ރަމަޟާން މަސް ފެށިގެން މިއަދަށް ހަފްތާއެއް ވެގެންދާއިރު، ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކަންހުރި ކާބޯތަކެތީގެ އަގުތަކަށް ބަލާއިރު، އެންމެ އަގުބޮޑު އެއްޗެއްގެ ގޮތުގައި ފާހަގަކުރެވެނީ ޕެޝަންފުރުޓެވެ.
ޕެޝަން ފުރުޓަކީ ކަރާ ނަގާފައި ދިވެހިން އާއްމު ގޮތެއްގައި ފަނިގިރުމަށް ބޭނުންކޮށް އުޅޭ އެއް ބާވަތެވެ. ދަތުރުވެރިންގެ މާރުކޭޓަށް ބަލާއިރު، ޕެޝަން ފުރުޓް ކިލޯއެއްގެ އަގު މިހާރުހުރީ 145 ރުފިޔާއަށެވެ. މާރުކޭޓުގެ ގޮޅިތަކުން ވާހަކަދެއްކި ބައެއް މީހުން ބުނީ، ޕެޝަން ފުރުޓުގެ އަގު އެހާބޮޑަށް އަރައިގެން ދިއުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއިން ބޭރުން ޕެޝަން ފުރުޓު ގެންނަ އަދަދު މަދުވުމުގެ އިތުރުން ރާއްޖެއިންވެސް އެ ލިބުން ދަތިވުމުންނެވެ.
މިދިޔަ އަހަރުތަކުގެ ރަމަޟާންމަހު ދަތުރުވެރިންގެ މާރުކޭޓުގައި އެންމެ އަގުބޮޑު ވެގެންވެސް ޕެޝަން ފުރުޓް ކިލޯއެއް 60 ރުފިޔާއަށް ލިބެން ހުއްޓެވެ. ރަމަޟާންމަސް ފެށުމުގެ ދެމަހެއްހާ ދުވަސްކުރިން ދަތުރުވެރިންގެ މާރުކޭޓުގައި ޕެޝަން ފުރުޓް ހިތަކަށް އޮތެވެ. ގިނައީ ށ އަތޮޅުން ވިއްކަން ގެނެސްފައި ހުރި ޕެޝަން ފުރުޓެވެ. ރޯދަމަސް ފެށުމުގެ ކުރިން ރާއްޖޭގައި ހައްދާ ޕެޝަން ފުރުޓް ކިލޯއެއް 50 ރުފިޔާއަށް ވިއްކިއިރު، ބޭރުން ގެންނަ ފުރުޓް ކިލޯއެއް 70 ރުފިޔާއަށް ލިބެން ހުއްޓެވެ.
[caption id="attachment_99427" align="alignnone" width="800"]

ރަމަޟާންމަސް އައުމުގެ މަހެއްހާ ދުވަސްކުރިން ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި ވިއްކަން ބަހައްޓާފައިހުރި ދިވެހި ޕެޝަން ފުރުޓުތަކެއް...[/caption]
މިނިވަން ނޫހާ މައުލޫމާތު ހިއްސާކުރަމުން ހދ.ނޮޅިވަރަމުގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ނިހާދު އަލީ ބުނީ، މިފަހަރުގެ ރަމަޟާންމަހާ ކުރިމަތިލީއިރު، ވެޔޮތަށް އޮތީ މުޅިންހެން ހުސްވެފައިކަމަށެވެ.
ރޯދަ އައުމުގެ ކުރިން ފުރުޓް ލިބުނު ވަރަށް. ނަމަވެސް މިހާރު އެއްގޮތަކަށްވެސް ފުރުޓް ނެތޭ ބުނެވިދާނެ. މިފަހަރުގެ ރޯދަމަހު ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފުރުޓު ލިބޭނޭކަމަށް ނުބެލެވޭ
ކުރިން އަންހެނުންފުށީގައިވެސް ދަނޑުވެރިކަންކުރި، ނިހާދު ބުންޏެވެ.
ހދ.އަތޮޅުގެ ބައެއް ރަށްރަށުގެ ގަނެވިއްކާ ވައިބަރ ޕޭޖްތަކަށް ބަލާއިރުވެސް މިފަހަރު އެންމެ ތަދު އަދު އަގުބޮޑު އެއްޗެއްގެ ގޮތުގައި ފާހަގަކުރެވެނީ ޕެޝަން ފުރުޓެވެ. ގްރޫޕްތަކުގައި ބައެއް މީހުން ޕެޝަން ފުރުޓް ވިއްކަން ލާފައި ހުރިއިރު، 8 ވަރަކަށް ފުރުޓުގެ އަގު އުޅެނީ 100 ވަރަކަށް ރުފިޔާއަށެވެ.
ޕެޝަން ފުރުޓަކީ ފަނިގިރުމުގައި ދިވެހިން އެންމެ ގިނައިން ބޭނުންކުރާ އެއް މޭވާކަމަށް ވާއިރު، އޮރެންޖު ފަނިގިރާއިރުވެސް ގިނަ މީހުން ޕެޝަން ފުރުޓުގެ ބޭނުން ކުރެއެވެ. ފަނިގިރުމުގެ އިތުރުންވެސް ބައެއް ފޮނިކާތަކެތި ހެދުމުގައި ޕެޝަން ފުރުޓް ބޭނުންކުރެއެވެ.