މާލެ: 31°C

ނޮރޯ ވައިރަސްގެ އައުޓްބްރޭކެއް ކެރެލާގައި

January 25, 2023
2 ފަހަރު ބަލާފައި
ނޮރޯ ވައިރަސްގެ އައުޓްބްރޭކެއް ކެރެލާގައި
ނޮރޯ ވައިރަސްގެ އައުޓްބްރޭކެއް ކެރެލާގައި
ނޮރޯ ވައިރަސްގެ ކޭސްތަކެއް ކެރެލާގެ ސްކޫލުތަކަކުން ފެނިގެން ރިޕޯޓްކޮށްފިއެވެ. ކައްކަނާޑުގެ ޕްރައިވެޓް ސްކޫލެއްގެ ދަރިވަރުންގެ ކިބައިން މި ބަލި ފެނުނީ ބަނޑުގައި ރިއްސުމާއި ހޮނޑުލަވާތީވެ ހެދި ޓެސްޓުތަކުންނެވެ. ސްޓޭޓް ޕަބްލިކް ލެބަށް ސާމްޕަލް ފޮނުވީ ގްރޭޑް އެކަކާއި ގްރޭޑް ދޭއްއަށް ނިސްބަތްވާ 62 ދަރިވަރުންގެ ކިބައިން ބަލި ފެތުރުމުގެ އަލާމާތްތައް ފެނުމުންނެވެ. އޭގެ ތެރެއިން ދެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށް ޑިސްޓްރިކްޓް މެޑިކަލް އޮފިސަރު (ޑީއެމްއޯ) އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި ތިން ކުއްޖަކަށް ދަނީ ފަރުވާ ދެމުންނެވެ. ޑީއެމްއޯ އިން ބުނީ އެ ދަރިވަރުންގެ ހާލަތު ރަނގަޅު ކަމަށެވެ. އަދި ކަންބޮޑުވާ ވަރުގެ ކަމެއް ނެތް ކަމަށެވެ. ބަލި ފެތުރެން ފެށުމާ ގުޅިގެން އެ ސްކޫލުން ވަނީ ގްރޭޑް އެކަކުން ފަހަކަށް ޗުއްޓީ އެއް ދީފައެވެ. ވައިރަސް ފެތުރެން ފެށުމާ ގުޅިގެން ޑިސްޓްރިކްޓް އެޑްމިނިސްޓްރޭޝަނުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ހޭލުންތެރިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފައެވެ. ސްކޫލުގެ ކްލާސްރޫމްތަކާއި ފާޚާނާތައް ވަނީ ޑިސްއިންފެކްޓްކޮށްފައެވެ. ބަލީގެ އަލާމާތްތައް ފެންނަ މީހުން މޮނިޓަރިންގެ ހާލަތުގައި ތިބުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެކަމަށް ސަމާލުވެ، ބޯފެނުގެ ވަސީލަތްތައް ސާފުތާހިރުކަން ކަށަވަރު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. ޑީއެމްއޯގެ ބަޔާނުގައި ބުނެފައިވަނީ އެކަށީގެންވާ ފަރުވާއާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަލިން ރަނގަޅުކުރެވޭނެ ކަމަށެވެ. ނޮރޯވައިރަހަކީ ގައިން ގަޔަށް އަރާ ވައިރަހެކެވެ. އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ބޮލުގައި ރިއްސުން އަދި ގައިގައި ރިއްސުން ހިމެނެއެވެ. އާންމުގޮތެއްގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ މީހުންނަށް މި ވައިރަހުގެ އަސަރު ނުކުރާ އިރު، ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން އެކި ބަލިތައް ހުންނަ މީހުންނަށް ވައިރަހުގެ ސަބަބުން ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެދާނެއެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ނޮރޯވައިރަހަކީ މުޅި ދުނިޔޭގައި ވެސް އެކިއުޓް ގެސްޓްރޯއެންޓަރައިޓިސް ޖެހުމަށް މެދުވެރިވާ ވައިރަލް ބައްޔެއް ކަމަށެވެ. އާންމުކޮށް މިއަށް ކިޔަނީ "ފުޑް ޕޮއިޒަނިން" ނުވަތަ "ބަނޑުގެ ބަގް"އެވެ. ޑޮކްޓަރުން ވިދާޅުވީ ބަލި ޖެހިފައިވާ މީހަކާ ސީދާ ކޮންޓެކްޓްވެ، ތަޣައްޔަރުވެފައިވާ ކާނާ ނުވަތަ ތަޣައްޔަރުވެފައިވާ ސަރަޙައްދެއްގައި އަތްލުމުން ބަލި ފެތުރޭ ކަމަށެވެ. މި ބަލި ޖެހެނީ ތަޣައްޔަރުވެފައިވާ ކާބޯތަކެއްޗާއި ފެނުގެ ޒަރިއްޔާއިންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ