މާލެ: 31°C

ނޭވާލާ ނިޒާމަށް ޖެހޭ އާރްއެސްވީއަށް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފި

May 4, 2023
2 ފަހަރު ބަލާފައި
ނޭވާލާ ނިޒާމަށް ޖެހޭ އާރްއެސްވީއަށް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފި
ނޭވާލާ ނިޒާމަށް ޖެހޭ އާރްއެސްވީއަށް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފި
ނޭވާލާ ނިޒާމުގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރްއެސްވީ) އާ ދެކޮޅަށް ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ދީފިއެވެ. އެ ބަލީގައި ކޮންމެ އަހަރަކު ވެސް އެމެރިކާގެ އެތައް ހާސް ބަޔަކު މަރުވެއެވެ. އެފްޑީއޭ މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިން ކަމަށްވިޔަސް އާއްމުންނަށް ވެކްސިން ފޯރުކޮށްދޭން ފެށޭނީ އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ހުއްދަ ލިބިގެނެއެވެ. އޮފިޝަލުން ބުނަނީ ވެކްސިން އުފައްދާ ކުންފުނި ޖީއެސްކޭ އިން އެރެކްސްވީގެ ނަމުން ނަން ދީފައިވާ މި ވެކްސިނަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތްކޮށްދޭނެ ބޮޑު ކާމިޔާބީއެއް ކަމަށެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި މަހެއްހާ ދުވަހުގެ ތެރޭގައި 60 އަހަރުން މަތީގެ މީހުންނަށް ވެކްސިން ލިބޭނެއެވެ. ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ސެންޓާ ފޯ ބަޔޮލޮޖިކްސް އިވެލުއޭޝަން އެންޑް ރިސާޗްގައި އިސްކޮށް ހުންނެވި ޑރ ޕީޓާ މާކްސް ވިދާޅުވި ގޮތުގައި ފުރަތަމަ އާރްއެސްވީ ވެކްސިނަށް ބޭނުންކުރަން ހުއްދަ ލިބިގެން ދިޔުމަކީ ފުރާނައަށް ނުރައްކާވެދާނެ ބައްޔަކުން ރައްކާތެރިވުމަށް ޕަބްލިކް ހެލްތަށް ލިބުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ. އާރްއެސްވީގެ އަލާމާތްތަކުގެ ތެރޭގައި ރޯގާ ޖެހުން ހިމެނެއެވެ. މިއީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށާއި ދާއިމީ ބަލިތައް ހުންނަ މީހުންނަށް އޭގެ ނުރައްކާ ބޮޑު ބައްޔެކެވެ. ސީޑީސީން ބުނި ގޮތުގައި އެމެރިކާގައި އެވްރެޖްކޮށް ކޮންމެ އަހަރަކު ވެސް ފަސް އަހަރުން ދަށުގެ  300 އެއްހާ ކުދިން އާރްއެސްވީ ޖެހިގެން މަރުވެއެވެ. އެ ބަލީގައި ކޮންމެ އަހަރަކު 65 އަހަރުން މަތީގެ 6،000 އާއި 10،000 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެ، 60،000 އާއި 120،000 އާ ދެމެދުގެ އަދަދަކަށް މީހުން ހޮސްޕިޓަލުގައި އެޑްމިޓްކުރެއެވެ. މިދިޔަ ފެބްރުއަރީ މަހު ޝާއިއުކުރި އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމަށްވާ ޖީއެސްކޭއިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި ވެކްސިންގެ އަސަރު 82.6 އިންސައްތަ އަށް ކުރާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ