މާލެ: 31°C

ރުޤްޔާގެ ހަގީގަތް، ރުޤްޔާ ކޮށްފަ ހުންނަކަމަށް ބުނާ ފެން ވިއްކަނީ...

May 12, 2023
2 ފަހަރު ބަލާފައި
ރުޤްޔާގެ ހަގީގަތް، ރުޤްޔާ ކޮށްފަ ހުންނަކަމަށް ބުނާ ފެން ވިއްކަނީ...
ރުޤްޔާގެ ހަގީގަތް، ރުޤްޔާ ކޮށްފަ ހުންނަކަމަށް ބުނާ ފެން ވިއްކަނީ...
މަކަރާ ހީލަތުން މީހުން އަތުން ފައިސާ ހޯދާ ސްކޭމްތައް ގިނަ ދުވަސްވަރެކެވެ. ދާދި ފަހުން ޑޮކްޓަރެއް ކަމަށް ބުނާ މީހަކު ރާއްޖެ އައިސް އެތައް ބަޔަކު މަޅީގައި ޖައްސާ، ހައްދާލާފައި ފުރައިގެން ދިޔައެވެ. މިހާރު މިފެނުނީ އަނެއްކާ ވެސް އާ ކަމެކެވެ. ސޯޝަލް މީޑިއާގައި ދިވެހި ބަހުން ފާޅުގައި އިސްތިހާރު ކުރަނީ " ރުގްޔާ ފެން" ވިއްކާށެވެ. އެ ޕޯސްޓު ފެނުމުން ޝައުގުވެރިކަން އުފެދުނީ މިއީ ހަގީގަތުގައި ވެސް ކުރެވިދާނެ ކަމެއްތޯ އޮޅުންފިލުވުމަށެވެ. އެތައް ބަޔަކަށް އެ ޕޯސްޓު ފެނިފައިވާނެއެވެ. އަދި ބައެއް މީހުން ދަނީ އެ ގަބޫލުކޮށް ޝެއާ ވެސް ކުރަމުންނެވެ. ރުގްޔާ ކިޔަވާފައި ހުންނަ ކަަމަށް ބުނާ ފެނުގެ އަސްލު ހޯދާލުމަށް "މިނިވަން" އިން ކުރި މަސައްކަތުން ރުގްޔާ އާއި ރުގްޔާ ފެނާ ބެހޭގޮތުން މައުލުމާތު ކޮޅެއް ލިބުނެވެ. ތިރީގައި މިވަނީ "ދި އިސްލާމިކް އޮކްސޯސިސަމް" ކިޔާ ޖަމިއްޔާ އަކުން ދީފައިވާ މައުލޫމާތުކޮޅެކެވެ. [caption id="attachment_88892" align="aligncenter" width="1024"] ރުގްޔާ ފެން ކަމަށް ބުނެ ކުރާ އިސްތިހާރު -- އެފްބީ[/caption] " ރުޤްޔާ އަކީ ކޮބާ؟ ޢަރަބި ބަހުގައި "ރުޤްޔާ" މާނަކުރެވެނީ ދިވެހި ބަހުގައި "ފަންޑިތަ" އައިސްފައިވާ ގޮތަށެވެ. ރުޤްޔާއަކީ ކޮބައިކަން މިއަދު ކޮންމެ ދިވެއްސަކަށް އެނގުން އެއީ ވަރަށް މުޙިއްމުކަމެކެވެ. އެއީ އަހަރުމެންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމުގައިވާތީ، އަހަރުމެންގެ ދީނުގެ މަތީގައި ސަލާމަތުން ސާބިތުވެ ތިބުމަށްޓަކައެވެ. ރުޤްޔާ މައިގަނޑު ގޮތެއްގައި މާނަކުރާނަމަ ބުނެވޭނީ އެއީ ރޫޙާނީ، ޖިސްމާނީ އަދި ނަފްސާނީ ބަލިތައް ފަދަ ބައްޔެއް ރަނގަޅުކުރުމަށް ނުވަތަ އެހެންވެސް މުސީބާތެއް ކުރިމަތިވެފައިވާ މީހަކު ނުވަތަ ބަޔަކަށް، އެ މުސީބާތުން ސަލާމަތްކޮށްދިނުމުގެ ގޮތުން ނުވަތަ ޝިފާއެއް ނޫނީ ޙައްލެއް ހޯދުމަށްޓަކައި ކިޔެވޭ ކިޔެވުން ނުވަތަ ކުރާ ކަންތައްތަކެވެ. އެހެންކަމުން ރުޤުޔާގެތެރޭގައި ސިޙުރުވެސް ހިމެނޭކަން ދަންނަންޖެހެއެވެ. ރުޤްޔާ 4 ބަޔަކަށް ވެއެވެ.
  1. ރުޤްޔާ ޝަރުޢިއްޔާ ނުވަތަ ޝަރުޢީ ރުޤުޔާއަކީ ކީރިތި ޤުރުއާންގެ އާޔަތްތަކާއި. ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ބޭނުންކޮށްގެން ޙަރާމްކަމެއް އަދި ޝިރުކުގެ އެއްވެސް ކަމެއް އެކުނުލެވޭ ގޮތަށް ކިޔަވާ ކިޔެވުމާއި ކުރެވޭ ދުޢާތަކާއި ކަންކަމެވެ. އަދި ﷲގެ ރަސޫލާ صلى الله عليه وسلم ގެ ޞައްޙަ ޙަދީޘްފުޅުތަކުން ވާރިދުވެފައިވާ ދުޢާތަކާއި ބަސްފުޅުތައް ބޭނުންކޮށްގެން ޝިރުކުއެކުލެވިގެން ނުވާގޮތަށް ކުރާ ރުޤްޔާއެވެ. މިފަދަ ރުޤްޔާ ތަކަކީ ސުންނަތުން ސާބިތުވާ ކުރުން އެދެވިގެންވާ ރުޤްޔާއެވެ.
  2. ރުޤްޔާ ޝިރުކިއްޔާ ނުވަތަ ޝިރުކުގެ ކަންތައްތައް ހިމެނޭ ރުޤްޔާތަކަކީ ޖިންނި ޝައިޠާނުންގެ ކިބައިން އެހީތެރިކަން އެދިގެން ކިޔެވޭ ކިޔެވެލިތަކާއި، އަތްބެލުމާއި، ފާލުބެލުމާއި، އެއްވެސް ކަހަލަ މާނައެއް އެ ބަސްތަކުން ދޭހަނުވާފަދަ ކިޔެވެލިތައް ނުވަތަ ގޮވެލިތަކާއި، ފާޑުފާޑުގެ ބަނދިތަކާއި، އަކަޖެހުންފަދަ އިސްލާމް ދީނުގައި ހުއްދަނޫން އެންމެހައި ކަންކަމަށް އަރައިގަނެ، ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ޝައިޠާނާ ރުހޭ ތަކެއްޗާއި ކަންތައްތައް އެއްކޮށް މަސްހުނިކޮށްގެން ކުރާ ރުޤްޔާތަކެވެ. މިފަދަ ރުޤްޔާ ތަކަކީ އިސްލާމް ދީނުން ބޭރުވެގެންދާނެ އަދި ސިޙުރާއި ޝިރުކުގެތެރެއިންވާ ޙަރާމް ރުޤްޔާތަކެވެ.
  3. ސިޙުރަކީ ބައެއްމީހުން ބަލިތައް ރަނގަޅުކުރުމުގައި ނުވަތަ އެނޫންވެސް އެދުންތައް ޙާޞިލުކުރުމަށްޓަކައި ކުރާ ޝައިޠާނީ ކަންތައްތަކެވެ. ޝައިޠާނުން މެދުވެރިކޮށް ނުވަތަ ސިޙުރެއް ޖެހިފައިވާ މީހާއަށް ފާލުބަލުމާއި ރަމަލުޖެހުމުގެ ކަންތައް ކުރުމަށްފަހު ސިޙުރު ބޭނުންކޮށްގެން ސިޙުރު ބާޠިލުކުރެއެވެ. މިއީވެސް ޙަރާމް ވެގެންވާ ކުފުރުގެ ޢަމަލުތަކުގެ ތެރެއިން އިންތިހާއަށް ގެއްލުންވެސް ބޮޑު ކަމެކެވެ. ސިޙުރު ހަދަނީ ޢާއްމުކޮށް މީހުނަށް ގެއްލުން ދިނުމަށްޓަކައެވެ. މީހުންގެ ލޯމައްޗަށް ދަޅަދެއްކުމުގެ ގޮތުން ޖާދޫ ހެދުން ވެސް ހިމެނިގެންދަނީ މިބައިގެ ތެރޭގައެވެ. ނަބަވީ އިރުޝާދުން އެނގިގެންދާ ގޮތުގައި، ސިޙުރުހެދުން ހިމެނިގެންދަނީ ފަނާކުރަނިވި ބޮޑު 07 ފާފައިގެ ތެރޭގައެވެ.
  4. ރަސޫލާ صلى الله عليه وسلم ގެ ސުންނަތުން ސާބިތުނުވާ ނަމަވެސް އަމިއްލައަށް ކުރާ ރުޤްޔާތަކަކީ އޭގައި ޝިރުކު އެކުލެވިގެން ނުވާނަމަ، އަދި ޙަރާމް ކަމަކަށް އަރައި ނުގަނެ ކުރާ ރުޤުޔާއެއްނަމަ ހުއްދަ އެއްޗެކެވެ. މިފަދަ ރުޤްޔާތައް ހިމެނިގެން ދަނީ ޝަރުޢީ ރުޤްޔާގެ ތެރޭގައެވެ.
އެހެންކަމުން މި ބަޔާންކުރެވުނު ތަފްޞީލަށް ބަލައިލާނަމަ، އެނގިގެން މިދަނީ އެ ރުޤްޔާއެއްގައި ޝިރުކު ނުހިމެނޭ ނަމަ އަދި ޙަރާމް ކަމެއް އެކުލެވިގެން ނުވާނަމަ އެރުޤުޔާއެއް ހުއްދަކަމެވެ. ރުޤްޔާގެ ނަމުގައި ކުރާ ހުއްދަނޫން ކަންތައްތަކާއި އެފަދަ މީހުންގެ ބައެއް ސިފަތައް މައުލޫމާތު ނެގި މަޞްދަރު: ދިސަލަފިއްޔާ ވެބްސައިޓް ރުޤްޔާގެ ނަމުގައި ސިޙުރުވެރިންނާއި، މަކަރާއި ހީލަތުން މީހުން އަތުން ފައިސާ އާއި މުދާ ފޭރެމުންދާ މީހުންވެސް މަދެއްނޫނެވެ. އެފަދަ މީހުންނަށް ވަރަށްބޮޑަށް ސަމާލުވާން އެބަޖެހެއެވެ. އެފަދަމީހުން މިއަދު މުޖުތަމަޢުތެރޭގައި ވަރަށް ގިނައިން ސޯޝަލް މީޑީއާއިންވެސް އަޅުގަނޑުމެނަށް ފެންނަމުންދެއެވެ. އެހެންކަމުން އެފަދަމީހުންގެ ބައެއް ސިފަތަށް ހިމަނާލާނަމެވެ. އެގޮތުން ސިހުރުވެރިން ދެނެގަންނާނެ ބައެއް ޢަލާމާތްތަކުގެ ގޮތުގައި ޢިލްމުވެރިން ފާހަގަކުރައްވާފައިވާ ބައެއް ޢަލާމާތްތަކުގެ ތެރޭގައި:
  • ބަލިމީހާގެ ނަން ނުވަތަ ބަލިމީހާގެ މަންމަގެ ނަން އޮޅުންފިލުވަން އުޅުން.
  • ބަލިމީހާގެ އުފަން ތާރީޚާއި އުފަންވި ވަޤުތު އޮޅުންފިލުވަން އުޅުން.
  • ބަލިމީހާގެ އަޘަރެއް ހިމެނޭ ކޮންމެވެސް އެއްޗެއް (ހެދުމެއް، ފޮތިކޮޅެއް، ބޮލުގެ އިސްތަށި ފަދަ ތަކެތި) ގެންދަން އުޅުން.
  • ފާލުބެލުމާއި، އަތްބަލަން އުޅުން.
  • އަކަ ކުރެހުން.
  • އެހެންމީހުނަށް ކިޔާ ނުކިޔާއެއްޗެއް އަޑުނީވޭ ވަރަށް ކިޔެވުން ނުވަތަ ނޭނގޭފަދަ ޢިބާރާތްތަކަކުން އެއްޗެހިތަކެއްކިޔުން.
  • އަކަ ކުރަހާފައިވާ ކަރުދާސް ނުވަތަ ލޯފިތި ގޭގައި ވަޅުލުމަށް ނުވަތަ ހަރުކޮށްފައި ބެހެއްޓުމަށް ބުނުން.
  • އަކަ ކުރަހާފައިވާ، ނުވަތަ ކޮންއެއްޗެއްކަން ނޭނގޭގޮތަށް ލިޔެފައި ހުންނަ ތަކެތި ގޭތެރޭގައި ވިޔަސް އެނޫން އެހެން ތަނެއްގައިވިޔަސް އަންދަން ބުނުން.
  • އިރުގެއަލި ނުވަންނަގޮތަށް ބަންދުވެފައި ހުންނަ ކޮޓަރިއެއް ތެރޭގައި ހުރެ، ވަކި ވަޤުތެއް ވަންދެން އެހެންމީހުން ބޭރަށް ނެރުމަށް ބަލިމީހާއަށް އެންގުން.
  • ބައެއްފަހަރު ވަކި މުއްދަތެއް ވަންދެން ފެނުގައި ނުޖެހި ހުރުމަށް ބަލިމީހާ އަށް އެންގުން.
  • ފަރުވާކުރުމުގެ ނަމުގައި ބަލިމީހާއާއި އެކަހެރިވުމަށްޓަކައި އެހެން މީހުން ކިޔަވާތަނަކުން ނެރެން މަސައްކަތްކުރުން.
  • ސިޙުރުވެރިޔާގެ ކުރިމަތީގައި ބަރަހަނާވުމަށް ބަލިމީހާގާތު އެދުން.
  • ފަރުވާކުރުމުގެ ނަމުގައި ބަލިމީހާގެ ހަށިގަނޑުގެ ތަންތަނުގައި ލިޔަން މަސައްކަތްކުރުން.
މަތީގައި ބަޔާންމިކޮށްލެވުނީ ޢިލްމުވެރިން ބަޔާން ކޮށްދެއްވާފައިވާ ޢަލާމާތްތަކުގެ ތެރެއިން ބައެއް ޢަލާމާތްތަކެވެ. މީގެތެރެއިން ޢަލާމާތެއް ފަރުވާކުރުމުގެ ނަމުގައި އަންނަ މީހެއްގެކިބައިން ފެނިއްޖެނަމަ އަވަހަށް އެމީހަކާއި ދުރުވާށެވެ. އަދި މިފަދަ މީހަކަށް ނޫނެކޭ ބުނުމުގެ ހިތްވަރު ހުންނަންވާނެއެވެ. އަދި ހަމަ ސިޙުރުވެރިންފަދައިން، ޖިންނީންގެ އެހީތެރިކަން ހޯދާކަމަށް ދަޢުވާކުރާމީހުންނާއި، މަކަރާއި ޙީލަތުން މީހުންގެ ފައިސާއާއި މުދާ ފޭރުމާއި މުދަލަށް ގެއްލުންދިނުމަށް މަސައްކަތްކުރާ މީހުންގެ ބައެއް ސިފަތަށް ބަޔާންކޮށްލާނަމެވެ.
  • ކޮންމެކަމެއް އެއީ ސިޙުރުކަމުގައި ބުނުން.
  • ސިޙުރު ހަދާފައިކަމަށް ބުނެ ބަލިމީހާގެ އަންނައުނުތަކާއި ގޭގައި ގެންގުޅޭ ސާމާނު އަންދާލަން ބުނުން.
  • ބަލި ދެނެގަތުމުގެ ކުރިންނާއި ފަރުވާ ފެށުމުގެ ކުރިން ބޮޑެތި ޢަދަދުން އަގު ކިޔުން.
  • ގިނަ ގިނައިން ފައިސާ އަށް ނުވަތަ ތަކެއްޗަށް ކިޔުން.
  • އެކި ފާޑު ފާޑުގެ މައުދަނާއި، ސްޓޯން ފަދަ ތަކެތި ބޭނުންކުރުން.
  • ބަލިމީހާ ނުވަތަ ބަލިމީހާގެ ޢާއިލާއަށް އެތަކެއް އުނދަގޫ ކަންތައްތަކެއް ކުރުމަށް އިރުޝާދުދިނުން.
  • ސިޙުރު ރަނގަޅުވާނީ ނުވަތަ އެ ސިޙުރުން ސަލާމަތްވާނީ ގެ ދޫކޮށް އެހެންތާކަށް ދިޔުމުން ކަމުގައި ބުނުން.
  • މޫމިނު ޖިންނީން ފެންނަކަމަށް ބުނުން، ނުވަތަ މޫމިން ޖިންނީ އެހީތެރިވެދޭކަމުގައި ބުނުން.
  • އަނގޮޓީ ނުވަތަ އެކި ޒާތުގެ ތަކެތި ބޭނުންކޮށްގެން އާދަޔާ ޚިލާފުކަންތައްތައް ބަލިމީހާއާއި އެ ޢާއިލާ މީހުންނަށް ކަންކަން ދެއްކުން.
  • ޖިންނީން ބުނެގެންކަމަށް ބުނެ އެވެނި މިވެނި ކަމެއްކުރުމަށް އަމުރުކުރުން.
  • އަކަ ކުރަހާފަ ނުވަތަ ލިޔެފަހުންނަނީ ކޮންއެއްޗެއްކަން ނޭނގޭ ފަދަ ކަރުދާސްކޮޅު އަންދަން ބުނުން.
  • ޝަރުޢީ ރުޤްޔާތެރޭ ހިމެނޭ ޤުރްއާނުގެ އާޔަތްތަކާއި ސުންނަތުން ސާބިތުވާ ދުޢާތަށް ކިޔުމުގެ ބަދަލުގައި، ބޭކާރު ވާހަކަ ދައްކާ ބޭކާރު ކަންކަން ކުރަން ބުނުން.
  • ބަލިމީހާއަކީ ޖިންނި މޮޔަވާމީހެއްނަމަ އެ ޖިންނީންކައިރިން އެހީއަށް އެދުން އަދި ޖިންނީންނާއި ވާހަކަދެއްކުން ގިނަކޮށް މީސްތަކުންނަށް ކުޅިވަރު ދެއްކުން.
  • ފަރުވާކޮށްދޭން އަންނަމީހާގެ އަމިއްލަ ގަޔަށް ނުވަތަ އޭނާގެ އެހީތެރިއަކަށް ގެންނަމީހާގެ ގަޔަށް ޖިންނި ވައްދައިގެން މަޢުލޫމާތު ހޯދުން.
  • ފޯނުން ގުޅައިގެން ހުރެ ދިމާވެގެން އުޅޭ ކަންތައްތަކެއް ކިޔައިދިނުން. (މިއީ ޖިންނީންގެ އެހީތެރިކަން ހޯދައިގެން ކުރާކަންކަމެވެ. މިއީ އެއްވެސް ޙާލެއްގައި އިސްލާމްދީނުގައި ހުއްދަކުރައްވާފައިވާ ކަމެއް ނޫނެވެ.)
  • ސިޙުރު ހެދިމީހާ ހޯދައިދޭނެކަމަށް ބުނުން، ނުވަތަ ކިޔަވާތަނަށް ހާޒިރުކޮށްދޭނެ ކަމަށް ބުނުން.
  • ސިޙުރުވެރިޔާ ހުވަފެނުން ފެންނާނެކަމަށް ބުނެ ވަކި ދުޢާއެއް ކުރަން ބުނުން، އެއްޗެއް ކަނޑުފައްތަން ނުވަތަ ވަޅުލާން ބުނުން، ނުވަތަ ބާލީސްދަށުގައި އެމީހަކު ދޭ އެއްޗެއް ބާއްވައިގެން ނިދުން، ނުވަތަ ވަކި ޢަދަދަކަށް ކިޔަވަން ދޭ ގޮތްނޭނގޭ ތަކެތި ކިޔަވަން ބުނުން.
  • ބަލިމީހާ ނުވަތަ ބަލިމީހާ ދިރިއުޅޭ ގޭގައި ރައްކާތެރީން ގޮތުގައި ޖިންނީން ބައިތިއްބާފައިވާނެ ކަމަށް ބުނުން.
މިފަދަ ސިފަތައް، އަދި މިނޫންވެސް ޤަބޫލުކުރަން ދަތި، ތަކުލީފުބޮޑު ކަންތައްތައް ފަރުވާކުރުމުގެ ނަމުގައި އަންނަ މީހެއްގެ ފަރާތުން ފާހަގަވާނަމަ އެމީހެއްގެ ކިބައިންވެސް އަވަހަށް ދުރުހެލިވާށެވެ. ޝަރުޢީ ގޮތުން ހުއްދަވެގެންވާ، ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ހުއްދަ ރުޤްޔާ ކުރާ ރާޤީއެއްގެ ކިބައިން މިފަދަ ޞިފަތަކެއް ނުފެންނާނެއެވެ. ރުޤުޔާކުރާ މީހުން ވާންޖެހޭނީ ބަލިމީހާއަށް އުނދަގޫތަކާއި ތަކުލީފުތައް އިތުރުކުރާ ބަޔަކު ކަމުގައެއް ނޫނެވެ. އެހެންނަމަވެސް އެމީހުންނަށް ފަސޭހަ އަދި ލުއިގޮތްތައް ހޯދައިދީ ޖެހިފައިވާ ބަލިމަޑުކަމާއި މުޞީބާތުން ސަލާމަތްވާނެ ގޮތް ޤުރުއާނުންނާއި ސުންނަތުގެ އަލީގައި ފެންނަން އޮތް އެންމެ ރަނގަޅުގޮތުގައި ބުނެދީ، އެގޮތަށް ޢަމަލުކުރާ އަދި ޢަމަލުކުރުމަށް ބާރުއަޅާ ބަޔަކަށެވެ. ރުޤްޔާ ފެނަކީ ކޮންއެއްޗެއް؟ ރުޤްޔާފެން، ނުވަތަ ޝަރުޢީ ރުޤްޔާ ކިޔަވާފައިވާ ފެނަކީ، ބަލިމީހާއަށް ﷲ ތަޢާލާ ހަޟްރަތުން ޝިފާދެއްވުމަށް އެދި، ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތައް ކުރުމަށްފަހު އެކިޔެވި އާޔަތްތަކާއި ދުޢާތަކުގެ އަޘަރު އެފެނަށް ކުރުވުމުގެ ގޮތުން ކިޔަވާ މީހަކު އެފެނަށް ފުމެފައިވާ ފެނަށް ކިޔޭ ނަމެކެވެ. އެހެން ގޮތަކަށް ބުނަނީނަމަ ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތައް ފުމެގެން މަތުރާފައިވާ ފެނެކެވެ. އެހެންކަމުން އެފެނަށް ކިޔަވަން ވާނީ ކީރިތި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކެވެ. އަދި ބަލިމީހާގެ މައްޗަށް ނުވަތަ ރުޤްޔާ ކުރެވޭތަނެއްގައިވާ ނުބައިކަމެއް ފިލުވައިދެއްވާތޯ ﷲ ހަޟްރަތަށް އިޚްލާސްތެރިކަމާއިއެކު ކުރެވޭ އެންމެހައި ހެޔޮ ދުޢާތަކެވެ. އޭގައި އެއްވެސް ޝިރުކެއް އެކުލެވިގެން ނުވާނެއެވެ. އެހެންކަމުން މީހަކު ލައްވާ ފެނައް ކިޔުއްވާނަމަ، ބަލިމީހާގެ ޢާއިލާމީހަކު ކަމުގައި ވިޔަސް ނުވަތަ އިތުބާރު ހިފޭ ރާޤީއެއް ކަމުގައިވިޔަސް ކިޔަވަންވާނީ ކިޔަވާއެއްޗެއްގެ އަޑު ސާފުކޮށް އިވޭފަދަ ގޮތަކަށެވެ. ބަލިމީހާ އަމިއްލައަށް ކިޔަވާ ކަމުގައިވާނަމަ އެ ކިޔެވޭ ރުޤްޔާއެއް އަމިއްލަ ނަފްސަށް އެނގޭނެއެވެ. މިހާރަކަށް އައިސް ރުޤްޔާކޮށްފައިވާކަމަށް ބުނެ، ތެޔޮ، ފެން، މާމުއިފަދަ ތަކެތި ވިއްކަން ހުންނަތަން ދަނީ ފެންނަމުންނެވެ. މިފަދަ މަޅިތަކަށް ސަމާލުވެތިބުމަށް ނަސޭޙަތްތެރިވަމެވެ. ރުޤްޔާކޮށްފައިކަމަށް ބުނާއިރު، އެފަދަ އެއްޗަކަށް އިތުބާރުކުރެވޭނި ފަހެ ކޮންފަދައަކުން ހެއްޔެވެ. ކިޔަވާފައި ހުރީ ކޮންއެއްޗެއްކަން ނޭނގޭނަމަ އެފަދަ އެއްޗަކުން ކޮންމެފަދަ ހިތާމަވެރި ނުވަތަ ބިރުވެރިކަމަކާއިވެސް ކުރިމަތިލާން ޖެހިދާނެއެވެ. އެހެންކަމުން އަބަދުވެސް ތިބެންވާނީ އެންމެ ރައްކާތެރިގޮތް ހޯދައިގެންނެވެ. ޝަރުޢީ ރުޤްޔާއަކީ ކޮބައިކަން ކޮންމެވެސް ވަރަކަށް މިލިޔުން ކިޔައިލުމުން އެނގިގެންދާނެކަމަށް އުއްމީދުކުރަމެވެ. އަދި ރަނގަޅުގޮތާއި ނުރަނގަޅު ގޮތަކީވެސް ކޮބައިކަން ކޮންމެވެސް ވަރަކަށް އެނގިގެންދާނެކަމަށް އުއްމީދުކުރަމެވެ. އެންމެ ބުއްދިވެރިގޮތަކީ، ރުޤްޔާގެ އާޔަތްތައް އަމިއްލައަށް ބޭނުންކުރުމެވެ. ފަރުވާ ހޯދުމުގެ ނިޔަތުގައި ފެން، ތެޔޮ، ކިރު، އަދި މާމުއި ފަދަ ތަކެއްޗަށް އަމިއްލަޔަށް ނުވަތަ ޢާއިލާ މީހަކު ލައްވާ ކިޔުއްވައިގެން ބޭނުންކުރުމެވެ. އިތުބާރު ހިފޭ ރާޤީއެއް ލައްވާ ކިޔުއްވާނަމަވެސް އެންމެ ރަނގަޅުގޮތަކީ ބަލިމީހާ، ނުވަތަ ގޭމީހުންގެ ހާޒިރުގައި ރުޤްޔާތައް ކިޔެވުމެވެ. އެއީ އެންމެނަށްވެސް އެކަމުން ހިތްހަމަޖެހުމާއި އެއްވެސް ނުތަނަވަސްކަމެއް ނާންނާނެ ގޮތްކަމުގައި ވާނެތީއެވެ. ރުޤްޔާކުރުމަކީ ބުރަ އަދި އެކަމުގައި އެހާމެ ނުރައްކާތެރިކަންވެސް ހިމެނޭ ކަމެކެވެ. ވަރަށް ގިނަ ވަގުތުވެސް ހޭދަކުރަންޖެހޭ، އަދި ނުހަނު ކެތްތެރިވާންޖެހޭވެސް ކަމެކެވެ. ކިޔެވުމުގައްޔާއި ފެންކިޔެވުން ފަދަ ބުރަ މަސައްކަތް ކޮށް ގިނަވަގުތު ހޭދަކުރަން ޖެހޭކަމެކެވެ. އެހެންކަމުން ރުޤްޔާ ކުރުމަކީ ވަރަށް ބުރަކަމަކަށް ވެފައި ރުޤްޔާކުރާމީހާގެ ބޮލުގައި އެޅޭ ވަރަށްބޮޑު ޒިންމާއެކެވެ. ވީއިރު މިފަދަ ބޮޑު މަސައްކަތެއް ކުރުމުގައި އިޚްލާޞްތެރިވެ އެކަން ކުރުމަށްޓަކައި އެކަމުގައި އުޖޫރަނެގުމަކީ އެކަން އެއީ ﷲ ތަޢާލާ އަށްޓަކައި ކުރާކަމެއް ނޫންކަމުގައި ބުނެވޭނެ ޖާގައެއް އޮތްކަމެއް ނޫނެވެ. އެމަސައްކަތް އޭނާކުރާނީ ﷲ ތަޢާލާއަށް ހިތްނިޔަތް ޚާލިޞްކޮށް ހަމައެކަނި ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެންނެވެ. ﷲ ތަޢާލާ އަށްޓަކައެވެ. މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައިވާ ކަމަކަށްވީތީއެވެ. އަދި އުޖޫރަ އެއް ކަނޑައަޅަނީ ރުޤްޔާކުރާމީހާގެ މަސައްކަތާއި، އޭނާ ހޭދަކުރާ ވަގުތާއި، އުފުލަންޖެހޭ ބޮޑު ބުރައާއި ނަގަންޖެހޭބޮޑު ޒިންމާގެ މައްޗަށެވެ.     އެހެންކަމުން އޭނާ އެކުރާމަސައްކަތަށް އުޖޫރައެއް ނެގުމަކީ ހުއްދަ ކަމެކެވެ. މިކަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުންވެސް ސާބިތުވާން އެބައޮތެވެ. އެހެންނަމަވެސް ކަން މިހެން އޮތްއިރު ރުޤްޔާ ކުރައްވާ ބޭފުޅުން ވިސްނާލަންޖެހޭ އެހެންކަމެއްވެސް އެބައޮތެވެ. މިކަމުގައި މަކަރުވެރިކަމާއި އޮޅުވާލުން ގެންގުޅެގެން ނުވާނެއެވެ. ޝިފާ ދެއްވާ ފަރާތަކީ ﷲ ތަޢާލާއެވެ. މަސައްކަތް ކުރުމަށްޓަކައި އަގެއް ނެގިނަމަ އެކަމަށްޓަކައި މަސައްކަތް ކޮށްދޭން ޖެހޭނެއެވެ. ބައެއްފަހަރަށް ރުޤްޔާކޮށްދިނުމަށް އެދުމުން ފައިސާ ނެގުމަށްފަހު ޚަބަރެއްނުވެ އެމަސައްކަތް ނުކޮށްދީ އުޅޭވާހަކަވެސް އަޑުއިވެއެވެ. މިއީ ޝަރުޢީ ރުޤްޔާ ކުރާ މީހެއްގެ ގައިގަ ހުންނަންވާނެ ސިފައެއް ނޫނެވެ. ކުލިނިކްތަކުގެ ނަމުގައިވިޔަސް ނުވަތަ ސޯޝަލްމީޑީއާގެ ތަފާތު ޕްލެޓްފޯމުތައް މެދުވެރިކޮށް ވިޔަސް އެޑްވާންސްކޮށް ރުޤްޔާ ކިޔަވާފައިވާކަމަށް ބުނެ ވިއްކާ ފެންފުޅި ފަދަ ތަކެތީގެ ޙަޤީޤަތް އެނގޭނީ ކިހިނެތްހެއްޔެވެ. ވިސްނާ ފިކުރުކޮށްލަމާ ހިނގާށެވެ. ކިތަންމެ ބޮޑަށް ފަރުވާއަކަށް ބޭނުންވެފައިވީނަމަވެސް މިފަދަ ދަންތުރަތަކުގައި ޖެހި އެތައް ބުރަމަސައްކަތަކުން ހޯދާ ފައިސާކޮޅުގެ ފައިދާ މިފަދަ މީހުންނަށް ދޫކޮށްނުލާށެވެ. ޝަރުޢީ ރުޤްޔާ ކުރާ މީހަކުލައްވާ އެ މަސައްކަތް ކުރުވާފަ އެފައިސާ އެފަދަ މީހުންނަށް ހޭދަކުރުންވެސް މާރަނގަޅު ނޫންތޯއެވެ. ޖަމްޢިއްޔާގެ ނަން: ދި އިސްލާމިކް އެކްސޮސިޒަމް މަޤްސަދު: ޖަމްޢިއްޔާގެ މަޤްޞަދަކީ ރާއްޖޭގައި ފެތުރެމުންދާ ނުރައްކާތެރި ވަބާތަށް ކަމުގައިވާ ސިޙުރު، އެއްފީނާ، ޙަސަދަ އަދި ޖިންނީންގެ ފަރާތުން ކުރިމަތިވަމުން އަންނަ އެންމެހާ ކަންކަމުން ދިވެހި ރައްޔިތުން ހޭލުންތެރިކުރުވުމާއި، އެފަދަ ކަންތައްތަކުން ސަލާމަތްވެ ރައްކާތެރިވާނެ ގޮތްތައް ޝަރުޢީ ރުޤްޔާގެ ތެރެއިން ބުނެދީ އެކަމަށް އަޙުލުވެރިކުރުވުމެވެ. އަދި ރާއްޖޭގައި ފެތުރިފައިވާ އެންމެހައި ޚުރާފީ އާދަކާދަތައް ފުހެލުމަށްޓަކައި ރައްޔިތުން ހޭލުންތެރިކުރުވާ، އެކަންކަން ފުހެލުމަށް ކުރެވެންހުރި މަސައްކަތްތަކެއް އިސްލާމްދީނުގެ އިމުގެ ތެރެއިންނާއި ރާއްޖޭގެ ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފުނުވާ ގޮތަށް ކުރުމެވެ. އަދި އަޅުގަނޑުމެންގެ އެންމެ މުހިއްމު މަސައްކަތްތަކުގެ ތެރޭގައި ޝަރުޢީ ރުޤްޔާގެ ނަމުގައާއި އަދި ސިޙުރުވެރީން އެކި ސިފަސިފައިގައި ކުރާ ކަންތައްތަކާއި، އެކި ފަރުދުންނަށް ދެމުންދާ ގެއްލުންތަކާއި އަނިޔާތައް ރައްޔިތުންގެ ސަމާލުކަމަށް ގެނެސް، އެފަދަ މީހުންގެ މައްސަލަތައް އާއްމުންގެ ސަމާލުކަމަށް ގެނެސްދިނުމާއި އަދި ކަމާއި ބެހޭފަރާތްތަކުގެ ސަމާލުކަމަށް ގެނެސްދިނުން ހިމެނެއެވެ. " ލިޔުނީ ޖަމްޢިއްޔާގެ ރައީސް: އަޙްމަދު މުޢާޛު މިފަދަ ކަންކަމަށް ސަމާލު ވުމާއި ހޭލުންތެރި ވުމަކީ މުހިންމު ކަމެއް ކަމުގައި " މިނިވަން " އިން ދެކެމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ