މާލެ: 31°C

ޕާކިސްތާނުން މަންކީޕޮކްސް ފެނިއްޖެ

April 26, 2023
2 ފަހަރު ބަލާފައި
ޕާކިސްތާނުން މަންކީޕޮކްސް ފެނިއްޖެ
ޕާކިސްތާނުން މަންކީޕޮކްސް ފެނިއްޖެ
ޕާކިސްތާނުގެ މަންކީޕޮކްސްގެ ފުރަތަމަ ކޭސް ފެނިއްޖެއެވެ. ރިޕޯޓްތައް ބުނާ ގޮތުން އެ މީހާ އަކީ ދާދި ފަހުން ސައުދީ އަރަބިއްޔާއިން ޕާކިސްތާނުގެ އިސްލާމްއާބާދަށް ދިޔަ އުމުރުން 25 އަހަރުގެ ޒުވާނެކެވެ. ޕާކިސްތާނުގެ ހެލްތު މިނިސްޓްރީގެ އޮފިޝަލު ސާޖިދު ޝާހު ވިދާޅުވީ ބަލިމީހާ ހޮސްޕިޓަލެއްގައި ކަރަންޓީނުކޮށް ކޮންޓެކްޓް ޓްރޭސިން ފަށާފައިވާ ކަމަށެވެ. "މިހާތަނަށްވެސް ޕާކިސްތާނުގައި މަންކީ ޕޮކްސް ލޮކަލައިޒްޑް ޓްރާންސްމިޝަން އެއްގެ ހެއްކެއް ނެތް، އަދި ޕާކިސްތާނުން ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް ކުޑަ،" އަލްޖަޒީރާއާ ވާހަކަ ދައްކަވަމުން ސާޖިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕާކިސްތާނުގެ ހުރިހާ އެއާޕޯޓަކަށް އަދި ސިއްހީ ޑިޕާޓްމަންޓްތަކަށް "ސަވައިލެންސް، ކޮންޓެކްޓް ޓްރޭސިން އަދި ޝައްކުކުރެވޭ މީހުން އަވަހަށް ދެނެގަތުމަށް" އެލާޓް ނެރެފައިވާ ކަމަށެވެ. އެ މިނިސްޓްރީގެ އިސް އޮފިޝަލެއް ކަމަށްވާ މުސްތަފާ ޖަމާލް ކާޒީ ވިދާޅުވީ އެ ބަލިމީހާ ޕާކިސްތާނަށް އައުމަށްފަހު އައިސޮލޭޝަނަށް ފޮނުވާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށެވެ. "ބަލިމީހާ ހާލު އެހާ ރަނގަޅު ނުވީމަ، މިތަނުގެ ހޮސްޕިޓަލެއްގައި ކަރަންޓީނަށް ފޮނުވައި، އޭނާއަށް ދިމާވީ ކޮން މައްސަލައެއްތޯ ބެލުމަށް ޓެސްޓްތައް ހެދީ،" އަލްޖަޒީރާއަށް މައުލޫމާތު ދެއްވަމުން ކާޒީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެހެން ގައުމުތަކުން މަންކީޕޮކސްގެ ކޭސްތައް ފެނުމުން ޕާކިސްތާނުން ބައިނަލްއަގުވާމީ ހުރިހާ އެއާޕޯޓްތަކެއްގައި ވެސް ސަމާލުކަން އިތުރުކޮށް ސިއްހީ ޓީމުތައް ހަރަކާތްތެރިވި ކަމަށެވެ. "އަޅުގަނޑުމެންނަށް އެއާޕޯޓްތަކުގައި ޑިޕްލޮއިޑް ކޮށްފައިވާ ތަމްރީނު ލިބިފައިވާ މުވައްޒަފުން، އަދި އެމީހުންނަށް ބޭނުންވާ ލޮޖިސްޓިކްސް ސަޕޯޓް، އަތްދަބަހާއި ޑިސްއިންފެކްޓެންޓާއި މާސްކް ފަދަ ތަކެތި ފޯރުކޮށްދީފައިވޭ،" ކާޒީ ވިދާޅުވިއެވެ. ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި މަންކީ ޕޮކްސް އަކީ މަކުނު ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެވެ. ބަލިޖެހިފައިވާ ޖަނަވާރުތަކުން އިންސާނުންނަށް ނުވަތަ ބަލިޖެހިފައިވާ މީހުންގެ ކިބައިން އެހެން މީހުންނަށް މިބަލި ފެތުރެއެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ރޯގާ ޖެހުމާއި، ހުން އައުން އަދި  ކަރުތެރެ ރިއްސުން ފަދަ ކަންނަކަން ހިމެނެއެވެ. ޔޫރަޕާއި އުތުރު އެމެރިކާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިބަލި ފެތުރުނު  ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ޑަބްލިއުއެޗްއޯގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު ފެށުނީއްސުރެ ދުނިޔޭގެ އެކި ކަންކޮޅުތަކުން މަންކީޕޮކްސް ޖެހިފައިވާކަން ކަށަވަރުވެފައިވާ 87،000 އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު، 120 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ