ސްރީލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސާގެ ދަރިކަލުން ޔޮޝީތާ ރާޖަޕަކްސާ ލަންކާގެ ސީއައިޑީ އިން ހައްޔަރުކޮށްފިއެވެ.
ރައީސް މަހިންދަ ރާޖަޕަކްސާގެ 2 ވަނަ ދަރިފުޅު ޔޮޝީތާ ރާޖަޕަކްސާ ސްރީލަންކާގެ ސީއައިޑީ އިން ހައްޔަރުކޮށްފައިވަނީ ބެލިއަށްޓާ ގައި ހުންނަ އޭނާގެ ގެއަށް ދިޔަ މަގުމަތީގައި ސައުތާ ހައިވޭއިންނެވެ.
ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޔޮޝީތާ ހައްޔަރުކޮށްފައިވަނީ ގާނޫނާ ޚިލާފަށް އޭނާ ހޯދާފައި މުދަލާ ގުޅޭ ތަހުގީގެއްގެ ދަށުން ކަމަށާއި، އޭނާ ކަޓަރަގަމާ ގައި ހަދާފައިވާ ގަނޑުވަރަކީ ސަރުކާރުގެ ބިމެއްގައި ގަވާއިދާހިލާފަށް ހަދާފައިވާ ގަނޑުވަރެއްކަމަށާއި، އަދި އެ ގަނޑުވަރު ހަދާފައިވަނީ ޤަވާއިދާ ޚިލާފަށް ސަލާމަތީ ޚިދުމަތްތަކުގެ މުވައްޒަފުން ބޭނުންކޮށްގެންކަމަށް ސީއައިޑީން ބުނެފައިވެއެވެ.
އަދި އިތުރަށް ލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވަނީ ޔޮޝީތާ ސީއައިޑީ އިން ހައްޔަރުކޮށްފައިވަނީ އެގައުމުގެ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން އެންޓި މަނީލޯންޑްރިންގެ ގާނޫނުގެ ދަށުންނެވެ. ޔޮޝީތާ ރާޖަ ޕަކްސާ އަކީ ނަމާލް ރާޖަޕަކްސާ އާއިޖެހިގެން ހަގަށް ހުންނަ ރާޖަޕަކްސާގެ ދަރިކަލުންނެވެ.







