މާލެ: 31°C

ރައީސްގެ ވާހަކަ އާއި މިނިސްޓްރީގެ ވާހަކަ ދިމައެއްނުވި؟ ފްލެޓް ލިސްޓު އާ ކުރަނީ!

February 11, 2024
3 ފަހަރު ބަލާފައި
ރައީސްގެ ވާހަކަ އާއި މިނިސްޓްރީގެ ވާހަކަ ދިމައެއްނުވި؟ ފްލެޓް ލިސްޓު އާ ކުރަނީ!
ރައީސްގެ ވާހަކަ އާއި މިނިސްޓްރީގެ ވާހަކަ ދިމައެއްނުވި؟ ފްލެޓް ލިސްޓު އާ ކުރަނީ!

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި 4000 މީހުންގެ ލިސްޓު ބާތިލުކޮށް، ފްލެޓު ލިބޭ މީހުން އަލުން ކަނޑައަޅަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން އިއްޔެ ހައުސިން މިނިސްޓްރީއިން މިވަނީ ބަޔާނެެއްނެރެ އިއުލާނުކޮށްފައެވެ.

މިނިސްޓްރީއިން މިގޮތަށް އެންގި އިރު، 4000 ފްލެޓް ލިބޭ މީހުން ކުރީ ސަރުކާރުން ވަނީ ނިންމާ، ލިސްޓު އިލުލާންކޮށް، އަދި ބައެއް މީހުން ވަނީ އެއްބަސްވުމުގައި ސޮއިވެސް ކޮށްފައެވެ. އެ އެއްބަސްވުމުގައި އެމީހުންނަށް ލިބޭ ފްލެޓު ނަންބަރުވެސް އެބައޮތެވެ.  ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ފްލެޓް ދިނުން ހުއްޓުވުމަށްފަހު ކުރި ތަހުގީގަކަށްފަހު ބުނީ ފްލެޓް ލިބޭކަމަށް ކަނޑައެޅި ލިސްޓްގެ %60 މީހުން ޝަރުތު ހަމަނުވާ ކަމަށެވެ. ޝަރުތު ހަަމަނުވާކަމަށް ނިންމި ގޮތެއް އަދި އެމީހުންގެ ތަފްސީލެއް ވެސް އޭސީސީއިން ނުދެއެވެ.

ހައުސިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޝަރުތު ހަމަވެ އިތުރު މައްސަލައެއް ނޫޅޭ ފޯމުތަކުގެ ލިސްޓެއް އޭސީސީން ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް އެއްކުރި މައުލޫމާތުގެ އަލީގެ އެކުލަވާލާފައިވާ ލިސްޓެއް ކަމަށްވާތީ، އަލުން ފްލެޓު ލިބޭ މީހުންގެ ލިސްޓެއް އެކުލަވާލަން ނިންމާ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

"... ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް މި މިނިސްޓްރީން ކުރަމުންދާ ވާހަކަ ދެންނެވިން،" ހައުސިންމިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

[embed]https://twitter.com/MHLUDmv/status/1756316607842803812[/embed]

ފްލެޓާއި ގޯތި ލިބޭނެ ކަމަށް ކުރީ ސަރުކާރުން ނިންމައި ގެޒެޓުކޮށްފައިވާ ލިސްޓުގައި ހިމެނޭ އެންމެނަށް ފްލެެޓާއި ގޯތި ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

"ރަސްމީކޮށް ގެެޒެޓްކޮށްފައި އޮވެއްޖެއްޔާ އެމީހާއަށް އެއޮތީ ފްލެޓް ނުވަތަ ގޯތި ލިބިފައި. އަދި ލިޔުން ނުލިބިވެސް ހުރެދާނެ ބައެއް ފަރާތްތަކަށް، ރަޖިސްޓްރީ ނުހެދި ވެސް ހުރެދާނެ. އެއީ އަދި އެހެން ކަމެއް، އެެހެންވީމާ ފައިނަލް ލިސްޓެއް ގެޒެޓްކުރެވިފައި އޮވެއްޖެއްޔާ އެއޮތީ ސަރުކާރުގެ ނިންމުމެއް. ދެން ސަރުކާރުގެ ނިންމުމެއް އޮވެއްޖެއްޔާ ލިބޭނެ،" ޑިސެމްބަރު 5، ގައި ރައީސް ވިދާޅުވި އެވެ.

ނަމަވެސް ރައީސްގެ މި ވާހަކަފުޅަށް ސަރުކާރުން އަމަލުކުރާތަނެއް ނުފެނެއެވެ.

ރައީސް އެދުވަހު ވިދާޅުވީ ފްލެޓު ލިބުމުގައި އިސްތިސްނާ ވާނީ މަކަރެއް ހަދައިގެން ދޮގު މައުލޫމާތެއް ހުށަހަަޅައިގެން ލިސްޓެއްގައި ހިމެނުނު މީހުންކަމަށެވެ. އެފަދަ މައްސަލަތައް ނިންމާނީ އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ އިދާރާތަކުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް ފްލެޓެެއް ނުވަތަ ގޯއްޗެއް ލިބޭނެ ކަމަށް މީހަކު ލިސްޓްކުރުމުގައި އަމަލުކޮށްފައިވާ ގޮތާ ބެހޭ ގޮތުން މައްސަލައެއް ޖައްސައިފި ނަމަ ކަމާ ބެހޭ އިދާރާއަކުން ބެލުމަކީ މުޅިން އެހެން ކަމެއް ކަމަށް ވެސް ރައީސް  ވިދާޅުވި އެވެ.

"މިސާލަކަށް ވަކިން އެހެން ފަރާތަކުން މައްސަލަ ޖައްސަނީ މީހަކު ނުގަވައިދުން  ފްލެޓެއް ނުވަތަ ގޯއްޗެއް ހޯދާފައި އޮތްތޯ ބަލަން. އެއީކީ އެއް މިކަމާ ގުޅޭ ކަމެއް ނޫން، މިސާލަކަށް މީހަކު އޮތީ މަކަރު ހަދައިގެން އޮޅުވާލައިގެން، ނުބައި މައުލޫމާތެއް ފޯޖްކޮށްގެން ލައިގެން ޕޮއިންޓް ހަމަކޮށްގެން ލިބިފައި، އެއީ ވަކި ކޭސްއެއް،" ރައީސް ވިދާޅުވި އެވެ.

ގެޒެޓުކޮށްފައިވާ ލިސްޓުގައިވާ ގޮތަށް ގޯއްޗާއި ފްލެޓްގެ ރަޖިސްޓްރީ ޖެނުއަރީ ދެވަނަ ހަފްތާގެ ނިޔަލަށް ދޭނެ ކަމަށް ރައީސް ޑރ މުއިއްޒު ވަނީ ޖެނުއަރީ 2 ގައި ވެސް ވިދާޅުވެފައެވެ. ނަމަވެސް ފްލެޓް ތަކުގެ މައްސަލަ އެއިރު އޭސީސީގައި އޮތުމުން އެއިރުވެސް ފްލެޓް ދިނުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންގޮސްފައެއް ނުވެއެެވެ. ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ނޮވެމްބަރު 19، 2023 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފްލެޓު ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލާފައި ވަނީ އޭސީސީން އެ މަސައްކަތް ހުއްޓާލުމަށް އަންގާފައިވާތީ ކަމަށް ވިދާޅުވިއެވެ. އޭސީސީ އަށް ގާނޫނީ ގޮތުން އެއްވެސް އިދާރާ އަކުން ހިންގާ ޕްރޮޖެކްޓެއް ހުއްޓުވުމުގެ ބާރު ލިބިފައި ނުވާކަން އެ ދުވަހު ނޫސްވެރިން ވަނީ ފާހަގަކޮށްފައެވެ. އޭސީސީއިން ފްލެޓް ދިނުމުގެ މަސައްކަތް ހުއްޓުވާލުމަށްފަހު، މިމަހު އެކެއްގައި ވަނީ އެމަަސައްކަތް ކުރިއަށް ގެންދިއުމަށް ހުއްދަދީފައެވެ. އޭގެ ފަހުން އިއްޔެ، ހައުސިން މިނިސްޓްރީއިން މި ބުނީ، އަލުން ލިސްޓު އެކުލަވާލާނެ ކަމަށެވެ. މިކަމާ ގުޅިގެން އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ފްލެޓް ލިބޭނެކަމަށް ކުރީ ސަރުކާރުން ކަނޑައެޅި ލިސްޓުގައި ހިމެނޭ މީހުން ތޭރެދޭތެރެއިން، ހައުސިން މިނިސްޓްރީއަށާއި އޭސީސީއަށް ގޮސް އިހުތިޖާޖު ކުރަމުންދެއެވެ.

ފުލެޓު ލިބޭ މީހުންގެ މައްސަލަތައް އޭސީސީން ބަލާފައި ވަނީ ގޯސްކޮށް ކަމަށް އިދިކޮޅުން ވެސް ބުނެއެވެ. އަދި ފްލެޓު ލިސްޓަށް ބަދަލު ގެންނަން އުޅެނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ވެސް ގިނަބަޔަކުސޯޝަލް މީޑިއާގައި ވެސް ދަނީ ބުނަމުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ