅަކީ އަލިރަސްގެފާނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ