މާލެ: 31°C

ޕެންޝަން އިސްލާހާ ދެކޮޅަށް ފްރާންސުގައި ކުރާ މުޒާހަރާތައް ވަރުގަދަކޮށްފި

February 12, 2023
2 ފަހަރު ބަލާފައި
ޕެންޝަން އިސްލާހާ ދެކޮޅަށް ފްރާންސުގައި ކުރާ މުޒާހަރާތައް ވަރުގަދަކޮށްފި
ޕެންޝަން އިސްލާހާ ދެކޮޅަށް ފްރާންސުގައި ކުރާ މުޒާހަރާތައް ވަރުގަދަކޮށްފި
ރިޓަޔާމަންޓް އުމުރު މަތިކުރުމަށް ސަރުކާރުން ނިންމި ނިންމުމާއި ދެކޮޅަށް އެއް މިލިއަނަށްވުރެ ގިނަ މީހުން ފްރާންސުގެ އެކި ސަރަހައްދުތަކަށް އަނެއްކާވެސް މުޒާހަރާކޮށްފިއެވެ. ޕެންޝަން ނިޒާމު މާލީ ގޮތުން ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި ރިޓަޔާކުރާ އުމުރު 62 އިން 64 އަށް ފަސްކުރުމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ގަސްދުކުރެއްވި ނަމަވެސް ޔޫނިއަންތަކުން ބުނަނީ މި ބަދަލުގެ ސަބަބުން އެ މީހުންގެ ހައްގުތަކަށް ނުރައްކާވާނެ ކަމަށެވެ. ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާއަކީ އެކަމާއި ދެކޮޅަށް ބޭއްވި ހަތަރު ވަނަ މުޒާހަރާއެވެ. އެ ޕްލޭން ބާތިލް ނުކޮށްފިނަމަ ހަޅުތާލުތައް އިތުރުކުރަން ޔޫނިއަންތަކުން ވަނީ ނިންމައިފަ އެވެ. ސީޖީޓީ ޔޫނިއަނުން ބުނީ ޕެރިހުގައި އެކަނިވެސް 500،000 މީހުން މުޒާހަރާގައި ބައިވެރިވި ކަމަށާއި މިއީ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި މުޒާހަރާއަށްވުރެ ހަތަރު ލައްކައަށްވުރެ އިތުރު އަދަދެއް ކަމަށެވެ. ހޮނިހިރު ދުވަހު ޕެރިސް، ނީސް، މާސޭ، ޓޫލޫސް، ނަންޓެސް އަދި އެހެނިހެން ސިޓީތަކުގައި 960،000 އަށް ވުރެ ގިނަ މީހުން މުޒާހަރާކޮށްފައިވާ ކަމަށް ފްރާންސުގެ ދާހިލީ ވުޒާރާއިން ބުނެއެވެ. ޕެރިހުގައި 93،000 އެއްހާ މީހުން އެއްވުމުގައި ބައިވެރިވިއުރު މިއީ މިދިޔަ މަހު މުޒާހަރާތައް ފެށި ފަހުން ޕެންޝަނަށް ގެނައި ބަދަލުތަކާ ދެކޮޅަށް ވެރިރަށުގައި އެންމެ ގިނަ މީހުން އެއްވި ފަހަރެވެ. ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާތަކުގައި ވަނީ ހަމަނުޖެހުންތަކެއް ފެނިގެން ގޮސްފައެވެ. މުޒާހަރާ ރޫޅާލަން ފުލުހުން ކަރުނަގޭސް ބޭނުންކުރުމުން ޕެރިސްގެ މެދުތެރޭގެ ބޮލެވާޑްގައި ކާރެއްގެ އިތުރުން ޑަސްބިންތަކެއްގައި ވަނީ ރޯކޮލށްފާއެވެ. ޕެރިސްގެ ފުލުހުން ބުނީ ހަތިޔާރު ގެންގުޅުމާއި ތަންތަނަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި އޮފިސަރުން އަށް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މެކްރޮން ހުށަހެޅުއްވި ޕެންޝަން އިސްލާހުތައް ގެނެސްފައި މިވަނީ އެހެން ގައުމުތަކެކޭ އެއްފަދައިން ފްރާންސުގައި ވެސް ކާބޯތަކެއްޗާއި ހަކަތައިގެ ބިލުތައް ބޮޑުވުމުގެ ސަބަބުން މަސައްކަތްތެރިން ނިކަމެތިވަމުން އަންނަ ދަނޑިވަޅެއްގައެވެ. ސަރުކާރުން ގެނައި އިސްލާހުގައިވާ ގޮތުން ފްރާންސް ސަރުކާރުގެ ތަރުޖަމާނު އޮލިވިއޭ ވެރަން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ 40 އިންސައްތަ މަސައްކަތްތެރިންނަށް 64 އަހަރުގެ ކުރިން ރިޓަޔާ ކުރެވޭނެ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ