މާލެ: 31°C

ނިދާގަޑީގައި ކީރިތި ޤުރްއާން ޖެހުން

March 29, 2023
2 ފަހަރު ބަލާފައި
ނިދާގަޑީގައި ކީރިތި ޤުރްއާން ޖެހުން
ނިދާގަޑީގައި ކީރިތި ޤުރްއާން ޖެހުން
ކީރިތި ޤުރްއާން އަޑުއެހުމާއި، ކީރިތި ޤުރްއާން ކިޔެވޭ ހިނދު ހަނުހިމޭންވެ ކަނުލާ އަޑުއެހުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އެއީ ވާޖިބެއްތޯ ނުވަތަ ނޫންތޯ އެއީ އެކަމާބެހޭގޮތުން ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ޞައްޙަކަންބޮޑު ބަސްފުޅަކީ އެއީ ވާޖިބެއް ނޫންކަމުގައި ބުނެވޭ ބަސްފުޅެވެ. ނަމާދުގައި ފިޔަވައެވެ. ނަމާދުގައި އިމާމު މީހާ ކީރިތި ޤުރްއާން ކިޔަވާ ހިނދު އަޑު އެހުމަކީ ވާޖިބެކެވެ. މިއީ ޖުމްހޫރު ޢިލްމުވެރިންގެ ބަސްފުޅެވެ. ކީރިތި ޤުރްއާން ކިޔެވޭ ހިނދު އަޑުއެހުމަކީ ސުންނަތްކަމެއް ކަމުގައިވީ ހިނދުވެސް، ކީރިތި ޤުރްއާން ކިޔެވޭނަމަ، ކީރިތި ޤުރްއާނަށް ކަނުލައި އަޑުއެހުމާއި ހަނުހިމޭނުން ހުރުމަކީ އެއީ ކޮންމެ މުސްލިމަކުވެސް ފަރުވާތެރިވާންޖެހޭނެ ކަމެކެވެ. އަދި ކަމެއްޖެހިގެން ނުވަތަ ޙާޖަތެއް ޖެހިގެން މެނުވީ އޭނާ އެކަމުން އެއްކިބާވެގެންނުވާނެއެވެ. އެއީ ކީރިތި ޤުރްއާނަށް މާތްކޮށްހިތުމާއި ޤަދަރުކުރުމުގެ ތެރެއިން ވާ ކަމެކެވެ. ފަހެ ތިބާ ގޭގައި އުޅޭއިރު ނުވަތަ، ގެއިން ބޭރުގައި އުޅޭއިރު، ހޭލާ ހުންނައިރު ނުވަތަ ނިދާފައި އޮންނައިރު، ރޭޑިޔޯ އިން ނުވަތަ އެހެންވެސް ޑިވައިސްއަކުން ކީރިތި ޤުރްއާން ޖަހާފައި ބެހެއްޓުމަކީ އެއީ އެކަމުގައި މައްސަލައެއް އޮތްކަމެއް ނޫނެވެ. އެއީ ކީރިތި ޤުރްއާން ޖަހާފައި އެ ހުންނަ ހުރުމަށް “ބުރޫއަރާނޭ” ނުވަތަ އެއާ “އަރާރުންވާނޭ” އެހެން އަޑުފައްގަނޑެއް ނުހުންނަ ނަމައެވެ. ނުވަތަ އެ ޖަހާފައި ހުންނަ ގަޑީގައި، ބޭކާރު ވާހަކަދެއްކުމާއި އަޑުގަދަކުރުމާއި ޒުވާބުކުރުން ފަދަ ކަންކަން ނުކުރާނަމައެވެ. ނުވަތަ ކީރިތި ޤުރްއާން ޖެހުމަށް އެކަށީގެންނުވާ ތަނަކަށް އެތަން ނުވާނަމައެވެ. މިފަދަ ޙާލަތެއްގައިނަމަ އައުލާވެގެންވަނީ ނިއްވާލުމެވެ. މިއީ ކީރިތި ޤުރްއާނަށް މާތްކޮށްހިތުމާއި އިޙްތިރާމްކުރުމުގެ ތެރެއިން ވާކަމެކެވެ. ޝައިޚް ބިން ބާޒް ރަޙިމަހުﷲ އާ ސުވާލު ކުރެވުނެވެ. “ޢާއިލާ މީހުންނަށް ނުވަތަ ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރުމަށްޓަކައި، ގެއިން ނުކުމެގެން ދާއިރު، ގޭގައި ރޭޑިޔޯއިން ނުވަތަ އެފަދަ އެހެންވެސް އެއްޗަކުން ކީރިތި ޤުރްއާން ޖަހާފައި ބެހެއްޓުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟” ޖަވާބުގައި ވިދާޅުވިއެވެ. “އެކަމުގައި މައްސަލައެއް ނެތެވެ. އެ ޖަހާފައި ބަހައްޓައިގެން އެއާ ވިއްދާ އެހެން އަޑުފައްގަނޑެއް ނެތް ނަމަ، އަދި ޙާޖަތެއް ނެތި ވާހަކަދައްކާ އަޑުގަދަކޮށް ނުހަދާ ނަމަ އޭގައި މައްސަލައެއް ނެތެވެ. އެކަމަކު، ކީރިތި ޤުރްއާން ޖަހާފައި ބަހައްޓައިގެން އަޑުގަދަކޮށް، ބޭކާރު ވާހަކަ ދައްކާނަމަ ޤުރްއާން ޖަހާފައި ނުބެހެއްޓުން އައުލާވެގެންވެއެވެ. އެހެނީ އެކަމަކީ އެއީ ކީރިތި ޤުރްއާނަށް އިހާނާތްތެރިކޮށް ހިތުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ޤުރްއާން ޖަހާފައި ހުއްޓާ މީހަކު ނެތަސް، ނުވަތަ މީހަކު އަޑުއަހަން ހުއްޓަސް، ނުވަތަ މީހަކު ހަނުހިމޭނުން ހުއްޓަސް ނުވަތަ މީހަކު ނިދާފައި އޮތަސް އެއީ މައްސަލައެއްއޮތް ކަމެއް ނޫނެވެ.” ޝައިޚް އިބްނު ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ. “ބައެއް މީހުން އަހުރެންގެ ގާތުގައި ބުނެއެވެ. ޤުރްއާން ޖަހައިގެން މެނުވީ އަހަރެން ނުނިދަމެވެ. ފަހެ އޭނާ ޤުރްއާން ޖަހާފައި ނިންޖަށް އިންތިޒާރުކުރާ ޙާލު އޮށޯވެއޮވެއެވެ. އޭނާ އެފަދައިން ކަންތައްކުރުމަކީ މައްސަލައެއް ނޫނެވެ. އޭނާ އެ ޤުރްއާން އަޑުއަހާށެވެ. އެއްވެސް މައްސަލައެއް ނެތެވެ.  ފަހެ އެކަމުގައި އެއްވެސް މަނަލެއް ނެތެވެ.” ” لقاءات الباب المفتوح ” އައްޝައިޚް ޢަބްދުﷲ މުނީޢު ޙަފިޡަހުﷲ ވިދާޅުވިއެވެ. “ތިޔަކަމުގައި އަހުރެންނަށް އެއްވެސް މައްސަލައެއް ނެތެވެ. ތިބާ ކީރިތި ޤުރްއާން އަޑުއަހަން އޮއްވާ ނިދުމަކީ އެއީ މައްސަލައެއް ނޫނެވެ. ތިބާއަށް އެކަމުގައި ފާފައެއް ނެތެވެ. ކީރިތި ޤުރްއާން ކިޔެވޭ ހިނދު އެ އަޑުއެހުމަކީ ހޭބުއްދި ހުރި ކޮންމެ އަޑުއަހާ މީހަކަށް މުޚާޠަބުކުރެވޭ އަމުރެކެވެ. (ނިދާފައި އޮންނަ މީހާ އެ އަމުރުން އިސްތިސްނާވާނެއެވެ.) ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنْصِتُوا لَعَلَّكُمْ تُرْحَمُونَ ) الأعراف/204 . “އަދި ޤުރްއާން ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ. (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ.” ” مجموع فتاوى وبحوث الشيخ عبد الله المنيع ” ( 1 / 266 )   ނޯޓު: މިފަތުވާގައި ޝައިޚްގެ މުރާދަކީ ނިދާފައި އޮންނަ މީހާ، ނިދާފައި އޮންނައިރު ކީރިތި ޤުރްއާން ޖަހާފައި ހުރުމަކީ މައްސަލައެއް ނޫންކަން ބަޔާންކޮށްދިނުމެވެ. އަދި އޭނާ އެއޮތީ އަޑުއެހޭ ޙާލަތެއްގައި ނޫން ކަމާއި އޭނާއަށް ޤުރްއާން އަޑު ނޭހުނަސް އެކަމުގައި ފާފަނެތްކަން ބަޔާންކޮށްދިނުމެވެ.   އިތުރު ސުވާލުތަކެއް މީހުން ނޫޅޭ ވަގުތު އެގޮތަށް ގޭގައި ކީރިތި ޤުރްއާން ޖަހާފައި ބެހެއްޓުމަކީ އެއްވެސް ދަރުމައެއް ލިބޭނެ ކަމެއްތޯ؟ – ތިޔަ ސުވާލުގެ ޖަވާބުގައި ބުނެވޭނީ، އެގޮތަށް ޖަހާފައި ހުންނަ ކީރިތި ޤުރްއާން މީހަކު ނުވަތަ ޖިންނިއަކުވެސް އަޑުއަހާނަމަ އެޖެހިމީހާގެ ޘަވާބު ހޯދުމުގެ ނިޔަތް އޭގައި އޮންނަމަ، އިން ޝާ ﷲ އެކަމުގެ ސަބަބުން އޭނާއަށް ޘަވާބު ލިބޭނެއެވެ. ވަﷲ އަޢުލަމު   މީހުން ނޫޅޭ ވަގުތު އެގޮތަށް ގޭގައި ކީރިތި ޤުރްއާން ޖަހާފައި ބެހެއްޓުމުން ޝައިޠާނާގެ ފަރާތުން ދުރުވާނެތޯ؟ – އަޞްލަކީ ގޭގެ އަހުލުވެރިން ކީރިތި ޤުރްއާން ކިޔެވުމެވެ. އަދި އެއީ އެކަމުގައި ނިޔަތް ބޭނުންވާ ކަމެކެވެ. އެހެންކަމުން ޝައިޠާނާގެ ފަރާތުން ރައްކާތެރިވުމާއި އެހެނިހެން ފައިދާތައްވެސް ޙާޞިލްވާނީ ކިޔަވައިގެންނެވެ. އެހެނީ ޙަދީޘްގައި އައިސްފައިވަނީ ކިޔެވުމަށެވެ. އަޑުއެހުމަކަށް ނޫނެވެ. ޢުޛުރުގެ ސަބަބުން ކިޔެވެން ނެތް ޙާލަތެއްގައި އެގޮތަށް ކީރިތި ޤުރްއާން ޖަހާފައި ބެހެއްޓުމަކީ މައްސަލައެއް ނޫނެވެ. އަދި އެކަމުގެ ސަބަބުން އިން ޝާ ﷲ ޝައިޠާނާ ދުރަށް ދާނެއެވެ. އަދި ކީރިތި ޤުރްއާން ކިޔަވާ ވަގުތު ޝައިޠާނާ ދުރަށް ދިޔުމުގެ މާނައަކީ އަބަދު ދުރުގައި އުޅޭނެ ވާހަކައެއް ނޫނެވެ. (ބައްލަވާ ޝައިޚް ޢުޘައިމީންގެ ފަތުވާ: ” أسئلة الباب المفتوح ” ( السؤال رقم 986 ) .) މީހުން ނޫޅޭ ވަގުތު އެގޮތަށް ގޭގައި ކީރިތި ޤުރްއާން ޖަހާފައި ބެހެއްޓުން އެއީ ބިދުޢައެއްތޯއެވެ؟ – އެއީ ބިދުޢައެއް ނޫނެވެ. އެހެނީ ކީރިތި ޤުރްއާން ރެކޯޑްކުރުމާއި ރެކޯޑްކުރުމަށްފަހު ރޭޑިޔޯއިން ނުވަތަ އެހެން އެއްޗަކުން ޤުރްއާން ޖެހުމަކީ ބިދުޢައެއް ނޫނެވެ. އެއީ އަޅުކަމުގެ ކައިފިއްޔަތާ ގުޅިފައިވާ ކަމެއް ނޫނެވެ. މީހެއްގެ އަޞްލު އަޑު ފަހުން އިއްވުމެވެ. = ޝެއިޙް މުޙައްމަދު ޝާފިޢު ގެ ލިޔުމަކުން ނަގާފައި =

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ