މާލެ: 31°C

ޕާކިސްތާނުގެ ކުރީގެ ރައީސް މުޝައްރަފު އަވަހާރަވެއްޖެ

February 5, 2023
2 ފަހަރު ބަލާފައި
ޕާކިސްތާނުގެ ކުރީގެ ރައީސް މުޝައްރަފު އަވަހާރަވެއްޖެ
ޕާކިސްތާނުގެ ކުރީގެ ރައީސް މުޝައްރަފު އަވަހާރަވެއްޖެ
ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފް މިއަދު އަވަހަރާވެއްޖެއެވެ. ދުބާއީގެ އެމެރިކަން ހޮސްޕިޓަލުގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯއްދަވަމުން ގެންދެވި މުޝައްރަފް އަވަހަރާވީ އުމުރުފުޅުން 79 އަހަރެވެ. އޭނާ އަވަހާރަވީ ކޮން ކަހަލަ އާލާސްކަންފުޅެއްގައިކަން އެނގިފައެއް ނުވެއެވެ. މުޝައްރަފަު އަވަހާރަވީކަން ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ މީޑީއާތަކަށް ކަށަވަރުކޮށްދީފައެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އާދީއްތަ ދުވަހު ނެރުއްވި ބަޔާނެއްގައި ވަނީ ޕާކިސްތާނުގެ ކުރީގެ ލީޑަރުގެ އާއިލާއަށް ތައުޒިޔާ އާއި ހަމްދަރުދީ ފޮނުއްވާފައެވެ. ޕާކިސްތާނުގެ ސެނެޓްގެ ޗެއާމަން މުހައްމަދު ސާދިކް ސަންޖްރާނީ ވެސް ވަނީ  މުޝައްރަފު އަވަހާރަވުމާއި ގުޅިގެން ހިތާމަފާޅު ކުރައްވާފައެވެ. ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ޕާޓީ ތަހްރީކޭ އިންސާފް ޕާޓީން ބުނީ މުޝައްރަފު އަވަހާރަވުމުގެ ހިތާމާގައި އާއިލާއެކު އެ ޕާޓީން ބައިވެރިވާ ކަމަށެވެ. 2016 ވަނަ އަހަރުން ފެށިގެން މުޝައްރަފު ދިރިއުޅުއްވަމުން ގެންދެވީ އަމިއްލައަށް އަރުވާލައިގެން ދުބާއީގައެވެ. 1999 ވަނަ އަހަރު އަސްކަރީ ބަގާވާތަކުން ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ އަތްޕުޅުން ވެރިކަން ހޯއްދަވައި، އަސްކަރިއްޔާގެ އެންމެ އިސްވެރިޔާގެ މަގާމަށް މުޝައްރަފު ހަވާލުވެވަޑައިގެންނެވިއެވެ. އަދި 2001 ވަނަ އަހަރު އެ ގައުމުގެ ރައީސް ކަމަށް އައްޔަން ކުރެވުނެވެ. 2008 ވަނަ އަހަރާ ހަމައަށް ޕާކިސްތާނުގެ ރައީސްގެ މަގާމު މުޝައްރަފު ފުރުއްވިއެވެ. އެމެރިކާ އަށް ދިން 9/11 ގެ ޓެރަރިސްޓް ހަމަލާއަށް ފަހު އެމެރިކާގެ އެންމެ އިސް ބައިވެރިއެއްގެ ގޮތުގައި މުޝައްރަފު މަސައްކަތްކުރެއްވިއެވެ. އިސްލާމީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމުގައި ކޮންމެހެން ބޭނުންތެރި ބޭފުޅަކަށްވުމަށްވެސް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ވެރިކަމުގައި ހުންނެވި ދުވަސްވަރު ދެބަސްވުންތަކެއް އުފެދި، އިންސާނީ ހައްގުތަކަށް އަރައިގަތުމާއި އަނިޔާވެރިކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނެވެ. 2007 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ޕާކިސްތާނުގެ ގާނޫނު އަސާސީ ސަސްޕެންޑްކުރުމުގެ އިތުރުން އިސް ގާޒީ ބަދަލުކުރިއެވެ. މުޝައްރަފް ވިދާޅުވީ އެކަން ކުރެއްވީ ގައުމު ހަމައަކަށް އެޅުމަށާއި އިސްލާމްދީނުގެ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އެ ފިޔަވަޅުތަކަށް އެމެރިކާ އާއި ޑިމޮކްރަސީއަށް ވަކާލާތުކުރާ ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެއާ އެކު މުޝައްރަފު މަގާމުން ދުރުކުރުމަށް ޕާކިސްތާނު ރައްޔިތުން ފާޅުގައި ގޮވާލިއެވެ. ހުޅަނގުގެ ފިއްތުންތަކާ ހެދި އެންމެ ފަހުން ކުއްލި ނުރައްކަލުގެ ހާލަތު އުވާލިއެވެ. އަދި 2008 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިންތިހާބެއް ބޭއްވިއެވެ. ނަމަވެސް މުޝައްރަފުގެ ޕާޓީއަށް އިންތިހާބުގައި މާ ބޮޑު ކާމިޔާބީއެއް ނުލިބުނެވެ. ރައީސްގެ މަގާމުން މުޝައްރަފު އިސްތިއުފާ ދެއްވީ 2008 ވަނަ އަހަރުގެ އޮގަސްޓް މަހު ސަރުކާރު ކޯލިޝަނުން އޭނާ ވަކިކުރުމަށް ކުރުމަށް ފިޔަވަޅުތަކެއް އަޅަން ފެށުމުންނެވެ. ގައުމަށް ގައްދާރުވުމުގެ ކުށުގައި 2019 ވަނަ އަހަރު ގައިރު ހާޒިރުގައި މުޝައްރަފަށް މަރުގެ ހުކުމް އިއްވިއެވެ. ނަމަވެސް ފަހުން އެ ހުކުމް ބާތިލްކޮށްފައެވެ. ބޭސްފަރުވާއަށް 2016 ވަަނަ އަހަރު ވަޑައިގެންނެވި ގޮތަށް މުޝައްރަފު ދިރިއުޅުއްވަމުން ގެންދެވީ ދުބާއީގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ