މާލެ: 31°C

ޕާކިސްތާނުން މަޝްވަރާއަށް ދިން ދައުވަތު އިންޑިއާއިން ގަބޫލެއްނުކުރި!

January 23, 2023
2 ފަހަރު ބަލާފައި
ޕާކިސްތާނުން މަޝްވަރާއަށް ދިން ދައުވަތު އިންޑިއާއިން ގަބޫލެއްނުކުރި!
ޕާކިސްތާނުން މަޝްވަރާއަށް ދިން ދައުވަތު އިންޑިއާއިން ގަބޫލެއްނުކުރި!
ޕާކިސްތާނާ އިންޑިއާއާ ދެމެދު، ދެގައުމު މިވަންވީއްސުރެ އޮންނަ ހަމަނުޖެހުމަށް ހައްލެއް ހޯދޭތޯ މަޝްވަރާކުރަން ޕާސްކިތާނުން ދިން ދައުވަތު އިންޑިއާއިން ގަބޫލުނުކޮށް ބޮލާލައި ޖަހައިފި އެވެ. އިންޑިއާއިން ބުނީ ޕާކިސްތާނާ އެކު މަޝްވަރާކުރާނެ މާހައުލެއް އަދި ނެތް ކަމަށެވެ. "އިންޑިޔާގެ ސްޓޭންޑް އޮތީ ވަރަށް ސާފުކޮށް އަދި އެއްހަމައެއްގައި. އަޅުގަނޑުމެން އެދެނީ ޕާކިސްތާނާއެކު އާދައިގެ އަވަށްޓެރި ގުޅުމެއް، ޓެރަރިޒަމާއި ދެކޮޅުވެރިކަމާއި ހަމަނުޖެހުންތަކުން އެއްކިބާވެފައިވާ މާހައުލެއްގަ،" އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ބްރީފިންގައި ވިދާޅުވިއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ 1947 ވަނަ އަހަރުން ފެށިގެން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުމުގެ މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް އިންޑިއާއަށް ގޮވާލައްވާފައެވެ. "އިންޑިއާގެ ލީޑާޝިޕާއި ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަޅުގަނޑުގެ މެސެޖަކީ ކަޝްމީރު ފަދަ ހޫނުވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެއް މޭޒެއްގެ ދޮަށަށް ދިޔުމަށް އަދި އިހްލާސްތެރި މަޝްވަރާތަކެއް ކޮށްދެއްވާށޭ،" ބޮޑު ވަޒީރު ވިދާޅުވިއެވެ. ޝާހްބާޒް ޝަރީފް މިހެން ވިދާޅުވީ ދާދި ފަހުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ދަތުރުފުޅުގައެވެ. އިންޑިއއާާ ޕާކިސްތާނާ ދެމެދުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ހައްލުކުރުމުގައި ދައުރެއް ޔޫއޭއީއަށް އަދާކުރެވިދާނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވައެވެ. އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ގޯސްވީ 2019 ވަނަ އަހަރު މޯދީގެ ހިންދޫ ނޭޝަނަލިސްޓް ސަރުކާރުން އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލުމާ ގުޅިގެން ނެވެ. އިންޑިއާ އިން ވެރިކަން ކުރާ ކަޝްމީރު ޕާކިސްތާނާ އެއްކޮށްލުމަށް ހަނގުރާމަކުރާ ހަނގުރާމަވެރިންނަށް ޕާކިސްތާނުން  މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް އިންޑިއާއިން ތުހުމަތު ކުރެއެވެ. އެ ތުހުމަތުތައް ދޮގުކޮށް ޕާކިސްތާނުން ބުނެފައިވަނީ އެގައުމުން ޑިޕްލޮމެޓިކް އެހީތެރިކަން ފޯރުކޮށްދެނީ އެ ސަރަހައްދުން ކުރަމުންދާ މަސައްކަތަށް އެކަނި ކަމަށެވެ. ޕާކިސްތާނުގެ ކުރީގެ ފޮރިން ސެކްރެޓަރީ ޖަލީލް އައްބާސް ޖިލާނީ އަލްޖަޒީރާއަށް ވިދާޅުވީ އިންޑިއާއާ އެކު އަލުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ބޮޑުވަޒީރު ދެއްކެވި ވާހަކަތަކަކީ ހަގީގީ ވާހަކަތަކެއް ކަމަށް ފެންނަ ކަމަށާއި، ޕާކިސްތާނުން ބޭނުންވަނީ ސަރަހައްދުގައި ސުލްހަ އާއި ހަމަޖެހުން ގާއިމްކުރުން ކަމަށެވެ. "ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމަކީ އެއްވެސް ފަރާތެއްގެ މަސްލަހަތު އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. ޖިލާނީ ވިދާޅުވީ "ޓެރަރިޒަމް" އަކީ ދެ ގައުމުގެ ވެސް އެއްހަމައެއްގައި ކަންބޮޑުވާ ކަމެއް ކަމަށާއި "ދެ މީހުން އެކުގައި ތިބުމުން ސުލްހަވެރިކަމާ އެކު މައްސަލަ ހައްލު ކުރެވޭނެ" ކަމަށެވެ. ޕާކިސްތާނުން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކުރީގެ ސަފީރު އަބްދުލް ބާސިތު ދެކެވަޑައިގަންނަވާ ގޮތުގައި ދެ ގައުމުގެ ގުޅުމަށް އެއްވެސް ކުރިއެރުމެއް އަންނާނެ ކަމަށް ނުބެލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ