މާލެ: 31°C

ސްކޭމް ކޯޓާގައި މަގުމަތިވާ ބިދޭސީން ޤަވާއިދާ ޙިލާފޭބުނެ އަނބުރާ ފޮނުވާލުމަކީ އިންސާފު ތޯއެވެ؟

August 13, 2024
2 ފަހަރު ބަލާފައި
ސްކޭމް ކޯޓާގައި މަގުމަތިވާ ބިދޭސީން ޤަވާއިދާ ޙިލާފޭބުނެ އަނބުރާ ފޮނުވާލުމަކީ އިންސާފު ތޯއެވެ؟
ސްކޭމް ކޯޓާގައި މަގުމަތިވާ ބިދޭސީން ޤަވާއިދާ ޙިލާފޭބުނެ އަނބުރާ ފޮނުވާލުމަކީ އިންސާފު ތޯއެވެ؟
ބިދޭސީން، މަސައްކަތު މީހުންގެ ގޮތުގައި މި ރާއްޖެއަށް އަންނަނީ ވަރަށް ފޮނި އުންމީދު ތަކަކާ އެކުގައެވެ. އެމީހުންގެ އާއިލީ ފަގީރު ދިރިއުޅުން ބަދަލުކޮށްލުމުގެ ފޮނި އުންމީދުގައެވެ. ބިދޭސީ މަސައްކަތްތެރިންނަށް ރަނގަޅު މުސާރައެއް ލިބޭ ގައުމުކަށް ގޮސް އަހަރުތަކެއްވަންދެން މަސައްކަތް ކޮށްލުމަކީ އެ ބިދޭސީ މީހާގެ މުޅި އާއިލާގެ ދިރިއުޅުން ބަދަލުކޮށްލާ ކަމެކެވެ. އެހެންކަމުން އާއިލާގެ ކޮންމެވެސް އެކަކަށް އެފަދަ ފުރުސަތެއް ހޯދައިދީ ގައުމަކަށް މަސައްކަތު ފޮނުވުމަކީ ފަގީރު، ވަރަށް ގިނަ އާއިލާތަކުގެ އުންމީދެކެވެ. މި ލިޔުމުގައި ގެނެސްދޭން މިއުޅެނީ ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ވާހަކައެވެ. އެމީހުން ޤަވާއިދާ ޙިލާފަށް އުޅެނީ ކީއްވެތޯއާއި، އެމީހުން ހަގީގަތުގަވެސް ޤަވާއިދާޙިލާފަށް އުޅެން ބޭނުންވަނީ ތޯއެވެ؟ ގައުމަކަށް މަސައްކަތު ދިއުމަށް ފުރުސަތު ލިބެނީ ކިހިނެއް؟ ބިދޭސީ މަސައްކަތުމީހުން ގެންނަ އާންމު އުސޫލަކީ މަސައްކަތު މީހުން ފޮނުވާ އެޖެންސީތައް މެދުވެރިކޮށްގެންނެވެ. މި އެޖެންސީތަކުން ބިދޭސީ މީހާއަށް އެފުރުސަތު ހަމަޖައްސައިދެނީ އެމީހާއަތުން ބޮޑު ފީއެއް ނަގައިގެންނެވެ. އެޖެންސީތަކުން އެކަން ހަމަޖައްސައިދިނުމަށް ނަގާ ބޮޑު ފީގެ ސަބަބުން ފަގީރު އާއިލާއެއްގެ އެއްވެސް މީހަކަށް ލޯނެއް ނުނަގައި ނުވަތަ ގެދޮރު ނުވިއްކައި އެ ފީ ދެއްކުމަކީ އެ މީހުންނަށް ކުރެވޭވަރުގެ ކަމަކަށް ނުވެއެވެ. އެފަދަ އާއިލާތަކަކީ އާއިލީ ގުޅުން ނިކަން ވަރުގަދަ އާއިލާތަކަކަށްވާތީ ގިނަ މީހުން އެޖެންސީ ފީ ދައްކަނީ އާއިލާގެ ގިނަބައެއްގެ ނަމުގައި ލޯނު ނަގައިގެންނެވެ. ނުވަތަ އާއިލާގެ ކޮންމެވެސް މީހެއްގެ ގެދޮރު ވިއްކާލާފައެވެ. ދިވެހިރާއްޖެއަށް މަސައްކަތް ކުރުމަށް އަންނަ ބިދޭސީންނަކީ އަމިއްލަ އަށް މިގައުމަށް އައިސްގެން މަގުމައްޗަށް ނިކުމެގެން އުޅޭބައެއް ނޫނެވެ. އެމީހުންނަށް ދިވެހިރާއްޖެއަށް އެތެރެވެވެނީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ދައުލަތުގެ ކާމާ ގުޅުންހުރި ވުޒާރާ ނުވަތަ އިދާރާއިން ބިދޭސީ މީހާ ގެންނަ ފަރާތައް ދޭ ސައްޚަ ހުއްދައެއްގެ ނުވަތަ ސައްޙަ ކޯޓާއެއްގެ ދަށުންނެވެ. ބިދޭސީ މީހާ ގެންނަ ފަރާތަށް މި ހުއްދަ ނުވަތަ ކޯޓާ ދިނުމުގައި ބަލާ އަސާސީ ކަންކަމުގެ ތެރޭގައި ބިދޭސީ މީހާއަށް ހަމަޖައްސައިދޭ ވަޒީފާއާއި މަސައްކަތްކުރާނެ ސައިޓްއަކީ ކޮބައިކަން ބަލައި، އެގޮތުގެ މައްޗަށް އެކަންކަން ތަރުތީބުވެފައިވާކަން ބަލަންޖެހެއެވެ. ސައްހަ ކޯޓާގައި އަންނަ ބިދޭސީން ވިސާނެތި މަގުމަތީ އުޅެނީ ކީއްވެ؟ ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބައެއް މީހުންގެ ވާހަކަ އަޑުއެހުމުން އެނގުނު އެއްޗަކީ އެ މީހުންނަކީ ޤަވާއިދާ ހިލާފަށް އައިސްގެން އުޅޭ ބައެއް ނޫންކަމެވެ. އެމީހުންނަކީ ކޯޓާ ދޭ ފަރާތްތަކާއި  އޭޖެންސީ ތަކާ ނުވަތަ ވަކިބަޔަކު ހިންގާ ވަގު ކޯޓާ ވިޔާފާރީގެ ޝިކާރައަކަށްވާ މީހުން ކަމެވެ. ނުވަތަ ހިއުމަން ޓްރެފިކިންގެ ކުށުގެ ޝިކާރައަކަށް ވެފައިވާ މީހުންކަމެވެ. ހާލުގައި ޖެހިފައިވާ ނުވަތަ އަނިޔާގެ ޝިކާރައަކަށްވެފައިވާ މީހެއް މަގުމަތިން ފެނުމުން ފުލުހުންވެސް ކުރާކަމަކީ އެމީހެއްގެ  ބެލެނިވެރިއެއް ނުވަތަ ޒިންމާވާ ފަރާތެއް  ހޯދައި އެމީހަކަށް ރައްކާތެރިކަން ފޯރުކޮށްދީ ބެލެނިވެރި ފަރާތް ދިންމާދާރު ކުރުވުމެވެ. އެހެންކަމަށްވާނަމަ ކަނޑައެޅިފައިވާ ވަކި ވަޒީފާއެއް ވަކި ތަނެއްގައި އަދާކުރުމަށް ދައުލަތުން ދޭ ސައްޙަ ކޯޓާއެއްގައި ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީމީހާ އެ ކަނޑައެޅިފައިވާ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާކުރާނަމަ ނުވަތަ މަހުންމަހަށް ދައްކަންޖެހޭ ވިސާ ނުދައްކައި އުޅޭ ބިދޭސީމީހާ ފެނުމުން އެމީހާގެ ބެލެނިވެރިފަރާތް ހޯދައި ޒިންމާ ނުކުރެވެނީ ކީއްވެތޯއެވެ. ދިވެހިރާއްޖެއަށް އެމީހާ ގެނައި ފަރާތާ ސުވާލުކުރުމެއް ނެތީ ނުވަތަ އެފަރާތް ޒިންމާ ކުރުވުމެއްނެތި ވަގުތުން ކޮންމެވެސް ޑިޓެންޝަން ސެންޓަރަކަށްލުމަށްފަހު ޑީޕޯޓްކޮށްލުމަށް ނިންމުމަކީ އެންމެ އިންސާފުވެރިގޮތްތޯއެވެ؟ އުސޫލުތައް ހަމަޖެހިފައި އޮންނަ ގޮތުން ވިސާ ދެއްކެނީވެސް ކޯޓާގެ ވެރިފަރާތް ނުވަތަ ބިދޭސީ މީހާ ރާއްޖެ ގެނައި ފަރާތަށެވެ. ބިދޭސީ މީހާ ގެނެސް 1 މަހުގެ ވިސާ ހައްދައި ނުދީވެސް ބިދޭސީ މީހާ މަގުމަތިކޮށްލާ ފަރާތްތައް މަދެއްނޫނެވެ. މަގުމަތިވާ ބިދޭސީމީހާ ކަމާ ގުޅުންހުރި މުވައްސަސާތަކަށް ނުދަނީ ކީއްވެ؟ ކޯޓާގެ ސްކޭމުގައި ޖެހި މަގުމަތީ އުޅެމުންދާ ބިދޭސީން ބުނަނީ އެމީހުން ޖާނާއި މާލު ގުރުބަންކޮށްގެން އެތައްބައިވަރު ދަރަނިތަކެއް ބޮލުގައަޅައިގެން އެޖެންސީ އަށް ބޮޑު އަގު ދީގެން ރާއްޖެ އައިސް އަނެއް ދުވަހު ފުރައިގެން ދާނީ ކިހިނެއްތޯއެވެ؟ އެމީހުން ގެނެސް މަގުމަތި ކޮށްލުމުން ކަމާ ގުޅުންހުރި މުވައްސަސާތަކަށް ދިޔައީމަ ކުރާކަމަކީ އެމީހުން ގައުމަށް ފޮނުވާލަނީ ކަމަށެވެ. އެގޮތަށް އެނބުރި ގައުމަށް ހިނގައްޖެނަމަ ދަރަނިތަކުން ދުވަހަކުވެސް ސަލާމަތްނުވެ މީހާ ގޮތްހުސްވާނެކަމަށެވެ. ޤަވާއިދާ ޙިލާފަށް މަސައްކަތްކުރާ ނުވަތަ އުޅެމުންދާ ބިދޭސީންގެ މައްސަލަ ޙައްލުވާނީ ކިހިނެއް؟ ބިދޭސީމީހާ ދިވެހިރާއްޖެއަށް އެތެރެވާ ހިސާބުން މަގުމަތިވާސަބަބަށް ވާސިލް ވެގެންނޫނީ ބިދޭސީންގެ މައްސަލަ ހައްލުވާނެކަމަކަށް ނުބެލެވެއެވެ. އެހާ ބޮޑު ރިސްކެއް ނަގައިގެން އާއިލާގެ ހުރިނަމަ ހުރި މުދަލެއް ވިއްކާފައި ދެންހުރި އެއްޗެއް މޯގޭޖުކޮށްފައި ސައްޙަ ކޯޓާގައި ދިވެހިރާއްޖެއަށް އެތެރެވާ ބިދޭސީ މީހާ ރާއްޖެ އަންނަ ގޮތައް މަގުމައްޗަށް ނިކުމެ އަމިއްލައަށް މަސައްކަތް ހޯދައިގެން އާއްމުދަނީ ހޯދަން އުޅެފާނެބާއެވެ. އެހާ ބޮޑެތި ރިސްކު ނަގައިގެން އަންނަ ބިދޭސީ މީހާ ވިސާ ހައްދަން ބޭނުންނުވެ ފުލުހުން ނުވަތަ އިމިގުރެޝަނުގެ އޮފިސަރުން ކޮންމެ ވަގުތަކުވެސް ހައްޔަރު ކޮށްފާނެ ކަމުގެ ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ބޭނުންވާނެބާއެވެ. މިއީ ހައްތާވެސް އުފައްދަންޖެހޭ ސުވާލުތަކެވެ؟ މަގުމަތީ އަމިއްލައަށް މަސައްކަތް ހޯދައިގެން އުޅޭ ބިދޭސީން މައްސަލައި ފެށުމަކީ ކޮބާ؟ ކަން މިހެން ދިމާވާ ކަމަށް ބެލެވޭ މައިގަނޑު ސަބަބެއްކަމަށް ބެލެވެނީ، ވަޒީފާއެއް ކުރާނެ މަސައްކަތެއްނެތި ކޮންމެވެސް ގޮތަކުން ކޯޓާ އެޕްރޫވްކޮށްގެން އެ ކޯޓާތައް ބޮޑުއަގުގައި ވިއްކައި ނުވަތަ އެޖެންސީއެއް މެދުވެރިކޮށް އެ ކޮޓާއަށް ގެންނަ ނިކަމެތި ބިދޭސީ މީހުން އަތުން ގިނަ ފައިސާ ނެގުމަށްޓަކައި ބަޔަކު ގަސްދުގައި އެކަންކުރާކަމަށެވެ. ކޮންމެވެސް ލޫޕް ހޯލްއެއްގެ ބޭނުންކޮށްގެން ނުވަތަ ކޯޓާ ކަންކަން ބަލަހައްޓާ ފަރާތްތައް ޝާމިލްވެގެން ނަމަވެސް ވަޒީފާއެއް މަސައްކަތެއް ނެތް ފަރާތްތަކަށް ކޯޓާ ހަމަޖެހެމުންދާތީއެވެ. ބިދޭސީ މީހާ ގެންނަން ދައުލަތުން ކޯޓާ ދޫކުރާ ފަރާތުން ބިދޭސީ މީހާ ރާއްޖެ ގެނައިސް އޭނާއަށް ދޭންބުނާ ވަޒީފާއެއް ނުދެއެވެ. އަދި ވޯކް ސައިޓުވެސް ނުދައްކައެވެ. އެމީހާ ގެނެސް މަގުމަތި ކޮށްލަނީއެވެ. ނުވަތަ އެހެން ބަޔަކަށް ވިއްކާލަނީއެވެ. އެހެނެ އެކަން ވުމުން ދެން ކުރަންމިޖެހެނީ އޭނާއަށް ވިސާ ހަމަޖެހުނު މަސައްކަތް ނޫން އެހެން މަސައްކަތްތަކެވެ. އަދި ޙަވާލުވާނެ މީހެއް ނުވަތަ މަސައްކަތެއް ދޭނެ މީހަކު ނުވާ ބިދޭސީ މީހާ މިވަނީ މަގުމަތިއެވެ. މިޙާލަތަށް ދާ ބިދޭސީ މީހާއަށް ދެން އޮންނަނީ އެނބުރި ރަށަށް ދިއުމުގެ ބަދަލުގައި އެ މީހާއާ ޙަވާލުވީ މީހާ ބުނި ތަނެއްގައި ބުނި މަސައްކަތެއް ކުރުން ނުވަތަ ކުރާނެ ކޮންމެވެސް މަސައްކަތެއް ކޮންމެވެސް ގޮތަކުން ހޯދައިގެން މިތަނުގައި އުޅެ އާންމްދަނީއެއް ހޯދުމެވެ. ބިދޭސީ މީހާ ދިވެހިރާއްޖެއަށް އަންނަނީ އަތުގައިހުރި މުދަލެއްވީއްޔާ ވިއްކައި މޯގޭޖްކޮށް ދަރަނިވެރިވެގެންނެވެ، އެހެންކަމުން ދެން މީހާ މަސައްކަތް ކޮށްގެން އާއްމުދަނީ ހޯދުން ނޫން އިތުރު ގޮތެއް އޮންނާނެތޯއެވެ. ބިދޭސީ މީހާއަކީ ކޮންމެވެސް މީހަކު ނުވަތަ ބަޔަކު ހިންގި ބޮޑު ޖަރީމާއެއްގެ ޝިކާރައަކަށްވެފައިވާ މީހަކަށްވާއިރު އެކަމުގެ އަދަބު އެ ބިދޭސީ މީހާއަށް ދިނުމުގެ ބަދަލުގައި އިންސާނިއްޔަތުގެ ނަޒަރަކުން ވިސްނައި އެމީހާއަށް އިންސާފުވެރި ގޮތެއް ހޯދައިދީ އަދި ކޯޓާގެ ވަގު ވިޔަފާރިއަށް ހުޅުވިފައިވާ ދޮރު ބަންދުވާނޭ ނަޒަރީއްޔާތަކުން ސިޔާސަތުތައް ބަދަލުކޮށްލުން ކިހިނެތްވާނެބާއޭ މިއީ ހިތުގައި އުފެދޭ ސުވާލެކެވެ. މަގުމަތީ އެކި ގޮތްގޮތަށް އާއްމުދަނީ ހޯދަން އުޅޭ ބިދޭސީ މީހާގެ މައްސަލަ ހައްލުކުރެވޭނީ މަސައްކަތެއް ނެތި ދޫކުރާ ވަގު ކޯޓާ ގެ މައްސަލަ ހައްލުކޮށްގެންކަން އެ މައްސަލާގެ ތެރެއަށް ފީނާލުމުން އެނގެއެވެ. މިހާހިސާބުން ހަނދާނަށް އައީ މީގެ 3 އަހަރުގެ ކުރިން އޭރުގެ ސަރުކާރުން، ވިސާނެތި ރާއްޖޭގައި ދިރިއުޅެމުންގެންދާ ބިދޭސީންނަށް ރެގިއުލޭޓް ވުމަށް ފުރުސަތު ހުޅުވާލުމުން މުޅި ގަޅޮލު ދަނޑު ފުރިބާރުވި ހަނދާނެވެ. އޭރުގެ ސަރުކާރުން ނިންމީ ބަނގުލަދޭޝްއިން މީހުން ގެނައުމަށް އިތުރަށް ކޯޓާ ނުދިނުމަށެވެ. ލޭބަރުން ނުވަތަ މަސައްކަތްތެރިން ބޭނުންވާ ފަރާތްތަކުން ކޯޓާއަށް އެދުމުން އެފަރާތަށް ދޭ ކޯޓާއަށް ރާއްޖޭގައި އެވަގުތު ތިބި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ގަލޮޅު ދަނޑަށް ރެގިއުލޭޓް ވުމަށް އައި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން މީހުން ހަމަޖައްސައި ދިނުމަށެވެ. ވީ ކިހިނެއް ތޯއެވެ. ކޯޓާ ހޯދަން ހުށަހަޅާ އަދަދުވެސް އެތައް ތަނަކުން ދިޔައީ ދަށްވެގެންނެވެ. ސަބަބެއް ކަމަށް ބެލެވެނީ ކޯޓާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބޮޑު ޕަސެންޓޭޖަކީ ކޯޓާ ވިޔާފާރިން ނަފާ ހޯދުމަށް އެކަން ކުރާ މީހުންނަށްވުމެވެ. ގަލޮޅު ދަނޑަށް އައި މަސައްކަތްތެރިން ހިޔާރުކުރުމުން އެއްކަލަ ކޯޓާ ވިއްކައިގެން ހޯދާ ބޮޑު ނަފާ ނުލިބޭތީއެވެ. އެހެންކަމުން ވިސާނެތި ޤަވާއިދާ ޙިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓްކޮށް،އެ މީހުންނާ ދޭތެރޭ ކުރެވޭ ކުށްތަކަށް އަނެއްކާވެސް އެމީހުންނަށް އަދަބު ދިނުމުގެ ބަދަލުގައި ހަގީގަތުގައިވެސް ކޯޓާ ބޭނުންވެގެން އެދޭ ކުންފުނިތަކަށް ކޯޓާ އާއެކު ރާއްޖޭގައި ތިބި ވިސާނެތް މަސައްކަތްތެރިން ނެގުމަށް ބާރުއެޅުން މިއީ ހައްލަކަށް ވެދާނޭއޭ ހިތަށް އަރައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ